Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

އެމެރީއަށް ފަހު ކާކު؟

އާސެނަލް ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވޭ ބައެއް ކެންޑިޑޭޓުން-

އާސެނަލްގެ ކޯޗުކަމުން އިއްޔެ އުނާއި އެމެރީ ވަކިކޮށްފައިވާއިރު އެމަގާމަށް ދެން އަންނާނީ ކާކުތޯ ބަލަން އާސެނަލްގެ އެތައް މިލިއަން ފޭނުން ތިބީ ކެތް މަދުވެފައެވެ.

އަށާރަ މަސް ދުވަހު ކޯޗުކަމުގައި ހުރުމަށް ފަހު އެމެރީ ވަކިކޮށްލީ ކުޅުމުގެ ވައްޓަފާޅި ކުރިނާރާ، ނަތީޖާތަށް ދަށްވުމާ ގުޅިގެން ކަމަށް ކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވަގުތީ ގޮތުން ކޯޗުކަމާއި އެސިސްޓެންޓު އަދި ކުރީގެ އާސެނަލް ކުޅުންތެރިޔާ ފްރެޑީ ލަންބާގާ ވަނީ ހަވާލުކޮށްފައެވެ. ދާއިމީ ކޯޗެއް ހޯދަމުން އާސެނަލުން މިހާރު އަންނައިރު ކޯޗު ކަމާއި ގުޅެން ކައިރި ކެންޑިޑޭޓުންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ އެސިސްޓެން މިކެލް އާޓެޓާ އާ ފްރާންސުގެ ނީޗްގެ ކޯޗު ޕެޓްރިކް ވިއޭރާ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެ ކޯޗުންނަކީ ވެސް އާސެން ވެންގާގެ އިރުޝާދުގެ ދަށުން ކުލަބަށް ކުޅެ ކެޕްޓަންކަން ވެސް ކޮށްފައިވާ ކުލަބާ ވަރަށް ފަރިތަ ދެމޫނެވެ. އާޓޭޓާ ވަނީ މިސީޒަނުގައި ގާޑިއޯލާގެ ޓީމު ދޫކޮށް ދާން ވިސްނާފައި ނެތް ކަމަށް މީގެ ކުރީން ބުނެފައެވެ. ނަމަވެސް ގާޑިއޯލާ ވަނީ އާޓެޓާގެ ނިންމުމެއް އޭނާއަށް ނިންމަދޭން ނުހުންނާނެ ކަމަށެވެ. މާނައަކީ އާޓެޓާ ދާން ބޭނުން ނަމަ އެކަން ހުއްޓުވާކަށް އޭނާ ނެތް ކަމަށެވެ.

ޕެޓްރިކް ވިއޭރާއަށް ބަލާއިރު ކުޅުން ހުއްޓާލުމަށް ފަހު ވިއޭރާ ވަނީ ކޯޗިން ދާއިރާއަށް ވަދެފައެވެ. އެމެރިކާގައި ވެސް ޒުވާން ޓީމެއް ބެލެހެއްޓުމަށް ފަހު މިހާރު އޭނާ ހުރީ ފްރާންސުގެ އެއްވަނަ ޑިވިޝަނުގެ ނީޗްއާ ހަވާލުވެގެންނެވެ. އާސެނަލްގެ ކުރީގެ ގޯލުކީޕަރު ޑޭވިޑް ސީމަން ބުނީ އޭނާއަށް އާސެނަލަށް ގެންދަން އެންމެ ކަމުދާ ކެންޑިޑޭޓަކީ ވެސް ވިއޭރާ ކަމަށެވެ.

ސީމަން ބުނެފައިވަނީ ވަގުތީ ގޮތުން ކުލަބު ހަވާލުކުރި ލަންބާގް އަކީ އާސެނަލާ ހަވާލުވާން އަދި ތައްޔާރަށް ހުރި ކޯޗެއް ނޫން ކަމަށެވެ. އާޓެޓާ އަދި ވިއޭރާ ވެސް ކުލަބާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

އިތުރު ކެންޑިޑޭޓުންނަށް ބަލާއިރު ވޫލްވަހަމްޕްޓަން ގެ ކޯޗު ނޫނޯ އެސްޕަސީޓޯ ވެސް ހުރީ އާސެނަލާ ހަވާލުވާން ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަޕޯލީގެ ކޯޗު ކާލޯ އެންޗެލޮޓީ ދެވަނަ ފަހަރަށް ލަންޑަނަށް އައުމާ ވެސް ގާތެވެ.

ކުރިން ޗެލްސީ އަދި އޭސީ މިލާނާ ރެއާލް މެޑްރިޑަށް ރަން ވަނަ ހޯދާދިން އެންޗެލޮޓީ އާ ނަޕޯލީއާ މެދު މައްސަލަތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި އޭނާ ކުލަބު ދޫކޮށް ނުދާނެ ކަމަށް ބުނެފައެއް ނުވެއެވެ.

އާސެނަލް އިން އެމެރީ އަށް ފަހު ވަގުތީ ގޮތުން ލަންބާގާ ކުލަބު ހަވާލުކުރިޔަސް ގާތީ ސީޒަންގެ ބޮޑުބައި އޮވެމެ، ދާއިމީ ކޯޗެއް ގެނައުމާއެވެ. މާދަމާ ރޭ އާސެނަލް ލަމްބާގްގެ އިރުޝާދުގެ ދަށުން ނިކުންނާނީ ނޯވިޗް ބަލިކޮށް އެންމެ ފަހަކަށް ކުޅުނު 8 މެޗުން ފުރަތަމަ މޮޅު ހޯދުމުގެ މަގުސަދުގައެވެ.