Last Updated: March 28, 21:43
Thursday, March 28, 2024
ރިޕޯޓް

އައްޑޫ ރަދުންނަކީ ކާކު؟

އައްޑޫ، ހުވަދު އަދި މާލޭގެ ބޭފުޅުންތަކެއް. ފޮޓޯ/ އިބްރާހީމް ފިރާގް ކަލެކްޝަން

ނޯޓް: މިއީ "މީދޫ.ކޮމް" ގައި އުނިސާރުގެ ނަމުގައި ޖުލައި 29، 2012 ގައި ޝާއިއުކޮށްފައިވާ ލިއުމެކެވެ. ލިއުން ގެނެސްދީފައި މި ވަނީ އެއްވެސް އުނިއިތުރު ކަމެއް ނެތި އެެވެ.

* އައްސުލްތާން މުހައްމަދު ބިން އަލްހާއްޖު އަލީ ތުއްކަލާ:

ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑު އަތޮޅަށް އުފަން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ ވެރިރަށް ފުރަ މާލޭގައި ހުންނަ ވެރިކަމުގެ ތަޚުތުގައި އިށީދެ އެ ތަޚުތު ހޫނު ކުރުމުގެ ޝަރަފް ލިބިފައި ވަނީ އެންމެ މީހަކަށެވެ. އެ މީހަކީ އައްސުލްތާން މުހައްމަދު ބިން އަލްހާއްޖު އަލީ ތުއްކަލާ އެވެ.

އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ ދެއްވަދޫ ރަސްގެފާނުގެ ނަމުންނެވެ. ދެއްވަދޫވިއަސް އައްޑޫވިއަސް އަދި އެހެން ތަނެއްވިއަސް އައްސުލްޠާނު މުޙައްމަދުގެ ބައްޕަ އަކީ އައްޑޫ އަލްޤާޟީ މުހުއްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު ގެ ދަރިކަލުން އަލްހާއްޖު އަލީ ތުއްކަލާ އެވެ.
މަންމަ އަކީ ހުވަދު އަތޮޅު ދެއްވަދޫ ކަކުނީ ދިޔޯ އެވެ. މިހައިއިރު މިއީ އައިބު ނަމެއްކަމުގައި ވިއަސް އެދުވަސްވަރު މިނަމުގެ މާނަ އަކީ ރީތި އަންހެނާ އެވެ.

އައްސުލްތާނު މުހައްމަދުގެ މައި ފުށާއި ބަފައި ފުށަށް ބަލާއިރު އެއީ އައްޑޫ ރަދުންނޭ ބުނެވެން އެބައޮތެވެ. ދެއްވަދޫ ރަސްގެފާނޭ ވެސް ބުނެވެން އެބައޮތެވެ.

ކޮންމެ ގޮތެއްވިއަސް އެ ރަސްގެފާނު ބޮޑަށް މަޝްހޫރުވެފައި ވަނީ ދެއްވަދޫ ރަސްގެފާނުގެ ނަމުންނެވެ. ދެއްވަދޫ ރަސްގެފާނުގެ ނަމާއި ދެއްވަދޫ ފަނޑިޔާރު ތަކުރުފާނުގެ ނަން ލިބިވަޑައިގަތުމުގެ ސަބަބަކީ އެރަދުންގެ މައިކަމަނާއަކީ ދެއްވަދޫ ބޭކަނބަލަކަށް ވުމާއި އުފަންވެވަޑައިގަތީ ވެސް ދެއްވަދޫގައި ކަމަށް ވުމުންނެވެ. މިނޫން އިތުރު އެހެން ގުޅުމެއް ނެތެވެ.

* ރަސް ކަމަށް އިސްވުން:

އަރަބި ކަރައިން ރާއްޖެއައި މީހަކު ތިމަންނާއީ މައްކާގެ ސައްޔިދު ބޭކަލެކޭ ބުނެގެން ދިވެހިން އެމީހާ އުރުވަޑުވައިގެން ގެނެސް ދިވެހި ރަސްކަމުގެ ތަޚުތުގައި ވަޑުވައިފި އެވެ. މީނާ ފުރަ އުއްތަވިއިރު ދަރިކަލަކު ވެސް އަދި ދަރި ކަނބަލަކުވެސް ނުވެ އެވެ. އަދި ކިއެއްތަ އައުލާދަކު ވެސް ރާއްޖެއަކު ނެތެވެ. މިހެން ވުމުން ގަނޑުވަރުގައި ޝާހީ އެކަކުވެސް ނެތީއެވެ. އަވަހާރަވި ރަސްގެފާނު ފަސްދާނުލުމަށް ފަހު ބޮޑުން ބޭނުންވީ އެދުވަސްވަރު މާލޭގައި ހުންނެވި އިލްމުވެރިއެއް ކަމަށްވާ އައްޑޫ މީދޫ ގަނޑުވަރު މުހައްމަދު ސިރާޖުއްދީން ތަޚުތަށް އިސް ކުޅައުމަށެވެ. ސިރާޖުއްދީން މިކަމަށް އިންކާރު ކުރައްވައި އެރޭ ދެ ނަމާދު ދޭތެރޭގައި އާއިލާ ގޮވައިގެން މާލެއިން ބޭރުވެވަޑައިގަތެވެ. އޭނާ ވަޑައިގަތީ ހައްދުން މަތީ ފުނަދޫއަށެވެ. އޭނާ އަވަހާރަވީ ވެސް ފުނަދޫގަ އެވެ. ފުނަދޫ ޚަތީބު ތަކުރުފާނުގެ ނަން ދެވުނީ އެހެންވެގެންނެވެ.

ސިރާޖުއްދީން އަތު ނުޖެހުމުން ދެން ބޮޑުން ދިޔައީ ދެއްވަދޫ ފަނޑިޔާރު ތަކުރުފާނުގެ އަރިހަށެވެ. ދެއްވަދޫ ފަނޑިޔާރާގެ އަރިއަހަށް ބޮޑުން ދިއުމުގެ ސިއްރުތަކުގެ ތެރެއިން އެއް ސިއްރަކީ ނުހަނު ދީލަތި ގޮތެއްގައި ބޮޑުންގެ ޖީބު އޭނާ ބަރުކޮށްދެއްވުމެވެ. މިޒަމާނުގައި ނަމަ އެއީ ރިޝްވަތު ދިނުމެވެ. އޭރު ކިޔާ ނަމެއް ނޭނގެއެވެ.

ކޮންމެއަކަސް ކުރީއްސުރެ ރޭވި ހަމަޖެހިފައި އޮތް ގޮތުގެ މަތިން އޭނާ މިކަމަށް އާނ ބަސް ވިދާޅުވެ އައްސުލްޠާނު މުޙައްމަދުގެ ނަންފުޅުގައި ރަސްކަމަށް އިސްވެ ވަޑައިގަތީ 05 ނޮވެމްބަރ 1692 ވީ ބުދަ ދުވަހު އެވެ. ތަޚުތަށް އިސްވެވަޑައިގެންނެވި ދުވަހުގެ ރޭ މާލޭގެ ނާބަތުޚާނުގައި ބަޑި ކުޅީގެ ކުޅިވަރު ކުޅުމާއި އުފާ ފައުޅު ކުރުމުގެ ކަންތައް ވަރަށް ގަދައަށް ދެއްވަދޫ ފަނޑިޔާރާގެ ސަޕޯޓަރުން ކުރިކަމަށްވެއެވެ.

މި އެންމެހައި ސަޕޯޓަރުންނަކީ ފަނޑިޔާރާގެ އަދުލުވެރިކަމާއި ދީންވެރިކަމަށް އަދި އިލްމުވެރިކަމަށް ނުބަލައި އޭނާގެ ދީލަތިކަމަށް ދީލާލައިގެން ތިބި މީހުން ކަމުގައިވި އެވެ. ކޮންމެއަކަސް އޭނާ ރަސްކަން ކުރެއްވީ 05 ނޮވެމްބަރ 1692 އިން 16 ޖެނުއަރީ 1701 އަށެވެ. ރަސްކަމަށް އިސްވެވަޑައިގަތްތާ ހަތް ވަނައަށްވީ ދުވަހު ހަސަން ތާޖުއްދީނަށް ފަނޑިޔާރުކަމަށް ކޮލި ލެއްވި އެވެ. އެއީ 11 ނޮވެމްބަރ 1692 ވީ ބުދަ ދުވަހެވެ. މި ހަސަން ތާޖުއްދީނަކީ ދިވެހި ތާރީޚު އެންމެ ފުރަތަމަ ލިޔުއްވި ތާރީޚުގެ އައްޕަ އެވެ.

ސުލްތާން މުހައްމަދަށް ރަސްކަން ލިބުމުގެ ކުރިން މެދުނުކެނޑި 14 އަހަރު ފަނޑިޔާރުކަން ކުރެއްވި އެވެ.

* ރަސްކަމުގެ މުއްދަތު:

މުހައްމަދު ބިން އަލީ ތުއްކަލާ ފަނޑިޔާރުކަން ކުރެއްވި މުއްދަތާ މެދު އޮޅުން އަރާ ބައެއް އެހެން ލިއުންތައް ވެސް ފެންނާން އެބަހުއްޓެވެ. މީގެ ތެރެއިން އެއް ލިއުމުގައި ވަނީ އޭނާ ފަނޑިޔާރުކަން ކުރެއްވީ އައްސުލްތާން އިބްރާހިމް އިސްކަންދަރުގެ ރަސްކަމުގެ ބަޔައަކާއި އައްސުލްޠާން ކުޑަ މުހުއްމަދުގެ ރަސްކަމާއި، އައްސުލްޠާން މުހުއްމަދު މުހްޔިއްދީނުލް އާދިލްގެ ރަސްކަމާއި، އައްސުލްޠާން އައްސައްޔިދު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގައި ކަމަށެވެ.
މުޅިއެކު 4 ރަސްކަލުންގެ ރަސްކަމުގައި 44 އަހަރު ފަނޑިޔާރުކަން ކުރެއްވުމަށްފަހު 8 އަހަރު ރަސްކަން ކުރެއްވި ކަމުގަ އެވެ.

* ޚިދުމަތާއި ސިޔާސަތު:

އެއީ އިންސާފުވެރި ފަނޑިޔާރެކެވެ. އަދުލުވެރި، އިލްމުވެރި ރަސްކަލެކެވެ. މިރަސްގެފާނަކީ ބުރުސޫރައިގެ ގޮތުންވެސް އަރާ ހުންނެވި ބަނިޔާދަން ބޭފުޅެކެވެ.
ޢިލްމުވެރީންނަށް ބައިތުލްމާލުން ބަޖެޓެއް ކަނޑައަޅުއްވައި އެބޭފުޅުންނަށް ދައުލަތުން ޚަރަދު ކުރުމުގެ ކަންތައް ފެއްޓެވީ މި ރަސްގެފާނެވެ. އިލްމުވެރިންނަށް ޤަދަރު ކުރައްވައި އިލްމު ފެތުރުއްވުމަށް މަސައްކަތް ކުރެއްވި އެވެ. އެދުވަސްވަރު ޢިލްމުވެރީން ގިނަގިނައިން ފައުޅުވި އެވެ.

އިހުގެ ބައެއް ރަސްކަލުން ހެއްދެވި ގިނަ މިސްކިތްތައް މަރާމާތު ކުރައްވައި ރާއްޖޭގެ އެތަން މިތާގައި އަލަށް މިސްކިތްތައް ބިނާ ކުރެއްވި އެވެ. އަދި މިސްކިތު ވަޤުފުން އިހަށް ހިފިފައި ހުރި ތަކެތި ދެއްވައި ރައްޔިތުންގެ ވާރުން އެތައް އެއްޗެއް ކަނޑުއްވައި ހެއްދެވި އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ހުންނަ ހިރިގަލު އެއް ސައިޒެއްގެ މިސްކިތްތަކަކީ މިރަސްގެފާނު ބިނާ ކުރެއްވި މިސްކިތްތަކެއް ކަމަށް ވެއެވެ.

މިފަދަ 40 ހަކަށް މިސްކިތް ބިނާ ކުރެވިފައިވެ އެވެ. އެޒަމާނުގެ ޙާލަތަށް ބަލާއިރު މިއީ ވަރަށް ބޮޑު ޚިދުމަތެކެވެ. ފަޤީރުންގެ ޙާލު ބައްލަވައި ފަޤީރުންނަށް ދަޢްލަތުގެ ޚަޒާނާއިން ހޭދަ ކުރެއްވި އެވެ. ރާއްޖޭން ބޭރާއި ބެހޭ ވިޔަފާރި މިނިވަން ކަމާއެކު ކުރެވޭނެ މަގުފަހި ކޮށްދެއްވި އެވެ. ރައްޔިތުން އަތުން ނެގޭ ވާރު ލުއި ކޮށް ދެއްވި އެވެ.

ކޮންމެ އާޝޫރާ ދުވަހަކު ޚަޒާނާއިން ފައިސާ ނެރުއްވައި ބައްސަވައި ދަރަނިވެރީންގެ ދަރަނި ފުއްދަވަތެވެ. ހިންދު ކަރައިންނާއި މަލަބާރިކަރައިން ވެސް ދަރަނިވެރީން އައުދެތެވެ.
އެ މީހުނަށް ދަރަނި ފުދޭވަރަށް ދެއްވީމައި އުހަލުން އެމީހުން ދެތެވެ. އެޒަމާނުގައި ދިވެހިރާއްޖޭގެ ރައްޔިތުން ހެއުތިޔާގި ކަމުގައި ތިބެތެވެ.
ބޭރު ޤައުމުތަކުގެ މީހުންނާ ގުޅުން އުފެއްދުން އެޒަމާނުގައި ހިންދު ކަރައިންނާއި އަސެއިން ގިނަ ޢަދަދަކަށް ނައުފަހަރު އައިސް އުޅުނެވެ.

ބޭރުން އަންނަ ވިޔަފާރިވެރިންނަށް ރޯނާއި މަހާއި ބޮއްޔާއި ވިއްކުން އާންމުންނަށް މަނާކުރައްވައި އެތަކެތި ބައިތުލްމާލަށް ބައްލަވައިގެންފައި އެތަކެތި ބޭރުން އައިސް ތިބި މީހުންނަށް ވިއްކެވި އެވެ.
އަދި ސަރުކާރަށް މައުމޫލަށް ނެގޭ ހަނޑޫ ގަންނަ އަގުގައި ވެލާނާ ބޭކަލަކަށާއި ބޮޑު ބަނޑޭރި ބޭކަލަކަށާއި ކޮންމެ މީހަކަށް ފަންސާސް ކަޑި ހަޑޫ ބޭރުން އަންނަ ކޮންމެ ނަވަކުން ނެގުމުގެ ހުއްދަ ދެއްވި އެވެ.

ދެން އެ ދެ މީހުން އެއަހަރު އެދެއްވި ހުއްދައިގެ މަތިން ކަންތައް ކުރައްވަތެވެ. އަހަރަކަށްވުރެ އަހަރަކު އެދެމީހުން ނަގާ ތަކެތި ގިނަވަމުން ގޮސް ހަޑޫ ނޫން އެހެންތަކެތި ވެސް ނަގައި ދެރަ މީހަކަށް އެދެމީހުންގެ އަތުން ނޫނީ ވިޔަފާރި އެއް ވެވޭނޭ މަގެއް ނެތިއްޖެ އެވެ. މިކަންކަމާއި އެކު ވެސް އެޒަމާނުގެ ރައްޔިތުން ބޮޑު ނިޢުމަތުގައި އުޅުނެވެ.

* އަޅުންގެ ވިޔަފާރި ހުއްޓުވުން:

މި ރަސްގެފާނުގެ ރަސްކަމުގައި އަޅުން ފަދައިން މިނިވަން އަންހެނުން ލައްވައި އުޖޫރަޔަކާއި ނުލައި މަސައްކަތް ކުރުވުމާއި އެކަކު އަނެކަކަށް އަޅުން ވިއްކުމާއި މިޒާތުގެ ކަންތައް މަނާ ކުރެއްވި އެވެ. މީގެ އިހުގައި ބޮޑުންގެ މީހުން ދެރަމީހުން ލައްވައި އުޖޫރަޔަކާއި ނުލައި މަސައްކަތް ކުރުވައި އަޅުން ފަދައިން އެމީހުން ވިއްކައި ހަދަ އެވެ.

މިރަދުންގެ ޒަމާނުގައި ކަނޑިން ބޮޑު ފިޔޮހީން އަމިއްލައަށް ސިލުވާން ކުޅައުން މަނާ ކޮށް އެކަންތައް ހުއްޓުވި އެވެ. އަދި ބޮލު އިސްތަށިގަނޑު ކަނޑައި ލިބާސް ވީދައި މިވައްތަރަށް އަންހެނުންނަށް ސިލުވާން ކުޅައިން ވެސް މަނާ ކުރެއްވި އެވެ.

* އަވަހާރަވުން:

މިރަސްގެފާނު އަވަހާރަވީ 16 ޖެނުއަރީ 1701 ވީ އާދީއްތަ ދުވަހުގެ ރޭގަޑު އެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގެ ހުޅަނގު ފަރާތުގައި ހަދާފައި ހުރި ބިސްތާނުގަ އެވެ މިރަސްގެފާނުގެ ޒިޔާރަތް ހުކުރު މިސްްކިތު ގަބުރުސްތާނުގައި މިހައިރު ވެސް އެބަހުއްޓެވެ.

ރަސްގެފާނު އަވަހާރަވިއިރު ދަރިކަލަކު އަދި ދަރިކަނބަލަކު ނުވެއެވެ. އެހެންވެ ދެއްވަދޫ ޑައިނާސްޓީގެ ނަމުގައި ޑައިނާސްޓީއެއް އުފެދޭ ގޮތެއް ނުވިއެވެ. އެހެން ނޫން ނަމަ މިހާރު ވެސް މި ރާއްޖޭގައި ވެރިކަން ކުރާ ބަޔަކީ ދެއްވަދޫ އައުލާދު ކަމަށް ވުން އެކަށީގެންވެ އެވެ.

* ނިންމައިލުން:

ޔުނައިޓެޑް ސުވާދީވް އައިލެންޑްސް އުފެދި އެ ދައުލަތުގެ ރައީސް ކަމަށް ހިތަދޫ ފިނިފެންމާގޭ އަބްދުﷲ އަފީފު އިންތިޚާބު ކުރުމުން އޭނާ އަށް މަލާމާތް ކުރުމަށް މާލޭގެ ބޮޑުން އެއީ މަގޫ ދަނޑި ސަރުކާރުގެ އައްޑޫ ރަދުންނޭ ކިޔައި ނަން ދިނެވެ. އަފީފަކީ ރަސްކަލެއް ނޫނެވެ. ރައީސެކެވެ.

އެހެންވެ އޭނާ އަށް ރަދުންނޭ ނުކިޔޭނެއެވެ. ކިޔައިގެންވެސް ނުވާނެއެވެ. އެކަމަކު އަފީފަށް ނިސްބަތްވާ ގޮތަށް ރަދުންނޭ ކިޔުމުގެ އާދަ ދެކުނުގެ ބައެއް މީހުން މިހައިރުވެސް އެބަ ގެންގުޅެއެވެ.

މި ލިޔުން ލިޔުމުގެ މަގްސަދަކީ އަފީފަކީ އައްޑޫ ރަދުން ނޫން ކަމާއި ބަޔަކު އައްޑޫ ރަދުންނެއް ކޮންމެހެން ވެސް ބޭނުން ވެގެން އުޅޭނަމަ އައްޑޫ ރަދުންނޭ ކިޔުން އެންމެ އެކަށީގެންވާ މީހަކު ތާރީޚުގެ ހިރަފުހުގެ ތެރެއިން ދަމާ ނެރެ ދެއްކުމެވެ.