Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޝިޔާމް، ޔޫއޭއީ ސަރުކާރަށް: ޔާމީން މިނިވަން ކުރުމަށް އެހީވެދީ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުގެ އެހީއަށް ޕީޕީއެމުން އެދިވަޑައިގެންފިއެވެ.

އެގޮތުން މިކަމުގެ އެހީއަށް ޔޫއޭއީގެ ސަރުކާރުގެ ކިބައިން އެދިވަޑައިގެންނެވީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ޝިޔާމް އަރަބި ބަހުން ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމްގެ ޓްވީޓްގައި ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ޔާމީންއަކީ ޔޫއޭއީއާއެކު ވަރުގަދަ ގުޅުމެއް ގާއިމް ކުރެއްވި ބޭފުޅެއް ކަމަށެވެ. ނަމަވެސް މިއަދު ޔާމީން ހުންނެވީ އިންސާފުން ބޭރުން ކުރި ހުކުމާ އެކު ޖަލުގައި ކަމަށާއި އަދި އެމަނިކުފާނަށް ޖަލުގައި އަނިޔާ ދެމުންދާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން ޔާމީން މިނިވަން ކުރުމުގައި ޔޫއޭއީ އިން އެހީތެރިކަން ދެއްވުމަށް ޝިޔާމްގެ ޓްވީޓްގައި ވަނީ އެދިވަޑައިގެންފައެވެ.

ޝިޔާމްގެ މި ޓްވީޓްގައި ވަނީ ޔޫއޭއީގެ ނައިބު ރައީސް ޝައިހް މުހައްމަދު ބިން ރާޝިދު ބިން އަލް މަހްތޫމާއި، ޔޫއޭއީގެ ވަލީއަހްދު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަދި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ޝައިހް މަންސޫރު ބިން ޒައިދު އަލް ނަހްޔާން ޓެގު ކުރައްވާފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ހުކުމް އިއްވުމުން ޔާމީން ވަގުތީ ގޮތުން މާލޭ ޖަލުގައި ހުންނެވި ނަމަވެސް، އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ.