Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޔާމީން އޮންނެވީ މާފުށީ ޖަލުގައި މައުމޫން އޮންނެވި ގޮޅީގައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ބަހައްޓާފައި ހުންނެވީ އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ބަހައްޓާފައި ހުންނެވި ގޮޅީގައިކަން އެނގިއްޖެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ހުކުމް އިއްވުމުން ޔާމީން ވަގުތީ ގޮތުން މާލޭ ޖަލުގައި ހުންނެވި ނަމަވެސް، އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކުރާ ގޮތުގައި މާފުށީ ޖަލުގައި ޔާމީން ހުންނެވި ޖަލު ގޮޅިއަކީ ވީއައިޕީ އަށް ހާއްސަ ގޮޅިއެއް ކަމަށެވެ. އެގޮތުން އެތަނުގައި ޔާމީނަށް ދޭން ޖެހޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން ދެމުން އަންނަ ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.

އެތަނަކީ ޔާމީންގެ ވެރިކަމުގެ ތެރޭގައި ޖަލަށް ލެވޭ ސިޔާސީ މީހުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ.

އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވެސް ހުކުމްތައް އެތަނުގައި ތަންފީޒުކޮށްފައިވެއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ.