Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

މަޖިލީހަށް ކައުންސިލަރުން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހުކޮށްފި

ލާމަރުކަޒު ކޮމެޓީގެ ބައްދަލުވުމުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އިސްލާހު ގެނެސްފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހަށް ކޮމެޓީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކައުންސިލަރުން މަގާމުން ވަކި ކުރުމުގެ ބަޔަކީ ސަރުކާރުން ބިލު ހުށަހެޅިއިރު ބަޔާންކޮށްފައިވާ ބައެއް ނޫނެވެ. މި ބައި ހިމަނާފައި މިވަނީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާ ކުރަން ފެށި ހިސާބުންނެވެ.

ލާމަރުކަޒީ ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ ކައުންސިލަރުން ކައުންސިލުގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ދީފަ އެވެ.

އެގޮތުން ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ނެވެ. އަދި އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެ އެވެ.

އެހެންނަމަވެސް އިސްލާހުގައި ބުނެފައިވަނީ ކައުންސިލަރެއް ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް މަގާމު ގެއްލޭ ފަދަ އަމަލެއް ކޮށްފި ކަމަށް އެލްޖީއޭއަށް ރިޕޯޓު ކުރުމުން އެމައްސަލަ ބެލުމަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލައި ބަލަން ފަށަން ޖެހޭނެ ކަމަށެވެ.

ކައުންސިލަރުންގެ މައްސަލައެއް އެލްޖީއޭއަށް ހުށަހެޅުމުން މައްސަލަ ބަލަން އެކުލަވާލާ އެންކުއަރީ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ރަނގަޅު ކުރަން ޖެހޭ ކަންކަން ކައުންސިލަށް އަންގަންޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާއިރު މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ކައުންސިލްތަކުގެ އުމުރު 5 އަހަރަށް ބަދަލު ކުރުމަށް ފާސްކޮށްފައެވެ.