Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މަޖިލީހަށް ހުށަހެޅުމަށް ހަތަރު ބިލެެއް ރައީސް އޮފީހަށް ފޮނުވައިފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ހަތަރު ބިލެއް ރައީސް އޮފީހަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ފޮނުވައިފިއެވެ.

މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވީ ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލުގެ އިތުރުން ނަފްސާނީ ސިއްހަތުގެ ބިލް އަދި އެއް މެދު އިމާރާތުގެ ބިލެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ތައުލީމާ ބެހޭ ބިލަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު ފުރިހަމައަށް ލިބިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑު ގާއިމް ކުރުމާއި ދަރިވަރުންގެ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައެޅުމާ އެކު ތައުލީމު ދިނުމާ ބެހޭ ހަމަތައް ކަނޑައަޅާ ބިލެއް ކަމަށެވެ.

އަދި މަތީ ތައުލީމުގެ ބިލަކީ ރާއްޖޭގައި މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެފަދަ މަރުކަޒުތައް ހިންގާނެ އުސޫލުތައް ކަނޑައަޅައި، މަތީ ތައުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި އެފަދަ ތައުލީމު ދޭ މަރުކަޒުތައް މޮނީޓަރކޮށް އެތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެކުލަވާލި ބިލެކެވެ.

ނަފްސާނީ ސިއްހަތުގެ ބިލަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމައު އަހުލުވެރިކޮށް އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ދައުލަތުގެ ހަރަދުގައި ފަރުވާ ދިނުމުގެ ނިޒާމު ގާއިމުކުރުމުގެ ގޮތުން އެކުލަވާލި ބިލެކެވެ.

މީގެއިތުރުން އެއް މެދު އިމާރާތުގެ ބިލަކީ ރާއްޖޭގައި އިމާރާތްކުރާ އިމާރާތްތައް އެއް މެދު އިމާރާތަކެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ދިނުމާ ބެހޭ އުސޫލުތަކާއި އެއް މެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓްތައް ވަކިވަކި ފަރުދުންނަށް މިލްކުކޮށް ދިނުމާއި ގަނެވިއްކުމާއި ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރެއެވެ.