Last Updated: April 18, 22:36
Friday, April 19, 2024
ކުޅިވަރު

މެސީގެ މޮޅު ކުޅުމާއެކު ބާސާ ދެވަނަ ބުރަށް

ލިއޮނަލް މެސީގެ މޮޅު ކުޅުމާއެކު ބްރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް 3-1 އިން ކުރި ހޯދައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ބާސެލޯނާ އިން ކަށަވަރުކޮށްފިއެވެ.

މި މޮޅާއެކު މުބާރާތުގެ ދެވަނަ ބުރަށް ބާސާ ދަތުރުކުރީ 11 ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނަ މަގާމުގައި އޮވެގެންނެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް އިންޓަ މިލާން އަދި ތިންވަނައިގައި އޮތް ޑޯޓްމަންޑަށް ވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި ދެ ޕޮއިންޓާ އެކު އޮތީ ސްލާވިއާ ޕްރާގްއެވެ. މި ގްރޫޕްގައި ކޮންމެ ޓީމަކަށް ވެސް ބާކީ އަދި އެއް މެޗު އެބައޮތެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެސީ ދިން ޕާހަކުން މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. އަދި މެޗުގެ 33 ވަނަ މިނެޓްގައި ބާސާ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މެސީއެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ޑޯޓްމަންޑުން ރަނގަށް ކުޅެމުން ދަނިކޮށް، ބާސާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެސީ ދިން ޕާހަކުން މެޗުގެ 67 ވަނަ މިނެޓްގައި އެންޓޮއިން ގްރިޒްމަން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ޑޯޓްމަންޑުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ. މި ގޯލަށްފަހު ވެސް ސަންޗޯ ވަނީ ނުރައްކާތެރި ހަމަލާއެއް ބާސާގެ ގޯލަށް ފޮނުވާލާފައެވެ. އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ރޭގެ މެޗުގައި ބާސާގެ ކެޕްޓަން މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި މެޗަކީ އޭނާ ބާސާ އަށް ކުޅެދިން 700 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.