Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

އާސެނަލްގެ ކޯޗުކަމުން އެމެރީ ވަކިކޮށްފި

އާސެނަލްގެ ކޯޗުކަމުން އުނާއި އެމެރީ ވަކިކޮށްފިއެވެ.

އާސެނަލްގެ ކޯޗުކަމުން އެމެރީ ވަކިކޮށްފައިމިވަނީ އެޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެގޮތުން އެންމެފަހުން ކުޅުނު ހަތް މެޗުން ވެސް އާސެނަލް އަށް މޮޅެއް ލިބިފައެއް ނުވެއެވެ.

"މި ނިންމުން ނިންމާފައިވަނީ ނަތީޖާތަކާއި، ކުޅުމުގެ ފެންވަރު ވެސް ހުންނަންޖެހޭ ލެވެލް އަށްވުރެ ދަށުގައި ހުރުމުން" އެމެރީ ވަކިކުރި ސަބަބު ހާމަކުރަމުން އާސެނަލް އިން ބުންޏެވެ.

އެމެރީ ވަކިކުރުމުން އާސެނަލްގެ ކޯޗުކަމުގެ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެޓީމުގެ އެސިސްޓެންޓު ކޯޗު އަދި ކުރީގެ އާސެނަލްގެ މިޑްފީލްޑަރު ފްރެޑީ ލުންގާބްއާއެވެ.

އަދި ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށްވެސް އާސެނަލް އިން ބުނެއެވެ.

އުމުރުން 48 އަހަރުގެ އެމެރީ އާސެނަލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ މޭ މަހުއެވެ. އެމެރީގެ ފުރަތަމަ ސީޒަނުގައި އާސެނަލް ލީގު ނިންމާލީ ފަސްވަނައިގައި އޮވެއެވެ. އަދި އޭނާގެ ފުރަތަމަ ސީޒަނުގައި އެޓީމު ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކުރި ނަމަވެސް ފައިނަލުގައި ވަނީ ޗެލްސީ އަތުން ބަލިވެފައެވެ.

މި ސީޒަނުގައި އާސެނަލް އަށް އެދެވޭ ނަތީޖާތަކެއް ނެރެވެމުން ނުދާއިރު އެޓީމު މިވަގުތު އޮތީ 18 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ނޯވިޗް ސިޓީއާއެވެ.