ބޭއިންސާފުން ރައީސް ޔާމީން ޖަލު ހުކަމް ތަންފީޒު ކުރުމާއި އަދި ޖަލުގައި ދެވޭ އަނިޔާތަކާއި ބެހޭ ކަންބޮޑުވުން ހިއްސާކުރުމަށް ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރުން، އިންޓަނޭޝަނަލް ކޮމިއުނިޓީއާއި މަޝްވަރާކުރެއްވުމަށް މިއަދުގެ ވަގުތެއްގައި ފުރާވަޑައިގެންފި އެވެ.
އިންޓަނޭޝަނަލް ކޮމިއުނިޓީއާއި ބައްދަލުކުރެއްވުމަށް ފުރާވަޑައިގެންފައިވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ދެމުން ދަނީ ބޭ އިންސާފުން ކަމަށް ބުނެ ތަކުރާރުކޮށް ޕްރޮގްރެސިވް ކޯލިޝަނުންދަނީ އެކަމާއި ގުޅިގެން އަޑު އުފުލަމުން ނެވެ. އަދި ކޮންމެ ރެއަކު ހެން ރައީސް ޔާމީނު ދޫކޮށްލުމަށް މާލޭގެ މަގުތަކުގައި ދަނީ ސުލްހަވެރި އިހުތިޖާޖެއް ކުރަމުން ނެވެ.
ރައީސް ޔާމީނަށް، މަނީ ލޯންޑާކުރި ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.