Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އަފްގާނިސްތާނުގައި ހައްޔަރުކުރި ދިވެއްސަކު 21 އަހަރަށް ޖަލަށް

އަފްގާނިސްތާނުގައި ހައްޔަރުކުރި ހަނގުރާމަވެރިންތަކެއް

އަފްގާނިސްތާނުން ހައްޔަރުކުރި ދިވެއްސަކަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ޖަލު ހުކުމް އިއްވާފައިވަނީ ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ މައްޗަށެވެ.

ފުލުހުން ބުނީ ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ހަތިޔާރު ގެންގުޅެ ފޮރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 2015 ވަނަ އަހަރު ހައްޔަރު ކުރެވުނު މީހެއް ކަމަށާއި ނަމަވެސް ޝަރީއަތަށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން އޭނާ 2016 ވަނަ އަހަރުގެ ކުރީކޮޅު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އަލީ ޝާފިއު އޭނާގެ އަންހެނުންނާއި އަދި ހަތަރު ދަރިން ގޮވައިގެން ބޭސްފަރުވާ ކުރުމަށް ސްރީލަންކާ އަށް ގޮސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުތެރޭ ލަންކާ އިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނު މަގުން އަފްގާނިސްތާނަށް އެތެރެވެފައިވާ ކަމަށެވެ.

އަދި މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޝާފިއު އާއި އޭނާގެ އަންހެނުންނާއި އަދި ދަރިން އަފްގާންގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ލިބުނު ކަމަށާއި ޝާފިއު އަފްގާނިސްތާނަށް ދަތުރުކޮށްފައިވަނީ އެގައުމުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް މޮރަސާނާ ޕްރޮވިންސް" އާ ގުޅުމަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

އެގޮތުން އޭނާގެ އަތުން ފެނުނު ޑިޖިޓަލް ޑިވައިސްއަކުން އިސްލާމިކް ސްޓޭޓު ޖަމާއަތުގެ ޕްރޮޕެގެންޑާ ވީޑިޔޯތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޝާފިއު އާއި އޭނާގެ އާއިލާ ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބުމާއެކު އަފްގާނިސްތާނުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން މި މައްސަލަ ވަރަށް ގާތުން ބަލަމުން ގޮސްފައިވާ ކަމަށާއި އެގޮތުން ޝާފިއު އަފްގާނިސްތާނަށް ފޮނުވުމުގައި ހަރަކާތްތެރިވި ނެޓްވޯކުގެ އިސް ފަރާތްތައް ދެނެގަނެ އެ މައުލޫމާތުތައް އަފްގާންގެ ފުލުހުންނާ ހިއްސާކޮޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

ޝާފިއުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަފްގާނިސްތާނުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު ޝާފިއުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 21 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.