Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

ޔާމީން މިނިވަންކޮށް ވެރިކަމަށް ވެސް ގެންނާނަން: ޣައްސާން

ގައްސާން މައުމޫން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެންނަވާނެ ކަމަށް ތ.ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިންހާސް އަހަރަށްވުރެ ދިގު މާޒީއެއް އޮތް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ޢުމްރާނީ ތަރައްޤީއެއް ކުރު 5 އަހަރުގެ ތެރޭގައި ހޯދައިދެއްވި މޭސްތިރިއަކީ ޔާމީން ކަމަށެވެ. ނަމަވެސް އެމަނިކުފާނު މިއަދު ވަނީ ސިޔާސީ ޙުކުމެއްގައި ގައިދުކޮށްފައި ކަމަށް ގައްސާން ވިދާޅުވިއެވެ.

"ޕީޕީއެމްގެ ބަދަހި ލަޝްކަރުގެ މަސައްކަތް ހުއްޓައިލާނީ އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު އިންތިޚާބުކޮށްފައި" ގައްސާން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ހުކުމް އިއްވުމުން ޔާމީން ވަގުތީ ގޮތުން މާލޭ ޖަލުގައި ހުންނެވި ނަމަވެސް، އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ.