Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ލިވަޕޫލް މަގާމު ދެމެހެއްޓިއިރު، ސިޓީ ތިންވަނަ އަށް އަރައިފި

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ލިވަޕޫލް އިން މަގާމު ދިފާއުކުރިއިރު، މެންޗެސްޓަރ ސިޓީ ލީގުގެ ތިންވަނަ އަށް އަރައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 37 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 29 ޕޮއިންޓާ އެކު ލެސްޓަ ސިޓީ އޮތްއިރު ތިންވަނައިގައި 28 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީއެވެ.

ލިވަޕޫލް ރޭ މޮޅުވީ ރަށުން ބޭރުގައި ލީގުގެ 13 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސްއާ ބައްދަލުކޮށް އުނދަގޫތަކަކަށްފަހު 2-1 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅު ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. މެޗުގެ 82 ވަނަ މިނެޓްގައި ވިލްފްރެޑް ޒަހާގެ ގޯލާއެކު ޕެލެސް އިން ނަތީޖާ އެއްވަރުކުރި ނަމަވެސް މެޗުގެ 85 ވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލަށް އަލުން ލީޑު ނަގައިދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މެންޗެސްޓަރ ސިޓީ ރޭ މޮޅުވީ ލީގުގެ ހަތަރުވަނައިގައި އޮތް ޗެލްސީއާ ބައްދަލުކޮށް 2-1 އިންނެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓްގައި މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެންގޯލޯ ކަންޓޭ އެވެ. ނަމަވެސް މެޗުގެ 29 ވަނަ މިނެޓްގައި ކުރިން ޗެލްސީ އަށް ކުޅުނު ކެވިން ޑެ ބްރައިނާ ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓްގައި ރިޔާދް މަހްރޭޒް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ސިޓީ އަށް ލީޑު ނަގާދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ އަށް ވެސް ގޯލެއް ކާމިޔާބުކުރަން ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ސިޓީން ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެއެވެ. އެގޮތުން ޑެ ބްރައިނާ އާއި ފާނަންޑީނިއޯ އަދި ފިލް ފޮޑެން ފޮނުވާލި ހަމަލާތައް ޗެލްސީގެ ކީޕަރު ކެޕާ ވަނީ ދިފާއުކޮށްފައެވެ.

ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ސައުތްހެމްޓަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު އާސެނަލް މިހާރު އޮތީ 18 ޕޮއިންޓާ އެކު ލީގުގެ 7 ވަނައިގައެވެ.