Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ފަހު ވަގުތު ޝެފީލްޑުން ޔުނައިޓެޑް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ 17 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ. ޝެފީލްޑް އޮތީ 18 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ޝެފީލްޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 19 ވަނަ މިނެޓްގައި ޖޯކް ފްލެކް ވަނީ ޝެފީލްޑަށް ލީޑު ނަގާދީފައެވެ. ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ވެސް ޝެފީލްޑުން ތަނަވަސްކުރިއިރު މެޗުގެ 52 ވަނަ މިނެޓްގައި ލީސް މޫސެޓް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑެއް ޝެފީލްޑުން ނަގާފައިވަނިކޮށް މެޗުގެ 72 ވަނަ މިނެޓްގައި ޒުވާން ޑިފެންޑަރު ބްރެންޑަން ވިލިއަމްސް ވަނީ ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ 77 ވަނަ މިނެޓްގައި މޭސަން ގްރީންވުޑް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިންއިރު މެޗުގެ 79 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

މި ގޯލާއެކު ޔުނައިޓެޑް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުތެރޭ އޮލިވާ މެކްބާނީ ވަނީ ޝެފީލްޑަށް ނަތީޖާ އެއްވަރުކޮށްދީ މި މެޗުން އެޓީމަށް ޕޮއިންޓެއް ހޯދާދީފައެވެ.

ލީގުގައި ޔުނައިޓެޑް ދެން ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ. ޝެފީލްޑް ބައްދަލުކުރާނީ ވުލްވްސްއާއެވެ.