Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ގާޒީ ހައިލަމް އިސްތިއުފާ ދެއްވައިފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް - ފޮޓޯ: ރައީސް އޮފީސް

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހައިލަމް އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

ހައިލަމް ޖޭއެސްސީ އަށް ފޮނުވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އޭނާ ޖޭއެސްސީ އަށް ފޮނުއްވި ސިޓީތަކުގައިވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.

އަދި ޖޭއެސްސީން މިއަދު މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ބަޔާންކޮށްފައިވާ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރެއްވުމެއް ނެތި ކަމަށް ވީހިނދު، ޖުޑީޝަލް ސާވިސް ކޮމިޝަނުން އަޅުގަނޑާ މެދު ނިންމާފައިވާ ނިންމުންތައް ގާނޫނުއަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާ އެއްގޮތްވެގެން ނުވާކަން ފާހަގަކުރަމެވެ" ހައިލަމް ވިދާޅުވިއެވެ.

ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ބައްޓަންކުރަން ކަމަށްވެސް ހައިލަމް ތުހުމަތު ކުރެއްވިއެވެ.

ހައިލަމް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލަ ޖޭއެސްސީން ތަހުގީގު ކުރުމަށްފަހުއެވެ.

އެގޮތުން ޖޭއެސްސީން ބުނީ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ގާޒީ ހައިލަމް ކޮށްފައިވާ ކަމަށް ކޮމިޝަނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ. އަދި ގާޒީ ހައިލަމްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމިޓީ އަށް ގަބޫލުކުރެވުނު ކަމަށްވެސް ބުނެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދެވީ ވެސް ހައިލަމް ކަމަށްވާއިރު އެ ކުރެހުން އާންމު ކުރުމާއެކު ޖޭއެސްސީން ވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ. ޔާމީންގެ މައްސަލަ ފަހުން ބައްލަވާފައިވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.