Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފަނޑިޔާރު ޣަނީ ވަކިކުރުމުގެ މައްސަލަ މާދަމާ

ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު މަގާމުގެ ފަތްކޮޅުގައި ސޮއި ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ. މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވިއިރު އެ ކޮމިޓީން ވެސް ވަނީ ޣަނީ ވަކި ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނިންމައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

މަޖިލިހުން ޣަނީ ވަކިކުރަން ނިންމައިފިނަމަ، ސުޕްރީމް ކޯޓުގެ ކުރީގެ ހުރިހާ ފަނޑިޔާރުން ބަދަލުވީއެވެ.

ފަނޑިޔާރު ޣަނީގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު އޭނާ މަގާމުން ވަކި ކުރުން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. ޣަނީ ވަކި ކުރަން ހުށަހަޅަން ނިންމީ އޭނާ 60 ދުވަހަށް ސަސްޕެންޑް ވެސް ކުރުމަށްފަހު އެވެ.

ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ.