Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ރައްޔިތުންނަށް މެމްބަރުން ވަކިކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ގޮވާލައިފި

ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް - ފޮޓޯ: ސަން

ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުން މެމްބަރުން ވަކިކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ގޮވާލައިފިއެވެ.

ނިޔާޒު މިކަމަށް ގޮވާލާފައިމިވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އިސްލާހު ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރާ ރައްޔިތުންނަށް މަޖިލީހުގެ މެމްބަރުން ވަކި ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާނީ ކޮން އިރަކުންތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން ރަނގަޅަށް މަސައްކަތް ނުކުރެވޭނަމަ މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަން ވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ ކައުންސިލަރުން ކައުންސިލުގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ދީފަ އެވެ.

އެގޮތުން ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ނެވެ. އަދި އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެ އެވެ.