Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޔާމީނަށް ނުބައި އެއްޗެއް ކާން ދީފާނެތީ ބިރުގަނޭ: އަދުރޭ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުބައި އެއްޗެއް ކާން ދީފާނެތީ ބިރުގަންނަ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޔާމީން ޖަލަށްލާފައިވަނީ ނުހައްގުން ކަމަށާއި ޖަލުގައި ޔާމީނަށް ކޮށްފާނެ ކަމަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"ނުބައި އެއްޗެއް ކާން ދީފާނެތީ ބިރުގަނޭ. އަޅުގަނޑުމެންނަށް އަސަރު ކުރޭ. ނުބައި އިންޖެކްޝަނެއް ޖަހާފަނެތީ މިތިބެނީ ބިރުން ހަދާނެ ގޮތެއް ނޭނގިފައި. މި މީހުން ބޭނުންވޭ ރައީސް ޔާމީން ރާއްޖޭގެ ސިޔާސީ މައިދާނުން އެކަހެރިކުރަން. އެމަނިކުފާނުގެ ސިޔާސީ ވިސްނުން މި ގައުމުން ބޭރުކުރަން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ޔާމީން ޖަލުން މިނިވަން ކުރަން ރައްޔިތުންނަށް ލިބޭ އެންމެ ފަހު ފުރުސަތަކީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބެވެ. އެގޮތުން އެ އިންތިހާބަކީ ޔާމީންގެ އިތުރުން މި ގައުމު ސަލާމަތް ކުރުމަށްވެސް ލިބޭ ފުރުސަތެއް ކަމަށާއި އެ އިންތިހާބުގައި އެމްޑީޕީ އަށް އެންމެ ގޮނޑިއެއް ވެސް ނުދިނުމަށް އަދުރޭ ވަނީ ގޮވާލާފައެވެ.

އަދި ޔާމީނަށްޓަކާ ގުރުބާންވާން ތައްޔާރަށް ތިއްބެވި ކަމަށާއި ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި ހުރިހާ ފަރާތްތަކުން ވެސް ސާބިތުވާންޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައެވެ. އެގޮތުން އެތަނުގައި ޔާމީނަށް ދޭން ޖެހޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން ދެމުން އަންނަ ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.

އެތަނަކީ ޔާމީންގެ ވެރިކަމުގެ ތެރޭގައި ޖަލަށް ލެވޭ ސިޔާސީ މީހުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ.

އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވެސް ހުކުމްތައް އެތަނުގައި ތަންފީޒުކޮށްފައިވެއެވެ.