Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާތަކެއް އުފުލައިފި

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާތަކެއް އެގައުމުގެ ޖަސްޓިސް މިނިސްޓްރީން އުފުލައިފިއެވެ.

ނަތަންޔާހޫގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ވިޔަފާރި ވެރިން ދިން "ހަދިޔާ" ގަބޫލް ކުރުމާއި އޭނާއާ އެއްކޮޅަށް ހަބަރުތައް ގެނެސްދިނުމަށް މީޑިޔާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި ކަމުގެ ތުހުމަތެވެ.

އުމުރުން 70 އަހަރުގެ ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ތިން ދައުވާއެއް އުފުލާފައިވާއިރު، ނަތަންޔާހޫ ވަނީ މިއީ އޭނާއާ އިދިކޮޅު ފަރާތްތަކާއި މީޑިޔާތަކުން ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ. އަދި ދައުވާތައް އުފުލި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިޒްރޭލުގައި ބޭއްވި އާންމު އިންތިޚާބުން ނަތަންޔާހޫގެ ޕާޓީ އަށް އަޣުލަބިއްޔަތު ލިބިފައިނުވާއިރު ސަރުކާރެއް އުފައްދަން ދިން ފުރުސަތުގައި އެކަން ވެސް ނަތަންޔާހޫ އަށް ކާމިޔާބު ވެފައެއް ނުވެއެވެ. އަދި ނަތަންޔާހޫގެ ވާދަވެރިޔާ އަށް ވެސް ސަރުކާރެއް އުފައްދަން ދިން ފުރުސަތުގައި އެކަން ކުރެވިފައި ނުވާތީ އިތުރު އާންމު އިންތިހާބެއް ބާއްވަން ޖެހިދާނެ ކަމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވާން ފަށާފައެވެ.

ނަތަންޔާހޫ އިސްތިއުފާ ނުދެއްވި ނަމަވެސް މި ދައުވާތަކާއެކު އޭނާ އަށް މަގާމުގައި ދެމި ހުރުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަތަންހާޔޫ އަކީ އިޒްރޭލުގައި އެންމެ ދުވަހަށް ބޮޑުވަޒީރުކަން ކުރެއްވި ފަރާތެވެ.