Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން އެދެން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް - ފޮޓޯ: މަޖިލިސް

ދީބާޖާ އަށް ބަދަލު ދިނުން މަޑުޖައްސާލަގައި އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާ ކުރަން ބަންޑާރަ ނައިބަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދީބާޖާގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައެޅި ރިޕޯޓު މަޖިލީހުން ފާސްކުރީ 65 މެމްބަރުންގެ ވޯޓާއެކުއެވެ.

ދީބާޖާ އަށް ބަދަލުދޭން ޖެހުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެ ކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލުމާ ގުޅިގެންނެވެ.

އެ އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

ނަމަވެސް ކޯޓުން ބޭރުގައި ދީބާޖާއާ ދައުލަތާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މީގެކުރިން "އައްޑޫ ލައިވް" އަށް ވިދާޅުވީ ސެޓްލްމެންޓް ކޮމިޓީގެ ލަފާގެ މަތިން 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަދި ދޫކޮށްފައިނުވާ ކަމަށެވެ.

އެގޮތުން އެ ފައިސާ ދޫކުރާނީ ދީބާޖާއާއެކު މަޝްވަރާ ކުރުމަށްފަހު ކޮމިޓީންދޭ ލަފާގެ މަތިން ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލާފައިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުންނެވެ.