Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

ޔުނައިޓެޑާއި އާސެނަލް އެއްވަރުވިއިރު، ލެސްޓާ ދެވަނަ އަށް

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް އެއްވަރުވިއިރު، ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ލެސްޓަ ސިޓީ ޕްރިމިއާ ލީގުގެ ދެވަނަ އަށް އަރައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ދެވަނަގައި ލެސްޓާ އޮތީ 32 ޕޮއިންޓާ އެކުއެވެ. 19 ޕޮއިންޓާ އެކު އާސެނަލް ލީގުގެ އަށްވަނައިގައި އޮތްއިރު 18 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ 9 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 40 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ.

ލެސްޓާ ރޭ މޮޅުވީ ލީގުގެ 17 ވަނައިގައި އޮތް އެވަޓަންއާ ބައްދަލުކޮށް 2-1 އިންނެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އެވަޓަން އިންނެވެ. އެގޮތުން މި ގޯލު މެޗުގެ 23 ވަނަ މިނެޓްގައި އެވަޓަން އަށް ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ. ނަމަވެސް މެޗުގެ 68 ވަނަ މިނެޓްގައި ޖޭމީ ވާޑީ ވަނީ ލެސްޓާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ލެސްޓާ މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ރޭ ކުޅުނު މެޗުން އެއްވަރުވީ އެސްޓަންވިލާއާ ބައްދަލުކޮށް 2-2 އިންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ޖެކް ގްރީލިޝް ވަނީ އެސްޓަންވިލާ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ޔުނައިޓެޑްގެ މި ގޯލަކީ އެސްޓަންވިލާގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ 64 ވަނަ މިނެޓްގައި ވިކްޓަ ލިންޑެލޮފް ޔުނައިޓެޑް ލީޑު ނަގައިދިން ނަމަވެސް އޭގެ ދެ މިނެޓްފަހުން މިންގްސް ވަނީ އެސްޓަންވިލާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ ލީޑު ނަގަން ޔުނައިޓެޑުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

އާސެނަލް ރޭ އެއްވަރުވީ ރަށުން ބޭރުގައި ނޯވިޗް ސިޓީއާ ބައްދަލުކޮށް 2-2 އިންނެވެ.

އާސެނަލްގެ ވަގުތީ ކޯޗު ފްރެޑީ ލުންބާގްގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި އާސެނަލް އިން ކާމިޔާބުކުރި ދެ ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އޮބަމަޔަންގްއެވެ. ނޯވިޗްގެ ދެ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ޓީމޫ ޕުއްކީ އާއި ކަންޓްވެލްއެވެ.

ރޭގެ މެޗު އެއްވަރުވިއިރު މިއީ މޮޅެއް ނުހޯދި އާސެނަލް އިން ޖެހިޖެހިގެން ނިންމާލި 8 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.