Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ގާޒީ ހައިލަމް ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފިއެވެ.

ހައިލަމް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލަ ޖޭއެސްސީން ތަހުގީގު ކުރުމަށްފަހުއެވެ.

އެގޮތުން ޖޭއެސްސީން ބުނީ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ގާޒީ ހައިލަމް ކޮށްފައިވާ ކަމަށް ކޮމިޝަނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ.

އަދި ގާޒީ ހައިލަމްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމިޓީ އަށް ގަބޫލުކުރެވުނު ކަމަށާއި އެހެންކަމުން އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދެވީ ވެސް ހައިލަމް ކަމަށްވާއިރު އެ ކުރެހުން އާންމު ކުރުމާއެކު ޖޭއެސްސީން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ. ޔާމީންގެ މައްސަލަ ފަހުން ބައްލަވާފައިވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ކުރެހުން އާންމު ކުރެވުނު މައްސަލާގައި ހައިލަމް ވަނީ މައާފަށް އެދި އެ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.