Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ނަޝީދު، އިދިކޮޅަށް: ރައްޔިތުން ބުނަނީ ތި އިހުތިޖާޖުގައި ވަރެއް ނެތޭ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން ކުރަމުންދާ އިހުތިޖާޖުގައި އެއްވެސް ވަރެއް ނެތުމުން ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިއަދުގެ ޖަލްސާ ފެށުމާއެކު ޕޯސްޓަރުތައް ހިފައިގެން ތިބެ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށާފައެވެ. އެ އިހުތިޖާޖުގައި އަމަލީގޮތުން އުޅުއްވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނެވެ.

އިދިކޮޅު މެމްބަރުން އިހުތިޖާޖް ކުރަމުންދަނިކޮށް މަޖިލީހުގެ ރައީސް ވަނީ އެ ބޭފުޅުން ކުރަމުންދާ އިހުތިޖާޖުގައި އެއްވެސް ވަރެއް ނެތުމުން ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.

"ޓީވީ ބައްލަވަމުން ގެންދަވާ ރައްޔިތުން ވަރަށް ބޮޑަށް ހިތް ހަމައެއް ނުޖެހޭކަމަށް އަޅުގަނޑަށް އެބަ މައުލޫމާތު ލިބޭ. އިހުތިޖާޖުގައި އެއްވެސް ވަރެއް ނެތުމުން" ނަޝީދު ވިދާޅުވިއެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ މަޖިލީހުގައި އިހުތިޖާޖު ކުރަމުން އަންނައިރު، ޔާމީން މިނިވަން ވަންދެން މަޖިލީހުގައި އިހުތިޖާޖު ކުރައްވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ.