Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

13 އަހަރުގެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކޯޓުން ބޭރުގައި ކައިވެނިކޮށް ބަލިވެ އިނދެ ވިހެއި، 13 އަހަރުގެ އަންހެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

ފުލުހުން ބުނީ ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ އާއިލާއަށް ނިސްބަތްވާ 13 އަހަރުގެ އަންހެން ކުއްޖާ އާއި އެ ކުއްޖާ ވިހެި ކުއްޖާ އަދި އެ އާއިލާ އަށް ނިސްބަތްވާ ހަ ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމައްޓަކައި މިއަދުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އާއި ފުލުހުން ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަދި އެކުދިންނާ މެދު އިހުމާލުވެފައިވާ މައްސަލަ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

13 އަހަރުގެ އަންހެން ކުއްޖާއާ ކޯޓުން ބޭރުގައި ކައިވެނިކުރި މައްސަލާގައި އުމުރުން 26 އަހަރުގެ ރ. މަޑުއްވަރީ ހައްމާދު އިސްމާއީލް ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހަމަނުޖެހުމުގައި ޒަހަމްކޮށްލުމަށްފަހު ކަނޑަށް އެއްލާލާފައި އޮއްވާ ފެނުނު މީހާއެވެ.

ފުލުހުންގެ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ހައްމާދުގެ ޑީއެންއޭއާއި 13 އަހަރުގެ ކުއްޖާ ވިހި ތުއްތު ކުއްޖާގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ. އަދި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ކުޑަކުއްޖަކާއި މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށާއި އެ މައްސަލާގައި މިހާރު 14 ފަރާތަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހައްމާދަކީ މީގެ ކުރިންވެސް ޓެރަރިޒަމްގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެ، ހުކުމް ތަމްފީޒުކޮށް ކުށުގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށްވެސް ހަނީފް ވިދާޅުވިއެވެ.