Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ޓޮޓެންހަމްގެ ކޯޗު ކަމަށް މޮރީނިއޯ ހަމަޖައްސައިފި

ޓޮޓެންހަމްގެ ކޯޗު ކަމަށް ހޯޒޭ މޮރީނިއޯ ހަމަޖައްސައިފި އެވެ.

ޓޮޓެންހަމްގެ ކޯޗު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ އެ މަގާމުން ރޭގެ ވަގުތެއްގައި ވަކިކުރުމާ ގުޅިގެންނެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވެފައިވަނީ ތިން އަހަރާ ބައިގެ މުއްދަތަކަށެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ޕޯޗުގަލް އަށް އުފަން މޮރީނިއޯ ބުނީ އެ ކްލަބުގެ ސްކޮޑާއި އަދި އެކެޑެމީގައި ހުރި ފެންވަރާ މެދު ޝައުގުވެރިވާ ކަމަށާއި އެ ކްލަބުގެ ކޯޗުކަމާ ހަވާލުވުމުގައި އެ ކުޅުންތެރިންނާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އޮތް ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުން ވަކިކުރި ފަހުން މޮރީނިއޯ ހުރީ ކޯޗިންގެ ދާއިރާއާ ދުރުގައެވެ. މޮރީނިއޯ މީގެކުރިން ވަނީ ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި އިންޓަމިލާނާއި ޕޯޓޯ އަށް ވެސް ކޯޗުކޮށްދީފައެވެ. މި ހުރިހާ ކްލަބުތަކާއެކު ވެސް މޮރީނިއޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކުރީ އެ ކްލަބުން ދަށް ނަތީޖާތަކެއް މިފަހަކަށް އައިސް ނެރެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އެޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 14 ވަނައިގައެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށެވެ.