Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ބްރޯޑްކޮމް އަށް އެމްޑީޕީގެ އެކްޓިވިސްޓަކާއެކު ދެ ބޭފުޅަކު

އަހުމަދު ގައިސް

ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)ގެ މެންބަރުކަމަށް މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް (އައްޔަ) އަދި އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ގައިސް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެގޮތުން އަލީ ޔޫސުފް ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 66 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި މަރީ ބްރޮޑްކޮމްގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެމްބަރުން ވޯޓު ދެއްވި އިރު، ގައިސް އަށް ރުހުން ދިނުމަށް 64 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

ބްރޯޑްކޮމް އަށް އައްޔަން ކުރަން ފާސްކުރި ގައިސް އަކީ ތިނަދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ފަރާތެކެވެ. އަދި އެ ޕާޓީގެ ޓިކެޓްގައި ގދ. އަތޮޅު ކައުންސިލަށް ވެސް އޭނާ އިންތިހާބުވެފައިވެއެވެ.

ބްރޯޑްކޮމް އަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްލާ އިބްރާހިމްގެ ނަމެވެ. އަދި ރައީސް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނިންމުމުގައި ވެސް ލިސްޓުގެ އެންމެ ކުރީގައި އޮތީ ޝިފްލާގެ ނަމެވެ.

ނަމަވެސް މިއަދު ޖަލްސާގައި ބްރޯޑްކޮމް އަށް ޝިފްލާ އައްޔަން ކުރަން ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުންނެވެ. ޝިފްލާ އައްޔަން ކުރުމާ ދެކޮޅަށް 49 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

ބްރޯޑްކޮމް އަށް އެމްޑީޕީގެ އެކްޓިވިސްޓަކު އައްޔަން ކުރަން ފާސްކޮށްފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބްރޯޑްކޮމް އަށް ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް އައްޔަން ކުރުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހަދާ ވާހަކަ ދެއްކީ އެމްޑީޕީންނެވެ.