Last Updated: April 19, 18:16
Friday, April 19, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( އަށާރަވަނަބައި)

ޒަލަފް އިންތިޒާރުގައި އިންނަތާ ފަނަރަ މިނެޓްވީއިރުވެސް ޒީޝާންގެ ޚަބަރެއް ނުވުމުން އޭނާ އަނެއްކާވެސް ގުޅާލިއެވެ. ފޯނު ރިންގްވެ ރިންގްވެ ކެނޑުނުއިރުވެސް ނުނެގިއެވެ. ޒަލަފް ތަކުރާރުކޮށް ޒީޝާންގެ ފޯނަށް ގުޅަމުން ދިޔައެވެ. އަދި ފޯނު ނުނެގުމުން މެސެޖްވެސް ކުރިއެވެ. ޒަލަފްގެ ހަރަކާތްތަކަށް ބަލަންއިރުކޮޅަކު އިނުމަށްފަހު ޒައިކް އިންތަނުން ތެދުވިއެވެ. އަދި ޒަލަފްއާ ދިމާއަށް ހިނގައިގަތެވެ.

" އަހަރެން މިތާ އިށީނދެލަންތަ؟…" ފޯނަށް ބަލަން އިން ޒަލަފް އިސްއުފުލާ ބަލާލީ ޒައިކްގެ އަޑަށެވެ. ކުއްލިއަކަށް ޒައިކް ކުރިމަތިން ފެނުމުން ހައިރާންވެ، ކަންބޮޑުވީވަރުން ބަހެއް ބުނަން ނޭނގިފައި އިރުކޮޅަކު އޭނާއަށް އިނދެވުނެވެ.

" އެހެންމީހަކަށް ރިޒާވްކޮށްފަ ހުރިތަނެއްތަ އަނެއްކާ؟.." ހަޤީގަތް އެނގިހުރެވެސް އާދައިގެ ގޮތަކަށް ޒައިކް އަހާލިއެވެ.

" ނޫން…އިށީނދޭ…." ގޮނޑީގައި ހަމަޖެހިލަމުން ޒަލަފް އަވަސް އަވަހަށް ބުނެލިއެވެ.

" ތެންކިޔު…" އިށީއްނަމުން ޒައިކް ޝުކުރު އަދާކުރިއެވެ.

" ޒައިކް..މިތާ…އެކަނިތަ؟…" ޖެހިލުންވެ އިނދެ ޒަލަފް އަހާލިއެވެ.

" އާނ…ނެތެއްނު އިތުރު މީހެއް މަށާއެކު…އެކަމު ޒަލަފް ހާދަ ހީވެޔޭ މީހަކަށް އިންތިޒާރު ކުރާހެން….އަންހެން ކުއްޖަކަށް ދޯ…" ޒަލަފް އިންތިޒާރު އެކުރަނީ ޒީޝާންއަށްކަން އެނގޭތީ ހިތުގައި ގިނި އަނދާހާލުވެސް ހިނިތުންވެލަމުން ޒައިކް އެހިއެވެ.

ޒައިކްގެ އެޖުމްލައިން ކަންބޮޑުވެގެން ޒަލަފް އަށް ހިންދިރުވާލެވުނެވެ. ޒައިކް ހަމަކުއްލިއަކަށް އެތަނުން ފެނުމާއި އަދި އެގޮތަށް ސުވާލުކުރުމުގައި ކޮންމެވެސް ގުޅުމެއް އޮތްކަން އޭނާއަށް ވިސްނުނެވެ. ޒައިކް އެއުޅެނީ ހަޤީޤަތް އެނގިގެންހެން ޒަލަފްއަށް ހީވިއެވެ. ޒީޝާން އޭނާއާ ބައްދަލުކުރަން އަންނަކަން އެނގިގެން އެކަމަށް ފާރަލަނީކަމަށްވެސް ވެދާނެއެވެ. އެހެން ވެއްޖެނަމަ މިރޭ އެދެމީހުން ޒައިކްގެ ކުރިމަތީގައި ފަޟީހަތްވާނެއެވެ.

" ކިހިނެއްވީ؟…ކުރަން ނުވާވަރު ސުވާލެއްތަ މިކުރެވުނީ؟…" ޒަލަފް ހިމޭނުން އިނުމުން ޒައިކް އަހާލިއެވެ.

" ނޫނޭ…އެހެނެއްނޫން….ބައެއް އިންތިޒާރަކީ އޭގެ ނިމުން އަންނަ އެއްޗެއްނޫން…" ޒައިކްއަށް ބަލާލަމުން ފަނޑުގޮތަކަށް ހީލާފައި ޒަލަފް ޖަވާބުދިނެވެ.
ޒަލަފް ބުނި އެއްޗެއްގެ މާނަ ޒައިކްއަށް ރަނގަޅަށް ވިސްނުނެވެ. ނަމަވެސް ޖަވާބެއްނުދީ ޒަލަފްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނީ އެމޫނުން އެއްޗެއް ހޯދާފަދަ ގޮތަކަށެވެ. ޒަލަފްގެ މޫނުން ފެށިގެން ހަށިގަނޑަށް ޒައިކްގެ ނަޒަރު ދަތުރުކުރިއެވެ. އެވަގުތު ޒަލަފްއާ އޭނާގެ އަމިއްލަ ނަފްސާ އަޅާކިޔާލެވުނެވެ. ޒަލަފްއަކީ އަންހެންކުދިން ހިތްކިޔާކަހަލަ ރީތިކަމެއް ލިބިފައިހުރި ޒުވާނެކެވެ. އިސްކޮޅުންދިގުވެފައި ހަމުގެ ކުލަ އަތްޔެވެ. ހަށިގަނޑު ވަރުގަދަވެފައި ފިރިހެންވަންތައެވެ. މޫނުގެ ވަނާތައް ރީތިވެފައި ހިތްގައިމެވެ. އެންމެ ޒަމާނީ ގޮތަށް ހެދުންއަޅައި އިސްތަށިގަނޑު ސްޓައިލްކޮށްފައިވަނީވެސް އަންހެންކުދިންގެ ކަޅިތައް ހުއްޓޭފަދަ ފާޑުވެރިކަމާއެކީގައެވެ. ޒަލަފް އެވަނީ އޭނާގެ އަދާތަކުގައި ޒީޝާން ރަނގަޅަށް ޖައްސާފައެވެ. ވީއިރު އޭނާފަދަ އާދައިގެ ސިފަތަކެއް ލިބިފައިހުރި މީހަކަށް ޒީޝާން ބަލާލާނެ ހެއްޔެވެ؟ ޒަލަފްއާ ދިމާބަލަން އިންއިރު، ޒައިކްގެ ހިތުގައި ހަސަދައިގެ އޮޔެވަރެއް ހިނގާލީ ބޭއިޚްތިޔާރުގައެވެ.

" ކޮފީއެއް ގެންނަންވީނު….މިތާ ކޮފީ ވަރަށް މީރުވާނެ…." ޒައިކް ބަލަންއިންގޮތުން އުނދަގޫވެގެން ޒަލަފް ބުނެލިއެވެ.

" އަހަރެން ހަމަ ދެންމެ ކޮފީއެއް މިބުއީ…ދާން އުޅެނިކޮށް ޒަލަފް ފެނިގެން މިމަޑުކޮށްލީ…." ހިތުގައި ހިނގާލި ރުޅިވެރިކަން ފޮރުވަމުން ޒައިކް ބުނެލިއެވެ.
" އެހެންތަ؟…ޒައިކް ކުރިންވެސް މިތަނަށް އަންނަންތަ؟…ކުރިން ނުދެކޭތީ މިހެން މިއެހީ…" ޒައިކް އެތަނަށް އައި މަޤުސަދާމެދު ޝައްކުވެގެން ޒަލަފް އަހާލިއެވެ.

" ނޫން…އަހަރެން އަދި އަލަށް މިތަނަށް މިއައީ…އަހަރެންނަކީ އާއްމުކޮށް މިކަހަލަ ތަންތަނަށް އައިސް އުޅޭމީހެއްނޫން….އެކަމު އަހަރެން ހީވަނީ މިއީ ޒަލަފް ވަރަށް އާއްމުކޮށް ކޮށްއުޅޭ ކަމެއްހެން…." ދެމާނަ އެކުލެވޭގޮތަކަށް ޒައިކް ބުނެލިއެވެ.

" ނޫނޭ…އަހަރެންވެސް އާއްމުކޮށް އައިސް ނޫޅެން…ބައެއްފަހަރު އަންނަނީ…" ޒަލަފް ޖަވާބުދިނެވެ.

" މާނައަކީ ވަރަށް ޚާއްސަ ވަގުތު ތަކުގައޭދޯ އަންނަނީ؟ އެހެންވީމަ މިރެއަކީވެސް ވަރަށް ޚާއްސަރެއެއްތާދޯ…އެކަމު ވަރަށްދެރަ އަހަރެންގެ ސަބަބުން ތި އިންތިޒާރު ކުރާ ކުއްޖާވެސް ހިޔެއްނުވޭ ދެން އަންނާނެހެންނެއް…އެހެންވީމަ ތިއީ ނިމުމެއްނެތް ބޭކާރު އިންތިޒާރެކޭ ބުނެވިދާނެ…" ނުސީދާގޮތެއްގައި ޒަލަފް ބޭނުންވާ ޖަވާބު ޒައިކް ދިނެވެ.

" ބައެއް އިންތިޒާރަކީ އޭގެ ނިމުމެއް ނެތް އެއްޗެކޭ އަހަރެން ބުނީ އެހެންވެ….ފަހަރެއްގަ އަހަރެންގެ މިއިންތިޒާރަކީ ދުވަހަކުވެސް ނިމުމެއް ނެތް އެއްޗަކަށްވެސް ވެދާނެ…" އަސަރެއްނެތް ގޮތަކަށް ހީލަމުން ޒަލަފް ބުނެލިއެވެ.

" މާނައަކީ ކިތަންމެ ބޭކާރު ކަމަކަށްވިޔަސް، ތިގޮތަށް މުޅި އުމުރަށްވެސް އިންތިޒާރު ކުރާނަމޭތަ؟…" ޒަލަފްގެ ޖަވާބުން ހައިރާންވެގެން ޒައިކް އަހާލިއެވެ.

" އުއްމީދެއް އޮތްހާ ހިނދަކު އިންތިޒާރު ކުރެވޭނެދޯ؟….އެކަމު އަހަރެން ހަމަ ތިސުވާލު ޒައިކްއާ ކޮށްފިނަމަ، ޒައިކް ކޮންޖަވާބެއް ދޭނީ؟…ޒައިކްވެސް ތިކުރަނީ ހަމަ އިންތިޒާރެއްނު!…އެހެންނޫނަންމަ މިރޭ މިތާ ތިގޮތަކަށް އެކަނި ނީންނާނެ…" ޒައިކްއާ ހަތަރުކަޅި ހަމަކޮށްލަމުން ޒަލަފް އެހިއެވެ.

ޒަލަފްކުރި ސުވާލު ވިސްނުމުން ޒައިކް ފުންނޭވާއެއް ދޫކޮށްލިއެވެ. ތެދެކެވެ. ޒީޝާން ލޯބިނުވާކަށް އެނގިހުރެ، އޭނާވެސް އެކުރަނީ އިންތިޒާރެވެ. ޒީޝާން ލޯބިވަނީ ޒަލަފްދެކެއެވެ. ވީއިރު، އެކަނިވެނި ދަމަހައްޓަން އޭނާއެކުރަނީ ބޭކާރު މަސައްކަތެއް ނޫން ހެއްޔެވެ؟ ވީއިރު، ބޭކާރު ގޮތުގައި އިންތިޒާރު ކުރަނީ ޒަލަފް ހެއްޔެވެ؟ ނޫނީ އޭނާ ހެއްޔެވެ؟

" މުޅި އުމުރަށް އިންތިޒާރު ކުރަން ޖެހުނަސް އަހަރެންގެ ފަރުވާލެއް ނެތް…އިންތިޒާރު ކުރުމުގެ ފުރިހަމަ ހައްޤު އަހަރެންނަށް ލިބިގެންވޭ….އެހައްޤުން މަހުރޫމުވެފައިވާ މީހަކީ ޒަލަފް…އެހެންވީމަ އަހަރެންގެ ނަސޭހަތެއް އަހާނަމަ ތިކުރާ ބޭކާރު އިންތިޒާރުކުރުން ހުއްޓާލާ….ޒަލަފްގެ ތި އިންތިޒާރަށް ދުވަހަކުވެސް ނިމުމެއް އަންނާނެކޭ އަހަރެން ހިތެއް ނުބުނޭ….ކުޑަމިނުން ޒަލަފް އޭނާއަށް އިންތިޒާރުކުރާކަންވެސް އޭނާއަކަށް ނޭނގޭނެ…" ޒައިކް އޮޅުން ފިލުވައިދިނެވެ.

" ޝުކުރިއްޔާ ތިދިން ނަސޭހަތަށް…ދެންދަނީ" ޒަލަފް އިންތަނުން ތެދުވެ ހިނިތުންވެލަމުން ބުނެލިއެވެ.
އަދި މަޑުކޮށްލުމެއްވެސް ނެތި އެތަނުން ނުކުތުމަށް ހިނގައިގަތެވެ. އަމިއްލަ ކުށް އިހުސާސް ކުރެވޭލެއް ބޮޑުކަމުން، ޒައިކްއާ ބަހުސްކުރާނޭ ހިތްވަރު އޭނާގެ ނެތީއެވެ. އެހެންކަމުން އެންމެ ރަނގަޅުގޮތެއް ކަމުގައި އޭނާ ވިސްނީ އެތަނުން ދިއުމެވެ. މިރޭ އޭނާއަށް މެސެޖްކުރީ ޒައިކްކަން މިހާރު އޭނާއަށް ޔަޤީންވެސް ވެއްޖެއެވެ. ދެން އެތާނގައި އިނދެ ޒައިކްގެ ކުރިމަތީގައި އިތުރަށް ފަޟީހަތްވުމުގެ މާނައެއްވެސް ނެތެވެ.

ޒަލަފް ގޮސް އޮބާލަންދެން ޒައިކް ބަލަން އިނެވެ. ޒައިކްއަށް ހަޤީޤަތް އެނގުމުންވެސް ޒަލަފްއަށް މާބޮޑު ހައިރާންކަމެއް ނުލިބުނީތީ ޒައިކް ހައިރާންވިއެވެ. އޭނާ ހީކުރީ ޒަލަފް ކޮންމެވެސް ވަރަކަށް އޭނާއާ ދެބަސްވެ، ބަހުސްކުރާނެ ކަމަށެވެ. ނަމަވެސް ޒަލަފް ވަގުތުން ހަތިޔާރު ބެހެއްޓުމަށްފަހު، އަމާންކަން ދީފައި ދިޔައީއެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ ޒީޝާންދެކެ ޒަލަފް ލޯބިނުވަނީ ހެއްޔެވެ؟ ވިސްނަން އިރުކޮޅަކު އިނުމަށްފަހު ޒައިކްވެސް އެތަނުން ނުކުތެވެ.

ޒައިކްއަށް ގެޔަށް އާދެވުނުއިރު ޒީޝާންއަށް އިނީ ނިދިއައިސްގެން ހަލާކުވާ ވަރުވެފައެވެ. ނަމަވެސް ޒައިކް އޭނާ ބަލާއަންނާނެކަން އެނގޭތީ ނިދަންވެސް ނުކެރިފައެވެ.

" ސޮރީ…ވަރަށް ލަސްވެއްޖެދޯ….ހިނގާ އަވަހަށްދާން…" ސިޓިންރޫމުގައި ނިދިތާއްޔާ ޖެހިޖެހި އިން ޒީޝާން ފެނުމުން ޒައިކް ބުނެލިއެވެ.

" މަންމާ…އަހަރެމެން ދަނީ؟…" މަންމަގެ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލަމުން ޒައިކް ބުނެލިއެވެ. އަދި ޒީޝާންއަށް އިޝާރާތްކޮށްލަމުން އޭނާ ބޭރަށް ނުކުތެވެ. ޒީޝާންވެސް ޒައިކްގެ ފަހަތުން ނުކުތެވެ. ޒީޝާން އެރުމުން ޒައިކް ސައިކަލު ދުއްވާލިއެވެ. ޒީޝާން ނިދިއަންނަވަރުން ވެއްޓިދާނެހެން ހީވެ، ޒައިކްގެ ކޮނޑުގައި ހިފެހެއްޓިއެވެ.

" ވެއްޓިދާނެ…ބާރަށް ހިފަހައްޓާ!…މިވަގުތު އެންމެ ރަނގަޅު އަހަރެންގެ ގައިގަ ބައްދާލިޔަސް…." ޒީޝާން އެހެން ނުހަދާނެކަން އެނގޭއިރުވެސް ޖެއްސުންކޮށްލުމުގެ ގޮތުން ޒައިކް ބުނެލިއެވެ. ނަމަވެސް އޭނާ ހީކުރިގޮތާ ޚިލާފަށް ޒީޝާން އޭނާގެ ގައިގާ ބައްދާލިއެވެ. އެވަގުތު އޭނާއަށް ވީގޮތުން ހުންގާނުން އޮތްދޫނުވީވެސް ކިރިޔާއެވެ. ޒައިކް ހަމައަކަށް އެޅިލަމުން، ޒީޝާން އޭނާގެ ގައިގާ ބައްދައިގެން އިން އަތުގައި ބާރަށް ހިފަހައްޓާލިއެވެ.

ގެޔާ ހަމައަށް އާދެވުނުއިރު، ޒީޝާންއިނީ ކިރިޔާ ނުވެއްޓިއެވެ. ސައިކަލު މަޑުކޮށްލުމާއެކު އޭނާ އަރިއަޅާލިއެވެ.
" އޯހ..ޒީޝާން…ތިއިނީ އަދިވެސް ނިދިފައެއްނު…މިހާރު ގެޔަށް އާދެވުނީއޭ…" ޒައިކް މަޑުމަޑުން ބުނެލިއެވެ. ޒީޝާން ހޫން އަޅުވާލަމުން ސައިކަލުން ފޭބިއެވެ.

" އަދި މަޑުކޮށްބަލަ ދޮރުހުޅުވަންދެން…." ޒީޝާން ދިޔަގޮތަށް ގޮސް ވަންނަން ދިމާކޮށްލުމުން ޒައިކް ބުނެލިއެވެ. ދޮރުފަތުގައި ލެނގިގެންހުރި ޒީޝާން، ދޮރުހުޅުވުމާއެކީގައި ވެއްޓެން އުޅުމުން ޒައިކް ހިފެހެއްޓިއެވެ.

" އަދިވެސް ނިދާފަތަ ތިހުރީ؟…" ޒީޝާންއަށް ބަލާލަމުން ހިނިއައިސްފައި ޒައިކް އެހިއެވެ. އޭރުވެސް ދެލޯމަރައިގެން ޒީޝާން އޭނާގެ ގައިގާ ލެނގިލައިގެން ހުއްޓެވެ. ޒައިކް އޭނާގެ އަތްދަނޑިމައްޗަށް ޒީޝާން އުފުލާލައިގެން ގޯތިތެރެއަށް ވަނެވެ. އަދި ވަރަށް އުނދަގުލުން ގޭގެ މައިދޮރު ހުޅުވުމަށްފަހު ޒީޝާން ގެންގޮސް ސޯފާގައި ބޭއްވިއެވެ.

" ނިދިވެސް ގަދަ ކުއްޖެކޭ…." ސޯފާގައި ހަމަޖެހިލައިގެން އޮތް ޒީޝާންއަށް ބަލާލަމުން ޒައިކް ބުނެލިއެވެ. އަދި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ވަރުބަލިވެފައިހުރިވަރުން އޭނާވެސް ހެދުން ބަދަލުކޮށްގެން އޮށޯތެވެ. އޭނާ ފޯނުގެ އެލާމް ސެޓްކުރުމަށްޓަކައި ފޯނު ބަލާލިއިރު، ޒަލަފްގެ މެސެޖެއް އިނެވެ.

" ބާއްޖަވެރި ދިރިއުޅުމަކަށް އެދެން…އަދި ނޭނގި ނަމަވެސް ޒައިކްގެ ހައްޤަކަށް އަރައިގަނެވުނީތީ އަހަރެންނަށް މާފުކޮށްދިނުން އެދެން…" ޒަލަފް ކުރު މެސެޖު ކިޔާލުމުން ޒައިކްއަށް ލިބުނީ ހައިރާންކަމެކެވެ.
ޒަލަފް އެހާފަސޭހައިން ޒީޝާން ދޫކޮށްލީތީއެވެ. ޒީޝާން ހޯދަން މަސައްކަތް ނުކުރީތީއެވެ. އަދި " ނޭނގިނަމަވެސް" އޭ ޒަލަފް ބުނީ ކީއްވެގެންކަންވެސް ޒައިކް އަކަށް ނުވިސްނުނެވެ. ޒަލަފް ޒީޝާންއާ ގުޅުން ބޭއްވީ މީހެއްގެ އަނތްބެއްކަން ނޭނގިހެއްޔެވެ؟ ވީއިރު، ބައްދަލުކުރަން ގޮސްއިނީ ކީއްވެ ހެއްޔެވެ؟ ޝިޔާގެ ފަރާތުން އެނގުނުގޮތުން ނަމަ، ދެމީހުން އަލުން ގުޅުނީ ކިޔަވައިދިނުމުގެ ތެރެއިންނެވެ. އޭރު ޒީޝާންއަކީ މީހެއްގެ އަނތްބެއްކަން ޒަލަފްއަށް ރަނގަޅަށް އެނގޭނެވެ. ދެން ނޭނގިނަމަވެސް އޭ ބުނަންވީ ކީއްވެގެން ހެއްޔެވެ؟

ޒީޝާންގެ ފޯނު އޭނާ ނުނެގިނަމަ އަދިވެސް ދެމީހުންގެ ގުޅުން ކުރިޔަށް ދިޔައީހެވެ. ފޯނުގައި ކޯޑްޖަހާފައި އޮތުމުން އެދެމީހުންގެ މެދުގައި ކުރެވިފައިވާ މުއާމަލާތްތައް އޭނާއަކަށް އެނގޭގޮތެއް ނުވިއެވެ. ނަމަވެސް އޭނާގެ ފޯނަށް ޒީޝާންގެ ސިމް ލެއްވި ހިސާބުން ޒަލަފްގެ މެސެޖްތައް އަންނަން ފެށިއެވެ. ޒަލަފް ކަންބޮޑުވެގެން ކޮށްފައިހުރި އެތައް މެސެޖެއް އޭނާ ކިޔެވެ. ހަމައެކަނި އެމެސެޖްތަކުންވެސް އެދެމީހުންގެ ގުޅުންއޮތްވަރު ރަނގަޅަށް ހާމަވެއެވެ. ވީއިރު ޒަލަފް އެހާފަސޭހައިން މާފަށް އެދިފައި އޮތްނަމަވެސް އޭނާ މާފުކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަކީ އެހާވެސް ހިތްތިރި މީހެއް ނޫނެވެ. މެސެޖަށް ޖަވާބުދިނުމަށް ޒައިކް ހިތަށްއަރާފައިވެސް އޭނާ އެޚިޔާލު ދޫކޮށްލިއެވެ. އަދި ޒީޝާންގެ ސިމް އޭނާގެ ފޯނުން ނެގުމަށްފަހު އޭނާގެ ސިމް ލެއްވިއެވެ. މިހިސާބުން ޒީޝާންއާއި ޒަލަފްގެ ހުރިހާ ގުޅުމެއް ކެނޑުނީއެވެ. ދެން އޭނާގެ ދިރިއުޅުމަށް ޒަލަފްގެ ހިޔަނިވެސް އެޅުނަކަ ނުދޭނެއެވެ.

މެންދަމުގެ ވަގުތެވެ. ޒީޝާންއަށް ހޭލެވުނީ ހެދުން ބަދަލު ނުކޮށްއޮތީތީ އުނގަދޫވެގެންނެވެ. އޭނާ ލޯހުޅުވާލާފައި ވަށައިގެން ހޯދާލިއެވެ. އޭނާއަށް ސޯފާގައި އޮށޯވެވުނުއިރެއް ހަނދާނެއްނެވެ. އޭނާއަށް އެންމެފަހުން ހަނދާންވީ ޒައިކްއާއެކު އެގެއަށް އަންނަން ގެއިން ނުކުތް ހަނދާނެވެ.

" ސައިކަލުގަ އައިއިރުވެސް އަހަންނަށް ނިދުނީތަ؟…" ޒީޝާން ވިސްނާލިއެވެ. އަދި ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުތެވެ. އޭނާ ސިޓިންރޫމަށް ނުކުމެ ސޯފާގައި އޮށޯވެ ދެލޯމަރާލިއެވެ.
****
އާދުވަހަކަށް އިރުއަރައިފިއެވެ. ޒީޝާންއަށް ހޭލެވުނީ ފަތިސްނަމާދުކޮށްގެން އައިސް ޒައިކް ގޮވުމުންނެވެ.

" ނަމާދަށް ދަމުންވެސް އަހަރެން ދިޔައީ ގޮވާފަ….އަދިވެސް ނިދަނީ…." ޒީޝާން ލޯހުޅުވާލުމާއެކީ ނުރުހިފައި ޒައިކް ބުންޏެވެ.

" ސޮރީ.." ލޯފުހެލަމުން ޒީޝާން ބުނެލިއެވެ.

" އަހަރެމެން ވީ އެއްބަސްވުން ހަނދާން ނެތުނީތަ؟….މިއަދުން ފެށިގެން މަސައްކަތް ފަށަންވީ…..ފުރަތަމަ ކަމަކަށް މީހަކު ނުގޮވިޔަސް އަމިއްލައަށް ހޭލަންވެސް ދަސްކުރަން ޖެހޭނެ…" ޒައިކް ހަނދާންކޮށްދިނެވެ.

" އަހަރެންގެ ފޯނެއްވެސް ނެތް…" ދިފާއުގައި އެއްޗެއް ބުނެވޭތޯ ޒީޝާން އުޅުނެވެ.

" މިއަދު ފޯނެއްވެސް ގެނެސްދޭނަން…އަދި ބުނަން މިއަދު މެންދުރުގެ ނާސްތާވެސް ހަދަންޖެހޭނީ މިގޭގަ…..ކައްކާނެތަކެކި އަހަރެން ގެނެސްދޭނަން….." އަމުރުވެރިކަމާއެކު ޒައިކް ބުނެލިއެވެ.

" އަހަރެންނަކަށް ނޭނގެ ކައްކާކަށް…" ޖެހިލުންވެ އިނދެ ޒީޝާން ބުނެލިއެވެ.

" ނޭނގޭޔާ ކައްކާކަށް….އަންހެނަކަށްވެހުރެ ތިހެންބުނަން ލަދުގަންނަންވެސް ޖެހޭނެދޯ….އެހެންވީމަ ދަސްކުރާނީ…..ހުރިހާކަމެއްވެސް ދަސްކުރީމަ އެނގޭނެ….ކުރިން ބުނިހެން ކައްކާ ކާންހަދާ އަންނައުނުދޮވެ އިސްތިރިކޮށް ގޭތެރޭއާ ގޯތިތެރެ ސާފުކުރުން މިއީ ކޮންމެ ދުވަހަކުވެސް ޒީޝާން ކުރަން ޖެހޭނެ ކަންކަން….ހަނދާން ނައްތާނުލާތި!…" ޒައިކް އިންޒާރެއް ދިން ފަދައެވެ.

" މިގޭގަ އުނދުނެއްވެސް ނެތެއްނު…..ދޮންނަ މެޝިނެއްވެސް ނެތް…އެއްވެސް އެއްޗެއް ނެތް…" ޖެހިލުންވެހުރެ އޭނާ ހަޤީޤަތް ހާމަކުރިއެވެ.

" އާދޭ….އަހަރެން ދައްކާނަން އުނދުންވެސް…" ކުއްލިއަކަށް ޒީޝާންގެ އަތުގައި ހިފައިގެން ގޮސް ބަދިޔެޔާވީ ފަރާތުން ގޯތީގެ ބިއްދޮށު ފަރާތަށް ޒައިކް ނުކުތެވެ. އަދި ބޯވިނަތަކުގެ ތެރެއިން ގޮސް ހުއްޓުނީ، ފުރާޅާއި ބިތުގައި ޓިނުޖަހާފައިވާ ކުޑަ ގެގަނޑެއްގެ ކައިރިއަށެވެ.

" މިއީ އަހަރެން މަންމަ މަސްކައްކަންވެގެން ހަދައިދިން ބަދިގެޔެއް….މިހުރީ އުނދުން…..މިހުރީ ދަރު…….ކައްކަން ބޭނުންވާ ތެއްޔާ އެހެނިހެން ސާމާނު އަހަރެން ގެނެސްދޭނަން…." ޒީޝާންއަށް ބަލާލަމުން ޒައިކް ބުނެލިއެވެ.

ޒީޝާން ވަށައިގެން އެބަދިގެޔަށް ނަޒަރު ހިންގާލިއެވެ. ޓިނު ބިއްތައްވަނީ ދެލިއަރާ ބޯވެކަޅުވެފައެވެ. އަޅި އުނދުނަކާއި ތިންފައިޖެހި ދަނގަޑު އުދުނެއްވެސް ހުއްޓެވެ. އަދި ދުމަށިމަތީގައި ދުމުން ކަޅުވެފައިވާ ދުމަށިމަތީގައި ދެތިން ތެލިވެސް ބަންޑުން އޮތެވެ.
" މިތާތަ ކައްކަންވީ؟…" ގަބޫލު ނުކުރެވިފައި ޒީޝާންއަށް އަލާލެވުނެވެ.

" ކޮބާ މައްސަލައަކީ؟… އަހަރެމެން ކުޑައިރު މަންމަމެންވެސް ކައްކާ އުޅުނީ މިހެން…އެމީހުންނަށް ކެއްކުނުއިރު ޒީޝާންއަށް ކީއްވެ ނުކެއްކެންވީ؟…" ސީރިއަސް ރާގެއްގައި ޒައިކް އަހާލިނަމަވެސް، އެތެރެ އެތެރެއިން އޭނާ ހިނިވެސް އާދެއެވެ.

" މިކަހަލަ އުނދުނުން ކައްކާކަށް ނޭނގޭނެ…" ކަންބޮޑުވެގެން ހިންދިރުވާލާފައި ޒީޝާން ބުނިއިރު އޭނާއަށްހުރީ ރޮވެން ކައިރިވެފައެވެ.

" ކޮންމެ ކަމެއްވެސް ދަސްކުރީމަ ދަސްވާނީ….އިތުރު ބަހަނާއެއް ބޭނުމެއްނޫން….އަހަރެން މިދަނީ ހެނދުނު ސައިބޯނެ އެއްޗެއް ގެންނަން….މެންދުރު ކައްކަން ބޭނުންވާ ސާމާނުވެސް ގަންނަން ޖެހޭނެ….އަވަސްކުރޭ! އަހަރެން އަންނަންދެން ގޯތިތެރެ ސާފުކުރޭ!…." ޒައިކް އެހެން ބުނުމަށްފަހު ޒީޝާންގެ ޖަވާބަކަށްވެސް އިންތިޒާރު ކުރުމެއްނެތި ހިނގައިގަތެވެ. ޒައިކްދާ މަންޒަރު ބަލަންހުރި ޒީޝާންއަށް ދަތްކުޑި ވިކާލެވުނެވެ.

" މިޒަމާނުގަ މީހުން ދަރުއުނދުނުން ކައްކާނެތަ؟…ހަމަ އަހަންނަށް ޖެއްސުންކުރަންވެގެން….ދަރު އުނދުނުން ކައްކަން އުޅެނިކޮށް އަހަރެން ފިހިގެން މަރުވޭތޯ އެއުޅެނީ….އޭރުން ބުނެވޭނެއްނު ކައްކަން ނޭނގުނީމައޭ ފިހުނީ…އާއާހ!….ނުލަފާ މީހާގަނޑު…" ޒީޝާން ކުދިކިޔަމުން ވިނަތަކުތެރެއިން އަންނަނިކޮށް ކުއްލިއަކަށް އެއްޗެއް ހިރުނުހެން ހީވެގެން ގަތްބިރުން ހަޅޭއްލަވަމުން ދުވެފައި އައިސް ގޭތެރެއަށް ވަނެވެ.

" ކޮންކަމެއް ލައިގަތީ މިހާރު…" ގެއިން ނުކުމެ ނުކުމެ ހުރި ޒައިކްއަށް ޒީޝާން ފެނުމުން ހައިރާންވެފައި އަހާލިއެވެ.
" ކޮންމެވެސް ދިރޭއެއްޗެއް އެތާ ވިނަތަކުގަ އެބައުޅޭ…." ބޭރަށް އިޝާރާތްކުރަމުން ޒީޝާން ބުނެލިއެވެ.

" އެހެންވީމައޭ މިބުނީ ސާފުކުރަން އުޅޭށޭ….ދިރޭ އެއްޗެހިވެސް އެހެން އެއްޗެހިވެސް އުޅޭނެ ސާފުނުކުރާ ތަންތާގަ…." އެހެން ބުނެލުމަށްފަހު ޒައިކް ނުކުމެގެން ދިޔައެވެ. ޒީޝާން އައިގޮތަށް އައިސް ބަންޑުން ސޯފާއަށް ވެއްޓިގަތެވެ.

ދެލޯމަރައިގެން އޮވެ އޭނާ ވިސްނަމުން ދިޔައެވެ. މިހާރު ޒަލަފް ކޮބައިބާއެވެ. އޭނާގެ ހާލެއް ނޭނގިގެން ޒަލަފް ހުންނާނީ ކަންބޮޑުވެފައެވެ. އޭނާގެ ޚަބަރެއްނުވުމުން ޒަލަފް ދެރަވާނެއެވެ. މާޔޫސްވާނެއެވެ. އޭނާދެކެ ރުޅިވެސް އަތުވެދާނެއެވެ. އޭނާ ބޭވަފާތެރިވީ ކަމުގައިވެސް ހީކޮށްފާނެއެވެ. އޭނާއަށް އިންތިޒާރު ކުރުންވެސް ހުއްޓާލަފާނެއެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. އެއަށްވުރެ ބޮޑަށް ޒަލަފް އޭނާދެކެ ލޯބިވާނެއެވެ. އޭނާއަށް އިތުބާރު ކުރާނެއެވެ. އޭނާއަށް ފޯނު ލިބޭހައި އަވަހަކަށް ޒަލަފްއަށް އޭނާ ގުޅާނެއެވެ. އޭނާއަށް އިންތިޒާރުކުރަން ބުނާނެއެވެ. ނޫނީ އެތަނުން އޭނާ ސަލާމަތްކޮށްގެން ޒަލަފްގެ މީހަކަށް ހެދުމަށް އާދޭސްކުރާނެއެވެ.

އޭނާގެ ދިރިއުޅުމަށް މިއައީ ކޮންފަދަ ބޮޑު އިންޤިލާބެއް ހެއްޔެވެ؟ މިއޮއް ހުރިހާ ދުވަހުވެސް އޭނާ ދިރިއުޅެމުން ނުހަނު މިނިވަންކަމާއެކީ އޭނާ ބޭނުންވި ގޮތަކަށެވެ. އޭނަގެ މައްޗަށް ބާރުފޯރުވާނެ މީހަކު ނެތެވެ. އޭނާގެ އުފާތަކަށް ހުރަސްއަޅާނެ މީހަކުނެތެވެ. ނަމަވެސް މިއަދު އޭނާ މިވަނީ ޒައިކްގެ އަޅަކަށް ވެފައެވެ. ޒައިކް ބުނިގޮތެއް ހަދަން އޭނާއަށް އެވަނީ މަޖުބޫރުވެފައެވެ.
ޒީޝާން ވިސްނަން އެތައްއިރަކު އޮތުމަށްފަހު ސޯފާއިން ތެދުވިއެވެ. އޭނާ ކިތަންމެ އިރަކު ވިސްނަން އޮތަސް ވާނެ އިތުރުގޮތެއް ނެތްކަން އެނގޭތީ ގޯތިތެރެ ސާފުކުރުމަށް އޭނާ ނިންމިއެވެ. އެހެންކަމުން އޭނާ ފުރަތަމަ ސާފުކުރަން ގަސްތުކުރީ ގޭގެ ދޮރުމަތިން ގޯތިތެރޭގައި އޮތް ސަރަހައްދެވެ. ގަސްތަކުން ފައިބާފައިވާ ފަތްތައް ދިމަދިމާލުގައި ފުނިޖެހިފައި ހުއްޓެވެ. ބައެއް ފަތްތައް ހިކިގެން މުރަނަވުމުގެ ސަބަބުން ފުނޑުފުނޑުވެ ބޯވިނަތަކުގެ ތެރޭގައި ފެތުރިފައި ހުއްޓެވެ. ވިނަ މަދު ދިމަ ދިމާލުގައި ފަތްތައް ވެއްޔާއި އެކުވެ ކަޅުވެފައިވެސް ހުއްޓެވެ. ޒީޝާން އުޑަފައިން އިށީނދެ ދެއިނގިލިކުރިން ވިނަގަހެއް އުފުރާލުމަށް އުޅުނެވެ. ދެއިނގިލިކުރިޔަށް ބާރުލާފައި ދަމައިގަތުމާއެކު އޭނާގެ އަތަށްއައީ ވިނަގަހުގެ ކުރިއެވެ.

" އައުޗް! އިނގިއްޔަށްވެ ތަދުވެއްޖެ..މީހާދަ ވަރުގަދަވެސް އެއްޗެކޭ!…" ޒީޝާން ތުންއޫކޮށްލަމުން ތެދުވިއެވެ. ދެން އޭނާ މަސައްކަތްކުރީ ހިކިފަތްތައް ހޮވުމަށެވެ. ފަކުރުން ހުރެވެސް އޭނާ ފަތްހޮވަންފެށިއެވެ. ފަސޭހައިން ހޮވެންހުރި ފަތްތައް ވަކިވަކިން ހޮވާފައި އެއްތަނަކަށް އެއްކުރަންފެށިއެވެ. އޭނާ އެހާލެއްގައި އުޅެނިކޮށް ތަންކޮޅެއް ދުރުގައި ވެއްޓިފައި އޮތް މަށަންދައްޗެއް ލޮލުގައި އަޅައިގަތެވެ. އޭނާ ހަލުވިކަމާއެކު ގޮސް އެހިފައިގެން އައިސް ފަތްތައް އެއްކުރަންފެށިއެވެ. އޭނާ ފަތްއެއްކޮށް އެއްކޮށް ވަރުބަލިވީއިރު، އެންމެ ތަންފުކެއްވެސް ސާފުވީހެނެއް ހިއެއްނުވެއެވެ. ވިނަތަކުގެ ތެރޭގައި ފުނޑުވިފައިހުރި ފަތްތައް އެހުރިގޮތަށް ހުއްޓެވެ. ދޭތެރެއަކުން ވައިރޯޅިއަކާ، އޭނާ އެއްކުރިފަތްތައްވެސް ދިމަދިމާއަށް ބުރުވާލައެވެ.

" ނުވާނެ މިކަމެއް….މަންމާ ދެން އަޅެ އާދެބަލަ! މިޒައިކް ގަނޑަކާއެކީ އުޅޭކަށް މަބޭނުމެއްނޫން…އޭނާހިތުންމަމީ އޭނާގެ ނޯކަރެއް….މިއޮއްބޮޑު ގޯތިތެރެ މައެކަނި ސާފުކުރަންވީ…." ޒީޝާން އަމިއްލަ އަމިއްލަ ޝަކުވާކޮށްކޮށްފައި ރުޔެވެ. ނަމަވެސް އެއަޑު އަހާނެ މީހަކު ނެތެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ހިތްވަރުކޮށްފައި ސާފުކުރަން ފެށިއެވެ. މިފަހަރު އޭނާ އެއްކުރި ފަތްތައް، ސިމެންތި ހުސްކުރި ގޯންޏަކަށް އެޅިއެވެ.

" އަދި ހާދަ ގަހެއްވެސް އެބައޮތޭ އިންދާފަ….މީހުނަށް އުނދަގޫކުރަން…." އެއްގަސް ދޮށުން ފަތްނަގާނިމުނުއިރު، އަދި އެތައްބައިވަރު ފަތްތަކެއް އެހެން ގަސްތައްދޮށުގައި ހުއްޓާއި ފެނުމުން ޒީޝާންއަށް ބުނެވުނެވެ. ދެންވެސް އޭނާ ހިތްވަރުކުރިއެވެ. އަނބުގަސްދޮށާއި ފޭރުގަސްދޮށުންވެސް އޭނާ ފަތްހޮވިއެވެ. ތިންގަސްދޮށުން ފަތްހޮވާ ނިމުނުއިރު ވަރުބަލިވެގެން އޭނާގެ ހާލެއްނެތެވެ. ވަރަށް ބޮޑަށް ބަނޑުހައިވެ ކަރުހިއްކައިވެސް ގެންފިއެވެ. އޭނާ ގޭތެރެއަށްވަދެ އަތްދޮވެލައިގެން އައިސް ސޯފާގައި އޮށޯވެލަން އުޅެފައިވެސް ދާހިއްލާފައި ހުރުމުގެ ސަބަބުން، ތަށިމުށިތަކުގެ މަތީގައި އޮށޯތެވެ. ޒައިކް އަންނާންދެން އަރާމުކޮށްލުމަށްޓަކައި ދެލޯމަރާލިއެވެ.
އިރުކޮޅެއްފަހެވެ. ދެއަތްފުރޭންދެން ކޮތަޅުތަކެއް ހިފައިގެން އައިސް ގޭތެރެއަށް ވަތްޒައިކް ސިހުނީ ސޯފާކައިރީގައި އޮތް ޒީޝާން ފެނުމުންނެވެ. ޒީޝާން މުށިތަކުމަތީގައި އޮތްމަންޒަރު ފެނުމުން ގަތްބިރުން، ކޮތަޅުތައް ދޫކޮށްލާފައި ހަލުވިކަމާއެކު އައިސް ޒީޝާންގެ ގާތުގައި އިށީނެވެ.

" ޒީޝާން….ކިހިނެއްވީ؟…ލޯހުޅުވަބަލަ!…" ޒީޝާންގެ ކޮލުގައި ކޮއްޓާލަމުން ޒައިކް ގޮވާލުމާއެކު ސިހިފައި ޒީޝާން ލޯހުޅުވާލިއެވެ.

" ކިހިނެއްވީ ޒީޝާން؟…ބޯއަނބުރައިގަތީތަ؟…" ހާސްވެފައި ޒީޝާންގެ ބޮލުގައި އަތްލަމުން އަވަސް އަވަހަށް ޒައިކް އަހާލިއެވެ.

" ނޫން…ކަމެއްނުވޭ…ވަރުބަލިވެގެން ޖައްސާލީ…" ތެދުވެ އިށީންނަމުން ޒީޝާން ބުނެލިއެވެ.

" ދެން ކީއްވެސޯފާގަ ނޯވެ މިތާ ތިއޮތީ؟…" ޒައިކް އަނެއްކާވެސް އަހާލިއެވެ.

" ދާހިއްލާފަހުރީމަ…" ޒީޝާން ބުނެލިއެވެ.

" އޯހ…އެހެންދޯ…އަހަރެން ހީކުރީ ޒީޝާންއަށް ކަމެއްވީކަމަށް….ދެންވެސް އަވަހަށް އެއްޗެއް ކާން އުޅޭ…" ޒައިކް ތެދުވެގެން ގޮސް ކޮތަޅުތަކުން ކޮތަޅެއް ހިފައިގެން އައިސް ޒީޝާންގެ އަތަށް ދިނެވެ.

" މިހުރީ ކައްކަން ބޭނުންވާ ސާމާނު ގެނެސް…އަހަރެން މިތަކެތި ބަދިގެޔަށްލާނަން….އަދި ހުންނާނެ ބޭރުގަވެސް ބައެއް އެއްޗެހި…..އަންނާނަން ހިފައިގެން…." ޒައިކް އެހެން ބުނެފައި ބޭރަށް ނުކުތެވެ. އަދި އިރުޅަކުން އޭނާއައީ ބޮޑު ކަރުދާހު ފޮށިގަނޑެއް ހިފައިގެންނެވެ.

" ލައްކަ ސާމާނު އެބަހުރި އަދިވެސް….ޕިކަޕެއްގަ މިގެނެވުނީވެސް….ޒީޝާންވެސް އާދެބަލަ އަވަސްކޮށްގެން….ބޭރު ގިނައިރު ހުންނަން ވެއްޖެއްޔާ ގެއްލިވެސްދާނެ…" ފޮށިގަނޑު ބަދިގެޔަށް ވައްދަމުން ޒައިކް ބުނެލިއެވެ. ޒީޝާން އަވަސް އަވަހަށް ކާލައި ނިންމާލައިގެން ޒައިކްއަށް އެހީވުމަށް ނުކުތެވެ. ފޮށިގަނޑު ގަނޑަށް އަޅައިގެން ލައްކަ ސާމާނު ޒައިކް ގެނައެވެ. ތެތްޔާއި ތައްޓެވެ. ސައިބޯޖާޑާއި ކޮފީމަގެވެ. އުލާއި ސަމްސަލެވެ. ވަޅި، އުދުޅިއާއި ދޭފަތެވެ. ރޮށިދަމާ ފިލާގަނޑާއި ރޯލުގެ އިތުރުން ރޮށިފިހާ ތަވައެވެ. މިހެން ގޮސް ބަދިގެޔަށް ބޭނުންވާނެހައި ހިފައި ގެންގުޅޭ ސާމާނެއް ހުއްޓެވެ. އެންމެފަހުން ގެނައީ އުނދުނާއި ގޭސްފުޅިއެވެ. އެފެނިފައި ޒީޝާން ބަލާލީ ސުވާލުގެ ނަޒަރަކުންވެ.

" ކިހިނެއްވީ؟….މިއުނދުންވެސް ކަމުނުދަނީތަ؟…ދަރު އުނދުން ބޭނުންނަމަ މިއުނދުން ގެންގޮސްފާނަން…" ޒީޝާން ބަލަންހުރިގޮތުން މަޖާވެގެން ޒައިކް ބުނެލިއެވެ. ޒީޝާން ޖަބާވެއްނުދީ އިސްޖަހާލިއެވެ.

" ޒީޝާން…ބަދިގެޔަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަކުރަން ދުވަސް ނަގާނެ…..މީ މިފަހަރަށް ވީވަރު… މިގަތީ ކޮންމެހެންވެސް މިވަގުތަށް ބޭނުންޖެހޭ އެއްޗެހި…" ޒައިކް އޮޅުން ފިލުވައިދިނެވެ. ދެންވެސް ޒީޝާން ބަހެއް ނުބުނެއެވެ. އެޓިނު ބަދިގެއިން ސަލާމަތްވީތީ އޭނާހުރީ އުފަލުންނެވެ. އެވަރުން އޭނާ ޝުކުރުކޮށްލިއެވެ.

އުދުން ބަހައްޓައި ގޭސްފުޅި ގުޅައިދިނުމަށްފަހު ޒައިކް ދިއުމުން، ޒީޝާން އެހެނިހެން ސާމާނުތައް ބަދިގޭގައި އަތުރަންފެށިއެވެ. ބަދިގޭގައި ކަބަޑު ސެޓެއްނެތުމުން ތެލިތަކާއި ތަށިތައްވެސް ބަހައްޓަން ޖެހުނީ މުށިތަކުމަތީގައެވެ. ސިންކް ހަރުކޮށްފައިވާ އަށިމަތީގައި އުނދުން ބެހެއްޓުމުން ބާކީއޮތީ ވަރަށްކުޑަ ތަންކޮޅެކެވެ. އެހެންކަމުން އެތާގައި އޭނާބެހެއްޓީ ފެންބޯތައްޓާއި ޖޯޑެވެ.

" ކަބަޑުސެޓެއް ނެތްތާނގަ މޭޒެއްވެސް ހުރީކީނޫން…." ޒީޝާން ޝަކުވާކުރަމުން މަސައްކަތައިގެން ކުރިޔަށް ދިޔައެވެ.

ޒައިކް ގެނައި ފޮށިގަނޑުތައް އޭނާ ވަކިވަކިން ބެލިއެވެ. އޭގައި ހަކުރާއި ހަނޑުލާއި ފުށް ހުއްޓެވެ. ތަކުރާރީއާއި ފިޔާލޮނުމެދުވެސް ހުއްޓެވެ. ލޮނުމިރުހާއި ހަވާދާއި ލޮނުވެސް ވަކިން ކޮތަޅެއްގައި ހުއްޓެވެ. ޕެކެޓްކޮށްފައި ހުރި ވަޅާމަހާއި މަސްދަޅުވެސް ހުއްޓެވެ. އަލުތްވާއި މުގުވެސް ހުއްޓެވެ. ކުޑަމިނުން ހިކަނދިފަތާއި ރާނބާފަތްވެސް ހުއްޓެވެ.

ކައްކާނެ ސާމާނު ހުރިނަމަވެސް ކައްކާނެ އެއްޗެއް އޭނާއަކަށް ނޭނގެއެވެ. މަންމަގާތު އަހާނީވެސް ފޯނުއޮތްނަމަ ނޫންހެއްޔެވެ. ރޯމަސްހުރިނަމަ އޭނާއަށް ފަހަރެއްގައި ގަރުދިޔަ ކައްކަން އެނގުނީހެވެ. ނަމަވެސް ދުވަހަކުވެސް އޭނާ ރިހައެއް ނުކައްކައެވެ. ރިހައަށް އަޅާ ބައެއް އެއްޗެހި އެނގުނު ނަމަވެސް އެއްޗެހި އަޅާނެ މިންގަނޑެއް އަދި ތަރުތީބެއްވެސް އޭނާއަކަށް ނޭނގެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

" އެހެންހުރިހާ އެއްޗެއް ގެނައިއިރުވެސް ކުކަރެއްވެސް ނުގެނައީ މަށަށް އުނދަގޫކުރަން….އެހެންނަމަ ކޮންމެވެސް ގޮތަކުން ބަތްކޮޅު ކެއްކުނީސް….ދެން މިޖެހުނީ ބަތްވެސް އުނދުނުގަ ކައްކަން….." ޒީޝާން ހިތާހިތާ ޝަކުވާކުރިއެވެ. ބަތްއެއީ ދާދިފަސޭހައިން ކެއްކޭ އެއްޗެއް ނަމަވެސް، އޭނާ ދުވަހަކުވެސް ބަތްކޮޅެއްވެސް ކައްކާފައެއް ނުވެއެވެ. ނަމަވެސް ބަތްކައްކަން ކަންތައްކުރާގޮތް، ޒައިކްގެ މަންމަގެ ފަރާތުން އޭނާއަށް އޮތީ ފެނިފައެވެ. ކެއްކުމުގެކުރިން ހަނޑޫކޮޅު ދޮވެލާކަށް އޭނާއަށް އެނގެއެވެ. ފެންއަޅާފަ ކިރުވެސް އަޅައެވެ. ކިރުނެތިގެން ބައެއްފަހަރު ތެޔޮއަޅާކަންވެސް އޭނާއަށް އޮތީ އެނގިފައެވެ.

ޒީޝާން ތެއްޔަކަށް ހަޑޫކޮޅެއް އަޅައިގެން އައިސް ސިންކުން ފެންފޮޅެއް އަޅާފައި ދެފަހަރަކު ދޮވެލިއެވެ. އަދި ފެންކޭހުން ފެންފުޅިނަގައިގެން އައިސް ތެޅިފުރޭންދެން ފެންއެޅިއެވެ.

" ޒައިކް ތެޔޮވެސް ނުގެންނަނީތަ؟…" ތެޔޮފުޅި ހޯދުމަށްޓަކައި ފަހަރަކު ފޮށިގަނޑެއް ހޭވިއިރުވެސް ތެލެއްނުފެނުނެވެ. އެހެންކަމުން އޭނާ ޖެހިލުންވެހުރެ ގޮސް ޒައިކް ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ފެންވަރައިގެން ތުވާލި އޮޅާލައިގެން ނުކުތް ޒައިކްއަށް ޒީޝާން ޓަކިޖެހިއަޑުއިވިފައި އަޑުއިވުނެވެ.

" ތެލެއްނެތް…" ޒައިކް ދޮރުހުޅުވާލުމުން ޒީޝާން ބުންޏެވެ.

" ތެޔޮކޭހެއް ގެނައިން….ތިވާނީ ނުވެއްދެނީކަމަށް….ބަލާބަލަ އަސްކަނިދޮށް…އަހަރެން މިހުރީ ހުރިގޮތް" އަމިއްލަ ހަށިގަނޑަށް އިޝާރާތްކުރަމުން ޒައިކް ބުނެލިއެވެ. ހުސްގަޔާހުރި ޒައިކް ފެނުމުން ޒީޝާން ލަދުގަންނަގޮތްވިއެވެ. އޭނާ ބަހެއްވެސް ނުބުނެ ބޭރަށް ނުކުތެވެ. އޭރު އަސްކަނިދޮށުގައި ތެޔޮކޭސްހުއްޓެވެ. އޭނާ ގޮސް އެއުފުލާލަން އުޅުނީ ވަރަށްލުއިވާނެ ކަމުގައި ހީކޮށްފައެވެ. ނަމަވެސް އޭނާހީކުރި ވަރަށްވުރެ ބަރެވެ. ވަރަށް ހިތްވަރުން ތެޔޮކޭސް ހިފައިގެން އަންނަނިކޮށް ފައިފުހީގައި އަޅައިގެންފައި ނުވެއްޓުނީވެސް ކިރިޔާއެވެ.

" ނުލަފާ ޒައިކްގަނޑު..ހަމަ މަށަށް ޖެއްސުން ކުރަންވެގެން އުޅޭ އިންސާނެއް…." ރުޅިއައިސްފައި ޒީޝާން ބުނެލިއެވެ.

އޭނާ ތެޔޮފުޅިއެއް ކަނޑާލުމަށްފަހު ތެލިތެރެއަށް ތެޔޮއަޅަންފެށިއެވެ. ތެޔޮއަޅަންޖެހޭ ވަކިވަރެއް ނޭނގޭތީ މަދުނުވާވަރަށް އޭނާ އެޅިއެވެ. އުނދުންމަތީ ތެލިބެހެއްޓުމަށްފަހު ރޯކޮށްލިއެވެ. ހުޅުގަނޑު އެރުމާއެކު ސިހިފައި އޭނައަށް ފަހަތަށް ޖެހެވުނެވެ.

އިރުކޮޅެއްފަހެވެ. ކޮޓަރީގެ ދޮރުހުޅުވާލުމާއެކު ޒައިކްގެ ނޭފަތުގައި އެއްޗެއް ދުންގަންނަ ވަސްޖެހުނެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި އައިސް ބަދިގެޔަށް ވަތްއިރު ތަރަތަރަ ޖަހާފައި ބަތްތަވާ އަނދަނީއެވެ. މުޅިތަނުގައިވަނީ އޮލަދުމެވެ. އޭނާ އަވަސް އަވަހަށް އުނދުން ނިވާލިއެވެ. ދިލަދުންވަހުން މުޅިތަންވަނީ އެއްވަސްވެފައެވެ. ޒައިކް އަވަސްވެގަތީ ޒީޝާން ކޮބައިތޯ ބަލާލުމަށެވެ. އޭރު ސޯފާގައި ރީތިކޮށް ނިދާލާފައި ޒީޝާން އޮތެވެ. ޒައިކް ހަލުވިކަމާއެކު ގޮސް ޒީޝާންގެ ކުރިމައްޗަށް ހުއްޓުނެވެ.

" ޒީޝާން!…" ޒައިކް ނުހަނު ބާރަށް ގޮވާލުމާއެކު ސިހިފައި ޒީޝާން ފުންމައިގެން ތެދުވިއެވެ.

" އުނދުންރޯކޮށްފަ ނިދާށޭ ކާކުބުނީ؟…މުޅިގެ އަނދާފަދަ ކަމެއްކަން އެނގޭތަ ތިކުރެވުނީ…." ޒައިކް ނުރުހިފައި ބުނުމާއެކު ޒީޝާންއަށް ހޭވެރިކަންވެގެން ބަދިގެޔާދިމާއަށް ދުއްވައިގަތެވެ. ޒައިކްވެސް އޭނާގެ ފަހަތުން އައެވެ. އުނދުންމަތީގައިހުރި ބަތްތެލީގެ ތެރެއަށް އޭނާ ނަޒަރު ހިންގާލިއެވެ. މަޑުބޮޑުވެ ޗަސްވެފައި ބަތްތައް ފުލުގައި ތަތްލާފައިހުރިއިރު، އޭގެ ކުލަވަނީ ރީދޫކުލައަށް ބަދަލުވެފައެވެ. ފުލުގައި ހިފިހިފީނުން ތެލީގެ ވަށައިގެންވެސް ކަޅުކުލަ ހިފާލާފައި ވެއެވެ.

" ތެލީގެ ދުވަސްވެސް ދިޔައީ…" ތެއްޔަށް ބަލާލަމުން ޒައިކް ބުނެލިއެވެ. ޒީޝާންހުރީ ބުނާނެ އެއްޗެއް ނޭނގި ފެންކަޅިވެފައެވެ.

" މީ އަޅެ ބަތްތަ ނޫނީ ބޮނޑިބަތްތަ؟…" ދޭފަތަކުން އެތިފުކެއްނަގަމުން ޒައިކް ބުނެލިއެވެ. ފެންކަޅިވެފައިހުރި ޒީޝާންގެ ލޮލުން ކަރުނަތައް އޮހިގަންނާކަށް ގިނައިރެއް ނުނެގިއެވެ.

" ކައްކަން އުދާފަ ނިދަންޏާ މިހެންވެސް ވާނެ…ނަސީބެއްނު މުޅިގޭގަ ރޯނުވިކަން….އަދިވެސް ވަގުތު އެބައޮތް…ބާކީހުރި ހަނޑުލުން އާތެއްޔެއްގަ ބަތްކައްކާ…އަދި ބަތާއެކީ ކާނެ ރިހައެއްވެސް ކައްކަން ޖެހޭނެ…" އަމުރުވެރި ގޮތަކަށް ޒައިކް ބުނެލިއެވެ. ޒީޝާން ކަރުނަ ފުހެލަމުން ޒައިކްގެ އަމުރަށް ކިޔަމަން ވުމަށް އަވަސްވެގަތެވެ.

" އެކަމު ބުނަން….މިފަހަރު ބަދިގެއިން ނުކުމެގެން ނުވާނެ ކައްކާ ނިމުނީމަ ނޫނީ….ހެޔޮ ކިތަންމެ އިރެއްވިޔަސް….ނިމުނީމަ މަށަށްގޮވާ…." އެހެން ބުނުމަށްފަހު ޒައިކް އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ޒީޝާން އިރުކޮޅަކު ރޯލުމަށްފަހު އަނެއްކާވެސް ކެއްކުމަށް އުޅެގަތެވެ.

މެންދުރުފަސްވެ، ގަޑިން ދެއެއްވެސް ޖަހައިފިއެވެ. ޒައިކް މެންދުރު ނަމާދަށް ދިޔައިރުވެސް ޒީޝާން އުޅެނީ ބަދިގޭގައެވެ. އަދިވެސް ޒީޝާން ކައްކަނީބާއޭ ޒައިކްގެ ހިތަށްއެރިއެވެ. އޭނާ ކޮޓަރިން ނުކުންނަށް ހިތަށްއެރި ވަގުތު ޒީޝާން ދޮރުގައި ޓަކިދިނެވެ.

" ކައްކާ ނިމުނީތަ؟.." ދޮރުހުޅުވާލަމުން ޒައިކް އެހިއެވެ.

" ހޫމް…އެކަމު ކޮންތާކު ކާންހަދާނީ؟.." ޒީޝާން އެހިއެވެ.

" ބަދިގޭގަ…މުށިތަކުމަތީ….މޭޒެއް ލިބޭންދެން އެގޮތަށް ކާންޖެހޭނީ…" ޒައިކް ބުނެލިއެވެ. ޒީޝާން ބަހެއްނުބުނެ އެނބުރި ދިޔައެވެ. އަދި އިރުކޮޅެއްފަހުން އައިސް ކާންދިއުމަށް އެދުނެވެ.
ނުނިމޭ