Last Updated: April 25, 18:10
Thursday, April 25, 2024
ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރަން މިފަހަރު ތުރުކީގެ މީޑިއާ ޓީމެއް

ރާއްޖޭގެ ޓޫރިޒަމް އަމިއްލަ އަށް ތަޖުރިބާކޮށް އިޝްތިހާރު ކުރަން ތުރުކީގެ މީޑިޔާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ނޫސްވެރިންތަކެއް ރާއްޖެ އަތުވެއްޖެއެވެ.

މި ޓީމު ރާއްޖެ އައިސްފައިވަނީ މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ދައުވަތަކަށެވެ. މި ޓީމު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބޭނެއެވެ.

މިދަތުރުގައި މިޓީމް ތިބުމަށް ހަމަޖެހިފައިވަނީ ކުރަމަތި އައިލޭންޑް ރިސޯޓާއި، ކުރުނބާ މޯލްޑިވްސް އަދި މިރިހި އައިލޭންޑް ރިސޯޓުގައެވެ. މި ދަތުރުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ހަނީމޫން އާއި އިކޯ ޓުއަރިޒަމް އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާތަށް ދައްކުވައިދޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މިއީ އަމިއްލަ އަށް ތަޖުރިބާކޮށް ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރްސީން ދައުވަތު ދީގެން ގެނައި 21 ވަނަ ގްރޫޕެކެވެ.

މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 1،393،619 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މީގެތެރެއިން 8،059 ފަތުރުވެރިންނަކީ ތުރުކީން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.