Last Updated: April 23, 23:56
Wednesday, April 24, 2024
ކުޅިވަރު

ސިޓީ އެއްވަރުވިއިރު، ލިވަޕޫލަށް 11 ޕޮއިންޓުގެ ލީޑެއް

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އެއްވަރުވިއިރު، ލިވަޕޫލް ކުޅުނު މެޗު ކާމިޔާބުކޮށް ޕްރިމިއާ ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 40 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ސިޓީ 29 ޕޮއިންޓާ އެކު އޮތްއިރު ތިންވަނައިގައި އޮތް ލެސްޓަ ސިޓީ އަށް ވެސް ލިބިފައިވަނީ 29 ޕޮއިންޓެވެ. ލެސްޓާ އެ އަދަދަށް ޕޮއިންޓު ހޯދާފައިވަނީ ސިޓީ އަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

ލިވަޕޫލް މިރޭ މޮޅުވީ ލީގުގެ 15 ވަނައިގައި އޮތް ބްރައިޓަންއާ ބައްދަލުކޮށް 2-1 އިންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ އެޓީމުން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. މި ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވާޖިލް ވެންޑައިކްއެވެ. މި ގޯލަށްފަހު ވެސް ލިވަޕޫލް އިން ވަނީ މި ހާފުގައި އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލިއިރު މެޗުގެ 76 ވަނަ މިނެޓްގައި ރެފްރީ ވަނީ ލިވަޕޫލްގެ ކީޕަރު އެލިސަން އަށް ރަތްކާޑު ދައްކާފައެވެ. އެލިސަން އަށް ރަތްކާޑު ދެއްކީ ޕެނަލްޓީއޭރިއާގެ ބޭރުން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ލިބުނު ހިލޭޖެހުމަކުން ބްރައިޓަންގެ ހަމައެކަނި ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑަންކްއެވެ.

ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިވަޕޫލް އިން ނެގިއިރު، ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

މެންޗެސްޓަރ ސިޓީ މިރޭ އެއްވަރުވީ ލީގުގެ 14 ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކޮށް 2-2 އިންނެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ސިޓީ އަށް ލީޑު ނަގައިދިން ނަމަވެސް މެޗުގެ 25 ވަނަ މިނެޓްގައި ވިލެމްސް ވަނީ ނިއުކާސަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ސިޓީންނެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓްގައި މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ކެވިން ޑެބްރައިނާއެވެ.

ނިއުކާސަލް އިން މި މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ މެޗުގެ 88 ވަނަ މިނެޓްގައެވެ. އެގޮތުން މި ގޯލު ނިއުކާސަލް އަށް ކާމިޔާބުކޮށްދިނީ ކުރިން ލިވަޕޫލަށް ކުޅުނު ޖޮންޖޯ ޝެލްވީއެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވެސްޓްހަމް ޔުނައިޓެޑުން ވަނީ 1-0 އިން ޗެލްސީގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ޓޮޓެންހަމް އިން ވަނީ ބޯންމަތްގެ މައްޗަށް 3-2 އިން ކުރި ހޯދާފައެވެ.