Last Updated: April 26, 17:40
Friday, April 26, 2024
ކުޅިވަރު

ޕީއެސްޖީން ރެއާލް ހިފެހެއްޓިއިރު، ޓޮޓެންހަމް ދެވަނަ ބުރަށް

ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، ރޭ ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ޓޮޓެންހަމް ދަތުރުކޮށްފިއެވެ.

ރެއާލް އާއި ޕީއެސްޖީ ރޭ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 17 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 79 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ބެންޒެމާއެވެ. ނަމަވެސް އެ ގޯލު ކާމިޔާބުކުރިތާ މިނެޓެއްފަހުން ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 83 ވަނަ މިނެޓްގައި ޕަބްލޯ ސަރާބިއާ ވަނީ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ މި މެޗުން ރެއާލް މޮޅުކޮށްދޭން ގެރެތް ބޭލް އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނަ ޕީއެސްޖީ އަށް މިހާރު ވަނީ ކަށަވަރުވެފައެވެ. ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮތްއިރު ޕީއެސްޖީ އެއްވަނައިގައި އޮތީ 13 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ރެއާލް އޮތީ 8 ޕޮއިންޓާ އެކުއެވެ.

ޓޮޓެންހަމް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ރޭ އޮލިމްޕިއާކޯސްގެ މައްޗަށް 4-2 އިން ކުރި ހޯދައިގެންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 20 މިނެޓްތެރޭ އޮލިމްޕިއާކޯސް އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަލް އަރާބީ އާއި ސެމޭޑޯއެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޑެލެ އަލީ ވަނީ ޓޮޓެންހަމް އަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ހެރީ ކޭންގެ ގޯލާއެކު ޓޮޓެންހަމް އިން ނަތީޖާ އެއްވަރުކުރިއިރު މެޗުގެ 73 ވަނަ މިނެޓްގައި ސާޖް އައުރިޔޭ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ޓޮޓެންހަމްގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ކޭންއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ޓޮޓެންހަމް އަށް 10 ޕޮއިންޓު ލިބިފައިވާއިރު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރުކުރީ ބަޔާން މިއުނިކެވެ. އެޓީމަށް ވަނީ 15 ޕޮއިންޓު ލިބިފައެވެ.