Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

މޮރީނިއޯގެ ފުރަތަމަ މެޗުން ޓޮޓެންހަމް މޮޅުވެއްޖެ

ޓޮޓެންހަމްގެ އާ ކޯޗު ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް 3-2 އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޓޮޓެންހަމް މިހާރު އޮތީ 17 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ. ވެސްޓްހަމް އޮތީ 13 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވެފައިވަނީ އެ މަގާމުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމާ ގުޅިގެންނެވެ. ޕޮޗެޓީނޯ މަގާމުން ވަކިކުރިއިރު އެޓީމުން ލީގުގައި ނެރެމުން އައިސްފައިވަނީ ދަށް ނަތީޖާތަކެކެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސޮންއެވެ. އަދި ފުރަތަަމަ ހާފް ނިމުމުގެ ކުރިން ލޫކަސް މޯރާ ވަނީ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޓޮޓެންހަމް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ހެރީ ކޭން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި ގޯލަށްފަހު ވެސް އިތުރު ފުރުސަތުތަކެއް ޓޮޓެންހަމް އިން ތަނަވަސްކުރިއިރު މި މެޗުގައި ވެސްޓްހަމް އިން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ އެންޓޯނިއޯ އާއި އޮގްބޮނާއެވެ.

މިއީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށްފަހު ރަށުން ބޭރުގައި ކުޅެ ލީގުގައި ޓޮޓެންހަމް އަށް ހޯދުނު ފުރަތަމަ މޮޅެވެ. ލީގުގައި ޓޮޓެންހަމް ދެން ބައްދަލުކުރާނީ ބޯންމަތްއާއެވެ.