Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ނައިބު ރައީސް

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ‌‏ގަވަރުނަރު މިސްޓަރ ރުއާން ޝެންގްފާ އާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާޢިމުކުރިތާ މި ވީ ސާޅީސް ހަތް އަހަރުގެ ތެރޭގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވާ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އަދި ހިންގާފައިވާ ބައެއް މަޝްރޫޢުތައް ފާހަގަކުރެއްވިއެވެ.

އަދި ކުރިމަގުގައިވެސް ޗައިނާގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެކަމަށް އުންމީދު ކުރައްވާ ކަމަށާއި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުން އަންނަ ކުރިއެރުންތައް ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި މި ގުޅުން އިތުރަށް ބަދަލި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވާރާކުރެއްވިއެވެ.

އެގޮތުން ވިޔާފާރިއާއި އިޤްތިޞާދާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ތަޢުލީމު އަދި ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާމެދު ގަވަރުނަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ގަވަރުނަރު ވަނީ ޔުނާން ޕްރޮވިންސުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމާ ކުޅިވަރުގެ ދާއިރާފަދަ ދާއިރާތަކުން ދެ ޤައުމުގެ ފަރުދުންގެ ފެންވަރުގައި ގުޅުންތައް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ގަވަރުނަރުގެ ވާހަކަފުޅުގައި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން ރާއްޖެއާއި ޗައިނާ އަދި ޔުނާން ޕްރޮވިންސާއެކު އޮތް ގުޅުންތައް ހަތް ގުނައަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.