Last Updated: May 8, 18:18
Wednesday, May 8, 2024
ޚަބަރު

ދެ ފަނޑިޔާރުން ވަކިކުރުން: ވަކި ގޮތަކަށް ވޯޓު ނުދެއްވީ ގާސިމް އެކަނި

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އިންނެވީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްކަން ހާމަވެއްޖެއެވެ.

ވަކިވަކިން ނެގި އެ ވޯޓުގައި އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓާއެކުއެވެ. އެކަމާ ދެކޮޅަށް 9 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

އެ ވޯޓުގައި މެމްބަރުން ވޯޓުލާފައިވާ ގޮތް މިހާރު މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ފެންނަން ހުރިއިރު، އެ ވޯޓުގައި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އިންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްއެވެ.

ގާސިމް އެ މައްސަލައިގައި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އިރު، މަޖިލިހުގެ ވޯޓު ގަޑީގައި ނެގި އެހެން ކަންކަމަށް އޭނާ ވޯޓު ދެއްވިއެވެ. އެގޮތުން މީރާގެ ބޯޑަށް މެމްބަރަކު އައްޔަން ކުރުމާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމުގެ ވޯޓުގައި ގާސިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ވޯޓުގައި ވަކި ގޮތަކަށް ގާސިމް ވޯޓު ނުދެއްވާ އިންނެވިއިރު މަޖިލީހުގައި ދެން ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން ކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވޯޓު ދެއްވީ އެ ދަ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށެވެ.