Last Updated: April 20, 09:23
Saturday, April 20, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ސަތާރަ ވަނަބައި)

މަޑު ހިނގުމެއްގައި ޒައިކް ގޮސް ސޯފާކުރިމައްޗަށް ހުއްޓުނެވެ. ދެލޯމަރައިގެން ޒީޝާން އޮތްނަމަވެސް އޭނާއޮތީ ނިދާފައި ނޫންކަން ޒައިކްއަށް އެނގެއެވެ.

" އަން…މިއަޅައިގެން އޮވޭ….ފިނިބޮޑުވެގެން ބަލިވިޔަސް ގެއްލުންދައްކާނީވެސް ހަމަ މަށަށް….މާދަމާ މީ ފުރަތަމަ ދުވަސް، އެހެންވީމަ ރަނގަޅަށް ނިދާފަ ފަތިހު ހޭލާ…" ޒައިކް އެހެން ބުނެލުމަށްފަހު ޒީޝާންއާ ދިމާއަށް ރަޖާގަނޑު ހޫރާލުމަށްފަހު ހަލުވިކަމާއެކު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޒީޝާން ދެލޯހުޅުވާލުމަށްފަހު ޒައިކްދާ މަންޒަރު ބަލަން ހައިރާންކަމުގައި އޮތެވެ. އޭނާއަށް މިއީ ހަޤީޤަތްކަން ގަބޫލުކުރަން އަދިވެސް ދައްޗެވެ. އެއީ ހަމަ ޒައިކްބާއޭ އޭނާގެ ހިތަށް އެރިއެވެ. އިންސާނަކު ހަމަ އެހާބޮޑަށް ބަދަލުވެދާނެ ހެއްޔެވެ؟ ރަނގަޅު މީހަކު ކުއްލިއަކަށް އެހައި ނުބައިމީހަކަށް ބަދަލު ވެދާނެ ހެއްޔެވެ؟

ވިސްނާ ފިކުރުކޮށް ކަރުނަ އޮއްސުމުގައި މުޅިރޭ އޭނާ ހޭދަކުރިއެވެ. ޒައިކްގެ ހިތަށް ރަޙުމް ވަދެގެން އޭނާ ގެންދާނޭ ކަމުގައި އޭނާހީކުރިއެވެ. ނަމަވެސް ޒައިކް އޭނާގެ ހާލުވެސް ބަލާނުލިއެވެ. އޭނާ އެހާލަށް ދޫކޮށްލާފައި ފިނި ކޮޓަރީގައި އަރާމުކޮށް ނިދަނީއެވެ. ނަމަވެސް ހަޤީޤަތަކީ އެއެއްނޫނެވެ. ޚުދު ޒައިކްވެސް އުޅުނީ ލޮލަށް ނިދިނައިސްގެންނެވެ. އޭނާގެ ދިރިއުޅުމާމެދު ވިސްނާ ފިކުރުކޮށް ޚުދު ޒައިކްގެ ލޮލުންވެސް ކަރުނަ އޮހޮރުނެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުރިނަމަވެސް އޭނާވެސް ދެރަވެއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން އޭނާވެސް ބޭނުންވެއެވެ. ޒީޝާން ދެކެ އޭނާ ލޯބިވީފަދައިން ޒީޝާންވެސް އޭނާދެކެ ލޯބިވުމަށް އެދެއެވެ. ނަމަވެސް ލޯތްބަކީ ގަދަބާރުން ލިބޭނެ އެއްޗެއް ނޫންކަން އޭނާވެސް ގަބޫލުކުރެއެވެ. އޭނާއަށް އައިޝާގެ ހަނދާންތައްވެސް މިރޭ އުނދަގޫކުރަމުން ދިޔައެވެ. އައިޝާ ކިހާ ކިޔަމަންތެރި ހެއްޔެވެ؟ ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާދެކެ ކިހާ ބޮޑަކަށް ލޯބިވީ ހެއްޔެވެ؟ އެފަދަ ރަނގަޅު އަނތްބަކު ގެއްލިދިޔައީ އޭނާގެ ބަދުނަސީބުކަމުންނޭވެސް ހިތަށްއެރިއެވެ.

ފަތިސްނަމާދުގެ ބަންގިގޮވީވެސް ޒައިކްއާއި ޒީޝާން ހޭލާތިއްބައެވެ. ޒައިކް ފާޚާނާއަށްވަދެ ފެންވަރާލައިގެން ނަމާދަށް ނުކުތްއިރު، ޒީޝާން ކުރިންވެސް އޮތްގޮތަށް ސޯފާގައި އޮތެވެ. ޒައިކް ޒީޝާންގެ ގާތަށް ހުއްޓި މޫނަށް ފުންކޮށް ބަލާލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން މޫނުވަނީ ރަތްވެފައެވެ. ކަރުނައިގެ ތެތްކަން އެކުލެވޭ އެސްފިޔަތަކާއި ދުޅަވެފައިވާ ދެލޯފެނުމުން ޒައިކްގެ ހިތަށް ނުހަނު އަސަރުކުރިއެވެ. އެމޫނުގައި ފިރުމާލާފައި ދެލޮލުގައި ބޮސްދިނުމަށްވެސް ހިތްއެދުނެވެ. އެވަރަށް ދެރަކުރެވުނީތީ މާފަށް އެދެންވެސް ބޭނުންވިއެވެ. ނަމަވެސް، އޭނާގެ ޒަމީރު އޭނާގެ ހިތާ ދެކޮޅުވިއެވެ. އެހާފަސޭހައިން ޒީޝާންއަށް މާފުކުރާކަށް އެއްބަހެއް ނުވިއެވެ. އެހެންކަމުން ހިތުގެ ގޮވުންތަކަށް ބީރުކަންފަތެއް ދިނުމަށްފަހު އޭނާ ނުކުމެގެން ދިޔައެވެ. ޒައިކް ދިއުމުން ޒީޝާން ލޯހުޅުވާލިއެވެ. އަދި ކަރުނަ ފުހެލަމުން އޭނާ ތެދުވިއެވެ. ޒައިކް އަންނަން ވާއިރަށް ފަތިސްނަމާދު ކުރުމަށް އޭނާ ގަސްތުކުރިއެވެ.
*****
އަނެއްކޮޅުން ޒަލަފްގެ ހާލުވެސް ވަރަށް ގޯހެވެ. ޒީޝާންގެ ޚަބަރެއް ނުވާތާ އެއްރޭ އެއްދުވާވީއެވެ. އަދިވެސް ޒީޝާންގެ ފޯންއޮތީ ނިވާލާފައެވެ. ސަބަބެއްވެސް ނޭނގި ކުއްލިއަކަށް ޒީޝާންގެ ފޯނު ނިވުމުން ޒަލަފް ކަންބޮޑުވިއެވެ. ޒީޝާންއަށް ކަމެއްވީބާއޭ ހިތައި ކަންބޮޑުވެގެން އޭނާވެސް އޮތީ މުޅިރޭ ހޭލައެވެ. އޭނާ ގަސްތުކޮށްގެން ހުރީ ޝިޔާއާ ބައްދަލުކޮށް، ޒީޝާންގެ ޚަބަރެއް ހޯދުމަށެވެ.
ފަތިސްނަމާދުން އެނބުރި ޒައިކް ގެޔަށްއައިއިރުވެސް ޒީޝާން އޮތީ ސޯފާގައެވެ. ޒީޝާން ހޭލައްވަން ހިތަށްއަރާފައިވެސް ޒައިކް އެޚިޔާލު ދޫކޮށްލިއެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން އޭނާވެސް ގަސްތުކުރީ ނިދާލުމަށެވެ.
*****
ޒައިކްއަށް ހޭލެވުނީ އޭނާގެ ފޯން ވައިބްރޭޓްވާން ފެށުމުންނެވެ. ވަރަށް އުނދަގުލުން ލޯހުޅުވާލާފައި އޭނާބަލާލިއިރު، ގުޅަނީ މަންމައެވެ.

" ހެލޯ…މަންމާ ކިހިނެއްވީ؟…" ޒައިކް ނިދިއަޑަކުން ބުނެލިއެވެ.

" ދަރިފުޅާ….މިއަދު މެންދުރުކާން އަންނާތި ޒީޝާން ގޮވައިގެން….ތިގެޔަށް ބަދަލުވިފަހުން އަދި އެންމެ ފަހަރަކުވެސް ޒީޝާން ލޮލަކުން ނުފެނޭ…ޒީކްވެސް ޒީޝާން ކޮބައިތޯ ވަރަށް ސުވާލުކުރޭ…." ހައްވަ ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ.
" އާނ…މިއަދު ދާނަން…." ޒައިކް ޖަވާބުދިނެވެ. އޭނާ ފޯނު ބޭއްވުމަށްފަހު ގަޑިބަލާލިއިރު ބާރަޖަހަނީއެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން ގޮސް ފެންވަރަން ވަނެވެ.
ޒައިކް ނަމާދަށް ދާން ތައްޔާރުވެގެން ނުކުތްއިރުވެސް ޒީޝާން ތެދުވާކަށް ނޫޅެއެވެ. އެހެންކަމުން އެންމެފަހުން ޒީޝާން ހޭލައްވަން އޭނާ ގަސްތުކުރިއެވެ.
" ޒީޝާން….އޭތް ހޭލަބަލަ! ގޭގޭގަ ނޯކަރުން މެންދުރުވާންދެން ނިދަން ތިބޭތަ؟….ތެދުވޭ! އަވަސްކުރޭ!…" ޒައިކް ގޮވާ ގޮވާވެސް ޒީޝާންއަށް އަޑުއިވުނު ކަމަކަށް ނުވިއެވެ.

" މިއަދި ހާދަހާ ނިދިވެސް ގަދަ އަންހެނެކޭ…" އެވަރަށް ގޮވުމުންވެސް ޒީޝާން ނުހޭލުމުން ޒައިކް ބުނެލިއެވެ. އެންމެފަހުން އޭނާ ޒީޝާންގެ ގައިގާ ކޮއްޓާލިއެވެ. ފުރަތަމަ ކޮއްޓާލުމުން ފުރޮޅިލާފައި އަނެއްކާވެސް ނިދީއެވެ.

" ޒީޝާން….ތެދުވެބަލަ!….މިހާރު މެންދުރު ވެއްޖޭ…" އަޑަށް ބާރުލަމުން ޒައިކް ގޮވާލުމާއެކު ސިހިފައި ޒީޝާން ލޯހުޅުވާލިއެވެ. އޭނާއާ ދިމާއަށް ގުދުވެ އޮތް ޒައިކް ފެނުމާއެކު ބިރެއްފެނިގެން ތެދުވާހެން ފުންމައިގެން ތެދުވިއެވެ.

" ތީތަ ނޯކަރުން އުޅޭގޮތަކީ؟…" ސިހުން އެކުލެވިގެންވާ ނަޒަރަކުން ބަލަންހުރި ޒީޝާންއާ ދިމާއަށް ޒައިކް ބުންޏެވެ.

" ސޮރީ…ވަރަށް ލަހުން ނިދުނީ…" އިސްޖަހާލަމުން ޒީޝާން މާފަށް އެދުނެވެ.

" އޯކޭ….އަހަރެން ހުކުރުން އަންނަންވާއިރަށް ފެންވަރައިގެން ތައްޔާރުވެގެން ހުންނާތި!…." ޒައިކް އަމުރުކޮށްލުމަށްފަހު ޒީޝާންގެ ޖަވާބަކަށްވެސް މަޑުކުރުމެއްނެތި ނުކުމެގެން ދިޔައެވެ. ޒީޝާން އިރުކޮޅަކު ދޮރާދިމާއަށް ބަލަންހުރުމަށްފަހު ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.

ޒައިކް މިސްކިތުން އެނބުރި އައިއިރު، ޒީޝާން އިނީ ފެންވަރައި ރީތިވެގެންނެވެ. ނަމަވެސް ހިތާމައިން މިލާފައިވާ އެމޫނުގައި އެއްވެސް ތާޒާކަމެއް މިއަދަކު ނެތެވެ.

" މިއަދު މޭކަޕްވެސް ނުކުރާ ދުވަހަކީތަ؟…" ޒީޝާންގެ މޫނަށް ބަލާލަމުން މަލާމާތުގެ ގޮތަކަށް ހީލާފައި ޒައިކް ބުނެލިއެވެ. ޒީޝާން ޖަވާބެއްވެސް ނުދީ ތުންފިއްތާލަމުން އިސްޖަހާލިއެވެ.

" ދޭބަލަ މޭކަޕްކޮށްގެން ވިޔަސް ތިޔަށްވުރެ މޫނު ރީތިކޮށްގެން އަންނަން….ހީވަނީ ހަމަދެންމެ ބަލިއެނދުން ތެދުވި މީހެއްހެން….އަހަރެން ބޭނުމެއްނޫން ޒީޝާން ފެނިގެން މަންމަމެން ސުވާލުކުރާކަށް…." ނުރުހުމުގެ ރާގެއްގައި ޒައިކް ބުނެލިއެވެ.
" މަންމަމެން ގެޔަށް ދާންތަ ތިއުޅެނީ؟…" ޒީޝާން އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.

" މާބޮޑަށް އުފާވާނެ ކަމެއްނެތް….މަންމަ ބުނެގެން ހަމައެކަނި ކާން މިދަނީ…..މަންމަމެން ސުވާލެއްކުރިޔަސް ޒީޝާން ޖަވާބުދޭނެ ކަމެއްނެތް…..އަހަރެން ޖަވާބުދޭނަން…" ޒައިކް ބުނެލިއެވެ. ޖަވާބުގައި ޒީޝާން އިތުރުބަހެއް ނުބުނެ ކޮޓަރިއަށްވަދެ އޭނާ ރީތިވާން ގެންގުޅޭ ސާމާނުތައް ނަގައި މޭކަޕްސެޓް ނެގިއެވެ. އޭގައިވާ ލޯގަނޑުން މޫނު ބަލާލުމަށްފަހު ކުޑަގޮތަކަށް މޭކަޕްކޮށްލިއެވެ. ތުންފަތުގައިވެސް ލިޕްސްޓިކް ޖައްސައި ރަތްކުލައިން ފަވާލިއެވެ. މޭކަޕްކޮށް ނިމުމުން އަމިއްލަ ސޫރައަށް ބަލާލާފައި ފުންނޭވާއެއް ދޫކޮށްލިއެވެ.

" ހޫމް….މިހާރު ހީވޭ ފެންވަރާފަ ހުރިހެން…." ޒީޝާން ސިޓިންރޫމަށް ނުކުތުމުން ޒައިކް ބުނެލިއެވެ.

" މަންމަ ވަރަށް ވާހަކަ ދައްކާނެ….އޮޅިގެންވެސް އަހަރެމެންގެ މެދުގަ ވެވުނު އެއްބަސްވުމުގެ ވާހަކަ އެކަކުގާތުގަވެސް ބުނެގެން ނުވާނެ….ޒީޝާންގެ މަންމަ އެހިޔަސް އެކައްޗެއްވެސް ބުނެގެން ނުވާނެ….އެނގިއްޖެތަ؟…" އިންޒާރެއް ދޭފަދަގޮތަކަށް ޒީޝާންއަށް ބަލާލަމުން ޒައިކް ބުނެލިއެވެ. ޒީޝާން އާނއެކޭ ބުނެ ހޯހަލުވާލިއެވެ.

" އާދޭ އަވަހަށް….މިހާރު ވަރަށް ލަސްވެއްޖެ…." ގެއިން ނުކުންނަމުން ޒައިކް ބުނެލިއެވެ. ޒީޝާންވެސް މަޑުމަޑުން ޒައިކްގެ ފަހަތުން ދިޔައެވެ. ޒައިކްގެ ފަހަތަށް ސައިކަލަށް އެރިއިރުވެސް ޒީޝާންއިނީ ބަނޑުހައިވެގެން ބޮލަށް އެނބުރުން އަރާފައެވެ. ހެނދުނުއްސުރެ އޭނާހުރީ ނުކައިކަންވެސް ޒައިކްއަށް ނޭނގޭފަދައެވެ. އޭނާ ނުބުނީތީ ކާއެއްޗެއްވެސް ނުގެނެސްދިނެވެ. ޒީޝާން ހިތާހިތާ ޝަކުވާކުރަމުން ދިޔައެވެ. ދަތުރު ނިމޭންދެންވެސް އޭނާ ދިޔައީ ހިތާހިތާ ޒައިކްއަށް އެތިވަރު ގޮވަމުންނެވެ.

" މިހާރު އާދެވުނީއޭ….ދެން އަވަހަށް ފައިބަންއުޅޭ…." ސައިކަލު މަޑުކޮށްލަމުން ޒައިކް ބުނެލިއެވެ. ޒީޝާން ވަރުބަލިކަމާއެކު ސައިކަލުން ފޭބިއިރު ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ.

" ކިހިނެއްވީ؟…" ޒީޝާންގެ އަތުގައި ހިފާލަމުން ޒައިކް އެހިއެވެ.

" ކަމެއްނުވޭ…" ޒައިކްގެ އަތްފޮޅުވާލަމުން ނުރުހުމާއެކު ޒީޝާން ބުންޏެވެ. އަދި ޒައިކް ނުވެސް ވިސްނާ ހުއްޓައި ދުވެފައި ގޮސް ޒީޝާންގެ ގެޔަށް ވަނެވެ. ޒައިކްވެސް ހަލުވިކަމާއެކު ޒީޝާންގެ ފަހަތުން ހިނގައިގަތެވެ. ހަމަ އެވަގުތު ޒައިކްގެ ގޭގެ ދޮރުހުޅުވާލާފައި ޒީނާ ނުކުތެވެ.

" އަނހާ…ތިއައީތަ؟…ކޮބާތަ ޒީޝާން…މަންމަމެން މިހާރު އިންތިޒާރު ކުރާތާ ކޮންއިރެއް ދަރިފުޅުމެން އާދޭތޯ…." ޒައިކް ފެނުމާއެކު ޒީނާ ބުންޏެވެ.

" ޒީޝާން ވަނީ ގެޔަށް…އެބައަންނަން ގޮވައިގެން…."ހިނިތުންވެލަމުން ޒައިކް އަވަސް އަވަހަށް ބުނެލިއެވެ. އަދި ހަލުވި ފިޔަވަޅުތަކަކާއެކު ގޮސް ޒީޝާންމެންގެ ގެޔަށް ވަނެވެ. އަދި އެދިޔަގޮތަށް ގޮސް ޒީޝާންގެ ކޮޓަރިއަށް ވަންނަން ދިމާކުރިއެވެ. ނަމަވެސް ކޮޓަރިހުރީ ތަޅުލާފައެވެ.

" ޒީޝާން….ނުކުމޭ….އިތުރަށް ޑްރާމާއެއް ކުޅެން ނުހަދާ ކާންދާން އާދޭ…" ނުރުހުމާއެކުވެސް ޒައިކް ވާހަކަދެއްކީ މަޑުމަޑުންނެވެ. ޒައިކް ދޮރުގައި ޓަކައިދީ ދީވެސް ޒީޝާން ދޮރެއް ނުހުޅުވިއެވެ.

" އެންމެ ރަނގަޅު އަހަރެން މިދަނީ…އެމީހުންކުރާ ސުވާލުތަކައް އަމިއްލައަށް ޖަވާބުދޭން ތައްޔާރުވޭ!…" އެންމެ ފަހުން މާޔޫސްވެގެން ޒައިކް އިންޒާރެއް ދިނެވެ. ފާޚާނާތެރެއިން ނުކުތް ޒީޝާންއަށް އެއަޑު އިވިފައި އަވަސް އަވަހަށް ގޮސް ދޮރުހުޅުވިއެވެ.
" އަހަރެން އުޅުނީ ފާޚާނާގަ…ބޮލަށް އެނބުރުން އަރައިގެން ހޮޑުލެވުނީ….." ލޮލުގައިހުރި ކަރުނަތައް ފުހެލަމުން ޒީޝާން ބުނެލިއެވެ.

" އެހެންތަ؟…އެހެންވީމަ ލަސްނުކޮށް ހިނގާބަލަ އެއްޗެއްކާން…ޒީޝާންގެ މަންމައާ ބައްޕަވެސް ތިބީ އަހަރެމެންގެ ގޭގަ…އަވަސްކޮށްގެން ހިނގާ…" މަޑުމައިތިރިކަމާއެކު ޒައިކް ބުނެލިއެވެ. ޒީޝާން ކޮޓަރިން ނުކުތުމުން ޒީޝާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ދެމީހުން އެކުގައި ގޮސް ޒައިކްގެ ގެޔަށް ވަތްއިރު މަންމަމެން ތިބީ އެމީހުންގެ އިންތިޒާރުގައެވެ.

" ކޮބާ ޒީކް؟.." ޒީކް ފެންނަން ނެތުމުން ޒައިކް އެހިއެވެ.

" ބައްޕަ އާދޭތޯ ހުރެ ހުރެ ނައީމަ ރޮއެރޮއެފަ ހަމަ ދެންމެ އެނިދުނީ…" ހައްވަ ޖަވާބުދިނެވެ.

" ދަރިފުޅާ ކިހިނެއްތަ؟…އެންމެ ދެދުވަސްވީމަވެސް މަންމައަށް ހީވަނީ ދެއަހަރުވިހެން ދަރިފުޅު ނުފެންނަތާ….ބުނެވެސް ނުލާވިއްޔަ ދިޔައީ.." ޒީޝާން ފެނުމުން ދެރަވެފައި ޒީނާ ޝަކުވާކުރިއެވެ.

" އަހަރެމެން އުޅުނީ އަސްލު މަންމަމެންނަށް ސަޕްރައިޒް ދޭންވެގެން…އެކަމު ބޭނުންވި ވަރަށް ގެނިންމައެއް ނުލެވުނު…އެހެންނޫންނަމަ މިއަދު ގޭގަ ކުޑަވަރެއްގެ ހަފްލާއެއް ބޭއްވީމުސް…އެކަމު ދެން މަންމަމެން އުމްރާއަށް ގޮސް އައީމަ ރަސްމީކޮށް އެގެއަށް ގެންދާނަން އިނގޭ…" ޒައިކް ވަރަށް ހެވިފައި އިނދެ އޮޅުން ފިލުވައިދިނެވެ.

" އެންމެ ރަނގަޅު….އެކަމަކު މަންމަމެން ދިޔައީމަ ކޮންމެވެސް ވަރަކަށް ގެޔަށް އައިސް ގޭގެ ކަންކަން ބަލާލަންވާނެ އިނގޭ…" ޒީނާ އެދުނެވެ.

" މައްސަލައެއް ނޯންނާނެ…" ޒައިކް ޖަވާބުދިނެވެ.

" އަވަހަށް ދެން ކާން ހިނގާ…މިހާރު ބަނޑުހައިވެގެން ބައްޕައަށް ކެތްވަނީއެއްނޫން.." ހަމީދު ބަނޑުގައި އަތްހާކާލަމުން ބުނެލިއެވެ.

އެންމެ އެކީގައި ކާންތިބިއިރު އެކި އެކި ވާހަކަ ދެކެވެމުން ދިޔައެވެ. ނަމަވެސް ޒީޝާން ހިމޭންކަމާއެކު އިނދެގެން މަޑުމަޑުން ކަމުން ދިޔައެވެ. މާބޮޑަށް ބަނޑުހައިވެ ހޮޑުލެވުމުގެ ސަބަބުން އޭނާއިނީ ކާހިތް ކެނޑިފައެވެ.

" ދަރިފުޅު ބަލީތަ؟.." ޒީޝާން އިންގޮތުން ހައްވަ އަހާލިއެވެ.

" ނޫން..އެހާ ބަނޑުހައެއްނުވޭ…އެހެންވެ ކާހިތްނެތީ…" ޒީޝާން އަވަސް އަވަހަށް ދޮގެއް ހަދާލިއެވެ.

" ދަރިފުޅު ކޮންދުވަހަކުންތަ ގޭގަ ކައްކަން ފަށަނީ؟…އަބަދު ބޭރުން ގެނެސްގެންވެސް ކަނިކޮށް ބަލިވެދާނެ…." ހަސަނު ބުނެލިއެވެ.

" މާދަމާއިން ފެށިގެން ކައްކަން ފަށަން މިއުޅެނީ ދޯ ޒީޝާން….މަންމަމެން އުމްރާއަށް ގޮސް އައީމަ ގެންދާނަން ކާން…" ޒައިކް ބުނެލިއެވެ.

ޒައިކްގެ ވާހަކަތަކުން ރުޅިއައިވަރުން ޒީޝާން އެތަނުން ތެދުވިއެވެ.

" ހާދަ ކުޑަކޮށް ތިކެއީ…ތިވަރުން ބަނޑުފުރޭތަ؟…" ޒީޝާން ތެދުވުމާއެކު ޒައިކް އެހިއެވެ.

" ތެދެއް ދަރިފުޅާ…އަދި އެތިކޮޅެއް ކާލާ…" ޒީނާވެސް އެދުނެވެ.

އެންމެން އޭނާއަށް އާދޭހުގެ ނަޒަރަކުން ބަލަން ފެށުމުން ޒީޝާން އަނެއްކާވެސް އިށީނެވެ. މަންމަމެންނަށް އޭނާގެ އިހުސާސްތައް ދެނެނުގަނެވުނީތީ އޭނާއިނީ ދެރަވެފައެވެ. އޭނާ ކިތަންމެ ނަލަހެދިގެން އިން ނަމަވެސް އޭނާއިނީ އުފަލުން ނޫންކަން އެމީހުނަށް އެނގެން ޖެހޭނެ ނޫން ހެއްޔެވެ؟ އެމީހުން އޭނާއާމެދު ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ ހުރިހާ އެންމެން ކައިނިމިގެ ތެދުވިއިރުވެސް ޒީޝާން މަޑުމަޑުން ބަތްތަށިހާވަލަ ހާވާލަ އިނެވެ.

" ދެން ނުކެވުނިއްޔާ ބަހައްޓަބަލަ ދަރިފުޅާ….ކޮންމެހެން ގަދަކަމުން ކާނެއްކަމެއްނެތް…" ޒީޝާންއަށް ބަލާލަމުން ހައްވަ ބުނެލިއެވެ. ޒީޝާން ގަދަކަމުން ހިނިތުންވެލަމުން އެތަނުން ތެދުވިއެވެ.

" މިހާރު ދަތުރުގެ ހުރިހާކަމެއް ހަމަޖެހުނީތަ؟…" ސިޓިންރޫމަށް ނުކުމެ ސޯފާގައި އިށީއްނަމުން ޒައިކް އެހިއެވެ.
" ހޫމް…ދެން ހަމަ ފުރަންވީ…" ހަސަނު ޖަވާބުދިނެވެ.

" ކޮންއިރަކު ފުރަނީ؟.." ޖެހިލުންވެ ހުރެ ޒީޝާން އެހިއެވެ.

" ކުރިން ދުވަހުވެސް ބުނީމެއެއްނު…މާދަމާ ނޫން އަނެއް ދުވަހުއޭ ފުރަނީ…" ޒީޝާންއަށް ބަލާލަމުން ޒީނާ ބުނެލިއެވެ.

" އާނ…އަހަރެން ހަނދާން ނެތުނީ ޒީޝާން ގާތުގަ ދުވަސްބުނަން.." ޒައިކް އަވަސް އަވަހަށް ޖަވާބުދިނެވެ.

" އެދުވަހު ދަރިފުޅުގެ ފޯނަށް ގުޅިއިރު ނިވާލާއޭ ބުނީމަ ޒައިކްއަށް ގުޅި…އެކަމަކު އެގަޑީގަ ދަރިފުޅަށް ނިދިފަ އޮތީމަ މަންމަ ޒައިކް ގާތުގަ ފުރަން އުޅޭ ވާހަކަ ބުނީ….ހަމަ ކުއްލިއަކަށް ވިއްޔަ އެކޮޅުން ޖަވާބުދިނީ….އެހެންވެ ތަންކޮޅެއްލަހުން ދަރިފުޅުމެންނަށްވެސް އެންގުނީ…" ޒީނާ އޮޅުން ފިލުވައިދިނެވެ.

" ކޮބާ ދަރިފުޅު ފޯނު އަދިވެސް ނުހެދޭތަ؟…" ޒީޝާންއަށް ބަލާލަމުން ހަސަނު އެހިއެވެ.

" ހޫމް…ދެން އެ ހެދުމުގެ ބޭނުމެއްވެސް ނެތެއްނު…އަހަރެން މިވިސްނަނީ ޒީޝާންއަށް ފޯނެއް ގަނެދޭން….އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފޯނެއް ގަނެދޭނަން…." ޔަޤީންކަމާއެކު ޒައިކް ބުނެލިއެވެ.

" ނޫނޭ ދަރިފުޅާ…އެކުން އަވަހަށް ފޯނެއް ގަންނާނެކަމެއްނެތް…އަދި ގެޔަށް ބޭނުންވާ ބައިވަރު ސާމާނުވެސް ގަންނަން ހުންނާނެއްނު…މަންމަމެން ޒީޝާންއާ ވާހަކަދައްކަން ވީމަ ދަރިފުޅުގެ ފޯނަށް ގުޅާފާނަން…." ޒީޝާން ބުނެލިއެވެ.

ޒީނާގެ ވާހަކަތަކުން ޒައިކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއިރު، ޒީޝާންއިނީ ރުޅިއައިސްފައެވެ. ނަމަވެސް އޭނާއަކަށް އެކަމާ ދެކޮޅަށް ބަހެއްވެސް ބުނެވޭކަށް ނެތެވެ. މަންމަމެންވެސް އުމްރާއަށްދާން އުޅޭއިރުވެސް އޭނާއަށް އަންގާވެސް ނުލިއެވެ. މިހާރު އެމީހުންގެ އަމިއްލަ ދަރިޔަށްވުރެވެސް މުހިއްމީ ޒައިކްއޭ އޭނާގެ ހިތަށްއެރިއެވެ.

" މަންމާ އާދެބަލަ! އަހަރެން ބޭނުން އެގެއަށް ގޮސްލަން…." ޒީކް ބަލައިލަން ޒައިކް ކޮޓަރިއަށް ވަތް ވަގުތު ޒީޝާން ބުނެލިއެވެ.

" އައްދޭ….މާވަރަކަށް އެގެއަށްދާން ތިއުޅެނީ ކިހިނެއްވީ؟….މިގޭގަވެސް އިރުކޮޅަކު އިނދެލަން ޖެހޭނެއްނު…" ޒީޝާން ބުނި އެއްޗެއް އަޑުއިވިފައި ހައްވަ ހީކޮށްފާނެ އެއްޗަކަށް ޒީނާ ބުނެލިއެވެ.

" ނޫނޭ…ޒީޝާން އެގެއަށް ގޮސްލާފަ އާދެވޭނެއްނު….ޒީނާ ދޭބަލަ އޭނަޔާއެކު…" ޖަވާބުގައި ހަމީދު ބުންޏެވެ. ޒީނާވެސް ދެބަހެއްނެތި ޒީޝާންއާއެކުގައި ގެޔަށް ދިޔައެވެ.

" ކިހިނެއްވީ ދަރިފުޅާ….ކަމެއް ގޯސްވީތަ؟…" ގޯތިތެރެއަށް ވަދެވުމާއެކު ޒީނާ އެހިއެވެ.

" މަންމާ…މަންމަމެން ފުރަން ވަންދެން މިގޭގަ ހުންނަން ބޭނުމީ….މިހާރު ކިހާ ދުވަހެއް މިގޭގަ ނޫޅެނީ…" ކުޑަ ކުއްޖަކު ކުސްތަޅާ ފަދައިން ޒީޝަން ޝަކުވާކުރިއެވެ.

" އެކަމަކު ދަރިފުޅާ ޒައިކް އެކަނިކޮށްފަ ދަރިފުޅު އައީމަ އޭނަ ކީކޭ ހީކުރާނީ؟…ހައްވަ ދައްތަމެންވެސް ހިތްހަމައެއް ނުޖެހޭނެއްނު…އެމީހުނާމެދުވެސް ވިސްނަން ޖެހޭނެއްނު…" ޒީޝާންއަށް ވިސްނައިދިނުމަށް އޭނާގެ މަންމަ މަސައްކަތްކުރިއެވެ.

" އަހަރެން ނޫން އެންމެނާމެދު މަންމަ ވިސްނާނެ..މަންމައަށް ހެޔޮދޯ އަހަރެންނަށް ކޮންމެ ގޮތެއްވިޔަސް…." ކުއްލިއަކަށް އެހެންބުނުމާއެކު ޒީޝާންއަށް ރޮވިއްޖެއެވެ. އެތައް އިރެއްވާންދެން އޭނާގެ ލޮލުގައި އޮބަހައްޓައިގެން އުޅުނު ކަރުނަތައް ބޭރުވެއްޖެއެވެ.

" ދަރިފުޅާ…ކިހިނެއްތަވީ؟…ކޮންކަމަކާތަ ތިރޮނީ؟…" ޒީޝާންއަށް ވީގޮތުން ކަންބޮޑުވެފައި ޒީނާ އެހިއެވެ.

" މަންމަމެން ދާން އުޅޭތީ މާބޮޑަށް ދެރަވީދޯ؟…" ކުއްލިއަށް ގޯތިތެރެއަށް ވަތް ޒައިކް ޖަވާބުދިނެވެ. އެވަގުތު ޒީޝާންއަށް ހީވީ ބިރެއް ފެނުނުހެންނެވެ.

" ޒީޝާން ހަމަޖެހިބަލަ! އަދި ރޯކަށް ނުވެއެއްނު…އެތެރެއަށްވަދެ ހަމަޖެހިލައިގެން މަންމައާ ވާހަކަދައްކަ ބަލަ!…" ޒީޝާންގެ އަތުގައި ހިފާލަމުން ޒައިކް ބުންޏެވެ. ޒީޝާން ޒައިކްގެ އަތް ފޮޅުވާލާފައި ބާރުބާރަށް އެތެރެއަށް ވަނެވެ. އަދި އެދިޔަގޮތަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.

" އަން…މިއޮތީ ތަޅުދަނޑި….ދަރިފުޅު ގޮސް އޭނައަށް ވިސްނަދީ….އަދިވެސް ކުޑަކުއްޖެއް އުޅޭހެން އެއުޅެނީ…" ޒައިކްގެ އަތަށް ތަޅުދަނޑި ދެމުން ޒީނާ ބުނެލިއެވެ.

" އުނދަގޫނުކޮށް އިރުކޮޅަކު އެކަނި ބާއްވާ…އޭރުން ހިތްހަމަޖެހޭނީ…އަހަރެން ފަހުން ޚަބަރު ބަލާލާނަން…." ތަޅުދަނޑީގައި ހިފަމުން ހީލާފައި ޒައިކް ބުންޏެވެ. ޒީނާވެސް ޒައިކްއާ އެއްބައިވެ ބޯހަލުވާލިއެވެ.

ޒީޝާން ހިތްފުރޭންދެން ރުޔެވެ. އޭނާގެ އަމިއްލަ މައިންބަފައިންވެސް މިއަދު އޭނާގެ ހާލު ދެކޭކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ހިތާމަތައް އިހުސާސެއް ނުކުރެވުނެވެ. ޒައިކް އޭނާއާމެދު ކަންތައްކުރާގޮތް ކިޔައިދޭން އޭނާ ބޭނުންވެއެވެ. މަންމަގާތުގައި ބުނެ އާދޭސްކޮށްގެންވެސް، މަންމަމެން ފުރާންދެން އެމީހުންގާތުގައި ހުރެލަން ބޭނުމެވެ. އެންމެ ތިން ދުވަހުވެސް ޒައިކްއާ ދުރުގައި ހުރެވޭނެ ގޮތެއް އޭނާ ބޭނުމެވެ. އޭނާ ރުޔެވެ. އާދޭސްކުރިއެވެ. އޭނާގެ މަންމަގެ ހިތަށް ކެތްނުވެގެން އެއްބަސްވެސްވިއެވެ. ނަމަވެސް އޭނާގެ ބައްޕަ ވަގުތުން ދެކޮޅު ހެދިއެވެ.

" ކައިވެނިކުރީމަ ގެވާނީ ފިރިމީހާގެ ގެޔަށް….މައިންބަފައިންގެ ހައްޤަށްވުރެ ފިރިމީހާގެ ހައްޤު އިސްކުރަން ޖެހޭނީވެސް…އެހެންވީމަ ޒައިކް އެކަނިކޮށްފަ އެންމަ ދުވަހަކުވެސް ޒީޝާން މިގޭގަ ހުންނާކަށް ބައްޕަ ގަބޫލެއްނޫން…." ހަރުކަށިކަމާއެކު ބައްޕަ އިންކާރުކުރުމުން ޒީޝާންހުރީ ހައިރާންވެފައެވެ. އެއީ މީގެކުރިން ދުވަހަކުވެސް އޭނާގެ ބައްޕަ އޭނާއާ ވާހަކަދެއްކި ގޮތެއް ނޫނެވެ. ޒައިކް ބަދަލުވިފަދައިން ބައްޕަވެސް ބަދަލުވީބާއެވެ. ހަސަނު އޭނާގެ ނިންމުން އިއްވާލުމުން ޒީޝާން ހިމޭންވިއެވެ. އިތުރަށް އޭނާ ނުވެސް ރޮއެވެ. އާދޭހެއްވެސް ނުކުރެއެވެ.

ޒީޝާން އެދުވަހުގެ އިރުއޮއްސޭންދެން ޒައިކްގެ ގޭގައި ޒީކްއާއެކުގައި ވަގުތު ހޭދަކުރިއެވެ. ނަމަވެސް އޭނާ ޒީކް ފިޔަވައި އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. މެންދުރު ކެއުމަށްފަހު ޒައިކް ދިޔަގޮތަށް އޭނާގެ ޚަބަރެއް ނުވެއެވެ. އަންނާނެ އިރެއްވެސް ނޭނގެއެވެ. އެއެއް ބަލާކަށްވެސް ޒީޝާން ބޭނުމެއްނޫނެވެ.
****
ރޭގަނޑުގެ ވަގުތެވެ. ޒަލަފް އިނީ ފޭސްބުކުން ޚަބަރެއް ކިޔަން އިންދައި ޒީޝާންގެ ފޯނު ހުޅުވިކަން އަންގައިދިނުމުގެ ގޮތުން މެސެޖެއް އައެވެ. އޭނާ ޚަބަރުކިޔުން ހުއްޓާލާފައި އަވަހަށް ޒީޝާންއަށް ގުޅާލިއެވެ. ހަމަ ފޯނު ރިންގްވުމާއެކު ބިޒީކޮށްލިއެވެ. ދެންއައީ މެސެޖެކެވެ.

" މިވަގުތު ވާހަކަދެއްކޭކަށް ނެތް…." މެސެޖްގައި އޮތެވެ.

" އޯކޭ…ޒީ ޕްލީޒް މިރޭ ބައްދަލުކޮށްލެވިދާނެތަ؟…." ޒަލަފް މެސެޖްކޮށްލިއެވެ.

" އެންމެ ރަނގަޅު ދާންވީ ވަގުތަކާ ތަނެއް ބުނޭ…" ޒީޝާންގެ ޖަވާބުއައެވެ.

" އަހަރެން ބަލާދާންވީ ތަނެއްބުނޭ…އޭރުން އަހަރެންދާނަން…" ޒަލަފް ލިޔެލިއެވެ.

" ނޫނޭ…ކަމަކު ނުދާނެ…ދާންވީތަނެއް ބުނީމަ ވަގުތު ހޯދައިގެން އަހަރެން އެކަނިދާނަން….މިހާރު ދެމީހުން އެކުގާ ދިއުން ބުއްދިވެރިއެއް ނުވާނެ…" ޒީޝާންގެ ޖަވާބު ކިޔާލުމަށްފަހު ޒަލަފް ވިސްނާލިއެވެ. ދެން އޭނާ ބައްދަލުކުރަން ބޭނުންވާ ރެސްޓޯރެންޓާއި ގަޑި ލިޔެލާފައި މެސެޖްކޮށްލިއެވެ.

" އޯކޭ…ދާނަން…" ޒީޝާންގެ ޖަވާބުއައެވެ.

" އައުމުގެ ކުރިން ގުޅާލާތި!…އަހަރެން ފޮނުވާނަން ޓެކްސީއެއްގެ ނަމްބަރ…އެކަނި އަންނަންޏާ އޭގަ އާދޭ…" ޒަލަފް އެދުނެވެ.
" އޯކޭ" އެކޮޅުން ޖަވާބު އައެވެ.

ޒީޝާންއާ ބައްދަލުކުރަން ޒަލަފް ބުނި ރެސްޓޯރެންޓްގައި ޒައިކް އިންނަތާ އިރުކޮޅެއް ވެއްޖެއެވެ. ރެސްޓޯރެންޓްގެ މަތީގައިވާ ހުޅުވިފައިވާ މާހަލުގައި އިންއިރު، މަގުމަތިންދާ މީހުން ރީތިކޮށް ފެނެއެވެ. ޒައިކް ބަލަން އިންދައި ޒަލަފް ސައިކަލު ރެސްޓޯރެންޓާއި ދިމާލުން މަގުގެ އެއްފަރާތަށް މަޑުކޮށްލިއެވެ. އަދި ޖީބުން ފޯނު ނަގާފައި ގުޅަންފެށިއެވެ. އެވަގުތު ޒައިކްގެ ޖީބުގައި އޮތްފޯނު ވައިބްރޭޓްވާން ފެށިއެވެ.

" މިހުރީ ވަރަށް ކައިރީގަ…ޒަލްވަދޭ" ޒައިކް ފޯނު ބިޒީކޮށްލަމުން ލިޔެލިއެވެ.

ޒަލަފް ދެކޮޅު ހޯދާލަމުންއެތެރެއަށް ވަނެވެ. އަދި އާދައިގެ މަތިން އޭނާ ރެސްޓޯރެންޓްގެ މައްޗަށް އެރިއެވެ. މާބޮޑު ވިސްނުމެއްނެތި ގޮސް ޒައިކްގެ ފަހަތުގައިހުރި ހުސްމޭޒެއްގެ ކައިރީގައި އޭނާ އިށީނެވެ. ޒައިކް އޭނާގެ އަތުގައި އޮތްފޯނު ސައިލެންޓަށް ލުމަށްފަހު ސިއްރު ސިއްރުން ޒަލަފްއަށް ބަލާލިއެވެ.

ޒަލަފް އިންތިޒާރުގައި އިންނަތާ ފަނަރަ މިނެޓްވީއިރުވެސް ޒީޝާންގެ ޚަބަރެއް ނުވުމުން އޭނާ އަނެއްކާވެސް ގުޅާލިއެވެ. ފޯނު ރިންގްވެ ރިންގްވެ ކެނޑުނުއިރުވެސް ނުނެގިއެވެ. ޒަލަފް ތަކުރާރުކޮށް ޒީޝާންގެ ފޯނަށް ގުޅަމުން ދިޔައެވެ. އަދި ފޯނު ނުނެގުމުން މެސެޖްވެސް ކުރިއެވެ. ޒަލަފްގެ ހަރަކާތްތަކަށް ބަލަންއިރުކޮޅަކު އިނުމަށްފަހު ޒައިކް އިންތަނުން ތެދުވިއެވެ. އަދި ޒަލަފްއާ ދިމާއަށް ހިނގައިގަތެވެ.
ނުނިމޭ