Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ފެނާއި ނަރުދަމާގެ ބިލެއް މަޖިލީހަށް ހުށަހަޅަނީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ފެނާއި ނަރުދަމާގެ ބިލެއް، ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ސަރުކާރުން މި ބިލު ހުށަހެޅީ މައިގަނޑު ހަތް މަޤްޞަދެއް ޙާޞިލުކުރުމަށްޓަކާ ކަމަށެވެ.

އެގޮތުން ޞިއްހީގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމާއި،
ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ޙިމާޔަތްކުރުމާއި، ތަރައްޤީކުރުމާއި، އޭގެ މަންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޛުކުރުން ކަމަށެވެ.

އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށް، އެ ޚިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރުމާއި،
ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާޢީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރުމާއި،
ފެނާއި ނަރުދަމާގެ ޚިދުމަތާއި، އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމަކީ މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެއިތުރުން ފެނުގެ ވަސީލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް، ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމާއި، ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަޞްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަކީ މި ބިލުގެ މަގުސަދެކެވެ.