Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

ޔޫރޯ 2020: ފްރާންސް، ޕޯޗުގަލް އަދި ޖަރުމަނު އެއް ގްރޫޕަކަށް

އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އާއި ޕޯޗުގަލް އަދި ޖަރުމަނު އެއް ގްރޫޕަކަށް ލައްވާލައިފިއެވެ.

ޔޫރޯގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ މި ތިން ޓީމު ލައްވާލާފައިވަނީ ގްރޫޕް އެފްގައެވެ. މަރުގެ ގްރޫޕްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މި ގްރޫޕްގައި ދެން ހިމެނޭނީ ޕްލޭއޮފުން މޮޅުވާ ޓީމެކެވެ. މި ގްރޫޕްގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ޕޯޗުގަލް އަކީ އެންމެފަހުގެ ޔޫރޯގެ ޗެމްޕިއަނުންނެވެ. އަދި ފްރާންސް އަކީ އެންމެފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ސްޕެއިން ލައްވާލާފައިވަނީ ގްރޫޕް އީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސްވިޑެން އާއި ޕޮލެންޑުގެ އިތުރުން ޕްލޭއޮފުން މުބާރާތަށް ކޮލިފައިވާ ޓީމެކެވެ. މީގެއިތުރުން ކޮލިފިކޭޝަންގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން މުބާރާތަށް ކޮލިފައިވި އިޓަލީ ލައްވާލާފައިވަނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ތުރުކީ އާއި ސްވިޒަލޭންޑްގެ އިތުރުން ވޭލްސްއެވެ.

ޔޫރޯ އަށް އަދި އިތުރު ހަތަރު ޓީމެއް ކޮލިފައިވާންޖެހޭއިރު، އެޓީމުތައް ކޮލިފައިވާނީ ޕްލޭއޮފް ކުޅެގެންނެވެ. އަންނަ އަހަރުގެ ޔޫރޯ ޔޫރަޕްގެ 16 ސިޓީއެއްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗުގައި ޖޫން މަހުގެ 12 ވަނަ ދުވަހު އިޓަލީ ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ.

ޔޫރޯގެ ގްރޫޕްތައް އެކުލެވިގެންވާ ގޮތް:

ގްރޫޕް އޭ: އިޓަލީ، ސްވިޒަލޭންޑް، ތުރުކީ، ވޭލްސް

ގްރޫޕް ބީ: ބެލްޖިއަމް، ރަޝިޔާ، ޑެންމާކް، ފިންލޭންޑް

ގްރޫޕް ސީ: ޔުކްރޭން، ނެދަލޭންޑްސް، އޮސްޓްރިއާ، ޕްލޭއޮފުން ކޮލިފައިވާ ޓީމެއް

ގްރޫޕް ޑީ: އިންގްލޭންޑް، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ޕްލޭއޮފުން ކޮލިފައިވާ ޓީމެއް

ގްރޫޕް އީ: ސްޕެއިން، ޕޮލެންޑް، ސްވިޑެން، ޕްލޭއޮފުން ކޮލިފައިވާ ޓީމެއް

ގްރޫޕް އެފް: ޖަރުމަނު، ޕޯޗުގަލް، ފްރާންސް، ޕްލޭއޮފުން ކޮލިފައިވާ ޓީމެއް