ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ހަވަނަ ފަހަރަށް ބާސެލޯނާގެ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ މިރޭ ހާސިލްކޮށްފި އެވެ.
ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ ފްރާންސް ފުޓްބޯލް އިން ދިން މި އެވޯޑް މެސީ ކާމިޔާބުކުރީ ލިވަޕޫލްގެ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އާއި ޔުވެންޓަސްގެ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވާދަކޮށްގެންނެވެ.
"މިއީ އަހަންނަށް ވަރަށް ހާއްސަ ވަގުތެއް. މި އެވޯޑު މީގެ 10 އަހަރު ކުރިން ކާމިޔާބު ކުރެވުނު ހަނދާން އަދިވެސް އެބަހުރި. އަނެއްކާވެސް މި އެވޯޑު މި ހާސިލު ކުރެވުނީ. މިއީ ލިބުނު ޝަރަފެއް" މެސީ ބުންޏެވެ.
ބެލޮންޑިއޯ އެވޯޑު މެސީ އެންމެ ފުރަތަމަ ހާސިލުކުރީ 2009 ވަނަ އަހަރުއެވެ. އޭގެފަހުން 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް މި އެވޯޑު ގެންގޮސްފައިވަނީ މެސީއެވެ. މެސީ އަކީ މި އެވޯޑު ހަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.
މި އެވޯޑު މެސީ ގެންދިޔައިރު އޭނާ ވަނީ ބާސާ އާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް، މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށް 22 އެސިސްޓު ހަދާފައެވެ.
ބެލޮންޑިއޯ އެވޯޑުގެ އިތުރުން މެސީ ވަނީ ފީފާ އިން މިއަހަރު ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލުކޮށްފައެވެ.
ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ އެމެރިކާގެ މަޝްހޫރު ތަރި މެގަން ރެޕީނޯއެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ގެންދިޔައިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު މިފަހަރު ގެންދިޔައީ ޔުވެންޓަސް އަށް ކުޅެމުން އަންނަ މަތިއަސް ޑިލައިޓްއެވެ.