Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

އަލަވޭސް ބަލިކޮށް ރެއާލް އެއްވަނަ އަށް

2-1 އިން އަލަވޭސް ބަލިކުރުމަށްފަހު ސްޕެނިޝް ލީގުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް މިހާރު އޮތީ 31 ޕޮއިންޓާ އެކުއެވެ. ނަމަވެސް މާދަމާ ރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ގޯލުގެ ތަފާތުން ލީގުގެ އެއްވަނަ އަށް އަލުން ބާސެލޯނާ އަރާނެއެވެ. ލީގުގެ ދެވަނައިގައި ބާސާ މިވަގުތު އޮތީ 28 ޕޮއިންޓާ އެކުއެވެ.

އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރުމާ އެންމެ ގާތަށް ވެސް ދިޔައީ ރެއާލްގެ ގެރެތް ބޭލްއެވެ. ނަމަވެސް ބޭލް ބޮލުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 52 ވަނަ މިނެޓްގައި ސާޖިއޯ ރާމޯސް ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ރާމޯސް ކުރި ފައުލަކާ ގުޅިގެން އަލަވޭސް އަށް ލިބުނު ޕެނަލްޓީއަކުން ލޫކަސް ޕެރޭޒް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ރެއާލް މޮޅުކޮށްދިން ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޑެނީ ކަވަހާލްއެވެ.

ލީގުގެ އެއްވަނައިގައި ރެއާލް މިވަގުތު އޮތްއިރު، އެއްވަނަ އަށް އަލުން އެރުމަށް ބާސެލޯނާ މާދަމާ ރޭ ނިކުންނާނީ ލީގުގެ ހަތަރުވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.