Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

އޭރު މިއީ "ވޭންހުރި" ކަމެއްކަން ނޭނގޭތަ؟

މީގެކުރިން މާލޭގައި އިދިކޮޅުން ބޭއްވި މުޒާހަރައެއްގެ ތެރެއިން: ފޮޓޯ / ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމުގައި ހުންނެވިއިރު މިއަދު ސަރުކާރު މައިޕާޓީ އެމްޑީޕީ މެންބަރުން މާލޭގެ މަގުތައް ކޮންމެ ރެއަކު ނިކުމެ މުޒާހަރާތައް ކުރަން ފެށިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެ މުޒާހަރާތައް އިތުރުކޮށް ހަމަ ކޮންމެ ރެއަކު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުން ދިޔައެވެ. އެ މުޒާހަރާތަކުގައި އެތައް ބަޔަކަށް އަނިޔާވެ އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭރު މުޒާހަރާ ކުރަން އެމްޑީޕީން ނިކުންނަނީ އެއީ "ވޭންހުރި" ކަމެއްކަން އެނގި ހުރެއެވެ.

ނަމަވެސް އެމްޑީޕީން އޭރު މަގުތަކަށް ނިކުންނާތީވެ އާއްމުންނާއި ވިޔަފާރިވެރިންނަށް އުނދަގުވާ ކަމަށް ބުނެ އެއްވެ އުޅުމުގެ ގާނޫނަށް އޭރުގެ ސަރުކާރުން އިސްލާހު ގެނައެވެ. އެ އިސްލާހުގައި ވަނީ އެއްވެ އުޅެވޭނެ ސަރަހައްދެއް ކަނޑައަޅާފައެވެ. އެއީ ކާނިވާ ސަރަހައްދެވެ. މިއަދު އެ ނޫން ތަނަކަށް އެއްވާ ކަމަށްވާނަމަ އެއީ ގާނޫނީ ބޮޑު ކުށެކެވެ. އަދި ހަމައެއާއެކު މިއަދު އެނޫން ތަނަކަށް އެއްވުމުގެ ޖާގަ އޭރުގެ ސަރުކާރަށް ނިސްބަތްވާ މީހުން ތިބެ މަޖިލީހުން ފާސްކުރުމަށްފަހު މިއަދު މަގުތަކަށް ނިކުމެ އެއްވެ އުޅުމުގެ ހައްގުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެކޭ ބުނެ ކަރުން ލޭ ރަހަ ލާ ވަރަށް ހަޅޭއްލެވި ނަމަވެސް ރައްޔިތުން ގާތު އަންނާނީ ހިންޏެވެ.

ސަބަބުތައް ކިތަންމެހާވެސް ބައިވެރެވެ. އޭރު އެމްޑީޕީން މާލޭގެ މަގުތަކަށް އެއްވެ ކުރަމުން ދިޔަ މުޒާހަރާތަކަށް މިއަދު އިދިކޮޅު ފަރާތްތަކުން ޖަހަމުން ދިޔައީ ހަޖޫއެވެ. ޖަހަމުން ދިޔައީ ޖޯކެވެ. އެއްވާން ބޭނުންނަމަ ހައްޖަށް ދާންވީ ނޫންތޯ ރައީސް ޔާމީން ވިދާޅުވިއިރު މިއަދު މިބޭފުޅުން އިދިކޮޅުގައި ތިބެމެ މި ކުރަނީ ކީއްތޯއެވެ. އެއްވެލުމަށް ކާނިވާ ސަރަހައްދު ނުދިނުމުން ނޫސް ކޮންފަރެންސްތައް ބާއްވައިގެން ތިމަންނާ މެންނަށް ސަރުކާރުން ޖެއްސުން ކުރާ ވާހަކައާ އެއްވުމެއް ބާއްވާލަން ކާނިވާ ސަރަހައްދު ނުދޭ ކަމަށްބުނެ އިދިކޮޅު ލީޑަރުން ވާހަކަ ދައްކާއިރު އަތް ޖެހޭ ހިސާބުގައި ހިނގާދިޔަ ކަންކަން ހަނދާން ނެތުނީތޯއެވެ.

އެމްޑީޕީން ޖަލްސާއެއް ބާއްވަން ސްކޫލު ގަނޑެއް ހާވެސް ނުލިބިގެން އުޅުނީ މިބޭފުޅުންގެ ވެރިކަމުގައެވެ. ސަލްސާ ރޯޔަލް ފަދަ ތަންތަނުގައި ޖަލްސާތައް ބާއްވައިގެން އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއާ އެހެން ޕާޓީތަކުން އުޅުނު ހާލު މިއަދު އިދިކޮޅުގައި ތިބި ފަރާތްތަކުން ތަހައްމަލު ކުރަން އަދި ޖެހުނީ މަދު ދުވަސްކޮޅަކަށެވެ. ނަމަވެސް މިހާ އަވަހަށް ތަދުވެ ދެން މިކަން ނުވާނޭ ބުނާފަދަ ބީދައިން ވާހަކަ ދެއްކުމަކީ ރައްޔިތުން މިބޭފުޅުންނަށް އިތުރަށް މަލާމާތް ރައްދު ކުރާނެ ކަންކަމެވެ.

މިއަދު މުޒާހަރާ ކުރުމަކީ ވޭންހުރި ކަމެއްކަން ވެސް އެނގިއްޖެއެވެ. މިއަދު މުޒާހަރާ ކޮށްފިނަމަ ޕެޕަ ސްޕްރޭ ވެސް ޖަހާނެކަން އެނގިއްޖެއެވެ. މިއަދު ތިމާމެން ގާނޫނާއި ހިލާފަށް އެއްވާނަމަ ހައްޔަރުވެސް ކުރާނެކަން އެނގިއްޖެއެވެ. ހަމަގައިމުވެސް އެމްޑީޕީން އޭރު ކުރި މުޒާހަރާތަކުގައިވެސް މީހުން ހައްޔަރުކުރީ "މިސްކިތުގެ ސަޖިދާ"ގައި އޮވެގެން ނޫންކަން އިދިކޮޅު ކޯލިޝަނަށް އެނގިއްޖެއެވެ. އޭރު ރައްޔިތުންނާއި ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރުމުގެ ނަތީޖާ މިއަދު އިދިކޮޅުގައި ތިބި ފަރާތްތަކަށް ފެންނަން ފަށައިފިއެވެ. މިއީ އިބުރަތުން ފުރިގެންވާ ކަންކަމެވެ. މިއަދު ފެންނަމުން މިދަނީ ތިމާއަށް ބާރު ލިބޭ ދުވަހު ހިތުހުރިހާ ގޮތަކަށް ގާނޫނު މާނަ ކުރުމުގެ ނަތީޖާއެވެ.