Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

މާޓިނޭޒްގެ ގޯލުތަކުން އިންޓަ އެއްވަނަ އަށް

އިޓާލިއަން ލީގުގައި ރޭ އެސްޕީއޭއެލްގެ މައްޗަށް 2-1 އިން ކުރި ހޯދައި އިޓާލިއަން ލީގުގެ އެއްވަނަ އަށް އިންޓަ މިލާން އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި އިންޓަ އޮތީ 37 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 36 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ތިންވަނައިގައި 30 ޕޮއިންޓާ އެކު އޮތީ ލާޒިޔޯއެވެ.

އިންޓަގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގައެވެ. އެގޮތުން މި ދެ ގޯލުވެސް އިންޓަ އަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާ އަށް އުފަން އުމުރުން 22 އަހަރުގެ ލައުޓާރޯ މާޓީނޭޒްއެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ވަލޯޓީ އެސްޕީއޭއެލް އަށް ގޯލެއް ކާމިޔާބުކޮށްދިންއިރު މި ހާފުގައި އިންޓަގެ ލީޑު ފުޅާކޮށް މާޓިނޭޒް އަށް ވަނީ ހެޓްރިކެއް ހަދަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މާޓިނޭޒް ފޮނުވާލި އެ ހަމަލާ އެސްޕީއޭއެލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

އިންޓަ ރޭ މޮޅުވިއިރު ލީގުގެ ދެވަނައިގައި އޮތް ޔުވެންޓަސް ވަނީ ސަސުއޯލޯއާ ބައްދަލުކޮށް 2-2 އިން އެއްވަރުވެފައެވެ. މި މެޗުގައި ޔުވެންޓަސްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ލިއަނާޑޯ ބޮނޫޗީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.