Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

އެއާޕޯޓު ޕޮލިސް ޕޯސްޓް ފުލުހުންނާ ހަވާލުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޤާއިމުކުރި އެއާޕޯޓު ޕޮލިސް ޕޯސްޓް ރަސްމީކޮށް ފުލުހުންނާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، އެމްއޭސީއެލް އިން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ކޮންމެ ދުވަހަކުވެސް ރާއްޖެއާއި ރާއްޖެއިން ބޭރުން އެތައް ބަޔަކު ޒިޔާރަތްކުރާ ތަނަކަށް އެއާޕޯޓު ވެފައިވާއިރު، ޕޮލިސް ޕޯސްޓެއް ޤާއިމުކުރެވިގެން ދިއުމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ ވަރަށްބޮޑު ކުރިއެރުމަކާއި ފަސޭހައެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، އެއާޕޯޓަކީ ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ފުލުހުންނާއި އެމްއޭސީއެލް އަދި އެހެނިހެން މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހު ދެއްކެވި ވާހަކަ ފުޅުގައި، އެމްއޭސީއެލްގެ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ފަރާތް ގުޅިގެން އަބަދުވެސް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން އެއްގަމު އުޅަނދު ޕާކުކުރުމަށް ޚާއްސަކޮށްފައިވާ ޕާކިންޒޯނުގައި ބިލްބޯޑު އިފްތިތާހު ކޮށްފައިވެއެވެ. އެއްގަމު އުޅަނދަށް ރައްކާތެރިވުމާ ގުޅޭ މެސެޖުތައް އެ ބިލްބޯޑުގައި ލިޔެފައިވެއެވެ.