Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ގައުމީ ޓީމަށް ލަފާދޭ ކޮމެޓީ އުވާލައިފި

ގައުމީ ޓީމުތަކަށް ލަފާދިނުމަށް އެކުލަވާލި ކޮމިޓީ ކުއްލި ގޮތަކަށް އެފްއޭއެމުން މިއަދު އުވާލައިފިއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޓީ އުވާލީ މި އަހަރުގައި ދެން އިތުރަށް ރާއްޖޭގެ އެއްވެސް އުމުރުފުރައިގެ ގައުމީ ޓީމުގެ މެޗެއް އަދި މުބާރާތެއް ނެތުމުގެ ސަބަބުން ކަމަށެވެ.

އެ ކޮމެޓީގެ ޗެއާމަންކަން ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. އެ ކޮމެޓީގައި ތިއްބެވީ އަންހެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރްފަތު އާއި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ އިތުރުން ގައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދެވެ.

ގައުމީ ޓީމު ކޮމިޓީއަކީ ގައުމީ ޓީމުތަކުގެ ކަންތައްތަކުގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުމަށް އެކުލަވާލި ކޮމިޓީއެކެވެ.

ބޮޑު ރަސްމިއްޔާތަކައެކު މި ކޮމިޓީގެ މަސައްކަތްތައް ރަސްމީކޮށް ފެށީ މިދިޔަ އޮކްޓޫބަރު މަހުތެރޭ ކަމަށްވާއިރު އެރޭގެ ރަސްމުއްޔާތުގައި ވާހަކަދައްކަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރު މުސްތަގުބަލުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންތައްތަކާއި ދުރުރާސްތާ އަކަށް ބަލައިގެން ކަންތައްތައް ހާސިލްކުރަން ކުރާ މަސައްކަތްތަކުގެ ޕްލޭނެއް އެބައޮތް ކަމަށް ވިދާޅުވެފައެވެ.