Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މިއީހޭ ލޯތްބަކީ؟ ( ނަވާރަ ވަނަބައި)

މެންދުރުފަސްވެ، ގަޑިން ދެއެއްވެސް ޖަހައިފިއެވެ. ޒައިކް މެންދުރު ނަމާދަށް ދިޔައިރުވެސް ޒީޝާން އުޅެނީ ބަދިގޭގައެވެ. އަދިވެސް ޒީޝާން ކައްކަނީބާއޭ ޒައިކްގެ ހިތަށްއެރިއެވެ. އޭނާ ކޮޓަރިން ނުކުންނަށް ހިތަށްއެރި ވަގުތު ޒީޝާން ދޮރުގައި ޓަކިދިނެވެ.

" ކައްކާ ނިމުނީތަ؟.." ދޮރުހުޅުވާލަމުން ޒައިކް އެހިއެވެ.

" ހޫމް…އެކަމު ކޮންތާކު ކާންހަދާނީ؟.." ޒީޝާން އެހިއެވެ.

" ބަދިގޭގަ…މުށިތަކުމަތީ….މޭޒެއް ލިބޭންދެން އެގޮތަށް ކާންޖެހޭނީ…" ޒައިކް ބުނެލިއެވެ. ޒީޝާން ބަހެއްނުބުނެ އެނބުރި ދިޔައެވެ. އަދި އިރުކޮޅެއްފަހުން އައިސް ކާންދިއުމަށް އެދުނެވެ. ޒައިކް އޭނާކުރަންހުރި މަސައްކަތް ހުއްޓާލާފައި ޒީޝާންގެ ފަހަތުން ނުކުތެވެ. ބަދިގެޔަށް ވަތްއިރު، މުށިތަކުމަތީގައި ރީތިކޮށް ތަށިތައް އަތުރާލާފައި ކާންހަދާފައި ހުއްޓެވެ. ޒައިކް މުށިތަކުމަތީގައި އިށީނދެ، ކާތަކެއްޗަށް ވަކިވަކީން ނަޒަރެއް ހިންގާލިއެވެ. މިފަހަރު ބަތްތެލި ދުން ނުގަތްނަމަވެސް، ބަތުގެ މަޑުބޮޑުވެގެން ގޮސް ބޮނޑިބަތް ގަނޑެކޭ އެއްފަދައެވެ. ތެޔޮއަޅާފައިވާލެއް ގިނަކަމުން މަތިން ތެޔޮފޭދިފައި ހުއްޓެވެ. ޒައިކް ތައްޓަކަށް ބަތްކޮޅެއް އެޅުމަށްފަހު ރިހަތައްޓަށް ނަޒަރު ހިންގާލިއެވެ. ރިހައިގަ ހުންނަން ޖެހޭފަދަ އެއްވެސް ކުލައަކުން ކުލައެއްނެތެވެ. ދިޔާކަމުންވެސް ހީވަނީ ފެންގަނޑެއް ހެންނެވެ.

" މި ކޮންކަހަލަ ރިހައެއް؟…" ތައްޓަށް ރިހަފޮދެއް އަޅާލަމުން ޒައިކް އެހިއެވެ.

" މުގުރިހަ…." ޖެހިލުންވެ އިނދެ ޒީޝާން ޖަވާބުދިނެވެ.

ޒައިކް ހިނިތުންވެލަމުން ބަތްތައްޓަށް ރިހަފޮދެއް އަޅައި މޮޑެލިއެވެ. ލާނެ ރަހަކާއިމެދުގައި ވިސްނަން އިނދެ އޭނާ ބަތްސުވައެއް ކާލިއެވެ. އެވަގުތު އޭނާއަށް އޭގައި ލީރަހައެއް ބުނެދޭކަށް ނޭނގުނެވެ. ބަތަށް ލޮނު ނުލާތީ ބަތުގައި ލަނީ ފެންރަހައެވެ. ނަމަވެސް ރިހައިގައި ލޮނުގަދަކަމުން އިތުރު އެހެންރަހައެއް ނުލައެވެ. މުގުތައްވެސް ރަނގަޅަށް މަޑުވެފައިހުރި ހެނެއް ހިއެއްނުވެއެވެ. މުގުގައި ކޮންމެވެސް ވަރެއްގެ ހިތިރަހައެއްވެސް ހުއްޓެވެ. ކޮންމެއަކަސް ނުބައިކަމުން އަރުތެރެއިން ދިރުނީވެސް ކިރިޔާއެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި ތައްޓަށް އެޅިއެތިކޮޅު ހުސްކުރިއެވެ.

" ޒީޝާންވެސް ކައިބަލަ! އަހަރެންނަށް އެކަނި ކެއްކިއެއްޗެއްތަ؟…" ޒީޝާން ކާންނުފަށައި ބަލަންހުރުމުން ޒައިކް ބުނެލިއެވެ.
" އަހަރެން ނެތް ކާހިތެއް…" ޒީޝާން ބުނެލިއެވެ.

" ކާހިތްނެތަސް ބަނޑުފުރޭނީ ކޭމައެއްނު…އާދޭ…މިތާ އިށީނދޭ!…" ޒައިކްގެ ކުރިމައްޗަށް އިޝާރާތްކުރަމުން ބުނުމާއެކު ޒީޝާންއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާ އިށީނދެ ތައްޓަކަށް ބަތާއި ރިހަ އަޅައިގެން ކާންފެށިއެވެ. އަނގަޔަށްލީ ފުރަތަމަ ބަތްސުވާޔާއެކީގައި ޒީޝާން އޯކާދެމިގަތެވެ.

" ކިހިނެއްވީ؟…." ޒީޝާންއަށް ވީގޮތުން ހިނިއައިސްފައި ޒައިކް އެހިއެވެ.

ޒީޝާން ޖަވާބެއްވެސް ނުދީ ތެދުވެގެން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އަދި ފާޚާނާއަށް ވަދެ އަނގައިގައިހުރި ކާއެއްޗެހިތައް ފާޚާނާތައްޓަށް އަޅާލިއެވެ.
" އައްޗީޑި! ހާދަނުބައޭ…" ޒީޝާންއަށް ބުނެވުނެވެ.

" ހޮޑުލެވުނީތަ؟…" ފަހަތުން ޒައިކްގެ އަޑުއިވިފައި ޒީޝާން ބަލާލިއިރު، ޒައިކްހުރީ ކޮޓަރިތެރޭގައެވެ. ޒައިކް ހިނިއައިސްފައި ހުރިގޮތް ފެނުމުން ޒީޝާން ނުހަނު ލަދުގަނެ ދެރަވެސް ވިއެވެ. އޭނާއަށް އެއްވެސް ވަރަކަށް ކައްކަން ނޭނގުނީތީ އަމިއްލަ ނަފްސުދެކެ ރުޅިއާދެވި ވަގުތުން ރޮވުނެވެ. ޒައިކްއަށް ސިއްރުކުރަންވެގެން އޭނާ އަވަސް އަވަހަށް ލޯފުހެލަމުން ބޭރަށް ނުކުތެވެ.
" އެހާ ނުބައިއިރު ޒައިކް ކީއްވެ ކެއީ؟.." ލަދުންހުރެ ޒީޝާން ސުވާލުކޮށްލިއެވެ.

" ތިބުނާހާ ނުބައެއް ނޫނޭ…އަލަށް ކެއްކީމަ ހުރިހާ ރަހައެއް ހެޔޮވަރުކުރަން ނޭނގިދާނެ…އެކަމު ގިނަދުވަސްވީމަ ދަސްވާނެ…އެއްވެސް މީހަކަށް ފުރަތަމަ ނޭނގޭނެ…" ޒީޝާން ދެރަވެފަހުރިތަން ފެނުމުން ޒައިކް ޒީޝާންއަށް ހިތްވަރުދިނެވެ. ޒީޝާންއަށް މަލާމާތްކޮށް އިތުރަށް ދެރަކުރާކަށް އޭނާ ބޭނުމެއްނުވިއެވެ.

" އެކަމު ހާދަނުބައޭ…އަހަންނަށް ކާކަށްވެސް ނުކެރުން…." ޒީޝާން އަނެއްކާވެސް ބުނެލިއެވެ.

" އާދޭ…އަހަރެން ނޫޑްލްސް ކައްކަދޭނަން….މިވަގުތު ދެން އެންމެ އަވަހަށް ކެއްކޭނީ ނޫޑްލްސް…..ޒީޝާން ތިހުރީ ނުލާހިކު ބަނޑުހައިވެފައެއްނު….އާދޭ….އަހަރެން ކައްކަދޭނަން…" ކުއްލިއަކަށް ޒައިކް ނުހަނު ލޯބިން ވާހަކަދެއްކުމުން ބުނާނެ އެއްޗެއްވެސް ނޭނގިފައި ޒީޝާންއަށް ހުރެވުނެވެ.

" ތަށިތައް ނަގާފަ ގޮސް ސޯފާގަ ޖައްސާލާ….ކައްކާ ނިމުނީ އަހަރެން ގޮވާލާނަން…" ބަދިގެޔަށް ވަދެވުމުން ޒައިކް ބުންޏެވެ. ޒީޝާން ތަށިތައް ނަގަންފެށުމުން ޒައިކްވެސް އެހީވިއެވެ.

" ދައްކަބަލަ..ކިހިނެއްވަފަ ތިހުރީ އަތަށް…." ތަށިތައް ނަގަމުން ދަނިކޮށް ޒީޝާންގެ އަތުން ފިހިފައިހުރި ތަންކޮޅެއް ފެނުމުން ޒައިކް އެހިއެވެ.

" އެއީ ތެލީގަ ޖެހިފަ…" ޒީޝާން ޖަވާބުދިނެވެ.

" އާދޭ….އަތްފިހުނީމަވެސް ބޭހެއް ނުހާކާ ބެހެއްޓީތަ…އެންމެ ކުޑަކުއްޖަކަށްވުރެ ކަންތައް ބޮޑުވާނެ…" ޒައިކް، ޒީޝާން އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދިއެވެ. އަދި ކޮޓަރިއަށް ގޮސް ބޭސްފުޅިއެއް ހިފައިގެން އައިސް ޒީޝާންގެ އަތުގައި ބޭސްއުނގުޅައިދިނެވެ.

" ފަސްޓްއެއިޑް ބޮކްސްވެސް ވީ އެކޮޅުގަ….މާދަމާ ގެނެސްދޭނަން….ކައްކަން އުޅޭއިރު ފަރުވާ ބަހައްޓައިގެން އުޅެބަލަ!…ކުޑަކުއްޖެއް ނޫނެއްނު.." ނަސޭހަތުގެ ގޮތުގައި އޭނާގެ ކަންބޮޑުވުން ޒައިކް ފާޅުކުރިއެވެ.

ޒީޝާން ބަހެއްވެސް ނުބުނެ ހައިރާންވެފައި ބަލަންއިނެވެ. ޒައިކް އޭނާއާމެދު އެހައި ކަންބޮޑުވީތީއެވެ. ކުއްލިއަކަށް އޭނާއާމެދު ހަމްދަރުދީވީތީއެވެ. ޒީޝާންގެ އަތުގައި ބޭސްއުނގުޅައި ނިމުމުން ޒައިކް ގޮސް ބަދިގެއަށް ވަނެވެ. ޒީޝާން އެއިން ގޮތަށް ވިސްނުމުގެ ތެރެއަށް ގެއްލިފައި އިނެވެ. އޭނާ ވިސްނަމުން ދިޔައީ ޒައިކްއާމެދުގައެވެ. ވޭތުވެދިޔަ ދެތިން ދުވަހު ޒައިކްގެ މިޒާޖުގައިވީ ހަރުކަށިކަން ކުއްލިއަކަށް ނެތިދިޔައީތީ އަދިވެސް އޭނާއެއިނީ ހައިރާންވެފައެވެ. އިރުކޮޅެއްފަހުން އޭނާ ހޭވެރިކަންވީ ޒައިކް ގޮވާލުމުންނެވެ.

" އަން……މިހުރީ ތައްޔާރުވެފަ….ދެންވެސް އަވަހަށް ކާންއުޅޭ…" އާވި އަރައަރާހުރި ނޫޑްލްސް ތައްޓެއް ދިއްކޮށްލަމުން ޒައިކް ބުންޏެވެ.

" މިހާރު ނިމުނީ؟…" ނޫޑްލްސްތަށީގައި ހިފަމުން ހައިރާންވެފައި ޒީޝާންއަށް އަހާލެވުނެވެ.

" ހޫމް….އެނގޭމީހަކަށް، އެއްޗެއް ކައްކާލުން އެއީ ގިނައިރުތަކެއްވާކަމެއް ނޫނޭ….ޒީޝާންއަށްވެސް އަދި އަވަހަށް ކައްކަން ދަސްވާނެ…ޖެހޭނީ ހިތްވަރުކޮށްލަން….މިއަދު އަހަރެން ކެއްކިނަމަވެސް ހީނުކުރާތި މިގޮތަށް އަބަދު އަހަރެންގެ އަތުން ކައްކައިގެން ކާންދޭނެއޭ….މިއީ ހަމައެކަނި ޒީޝާން ބުރަކޮށް މަސައްކަތްކުރީތީ އަހަރެން ކޮށްދިން ކަމެއް….ފުރަތަމަ ފަހަރުވީމަ…އެކަމު ދެން އަހަރެން ކައްކައެއް ނުދޭނަން…" ޒައިކް، އެގޮތަށް ކައްތައްކުރި ސަބަބު އޮޅުން ފިލުވައިދިނެވެ.

ޒީޝާން ޖަވާބެއްނުދީ ޒީޝާން ކާންފެށިއެވެ. އެނޫޑްލީހުގެ މީރުކަމުން ޒީޝާންއަށް ދެލޯމަރާލެވުނެވެ. މީގެކުރިންވެސް އޭނާ ނޫޑްލްސް ކައިއުޅެއެވެ. އެކިމީހުންގެ ކެއްކި ކެއްކުންވެސް އޭނާ ތަޖުރިބާކުރިއެވެ. ނަމަވެސް މިހާ އާދައިގެ ގޮތަކަށް މީރުކޮށް ކައްކާފައިވާ ނޫޑްލީހެއް އޭނާ ނުކައެވެ.
" މީރުތަ؟…" ޒީޝާންއަށް މީރުވިހެން ހީވުމުން ޔަޤީންކޮށްލުމުގެ ގޮތުން ޒައިކް އަހާލިއެވެ.

" ހޫމް…ވަރަށް މީރު…" ހިނިތުންވެލަމުން ޒީޝާން ބުނެލިއެވެ.

" އަހަރެން އިންޑިއާގަ ކިޔަވަން އުޅުނުއިރު، އެތާނގަ އެކީގަ އުޅުނު އިންޑިއާ ކުއްޖެއް ދަސްކޮށްދިނީ….އޭނަ ވަރަށްމޮޅަށް ކައްކާނެ…އޭނަގެ ފަރާތުން ވަރަށްގިނަ އެއްޗެހި ދަސްވި…" ޒައިކް އޮޅުން ފިލުވައިދިނެވެ. ޒައިކްގެ ވާހަކަތަކަށް ޒީޝާން ވަކި ޖަވާބެއްނުދީ ހިނިތުންވެލިއެވެ.
****
ރޭގަނޑުގެ ވަގުތެވެ. އިޝާނަމާދަށްފަހު ޒީޝާން ބަދިގެޔަށްވަނީ ރޭގަނޑުގެ ކެއުން ތައްޔާރުކުރުމަށެވެ. މިއަދު ކެއްކި އެއްވެސް އެއްޗެއް ކާން ނުކެރުމުން އަނެއްކާވެސް ކޮންމެވެސް އެއްޗެއް ތައްޔާރުކުރަން ޖެހުނީއެވެ.

" މިހާރު އަހަރެން ބުނިގޮތަކަށް އެއްޗެހިކޮށާ ތައްޔާރު ކުރެވިއްޖެތަ؟…" ބަދިގެޔަށް ވަންނަމުން ޒައިކް އެހިއެވެ.

" ހޫމް…ހުރިހާ އެއްޗެއްވެސް ކޮށާފަ އެހުރީ…ނޫޑްލްސް މަޑުކުރަން މިއުޅެނީ…." ޒީޝާން ޖަވާބުދިނެވެ.

" ހޫމް…ދެން އަހަރެން ބުނާގޮތަށް ކައްކާނީ އިނގޭ…އަހަރެން ހުންނާނަން ބަލަން…." ޒައިކް ބުނެލިއެވެ.

ޒައިކްގެ ލަފާގެ މަތިން ޒީޝާން ނޫޑްލްސް ކެއްކިއެވެ. އޭގެ ރަހަވެސް ނުހަނު މީރެވެ. ޒައިކް އޭނާއަށްވުރެ ކައްކަން މޮޅުވީތީ އޭނާގެ ހިތުގައި ޒައިކްއާމެދު ތައުރީފު އުފެދުނެވެ.

" ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާއެއްޗެއް ކައްކަން ދަސްކުރަން ޖެހޭނެ…އަހަރެންނަށް އެނގޭވަރަކުން އަހަރެން ބުނެދޭނަން…." ކާން އިނދެފައި ޒައިކް ބުންޏެވެ. ޒީޝާންވެސް ޒައިކްގެ ވާހަކަތަކަށް އާނބަސް ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
****
އާ ދުވަހަކަށް އިރުއަރައިފިއެވެ. ހެނދުނުގެ ސައިތައްޔާރު ކުރުމަށްވެސް ޒައިކް ޒީޝާންއަށް އެހީތެރިވެދިނެވެ. ސައިބޮއެގެން ޒައިކް ބޭރަށް ދިއުމުން ޒީޝާން ނުކުތީ ގޯތިތެރެ ސާފުކުރުމަށެވެ. ވިނަފަޅައި ބޯވެފައިވާ ގޯތިތެރެއިން ފުރަތަމަ ސާފުކުރަންވީތަނަކާއިމެދު ވިސްނާލަން އޭނާ އިރުކޮޅަކު ހުއްޓެވެ. ކޮންމެތާކުން ފެށިޔަސް އެހާ އުނދަގޫވާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ގޭގެ ދޮރުމަތިން ސާފުކުރަން ފެށިއެވެ.

ވެލީގައި އަތްޖެހިދާނެތީ އޭނާ ނުހަނު ފަކުރުވެސް ގަނެއެވެ. އޭނާއަކީ ދުވަހަކުވެސް ވިނަނޮޅާ ގޯތިތެރެ ކުނިކަހާ ހެދި ކުއްޖެއް ނޫނެވެ. އެހެންކަމުން އޭނާއަށް އެކަންވީ ނުހަނު ބޮޑުކަމަކަށެވެ. ނަމަވެސް މިއަދު އެނޫންގޮތެއްވެސް ނެތެވެ. ޒީޝާން ވަރަށް މަސައްކަތުން ކުޑަތަންކޮޅެއް ނޮޅާނިމުނުއިރު މެންދުރުވާން ގާތްވެއްޖެއެވެ. އެހެންކަމުން އޭނާ ވިނަ ނޮޅުން ހުއްޓާލާފައި ކައްކާނެ އެއްޗަކާމެދު ވިސްނަން ފެށިއެވެ. އޭނާ އެވިސްނުމުގައި އިންދައި ޒައިކް އަތުވެއްޖެއެވެ.

" މިހުރީ ކައްކާނެ ސާމާނު…އަހަރެން މިއައީ ކައްކާފޮތެއްވެސް ގަނެގެން….މިބަލައިގެން ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލާ!…" ޒީޝާން އަތަށް ކޮތަޅުތައް ދެމުން ޒައިކް ބުނެލިއެވެ.

" އާނ…އަދި ހަނދާން ނެތުނީއޭ….ޒީޝާން ފޯނު ގެއްލުނީމަ އަހަރެން ފޯނެއްވެސް ގަނެގެން މިއައީ…" ތަންކޮޅަކަށް ގޮސްފައި އެނބުރި އައިސް ޒީޝާންގެ ގާތަށް ހުއްޓެމުން ޒައިކް ބުނެލިއެވެ. އެވަގުތު އުފަލުން ޒީޝާންގެ ތުންފަތަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ.

" އަން…މިއޮތީ ޒީޝާންގެ ފޯނު…" ޒީޝާން ޝައުޤުވެރިކަމާއެކު ފޯނުގެ އިންތިޒާރުގައި ހުއްޓައި ޒައިކްގެ ޖީބުން ނެގި އާދައިގެ ނޮކިޔާ ފޯނު ފެނުމާއެކު ޒީޝާންގެ ހިނިތުންވުން ވަގުތުން ފިލާދިޔައެވެ.

" މި ފޯނު؟…" ގަބޫލު ނުކުރެވިފައި ޒީޝާންއަށް އަހާލެވުނެވެ.

" އާނ…ކިހިނެއްވީ؟…ކަމުނުދަނީތަ؟…ފޯނުގެ ބޭނުމަކީ ފޯނުކުރުމެއްނު…މީ ސްމާޓްފޯނެއް ނޫނަސް ފޯނުގެ ބޭނުންކުރެވޭނެ…" ޒައިކް ސީރިއަސް ރާގެއްގައި ބުނެލުމުން ޒީޝާންގެ ގާތަށް އައިރުޅިން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް ހަމަހިމޭންކަމާއެކު އެފޯނުގައި ހިފުން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ.

" އަހަރެންގެ ނަމްބަރަށާ ޒީޝާންގެ މަންމަގެ ނަމްބަރަށް ހިލޭ ގުޅޭނެ….އަދި ބުނަން ހަވީރުން މަންމަމެން އުމްރާއަށް ފުރާނެ….އެހެންވީމަ އެމީހުން ފުރުވަންދާން ތައްޔާރުވާތި!…" އަމުރުވެރި ރާގަކަށް އެހެންބުނެލުމަށްފަހު ޒައިކް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ރުޅިއައިވަރުން ޒީޝާންއަށް ސޯފާމައްޗަށް ވެއްޓިގަނެވުނެވެ.

" ފޯނެއްދިނީމޭ ބުނަން ކީއްކުރަން ގެނައި ފޯނުގަނޑެއް….ނޮކިޔާ ބައްތިއެއް….ކާކުތަ މިޒަމާނުގަ ބައްތި ގެންގުޅެނީ….އަހަރެންގެ އައިފޯނު ފޮރުވާފަ….ނުލަފާ ޒައިކްގަނޑު…" ޒީޝާން ހިތާހިތާ ކުދިކިޔަމުން ދިޔައެވެ.

" ޒީޝާން…އަހަރެންގެ ގަމީހެއް އިސްތިރިކޮށްލަބަލަ! ފެންވަރަން މިވަންނަނީ…." ޒީޝާން ސިހުނީ ޒައިކްގެ އަޑުންނެވެ. ޒީޝާން އަވަހަށް ސޯފައިން ތެދުވިއެވެ. އަދި ޒައިކް ދިން ގަމީސް އިސްތިރިކުރުމަށް އަވަސްވެގަތެވެ.

" މަށަށް އިސްތިރިކުރަން ނޭނގޭކަން އެނގޭއިރުވެސް މަގޭ އަތަށޭ އެދިނީ…." ކުދިކިޔަމުން ގަމީސް ހިފައިގެން ގޮސް އިސްތިރި ޖައްސާލިއެވެ. އިސްތިރީގެ ހޫނުމިން ބަހައްޓާނެވަރެއް އޭނާއަކަށް ނޭނގެއެވެ. އޭނާ އެހުރިވަރެއްގައި ބަހައްޓައިގެން އިސްތިރިކުރަންފެށިއެވެ. ނަމަވެސް ގަމީހުން ރޫފިލާގޮތެއްނުވިއެވެ. އޭނާ އެތައްއިރަކު ގަމީހުގައި ކާއްތާފައި ހުއްޓާލިއިރުވެސް އެޔަކުން ރުލެއްނުފިލިއެވެ.

" ކޮބާ އަދިވެސް ނުނިމެނީ؟…" ޒީޝާން ލަސްވެގެން ޒައިކް ނުކުތެވެ.

" މީން ރުލެއްނުފިލާ…" ގަމީސްދައްކާލަމުން ޒީޝާން ބުނެލިއެވެ.

" ރޫފިލާވަރަށް ދޮންގަދަކުރީމައެއްނު ރޫފިލާނީ….މިހުރީނު އިސްތިރީގެ ހޫނުމިން ދަށްކޮށް މަތިކޮށް ހަނދާތަނެއް….މީގެބޭނުންވެސް ކޮށްބަލަ!…." އިސްތިރީގައިވާ ގޮބަށް އިޝާރާތްކޮށްލަމުން ޒައިކް ބުނެލިއެވެ. އަދި އިސްތިރީގެ ހޫނުމިން މައްޗަށް ޖައްސާލުމަށްފަހު ޒީޝާންގެ އަތުން ގަމީސް އަތުލައިގެން އިސްތިރިކުރަން ފެށިއެވެ. ޒީޝާން ވަރަށް ފަރުވާތެރިކަމާއެކު ޒައިކް އިސްތިރިކުރާ މަންޒަރު ބަލަން ހުއްޓެވެ.

" ޒީޝާން…އަހަރެންގެ އަންނައުނުތައް ހުރީ ދާވެފަ….މިއަދު އެބަޖެހޭ ދޮވެލަދޭން….އަހަރެންނަށް ހީވަނީ އެއްޗެހިދޮންނަން އެނގޭނެހެން…" އިސްތިރިކޮށް ނިމިގެން ގަމީސްލާހުރެފައި ޒައިކް ބުނެލިއެވެ.

" އެކަމު ދޮންނަ މެޝިނެއްވެސް ނެތެއްނު…." ކަންބޮޑުވެފައި ޒީޝާން ބުނެލިއެވެ.

" މެޝިނެއް ގަނެވޭންދެން އަތުން ދޮވެވޭނެއްނު….ކުއްލިއަކަށް ހުރިހާ އެއްޗެއް ނުގަނެވޭނެކަން ޒީޝާންއަށްވެސް އެނގޭނެއްނު….އަތުން ދޮންނަން ތައްޓާއި ބާލިދީވެސް ނަމާދުކޮށްގެން އަންނަމުން ގެނެސްދޭނަން…" ޒައިކް އެހެން ބުނުމަށްފަހު ނުކުމެގެން ދިޔައެވެ.

ޒީޝާން އަނެއްކާވެސް ގޮސް ސޯފާމައްޗަށް ވެއްޓިގަތެވެ. އޭނާގެ ދިރިއުޅުން މިހާ އުނދަގޫވެދާނެކަމަކަށް ފަހަރެއްގައިވެސް އޭނާ ހީކޮށްފައެއް ނުވެއެވެ. ޒައިކް ގަސްތުގައި އޭނާއަށް އުނދަގޫކުރަނީއޭ ހިތަށްއެރުމުން އޭނާގެ ރުޅިގަދަވެއެވެ. ނަމަވެސް ޒައިކްއާ ދެބަސްވާހައި ހިތްވަރެއް އޭނާގެ ނެތެވެ. އޭނާ އިރުކޮޅަކު އެގޮތަށް އޮތުމަށްފަހު ތެދުވިއެވެ. އަދި ބަދިގެއަށްވަދެ ކާއެއްޗެއް ތައްޔާރުކުރުމަށް އަވަސްވެގަތެވެ. ޒައިކް ގެނެސްދިން ކައްކާފޮތް ބަލައިގެން އޭނާ ރިހަކެއްކިއެވެ. އަދި ޒައިކް ބުނެދީފައިވާ ގޮތަށް އޭނާ ބަތްވެސް ކެއްކިއެވެ. މިފަހަރު ބަތަށް ލޮނުލާންވެސް އޭނާ ހަނދާންވިއެވެ. އަދި ފެންއަޅާނެވަރުވެސް އޭނާ ހަނދާން ބެހެއްޓިއެވެ. ހުރިހާކަމެއްވެސް އޭނާކުރީ ވަރަށް ވިސްނައިގެންނެވެ. ކުރީ ދުވަހު އޭނާއަށް މުގުރިހަ ކެއްކުނީ ހަމައެކަނި ފެންއަޅައިގެންނެވެ. އޭނާއަށް އެކަން އެނގުނީވެސް ޒައިކް ބުނުމުންނެވެ. އެހެންކަމުން، މިއަދު ރިހަ ކެއްކިއިރު، ޒައިކް ގެނެސްހުރި ކާށިކިރު ޕެކެޓްއަޅަން އޭނާ ހަނދާން ބެހެއްޓިއެވެ. ހުރިހާކަމެއްވެސް އޭނާކުރީ ފޮތެއްގައި ނޯޓްކޮށްގެން ތަރުތީބުންނެވެ.
ނަމާދުކޮށްގެން ޒައިކް އެނބުރި ގެޔަށްއައީ ދޮންނަތައްޓަކާއި ބޮޑު ބާލިދީއެއްވެސް ހިފައިގެންނެވެ. ޒީޝާން އަތަށް އެތަކެތި ދިނުމަށްފަހު ޒައިކް ކާންހަދަން ބުނުމުން އޭނާ އެތަކެތި ފާޚާނާއަށް ލާފައި އައިސް ކާންހެދިއެވެ. ޒައިކް އެއްޗެހި ބަދަލުކޮށްގެން އައިސް ބަދިގެޔަށްވަނެވެ.

" ގޭގަހުރި ކުޑަމޭޒު މާދަމާ ގެންނާނަން…އާމޭޒެއް ލިބޭންދެން އޭތި ބޭނުން ކުރެވޭނެއްނު…." ކާންއިށީއްނަމުން ޒައިކް ބުނެލިއެވެ. ޒީޝާން ބަހެއްނުބުނެ އަނެއްފަރާތުގައި އިށީނދެ ކާންފެށިއެވެ. ތައްޓަށް ކާއެއްޗެހި އަޅައިގެން ޒައިކް ކާންފެށުމުން ޒީޝާންއިނީ، ކާއެއްޗެއްސާމެދު ޒައިކް އެއްޗެއް ބުނާނެ ކަމުގެ އިންތިޒާރުގައެވެ. ނަމަވެސް ކައިނިމިގެން ދިޔައީވެސް އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ކުޑަމިނުން ކާތަކެކި މީރޭވެސް ނުވަތަ ނުބައޭވެސް ނުބުނެއެވެ. ޒީޝާން ފޫހިކަންމަތީ އިނދެ ކޭއިރު، އޭނާއަށްވެސް އޭގެ ރަހައާމެދު ވިސްނައެއް ނުލެވުނެވެ. ނަމަވެސް މިއަދު އޭނާއަށް އެކާންކެރުނެވެ.

ކައި ނިމިގެން ތަށިތައް ނަގާފައި ޒީޝާން ދިޔައީ ޒައިކްގެ އަންނައުނު ދޮންނާށެވެ. ޚުދު އޭނާގެ ހެދުންތައްވެސްހުރީ ދާވެފައެވެ. އެހެންކަމުން އޭނާ އޯމޯފުޅި ހިފައިގެން ފާޚާނާއަށްވަދެ ދޮންނަ ތައްޓަށް ފެންފުރާފައި އޯމޯއެޅިއެވެ. އަޅަންވީވަރެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ހެދުންތައް ތައްޓަށް އަޅާފައި ދޮންނަންފެށުމުން އޭނާގެ އިނގިލިތަކުގެ ކުރިން ތޫނުދިލައެއް ނަގަންފެށިއެވެ. އޭނާ އަވަސް އަވަހަށް އަތްދޮވެފައި ބަލާލިއިރު، އޭނާގެ އިނގިލިތަކުގެ ނިޔަރޮދިތައްވަނީ ހަލާކުވެފައެވެ. އެއީ ވިނަނޮޅުމުގެ ސަބަބުން ވީގޮތެއްކަން އޭނާއަށް އެނގުނީދެނެވެ. އަތުން ދިލަނެގިނަމަވެސް އޭނާ އަނެއްކާވެސް އެއްޗެހި ދޮންނަން ފެށިއެވެ. އެނޫންގޮތެއް ނެތްކަން އޭނާ ގަބޫލުކުރިއެވެ.
****
ޒައިކްގެ ގެޔަށް ޒީޝާން ބަދަލުވިފަހުން މަހެއް ފާއިތުވެ ހިނގައްޖެއެވެ. ހެނދުނުގެ ސަޔަށްފަހު މިއަދުވެސް ޒީޝާން ނުކުތީ ގޯތިތެރެއިން ވިނަނޮޅާށެވެ. މިހާރު ގޯތީގެ ދޮރުމަތީގައި އޮތްފަރާތް ސާފުކޮށް ނިމިއްޖެއެވެ. މިއަދު އޭނާ އެއުޅެނީ ގޯތީގެ ފުރަގަހުގައިވާ ސަރަހައްދު ސާފުކުރުމަށެވެ. އެތަނުގައި ވިނަބޯވެފައިވަނީ ވަރަށް ބޮޑަށެވެ. އެހެންކަމުން އޭނާ އެތަނަށް ވަނީވެސް ނުހަނު ބިރުންހުރެއެވެ. މިހާރު އޭނާ ވިނަނޮޅާކަށް ފަކުރެއް ނުގަނެއެވެ. ނަމަވެސް އަތްހަލާކުވާތީ އޭނާއުޅެނީ އަންގިވެސް ލައްވައިގެންނެވެ. އެވަރުންވެސް އޭނާގެ އަތުގެ ހަންގަނޑު ހުންނަނީ ކުރަކިވެފައެވެ. ނިޔަރޮދި ހުންނަނީ ހަލާކުވެފައެވެ.

އޭގެ އިތުރު ކައްކަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގެ އެކިތަންތައް ފިހި ލަކުނުލާފައިވެއެވެ. ނަމަވެސް ފަރުވާލެއްނެތެވެ. މިހާރު އޭނާއަށް ވަރަށްގިނަ އެއްޗެހި ކައްކަން ދަސްވެއްޖެއެވެ. އޭނާއަށް ފަސޭހަކޮށްދިނުމަށް ޒައިކްވަނީ ބަދިގޭގައި ކަބަދުސެޓްވެސް ބަހައްޓަދީފައެވެ. އަދި ކާމޭޒާއި އައިސް އަލަމާރިވެސް ގެނެސްފިއެވެ. ނަމަވެސް އަދިވެސް ކުކަރެއް އަދި އަވަނެއްވެސް ނުގެނެއެވެ. އޭނާއަށް ބަތްކައްކަން ޖެހެނީ އުނދުނުގައެވެ. އޭނާއަށް ބަތްތަވާ ދުންގަންނަވައިނުލައި ކައްކަންދަސްވެއްޖެއެވެ. އަދި މީރުކޮށް ރިހަވެސް ކައްކަން އެނގިއްޖެއެވެ. އެހެންކަމުން އޭނާ ކުކަރެއްނެތިގެން ޝަކުވާއެއް ނުކުރެއެވެ. އޭނާއަށް އެންމެ އުނދަގޫވީ އަތުން އެއްޗެހި ދޮވުމެވެ. ނަމަވެސް މިހާރު އެކަންވެސް އޭނާއަށް ދަސްވެއްޖެއެވެ. އޯމޯ އަޅަންވީވަރާއި ފެންލާންވީގޮތްވެސް މިހާރު އޭނާއަށް އެނގެއެވެ. އޭނާ ކޮންމެ ދުވަހަކުވެސް އެއްޗެހި ދޮވެއެވެ. އެހެންކަމުން އެއީވެސް މާބުރަކަމަކަށް ނުވެއެވެ. އެއްވެސްކަމެއްގައި މިހާރު އޭނާއަށް ބުރަކަމެއް އިހުސާސެއް ނުކުރެވެއެވެ. ހަމައެކަނި އިހުސާސްކުރެވެނީ އެކަނިވެރިކަމެވެ.

އުމްރާއަށް ގޮސް އައުމާއެކުހެން މަންމަ ބަލިވުމާއި ގުޅިގެން އަނެއްކާވެސް މަންމަމެންވަނީ އިންޑިއާއަށް ގޮސްފައެވެ. އެހެންކަމުން އޭނާއަށް ގުޅައި ހާލުބަލާނެ މީހަކުވެސް ނުވެއެވެ. ކައިވެނިކުރިފަހުން ޝިޔާގެ އެއްވެސް ޚަބަރެއްނުވެއެވެ. ޒައިކްގެ ކިބައިން އެނގުނުގޮތުގައި ޝިޔާވީ ހަނީމޫނަށް ކޮންމެވެސް ބޭރުޤައުމަކަށް ގޮހެވެ. އެހެންނޫނަސް އޭނާގެ ނަމްބަރެއްވެސް މިހާރު ޝިޔާއަކަށް ނޭނގޭނެއެވެ. ޒައިކްވަނީ އޭނާއަށް އާ ނަމްބަރެއް ނަގާފައެވެ. އޭނާގެ ފޯނުގައިވެސް ހަމައެކަނި ސޭވްކޮށްފައިވަނީ ޒައިކްއާއި އޭނާގެ މަންމަގެ ނަމްބަރެވެ. އެނޫން އެއްވެސް މީހެއްގެ ނަމްބަރެއް ނެތެވެ. އެނޫން ބަޔަކަށް ގުޅޭކަށްވެސް ނެތެވެ. ޒަލަފްގެ ނަމްބަރު އޭނާއަށް އެނގުނު ނަމަވެސް ގުޅޭކަށްނެތެވެ. އޭނާގެ ފޯނުން އިތުރު އެއްވެސް މީހަކަށް ނުގުޅެއެވެ. މުޅިދުނިޔެއާވެސް އޭނާއާ ގުޅުން ކެނޑިފައިވާ ކަހަލައެވެ.

ނުނިމޭ