Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ޔާމީން މިނިވަން ކުރުމަށް ގޮވާލާ މަޖިލީހުގައި އިހުތިޖާޖު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތައް ހިފައިގެން އިހުތިޖާޖު ކުރުމުގައި އަމަލީގޮތުން އުޅުއްވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނެވެ.

އެގޮތުން އެ މެމްބަރުން އަންނަނީ ޔާމީނަށް ކުރެވިފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ މަޖިލީހުގައި އިހުތިޖާޖު ކުރަމުން އަންނައިރު، ޔާމީން މިނިވަން ވަންދެން މަޖިލީހުގައި އިހުތިޖާޖު ކުރައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ.