Last Updated: April 23, 21:11
Tuesday, April 23, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ސޯޅަވަނަބައި)

ޒީޝާން ރޮއެ ރޮއެ ވަރުބަލިވީފަހުން ޒައިކް ކޮޓަރިން ނުކުތެވެ. އަދި އައިސް ސޯފާގެ އެއްކޮޅުގައި އިށީނެވެ. ޒައިކް އައިކަން އެނގުމުން ޒީޝާން ތެދުވިއެވެ.

" ޕްލީޒް..އަހަރެން ގެޔަށް ފޮނުވާ…އަހަރެން ބޭނުމީ މަންމަ ކައިރިއަށްދާން…." ކުޑަކުއްޖަކު ފަދައިން ގިސްލަ ގިސްލާފައި ޒީޝާން އާދޭސްކުރިއެވެ.

" ހޫމް…އެންމެ ރަނގަޅު….ޝަރުތެއްގެމަތިން އަހަރެން ގެޔަށް ފޮނުވާނަން…." އެހިސާބަށް ބުނެފައި ޒައިކް ހުއްޓާލިއެވެ.
" ކޮން ޝަރުތެއް؟…" ލޯފުހެލަމުން ޒީޝާން އެހިއެވެ.

" ޒީޝާން ބޭނުންވަނީ މަންމަ ގާތަށް ދާކަށްނު….އަހަރެން މިބުނާ ޝަރުތު ފުރިހަމަ ކުރަނިކޮށް މުޅިއުމުރަށްވެސް ޒީޝާން މަންމަގާތަށް ފޮނުވަ ދީފާނަން…." ޒައިކް ބުނެލިއެވެ.

" ކޮބާތަ ޝަރުތަކީ؟…" ކެތްތެރިކަމެއް ނެތްގޮތެއްގައި ޒީޝާން އެހިއެވެ.

" ހޫމް…އެންމެ ރަނގަޅު…ރަނގަޅަށް އަޑުއަހާ! ޝަރުތަކީ ތިންމަސް ވަންދެން އަހަރެންގެ އަނތްބެއްގެ ގޮތުގަ ހުރިހާކަމެއް ކޮށްދީގެން އުޅުން….ހުރިހާ ކަމެކޭ ބުނީމަ އެނގޭދޯ މިބުނާ އެއްޗެއް؟…އަނތްބެއްގެ ފަރާތުން ފިރިޔަކަށް ބޭނުންވާނެ ހުރިހާކަމެއް އަހަރެންވެސް ބޭނުންވާނެ….އަހަރެން މިބުނާ ގޮތަށް ތިންމަސްވާންދެން އުޅެވިއްޖެނަމަ، އޭގެ ފަހުގަ ޒީޝާން ބޭނުން ކޮންމެ ގޮތެއް އަހަރެން ހަދާދޭނަން…އޯކޭތަ؟…" ޒީޝާންގެ މޫނަށް ބަލަން އިނދެ ޒައިކް އިއްވާލި ޝަރުތުގެ ސަބަބުން ޒީޝާންގެ ދެލޯބޮޑުވެގެން ދިޔައެވެ. އެ ޝަރުތަކީ ދުވަހަކުވެސް އޭނާއަށް ފުރިހަމަ ކުރެވޭނެ ޝަރުތެއް ހެއްޔެވެ؟ ތިންމަސް ކީއްކުރަން ހެއްޔެވެ؟ އެންމެ ތިން ދުވަހަށްވެސް ޒައިކް ބޭނުންގޮތެއް ހެދިގެން އުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ކަންބޮޑުވެގެން ޒީޝާންއަށް ހިންދިރުވާލެވުނެވެ. އޭނާ އާއެކޭ ބުނެފިނަމަ، އެ ބެދެވުނީ ނުހަނު ވަރުގަދަ މަޅިއެއްގައިކަން އޭނާއަށް އެނގެއެވެ. ތިންމަސްފަހުން ޒައިކްގެ އަތްދަށުން ސަލާމަތްވިޔަސް، ޒަލަފްއަށްޓަކައި ދޭކަށް އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނޯންނާނެއެވެ. ވީއިރު އޭނާއަށް އެގޮތަށް އެއްބަސްވެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. ނުވެވޭނެއެވެ.

" ކިހިނެއްވީ؟ ޝަރުތު މާބޮޑީތަ؟…އެހާ ކުޑަ ކުޑަ ޝަރުތެއްވެސް ފުރިހަމަ ނުކުރެވޭނެތަ؟…" ޒީޝާން ކަންބޮޑުވެފައި އިން މަންޒަރު ފެނުމުން ޒައިކް އަހާލިއެވެ. ޒީޝާން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ.

" އަހަރެންނަށް އެނގޭ އޭރުވެސް ޝަރުތު ފުރިހަމައެއް ނުވާނެކަން…..އަހަރެންނާ އިނދެގެން މިހާދުވަސްވީއިރު ނުކުރެވުނުކަމެއް ދެންވެސް ނުކުރެވޭނެކަން އަހަރެންނަށް އެނގޭ….އެހެންވީމަ ޝަރުތުގެ މަތިން ހަނދާން ނައްތާލަން ވީނު؟…" މަލާމާތުގެ ގޮތަކަށް ހީލަމުން ޒައިކް ބުނެލިއެވެ.
" އެހެން ގޮތެއް ނެތްތަ؟…" އާދޭހުގެ ރާގަކަށް ޒީޝާން އަހާލިއެވެ.
" ނޫނޭ…އެހެން ގޮތަކަށްވެސް ވިސްނިދާނެ….ތިން މަސް ދުވަހަށްވެސް އަހަރެންގެ އަނތްބެއްގެ ރޯލް އަދާ ނުކުރެވޭނޭ ދޯ ތިބުނީ؟…އެހެންވީމަ ކިހިނެއްވާނީ އަހަރެންގެ ނޯކަރެއްގެ ރޯލް އަދާކުރިއްޔާ؟……އެގޮތް އެންމެ ރަނގަޅެއްނު…" ޒައިކް އަހާލިއެވެ.
" ނޯކަރެކޭ؟…ނޯކަރު ކޮންކަމެއް ކުރަން ޖެހޭނީ؟…" އަވަސް އަވަހަށް ޒީޝާން އަހާލިއެވެ.
" ނޯކަރުދޯ؟.. އޭރުން އަނތްބަކު ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދޭކަށް ނުޖެހޭނެ…އެކަމަކު އަހަރެން ބުނާ އެހެންހުރިހާ ކަމެއް ކުރަން ޖެހޭނެ…މިބުނީ ގޭތެރޭގަ އަނބިމީހާ ކުރާ ހުރިހާމެއް ކުރަން ޖެހޭނޭ…ހަމައެކަނި އަހަރެންނާއެކީ ނިދަން ނުޖެހޭނީ…." ޒައިކް އޮޅުން ފިލުވައިދިނެވެ.
" އޯކޭ…އަހަރެން ނޯކަރަށް ވެދާނަން…" ވިސްނާލުމެއްވެސް ނެތި ޒީޝާން އެއްބަސްވިއެވެ.
" އެކަމު އަދި އެއްކަންތައް….ނޯކަރަކަށް ވިއްޔާ އެންމެ ތިންމަސް ދުވަސް ތަންކޮޅެއްކުރުދޯ؟…އެހެންވީމަ އެއްއަހަރު ވާންދެން ނޯކަރެއްގެ ގޮތުގަ އުޅެންޖެހޭނެ…" ސީރިއަސް ރާގަކަށް ޒައިކް ބުނެލުމުން ޒީޝާން ބަލާލީ ގަބޫލު ނުކުރެވިފައެވެ.
" އެއްއަހަރު؟….އެހާގިނަ ދުވަސްވާންދެން؟…" ކަންބޮޑުވެފައި ޒީޝާންއަށް އަހާލެވުނެވެ.
" އާނ…އެއްއަހަރަކީ ތިބުނާހާ ގިނަ ދުވަހެއް ނޫނެއްނު…އަހަރެމެން ކައިވެނިކުރިފަހުންވެސް މިހާރު އަށެއްކަ މަސްވަނީ….އަހަރެއް ވެދާނެ ކިތަންމެ އަވަހަކަށްވެސް….އެހެންނޫނަސް، ކައިވެނިކޮށްގެން މިހާ ދުވަސްވީއިރު، ޒީޝާން އަހަރެންނަށް ކޮށްދިނީ ކޮންކަމެއް؟…ކުޑަމިނުން އަހަރެންގެ އަންނައުނު ދޮވެ އިސްތިރިކޮށްލިންތަ؟…އަހަރެން ހުރީ ކައިގެންތޯ ބަލައި އެންމެ ފަހަރަކުވެސް ކާއެއްޗެއް ދިނިންތަ؟…ނަމެއްގަ ކައިވެނިކޮށްގެން ލައްކަގިނަ ވަގުތު ބޭކާރު ކުރެވިއްޖެ….އަހަރެންގެ އެތައް ހުވަފެންތަކެއްވެސް ވިއްސިވިހާލި ވެއްޖެ…އެކަން ކަމުގެ ބަދަލުގަ ހަމަ އެންމެ އަހަރެން ވާންދެން ނޯކަރެއްގެ މަޤާމު ފުރާލަ ނުދެވޭނެތަ؟ އަހަރެން މުސާރަދޭނަން، އަދި އެހެން ޚަރަދުތައްވެސް ކުރާނަން….ގައިމުވެސް ޒީޝާން އަކަށް ގެއްލުމެއް ނުވާނެ…" ޒައިކްގެ ވާހަކަތައް އަޑުއަހަންހުރި ޒީޝާންހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް އެއްޗެއް ބުނެވެންވެސް ނެތީއެވެ. ޒައިކްގެ ކުރިމަތީގައި އޭނާއަކީ ކުށްވެރިއެކެވެ.

" އެހެންވީމަ ދެވަނަ ޝަރުތަށްވެސް ނޫނެކޭދޯ ބުނާނީ؟…" ޒީޝާންގެ ހިމޭންކަން ފެނިފައި ޒައިކް އަހާލިއެވެ.
" އަދި އެބައޮތް ތިންވަނަ ގޮތެއްވެސް…." ކުއްލިއަކަށް ޒައިކް ބުނެލިއެވެ. އެވަގުތު ޒީޝާން ސުވާލުގެ ނަޒަރަކުން ޒައިކްއަށް ބަލާލިއެވެ.
" ޒީޝާން އަމިއްލައަށް ގޮސް، އަހަރެންގެ މައިންބަފައިންނާއި ޒީޝާންގެ މައިންބަފައިންގެ ކުރިމަތީގަ ޒީޝާންގެ ކުށަށް އިއުތިރާފުވަނިކޮށް، އަހަރެން ޒީޝާން ދޫކޮށްލާނަން…" ޒީޝާންގެ ސީދާ ލޮލަށް ބަލަން އިނދެ ޒައިކް ބުނެލި ޖުމްލައިން ޒީޝާންގެ ހިތް ތެޅިގަތެވެ. ޒައިކް އެބުނީ ކީކޭ ހެއްޔެވެ؟ ޒައިކްއަށް އޭނާގެ ސިއްރު އެނގުނީ ހެއްޔެވެ؟
" ނޭނގުނުތަ މިބުނި އެއްޗެއް؟….ހާދަ މައުސޫމޭ ދޯ….ނޫނީ މައުސޫމުކަމަށް ހެދެނީތަ؟ ތިމައުސޫމު ސިފައެއެއްގަ ހުރި ކުއްޖަކު، ހަމައެހާ މަކަރުވެރި ވެދާނޭ ކާކު ހިތަށް އަރާނީވެސް….އަހަރެން މިދައްކަނީ ޒީޝާންއާ ޒަލަފްގެ ގުޅުމުގެ ވާހަކަ….ދެމީހުންގެ " ރޮމޭންޓިކް" ލޯބީ ގެ ވާހަކަ…މިހާރު އެނގިއްޖެތަ؟…" ޒައިކް ނުހަނު ތަފްސީލުކޮށް ޒީޝާންގެ ސިއްރު ހާމަކޮށްލުމުން އޭނާއަށް ނޭވާލާންވެސް ހަނދާންނެތުނު ފަދައެވެ. ލަދުގަތްވަރުން ވަގުތުން އިސްޖަހާލެވުނެވެ.
" ޒީޝާން ހީކުރީތަ އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގޭނޭ؟…މީހުން ބުނެއެއްނު ވަގަކަށް ހާސްދުވަހޭ، ވެރިޔަކަށް އެއްދުވަހޭ….ޒީޝާން އެހާ ވަގަށް ސިއްރުން އުޅުނީމަވެސް ހަމަ ވަގުތު ޖެހުމުން އަހަރެންނަށް އެނގިއްޖެ….އަހަރެން އެވާހަކަ ނުދައްކާ ހުރީ އަމިއްލައަށް ބުނޭތޯ…އެކަމު އަމިއްލަ ދުލުން އިއުތިރާފުވާކަށް ޒީޝާން ބޭނުމެއްނުވި…..މިހާރުވެސް މިފުރުސަތު ދެނީ، މަންމަމެންގާތު ތެދުހާމަ ކުރަން…އޭރުން އެވަގުތުން ފެށިގެން އަހަރެން ޒީޝާން މިނިވަން ކޮށްދޭނަން…. ތިއީ ކިހާ ވިޔާނުދާ ކުއްޖެކަން، އަމިއްލަ ދުލުން އިއުތިރާފުވާން ކެރޭނެތަ، ؟….މީހެއްގެ އަނތްބެއްގެ ގޮތުގަ ހުރެ ހިލޭ ފިރިހެނަކާ ގުޅުން އުފެއްދީ ކިހިނެއްކަން މަންމަމެން ގާތު ބުނަން ކެރޭނެތަ؟.. އަހަރެން ލޯބިވަނީ ޒަލަފް ދެކެއޭ، ޒައިކް ދެކެއެއްނޫނޭ ބުނަން ކެރޭނެތަ؟…" ނުރުހުމާއެކު ޒައިކް ކުރަމުން ދިޔަ ސުވާލުތަކުން ޒީޝާން އިތުރަށް ލަދުގަތެވެ.
ހާސްވެ،ކަންބޮޑުވީވަރުން އޭނާއަށް ރޮވެންފެށިއެވެ. އޭނާ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުނުވެ ގިސްލާރޮވިއްޖެއެވެ. ޒައިކްއަށް އެހުރިހާކަމެއް އެނގުނީތީ އިންތިހާއަށް އޭނާ ލަދުވެސް ގެންފިއެވެ. ޒައިކް އިރުކޮޅެއްވާންދެން ޒީޝާންއަށް ބަލަން ހުރުމަށްފަހު ބަހެއްވެސް ނުބުނެ ގޮސް ކޮޓަރިއަށް ވަނެވެ.

ޒައިކް ދިއުމުން ޒީޝާން ސޯފާމައްޗަށް ވެއްޓި އޮވެގެން ހިތްފުރޭންދެން ރުޔެވެ. އޭނާ ކިތަންމެ ވަރަކަށް ރުއިނަމަވެސް މިއަދު އޭނާގެ އަޑުއަހާނެ މީހެއް އަދި ހަމްދަރުދީ ވާނެ މީހެއްވެސް ނެތެވެ. ކުށްވެރިއަކީ ޚުދު އޭނާއެވެ. ޒައިކްއަށް އޮޅުވާލީ އޭނާއެވެ. ނަމަވެސް ދުނިޔޭގެ ކުރިމަތީގައި އަމިއްލަ ކުށަށް އިއުތިރާފު ވެވޭކަށްވެސް ނެތެވެ. ޒައިކްގެ ކިބައިން މިނިވަންވުމަށް ކިތަންމެ ބޭނުންވީ ނަމަވެސް މަންމަމެންގެ ކުރިމަތީގައި އޭނާގެ ކުށަށް އިއުތިރާފުވާކަށް ލާހިކެއް ނޫނެވެ. އޭނާގެ ސިއްރު އެނގުމުންވެސް ޒައިކް އޭނާ ވަރިއެއް ނުކުރިއެވެ. ޒައިކް ބޭނުންވަނީ އޭނާއަށް އޭނާގެ ކުށުގެ އަދަބުދޭންހެން ހީވެއެވެ.
އޭނާ ވިސްނިއެވެ. ޒައިކްއާ ކުރިމަތިލާނެ ގޮތަކާއިމެދުގައެވެ. ޒައިކްގެ ޝަރުތުތަކަށް ޖަވާބުދޭނެ ގޮތަކާއިމެދުގައެވެ. އޭނާގެ ސިއްރު ބޭޒާރު ވެއްޖެއެވެ. ޒައިކް އޭނާއާމެދު ދެކެމުން އައިގޮތްވެސް މިހާރުވާނީ ބަދަލުވެފައިކަން އޭނާއަށް އެނގެއެވެ. ޒައިކް އޭނާދެކެ ކިތަންމެ ރުޅިއައި ނަމަވެސް ފަސޭހައިން އޭނާ ދޫކޮށެއްވެސް ނުލާނެކަން މިހާރު އޭނާއަށް ޔަޤީން ވެއްޖެއެވެ. ދެން އޮތް ގޮތަކީ ޒައިކް ހުށަހަޅާ ޝަރުތު ތަކުތެރެއިން ޝަރުތެއް ޤަބޫލުކުރުމެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ލޯބިވަނީ ޒަލަފް ދެކެއެވެ. އުޅެން ބޭނުންވަނީވެސް ޒަލަފްއާއެކުގައެވެ. ނަމަވެސް އޭނާއަށް ޒައިކްގެ ކިބައިން މިނިވަންވެވެން އޮތީ ކޮންމެވެސް އަދަބެއް ލިބިގެންނެވެ. އެހެންވިޔަސް އެންމެ ރަނގަޅެވެ. ޒަލަފްއަށްޓަކައި ކޮންމެފަދަ އަދަބެއްވެސް އޭނާ ލިބިގަންނާނެއެވެ. އެލޯބި ހާސިލްކުރުމަށްޓަކައި ކިތަންމެ ބޮޑު ޤުރުބާނީއެއްވެސް އޭނާ ވާނެއެވެ.
ހަވީރުގެ ވަގުތެވެ. ޒައިކްއަށް ކުއްލިއަކަށް ހޭލެވުނީ ،ހަތަރެއް ޖެހުމުން އޭނާގެ ފޯނު އެލާމްވީ އަޑަށެވެ. ޒައިކް ތެދުވެ ފެންވަރާލައިގެން ކޮޓަރިން ނުކުތެވެ. ޒީޝާ ކޮބައިތޯ ބަލާލިއިރު އޭނާއަށް އޮތީ ނިދިފައެވެ. ނިދާފައި އޮތްއިރު އެމޫނުގެ މައުސޫމުކަމުން ފިރުމާލާހިތްވިއެވެ. ޒީޝާންއާ ދިމާއަށް އޭނާއަށް ގުދުވެވުނީވެސް ބޭއިޚްތިޔާރުގައެވެ. އޭނާގެ އަތް ޒީޝާންގެ މޫނުގައި ޖެހުމުގެކުރިން، އޭނާ ނަފްސު ހަމައަކަށް އަޅުވާލަމުން ޖީބަށް އަތްޖަހާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ދޮރާދިމާއަށް އޭނާ ހިނގައިގަތެވެ. ޒައިކް ނުކުމެ ދޮރު ތަޅުލިއަޑާއެކު ޒީޝާންއަށް ހޭލެވުނެވެ. އޭނާ ތެދުވެ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ތަޅުގައި ހިފާލިއެވެ. ޒައިކްއާ ގޮވާލަން ހިތަށްއަރާފައިވެސް ގޮވަން ނުކެރިގެން އެނބުރި އައިސް ސޯފާގައި އިށީނެވެ. އަނެއްކާވެސް އޭނާ ގޭގައި އެކަނިވީއެވެ. ޒައިކް އެދިޔައީ ކޮންތަނަކަށްކަންވެސް އެނގެނީކީ ނޫނެވެ. ކުޑަމިނުން އަންނާނެއިރެއްވެސް ބުނީކީ ނޫނެވެ. އޭނާގެ އަތުގައި ފޯނެއްވެސް އޮތީކީ ނޫނެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ކަންބޮޑުވެގެން ޒީޝާން ދެކޮޅަށް ހިނގާ ހިނގާ ފައިވާޅު ވެއްޖެއެވެ. އަދިވެސް ޒައިކްގެ ޚަބަރެއް ނުވެއެވެ. މިހާރު އިރުއޮއްސުމުގެ ކުލަތައް ދުނިޔެމައްޗަށް އަރައިފިއެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާލައިގެން ޒީޝާން އުދަރެހަށް ބަލަންފެށިއެވެ. އުދަރެހުގެ ކުލަ މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. ފުރަތަމަ އޮރެންޖް ކުލައެވެ. ދެން ރަތްކުލައެވެ. މިހާރު އަޅިކުލައަކަށް ބަދަލުވީއެވެ. އިރުއޮއްސުނީކަން އޭނާއަށް ޔަޤީން ވެއްޖެއެވެ. އޭނާ ބަލަބަލާ ހުއްޓައި އަނދިރިވަމުން ގޮސް ދުނިޔެމައްޗަށް އަނދިރިކަން ފެތުރިގެންފިއެވެ. އުޑުމަތީގައި ފިލާތިބި ތަރިތައްވެސް މަޑުމަޑުން ފާޅުވާން ފަށައިފިއެވެ.
އަނދިރިކަން ދުނިޔެ ވަށާލުމާއެކީ ޒީޝާންގެ ހިތުގައި ބިރުވެރިކަން އުފެދި ދޮރުފޮޓިގަނޑު ދަމާލުމަށްފަހު އައިސް ސޯފާގައި އިށީނދެ ބާލީހެއްގައި ބައްދާލިއެވެ. ފަޅުހިސާބެއްގައި ހުރި ފަޅު ގެއެއްގައި އޭނާ މިއިނީ އެކަނިމާ އެކަނިކަން ހަނދާންވުމުން، ބިރުވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ސިޓިންރޫމުގެ ހުރިހާ ބޮކިތައް އެއްފަހަރާ ދިއްލައިގެން އިން އިރުވެސް، އިރު އިރުކޮޅުން އޭނާއަށް ދިމަދިމާ ބަލާލެވެއެވެ. ޒައިކް އަދިވެސް އަންނާކަށް ނޫޅެއެވެ. މިހާރު އޭނާ އަނެއްފަހަރު ބަނޑުހައިވެސް ވެއްޖެއެވެ. ނަމަވެސް އިންތަނުން ތެދުވެގެން ގޮސް ފެންފޮދެއް ބޯލާހައި ހިތްވަރުވެސް އޭނާގެ ނެތެވެ. ބިރުވެރިކަމާއި އެކަނިވެރިކަމުން ހިތްނުތަނަވަސްވަމުން ގޮސް އޭނާއަށް ރޮވެންވެސް ފަށައިފިއެވެ.
އެގޮތުގައި އެތައްއިރެއްވީފަހުން މީހަކު ގޯތިތެރެއަށް ވަތްއަޑު އިވުނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެފައި ވަނިކޮށް ޒައިކް އައިސް ދޮރުހުޅުވާލިއެވެ. ޒީޝާން އަވަސް އަވަހަށް ދެލޯފޮހެލަމުން އިސްޖަހާލިއެވެ. ޒައިކް ބަހެއްވެސް ނުބުނެ އައިސް އޭނާއިން ސޯފާގެ އަނެއްކޮޅުގައި ކޮތަޅުތަކެއް ބެހެއްޓުމަށްފަހު އެނބުރި ކޮޓަރިއަށް ދިޔައެވެ. އޭނާ ކޮތަޅުތަކަށް ނަޒަރު ހިންގާލިއިރު އޭނާހުރީ ބަތްޕާރސަލެކެވެ. ޒީޝާން ބަނޑުހައިވެފައި އިންވަރުން ގިނައިރު ބަލާކަށް ނީނދެވުނެވެ. އޭނާ ކޮތަޅުން ޕާރސަލް ނަގައިގެން ކާންފެށިއެވެ.
ކައިނިމިގެން ޒީޝާން ކޮޓަރިއަށް ދާން ހިތަށްއަރާފައިވެސް ދާކަށް ނުކެރުނެވެ. ނަމަވެސް އޭނާހުރީ ނުހަނުބޮޑަށް ފާޚާނާއަކަށް ދާން ބޭނުންވެފައެވެ. އިރުއޮއްސުނީއްސުރެ އޭނާހުރީ ފާޚާނާކުރަން ބޭނުންވެފައެވެ. ނަމަވެސް އެކަނި ކޮޓަރިއަށްވެސް ވަންނަން ޖެހުލުންވެގެން ސޯފާގައި އިނދެވުނީއެވެ. ނަމަވެސް މިހާރު އޭނާއަށް ހުރެވެނީކީ ނޫނެވެ. ޒައިކް ނުކުންނާނެ އިރެއްގެ އިންތިޒާރު ކޮށްކޮށް ވަރުބަލިވީއިރުވެސް ނުނުކުތެވެ. އެންމެފަހުން ކެތްނުވެގެން އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ވަރަށް މަޑުމަޑުން ސިއްރު ސިއްރުން ދޮރުހުޅުވާލިއިރު، ޒައިކް އެނދުގައި ލޯމަރައިގެން އޮތެވެ. އޮތީ ނިދާފަކަމެއް ނުވަތަ ނޫންކަމެއް އޭނާއަކަށް ޔަޤީނެއް ނޫނެވެ. ޔަޤީންކުރާކަށް މިވަގުތު އޭނާ ބޭނުމެއްވެސް ނޫނެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފާޚާނާއަށް ވަނެވެ.
ޒީޝާން ފާޚާނާއިން ނުކުތްއިރުވެސް ޒައިކް އެއޮތްގޮތަށް އޮތެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

" ޒީޝާން މަޑުކޮށްބަލަ!…" ކުއްލިއަކަށް ޒީޝާންގެ ފިޔަވަޅުތައް ގަނޑުވީ ޒައިކްގެ އަޑުންނެވެ. އޭނާ މަޑުމަޑު އެނބުރިލީއިރު، ޒައިކްއޮތީ އޭނާއަށް ބަލާށެވެ.
" އާދެބަލަ! މިތާއިށީނދެބަލަ!…" ޒައިކް ތެދުވެ އެނދުގައި ހަމަޖެހިލަމުން ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޒީޝާން ގޮސް އެނދުގައި ޒައިކްއާ ވީހާވެސް ދުރުގައި އިށީނެވެ.

" ކޮބާ މިހާރު ގޮތެއް ނިންމިއްޖެތަ؟…" ސީރިއަސްކަން އެކުލެވިގެންވާ އަޑަކުން ޒައިކް އަހާލިއެވެ. ޒައިކް ކުރި ސުވާލު ވިސްނުނު ނަމަވެސް ޖަވާބެއްދޭން ޒީޝާން ޖެހިލުންވިއެވެ.

" ކޮންގޮތަކަށް ނިންމަނީ؟…ޒީޝާން މަންމަމެން ގާތަށްދާން ބޭނުމިއްޔާ މިރޭ ޖެހޭނެ ގޮތެއް ނިންމަން…އޭރުންދޯ މަށަށްވެސް ވަކިގޮތަކަށް އުޅެން އެނގޭނީ؟…" ޒީޝާން ހިމޭނުން އިންނަން ފެށުމުން ޒައިކް ބުނެލިއެވެ. ދެންވެސް ޒީޝާން ޖަވާބެއް ނުދިނެވެ.

" އަހަރެން ޒީޝާންއަށް މިހުށަހެޅީ ވަރަށް ރަނގަޅު ތިން ޝަރުތު….އެތަނުން ޒީޝާން ބޭނުން ޝަރުތެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އެބައޮތް….ޒީޝާންއަށް ގޮތެއް ނުނިންމޭނަމަ ޚުދު އަހަރެން ވަކިގޮތަކަށް ނިންމަފާނަން….އެކަމު ބުނަން، އޭރުން ނަތީޖާ މާރަނގަޅެއް ނުވާނެ…އަހަރެން ގޮތެއް ނިންމައިފިނަމަ އެގޮތެއް ބަދަލެއް ނުކުރެވޭނެ…އަދި އެގޮތަކަށް އުޅޭކަށްވެސް ޒީޝާންއަކަށް ފަސޭހައެއްވެސް ނުވާނެ…." އިންޒާރެއް ދޭފަދައިން ޒައިކް ބުނެލިއެވެ.

" ޒައިކްއަށް ހަޤީޤަތް އެނގުނީމަވެސް ކީއްވެ އަހަރެން ދޫކޮށްނުލަނީ؟….ކުރިން ބުނީމެއްނު އަހަރެން ބޭނުންގޮތަކަށް ކައްތައް ކޮށްދޭނަމޭ….އަހަރެން ބުނެފިނަމަ ވަރިވެސް ކޮށްދޭނަމޭ…." ހިތްވަރުކޮށްފައި ޒީޝާން ވާހަކަ ދެއްކިއެވެ.

" އަހަރެން އެހެންބުނީ އަހަރެންނަށް ހަޤީޤަތް އެނގުމުގެކުރިން….އެރޭވެސް ހަޤީޤަތް ހާމަކުރަން އަހަރެން ޒީޝާންއަށް ފުރުސަތުދިނިން….އެކަމު ޒީޝާން ހެދީ ދޮގު….ފުރަތަމަވެސް ތެދުހެދިނަމަ ފަހަރެއްގަ މިގޮތަށް ކަންތައް ނުވީސް….އެކަމު މިހާރު އެފުރުސަތެއް ނެތް….މިހުރިހާ ދުވަހު ފިރިއަކަށްވެގެން އުޅުނީތީވެސް އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހައްޤެއް ޒީޝާންގެ މައްޗަށް އޮންނަން ވާނެއްނު….ޒީޝާންގެ ފަރާތުން ކޮންމެވެސް މަންފާއެއް ކުރަން ޖެހޭނެއްނު….ޒީޝާން ބޭނުންގޮތަކަށް އަހަރެންގެ ދިރިއުޅުމާ ކުޅެލާފަ، ބޭނުންވީ އަހަރެން ދޫކޮށްލާފަ ގޮސް ލޯބިވެރިޔާއާއެކު އުފަލުގަ އުޅެން ދޫކޮށްލަންވީތަ؟…ނޯ ނޯ ނޯ….އަހަރެންނަކީ ޒީޝާން ތިހީކުރާހާ ފިނޑިމީހެއްނޫން……ޒީޝާން ހެދިހާގޮތެއް ހެދިފަ ހުންނާނެ ޕަޕެޓެއްނޫން….ލައްކަ ދުވަހު އުޅެވިއްޖެދޯ ޕަޕެޓް ހައްދައިގެން….މިއަދު މީ އަހަރެންގެ ފަހަރު….އެކަމު މިއަދުވެސް އަހަރެން ޒީޝާންއަށް ގޮތެއް ނިންމަން ފުރުސަތު ދޭނަން…މިހާރު މިދެނީ އެންމެ ފަހު ފުރުސަތު….އަވަހަށް ގޮތެއް ނިންމާ!…" އަމުރުވެރިކަމާއެކު ޒައިކް ބުނެލުމުން ޒީޝާން ގޮތް ހުސްވިއެވެ. ޒައިކްގެ ކުރިމަތީގައި އިތުރަށް ގަދަ ނުހެދޭނެކަން އެނގުމުން ގޮތެއް ނިންމަން އޭނާއަށް މަޖުބޫރު ވެއްޖެއެވެ.

" އަހަރެން ޒައިކްގެ ނޯކަރަށް ވެދާނަން…." މާޔޫސްވެ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޒީޝާން ބުނެލިއެވެ.

" ޔަޤީންތަ ތި ނިންމުމާމެދު؟…ޒީޝާންއަށް އަހަރެންގެ ނޯކަރަކަށް ވެގެން އުޅެވިދާނެތަ؟…" ޔަޤީންކުރާފަދަ ގޮތަކަށް ޒައިކް އަހާލިއެވެ.

" ހޫމް…އަހަރެން އުޅޭނަން…" ކަރުނަ ފުހެލަމުން ޒީޝާން ބުނެލިއެވެ.

" ހޫމް..އެހެންވީމަ ގޮތެއް ނިމުނީ މި….އެހެންވީމަ ނޯކަރެއްގެ ޝަރުތުތަކެއްވެސް ހުންނާނެއްނު…އަހަރެން ކިޔައިދޭނަން ނޯކަރަކު އުޅެންޖެހޭނެ ގޮތް…." ޖޯޝާއެކުގައި ޒައިކް ބުނެލިއެވެ.

" ފަތިހު ހަތަރެއްޖަހާއިރު ތެދުވަންޖެހޭނެ…ފަތިސްނަމާދު ކުރަން ޖެހޭނެ….އަދި އެހެން ހުރިހާ ނަމާދެއްވެސް ކުރަންޖެހޭނެ….އަހަރެން ސުކޫލަށް ދިއުމުގެކުރިން ސައިހަދަން ޖެހޭނެ…މެންދުރު ބްރޭކަށް އަންނައިރު ކާންތައްޔާރަށް ހުންނަން ޖެހޭނީ…އަދި ގޭތެރެ ފޮޅާ ސާފުކޮށް ކުނިކަހާ މޮޕްލާފަ ހުންނަން ޖެހޭނީ….އަދި ގޯތިތެރެވެސް މާދަމާއިން ފެށިގެން ވިނަނޮޅާ ސާފުކުރަން ޖެހޭނެ….މުޅި ގޯތިތެރޭގަ އެއްވެސް ކުންޏެއް ހުރެގެން ނުވާނެ….ގޯތިތެރޭގަ ހުރި ގަސްތައްވެސް ބަލަހައްޓަން ޖެހޭނެ…ދެން އަހަރެންގެ އަންނައުނު ބަރާބަރަށް ދޮވެ އިސްތިރިކުރަން ޖެހޭނެ…ކޮންމެ ދުވަހަކު ފާޚާނާ ސާފުކުރަން ޖެހޭނެ…..އަހަރެންނަށް ނުބުނެވުނަސް އިތުރުކަމެއް ހުރިއްޔާ އެކަމެއްވެސް ކުރަން ޖެހޭނެ…ސާފުވެއްޖެތަ؟" ޒައިކް އަލިފުން ފެށިގެން ޔާއަށް ޝަރުތުތައް ކިޔާލިއިރު ޒީޝާން އިނީ ދެލޯބޮޑުވެފައެވެ. އޭނާހީކުރީ އެންމެ އުނދަގޫ ޝަރުތަކީ އަނތްބަކަށް ވުން ކަމުގައެވެ. ނަމަވެސް ނޯކަރެއްގެ ޝަރުތަކު އެންމެ ތަންފުކެއްވެސް ލުޔެއްނޫނެވެ.

" ކިހިނެއްވީ ބަސްހުއްޓިފަ ތިއިނީ؟…" ޒީޝާންއަށް ވެފައިންގޮތް ފެނިފައި ހިނިއައި ނަމަވެސް ހިނިގަނޑު މަތަކުރަމުން ޒައިކް އެހިއެވެ.

" ކަމެއްނުވޭ…" ޒީޝާން މަޑުމަޑުން ޖަވާބުދިނެވެ.

" އެންމެވީމަ މާދަމާއިން ފެށިގެން ޒީޝާން ތީ އަހަރެންގެ ނޯކަރެއް….އަހަރެން މިބުނި ހުރިހާކަމެއް ޒީޝާން ކުރަންޖެހޭނެ…ހަނދާންނެތިއްޖެއްޔާ އަދަބުވެސް އޮންނާނެ…." ޒައިން އިއްވާލިއެވެ.

ބުނާނެ އިތުރު ލަފްޒެއް ޒީޝާންގެ ދުލަކަށް ނައެވެ. އޭނާގެ ސިނކުޑި ހީވީ ފުރުނުހެންނެވެ. އެއްއަހަރުވާންދެން ނޯކަރެއްގެ ވަޒީފާ އަދާކުރާނެގޮތެއް އޭނާއަކަށް ނުވިސްނެއެވެ. އޭނާއަކީ ދުވަހަކުވެސް އަތުންފައިން ކަމެއްކުރި މީހެއް ނޫނެވެ. ކަމެއްކުރާނެ ގޮތެއްވެސް އެނގެނީއެއް ނޫނެވެ. ކައްކާކަށް ނޭނގެއެވެ. ދޮވެ އިސްތިރިކުރާކަށް ނޭނގެއެވެ. ކުޑަމިނުން ގޭތެރެ ފޮޅާ ސާފުކުރުމަކީވެސް އޭނާކޮށް އުޅުނު ކަންކަމެއް ނޫނެވެ. މަދު ފަހަރެއްގައި އޭނާގެ އަމިއްލަ ކޮޓަރި ސާފުކޮށްލިނަމަވެސް، އެނދުގެ ތަންމަތި އެޅުމާއި ފާޚާނާ ސާފުކުރުން އެއީ އޭނާކޮށްއުޅޭ ކަންކަމެއް ނޫނެވެ. އެހުރިހާ ކަމެއްވެސް އޭނާއަށް ކޮށްދެނީ އޭނާގެ މަންމައެވެ.

" އޭތް…އަދިވެސް އިނީތަ؟…އަވަހަށް ނިދީމަ ފަތިހު ހޭލެވޭނީ…ދެން ދޭ ނިދަން…އަހަރެން ނިދަން ވެއްޖެ…" ޒީޝާން ސިހުނީ ޒައިކްގެ އަޑުންނެވެ. ޒައިކް ދާށޭ ބުނިނަމަވެސް ހަދަންވީގޮތެއް ނޭނގިފައި ޒީޝާންއަށް ބަލަން އިނދެވުނެވެ.

" ސާހިބުމީހާއާ ނޯކަރުން އެއްކޮޓަރީގަ ނުނިދާނެދޯ….މީގެފަހުން ޒީޝާން ނިދާނީ ބޭރުގަ…އަވަސްކުރޭ! ޒީޝާންގެ ހުރިހާ ސާމާނެއްވެސް މިތަނުން ބޭރުކުރޭ!….މިކޮޓަރީގަ އުޅޭނީ އަހަރެން އެކަނި…." އަމުރުވެރި ރާގަކަށް ޒައިކް ބުނެލުމުން ޖެހިލުންވެފައި ޒީޝާން އެނދުން ތެދުވިއެވެ. ޒައިކްގެ އެހަރުކަށިކަމުން ޒީޝާންގެ ހިތަށް އަސަރުކޮށް ވަގުތުން ލޮލުގައި ކަރުނަތައް ގިނަވިއެވެ.

" ފޮށި ހަމަ އެހާބަރީތަ؟…ގެނޭ އަހަރެން މިފަހަރު އެހީތެރިވެދޭނަން….އެކަމު މީގެފަހުން އަހަރެންގެ ފަރާތުން އެހީތެރިކަމެއް ލިބޭނެކަމަށް ހީނުކުރާތި!…." ޒީޝާންއަށް ފޮށި ނުގެންދެވިގެން އުޅޭހެން ހީވެގެން ޒައިކް ތެދުވެ ފޮށި ނެރެދޭން ފެށިއެވެ.

" ޒީޝާން ބޭނުމިއްޔާ މިތަނުން ކޮންމެވެސް އެއްކޮޓަރިއެއްގަ ތަކެތި ބެހެއްޓިދާނެ…އަދި އެކޮޓަރީގެ ފާޚާނާވެސް ބޭނުންކުރެވިދާނެ….އެނދުނެތީމަ ނިދަންޖެހޭނީ ސޯފާގަ….އެކަމު އަހަރެން ހޭލާއިރު ސޯފާގަ ނިދާފަ އޮވެގެން ނުވާނެ…މެހެމާނަކު އަޔަސް އިށީނދެލަންހުރި ތަނަކީވެސް އެއީ…އެހެންވީމަ އެތަން ބަހައްޓަން ޖެހޭނީ އަބަދުވެސް ރީތިކޮށް….އޯކޭ…" ޒައިކް އޭނާ ދައްކަންބޭނުން ވާހަކަ ދެއްކުމަށްފަހު އެނބުރި ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

އެއާއެކު ޒީޝާންގެ ލޮލުގައި ހިފެހެއްޓިފައިހުރި ކަރުނަތައް ކޯތާފަތްމައްޗަށް އޮހިގަތެވެ. ނުރޯން ހިތްވަރުކުރިނަމަވެސް އޭނާއަށް ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނާއަކީ މަންމައާއި ބައްޕަ ނުހަނު ލޯބިން ރުއްސައިގެން ގެންގުޅުނު ދަރިއެކެވެ. އެމީހުން ދުވަހަކުވެސް އޭނާ ދެރައެއް ނުކުރެއެވެ. ބާރަށް ބަހެއް ނުބުނާތާނގައި ކުޑަމިނުން ނުރުހުމުގެ ނަޒަރަކުންވެސް އޭނާއާދިމާ ބަލާނުލައެވެ. ނަމަވެސް މިއަދު ޒައިކް އޭނާއާމެދު އެކަންތައްކުރަނީ ކޮންފަދަ ނިކަމެތި ގޮތަކަށް ހެއްޔެވެ؟ އެއީ މީގެކުރިން އޭނާ ދުށް ޒައިކެއް ނޫނެވެ. އެ މަޑުމައިތިރި، ލަދުރަކި ހިތްހެޔޮ ޒައިކް އެވަނީ މުޅީން ބަދަލުވެފައެވެ. މިހާރު އެއީ ހިތްހަރު، ބޮޑާ ހަރުކަށި މީހެކެވެ. ރަހުމެއް ކުލުނެއްވެސް ނެތްމީހެކެވެ. ކުޑަމިނުން އިންސާނިއްޔަތު ކަމެއްވެސް ނެތެވެ.

ޒީޝާން އެހުރި ފިޔަވަޅުމަތީގައި ހުރެ ކަރުނަ އޮއްސަމުން ދަނިކޮށް ކުއްލިއަކަށް ޒައިކް ދޮރުހުޅުވާލިއެވެ. ޒީޝާން ރޯމަންޒަރު ފެނުމުން ހިނދުކޮޅަކަށް ޒައިކްގެ ހިތްމަޑުވެގެން ދިޔައެވެ. އެރީތި ދެލޮލުން ކަރުނަ ފުހެދޭން ބޭނުންވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ.

" އަދި ފާޚާނާގަ ހުރި އެއްޗެހި ނުނެރެމެއްނު….އަވަސްކުރޭ! އެ ނެރޭ…އަހަރެން ބޭނުމެއްނޫން ހެނދުނު ފާޚާނާއަށް ވަންނައިރު، ޒީޝާންގެ ތަކެތި ފެންނާކަށް….ޒީޝާންގެ އެއްވެސް އެއްޗެއް އަހަރެންގެ ކޮޓަރީގަ ހުރެގެންނުވާނެ…." ހަރުކަށިކަމާއެކު ބުނެލުމުން ޒީޝާން ދެލޯފުހެލާފައި މަޑުމަޑުން ވަދެ ފާޚާނާގައިހުރި ތަކެތި ނެރުނެވެ.

ޒީޝާން ކޮޓަރިން ނުކުތުމުން އިރުކޮޅަކު ބަލަންހުރުމަށްފަހު ޒައިކް ދޮރުލެއްޕިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިސް އެނދުގައި އިށީނެވެ. އޭރުވެސް ޒީޝާންގެ ހިތާމަވެރި މޫނު އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ޒީޝާން އެހައި ދެރަވެފައި ހުއްޓައި މީގެކުރިން އޭނާ ނުދެކެއެވެ. ޒީޝާން އެވަރަށް ދެރަކުރުމަށްފަހު އޭނާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. ނަމަވެސް އޭނާ މިއަދު ޒީޝާންގެ ކުރިމަތީގައި ބަލިކަށިވާކަށް ބޭނުމެއް ނޫނެވެ. ޒީޝާންއަށް ފިލާވަޅެއް ލިބޭނީ އޭނާ ހަރުކަށިކަން ދައްކައިގެންނެވެ. ޒީޝާންއަށް އޭނާގެ ކުށުގެ އިހުސާސް ކުރެވެން ޖެހޭނެއެވެ. އަދަބު ލިބެން ޖެހޭނެއެވެ.

ޒީޝާން އޭނާގެ ތަކެތި ހިފައިގެން ޖެހިގެންހުރި ކޮޓަރިއަށް ވަނެވެ. ސްވިޗްތައް ޖައްސާލުމާއެކު މުޅިތަން އަލިވެގެން ދިޔައެވެ. އެއީވެސް ރީތިކޮށް ހަދާފައިވާ ކޮޓަރިއެކެވެ. ނަމަވެސް ފަރުނީޗަރު ނެތުމުގެ ސަބަބުން، އެހަތަރުފާރުގެ އެތެރޭގައިވަނީ ފަޅުކަމާއި ހުސްކަމެވެ. ފޮށިތައް ކޮޓަރީގެ އެއްފަރާތެއްގައި ބެހެއްޓުމަށްފަހު، ފާޚާނާގައި ބޭނުންކުރާ ތަކެތި ހިފައިގެން ފާޚާނާއަށް ވަނެވެ. އެއީވެސް ރީތި ފުރިހަމަ ފާޚާނާއެކެވެ. ނަމަވެސް އެނތާނގައި ކެބިނެޓެއް އަދި ލޯގަނޑެއްވެސް ނެތެވެ. އެހެންކަމުން މިވަގުތު އޭނާގެ އަމިއްލަ ސޫރަވެސް ފެންނާނޭ ގޮތެއްނެވެ. ޒީޝާން މޫނުދޮވެލައިގެން ނުކުމެ ހެދުން ބަދަލުކޮށްލިއެވެ. އަދި ކޮޓަރިން ނުކުމެ ސޯފާއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ސިޓިންރޫމުގައި އެންމެ ބޮތްކެއް ދިއްލާފައިހުރުމުން، އެތަންވެސް އޭނާއަށް ސިފަވީ ނުހަނު ބިރުވެރިކޮށެވެ. އޭނާ އަވަހަށް ގޮސް ހުރިހާ ބޮކިތަކެއް ދިއްލިއެވެ. ތަނުގެ ބޮޑުކަމުން، އެފަޅުކޮޓަރިއަށްވުރެވެސް އެތަން ހުސްކަމުގައި އޭނާއަށް އިހުސާސްކުރެވުނެވެ. އޭނާ ސޯފާގައި އޮށޯތުމުގެކުރިން ބަދިގެފަރާތުން ބޭރަށް ނުކުމެވެސްހުރި ދޮރާއި މައިދޮރުވެސް ތަޅުލާފައިހުރިތީ ބަލައި ޔަޤީންކުރިއެވެ. ކިތަންމެ ބިރުގަތްނަމަވެސް އިތުރުގޮތެއް ނެތުމުން ޒީޝާން ސޯފާގައި އޮށޯތެވެ. ބާލީހުގައި ބާރަށް ބައްދައިގެން އޮތްއިރު ހުއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަ އޮހޮރެއެވެ. ޒައިކްގެ ރަހުމްކުޑަކަމުން މިރޭ އޭނާ ހައިރާން ކުރުވައިފިއެވެ. ކުރިޔަށް ވުރެވެސް ބޮޑަށް އޭނާއަށް ޒައިކްދެކެ ރުޅިއާދެވުނެވެ. ނަމަވެސް އޭނާއަށް ކުރެވޭނެ އިތުރުކަމެއްވެސް ނެތެވެ.

ރޭގަނޑުގެ ދަމެއް ފާއިތުވެގެން ދިޔައިރުވެސް ޒީޝާންގެ ލޮލަކަށް ނިންޖެއް ނައެވެ. ނިދޭވީވެސް ލޯރައިގެންތާއެވެ. އޭނާއޮތީ ލޯމަރާލަންވެސް ބިރުންނެވެ. އިރުއިރުކޮޅުން ސިހިފައި ބޯހިއްލާލެވެއެވެ. ދެންމެ ދެންމެ މީހަކު ދޮރުހުޅުވަފާނެހެން ހީވަނީއެވެ. ކުޑަދޮރުތަކުގެ ފޮތިތައް ފަންކާގެ ވަޔާއެކު ހިއްލިލާ ކޮންމެފަހަރު އޭނާގެ ހިތަށް ބިރުވެރިކަން ވަދެއެވެ. ދޮރުފޮތިދަށުން ސޫރައެއް ފާޅުވާހެންވެސް ބައެއްފަހަރު އޭނާއަށް ހީވެއެވެ. އޭނާ ކުރުގެޅިގެން އޮއްވައިވެސް އޭނާގެ ފަޔަށް މީހަކު ދަމާލާހެންވެސް ހީވެއެވެ. އޭނާ ބިރުން ވިރި ވިރި އޮއްވައި ޒައިކް ކޮޓަރީގެ ދޮރުހުޅުވާލި އަޑަށް ފުންމައިގެން ތެދުވެވުނެވެ. ޒައިކް އަންނަ މަންޒަރު ފެނުމުން އަވަސް އަވަހަށް ސޯފާގައި އޮށޯތެވެ. އޭރުވެސް އޭނާގެ ހިތް ބާރުބާރަށް ތެޅެއެވެ. ޒައިކް އެއައިގޮތަށް އައިސް ބަދިގެ ބަޔަށްވަދެ ފެންފުޅިއެއް ހިފައިގެން އެނބުރި ކޮޓަރިއަށް ދިޔައެވެ. ޒައިކްގެ އެއަޅާލުން ކުޑަކަމުން މިފަހަރު އޭނާ ދެރަވިއެވެ. އޭނާގާތުގައި ކޮޓަރިއަށް އަންނަން ބުނާނެ ކަމުގައި އޭނާ ހީކުރިއެވެ.

އެނދުގެ އެއްފަރާތުގައިހުރި ކުޑަ ކަބަޑު މަތީ ފެންފުޅި ބެހެއްޓުމަށްފަހު ޒައިކް އެނދުފައި އިށީނެވެ. ސޯފާގައި ޒީޝާން ގުރުގެޅިގެން އޮތް މަންޒަރު ސިފަވުމުން ޒައިކްގެ ހިތަށް ތަދުވިއެވެ. އެ އުނދަގޫ ހާލުގައި ޒީޝާން ބާއްވާފައި އޭނާއަށް އަރާމުގައި ނިދޭނީ ހިކިނަކުން ހެއްޔެވެ؟ އޭނާއަކީ އެހާ އަނިޔާވެރި މީހެއް ނޫނެވެ. ނަމަވެސް ހާލަތު އޭނާއަށް އެގޮތަށް ކަންތައް ކުރުމަށް މަޖުބޫރު ކުރުވީއެވެ. އޭނާ އިރުކޮޅަކު ވިސްނަން އިނުމަށްފަހު އެނދުގައި އޮތް ރަޖާގަނޑު ހިފައިގެން ބޭރަށް ނުކުތެވެ. މަޑު ހިނގުމެއްގައި ޒައިކް ގޮސް ސޯފާކުރިމައްޗަށް ހުއްޓުނެވެ. ދެލޯމަރައިގެން ޒީޝާން އޮތްނަމަވެސް އޭނާއޮތީ ނިދާފައި ނޫންކަން ޒައިކްއަށް އެނގެއެވެ.

" އަން…މިއަޅައިގެން އޮވޭ….ފިނިބޮޑުވެގެން ބަލިވިޔަސް ގެއްލުންދައްކާނީވެސް ހަމަ މަށަށް….މާދަމާ މީ ފުރަތަމަ ދުވަސް، އެހެންވީމަ ރަނގަޅަށް ނިދާފަ ފަތިހު ހޭލާ…" ޒައިކް އެހެން ބުނެލުމަށްފަހު ޒީޝާންއާ ދިމާއަށް ރަޖާގަނޑު ހޫރާލުމަށްފަހު ހަލުވިކަމާއެކު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ޒީޝާން ދެލޯހުޅުވާލުމަށްފަހު ޒައިކްދާ މަންޒަރު ބަލަން ހައިރާންކަމުގައި އޮތެވެ. އޭނާއަށް މިއީ ހަޤީޤަތްކަން ގަބޫލުކުރަން އަދިވެސް ދައްޗެވެ. އެއީ ހަމަ ޒައިކްބާއޭ އޭނާގެ ހިތަށް އެރިއެވެ. އިންސާނަކު ހަމަ އެހާބޮޑަށް ބަދަލުވެދާނެ ހެއްޔެވެ؟ ރަނގަޅު މީހަކު ކުއްލިއަކަށް އެހައި ނުބައިމީހަކަށް ބަދަލު ވެދާނެ ހެއްޔެވެ؟
ނުނިމޭ