Last Updated: April 23, 19:51
Tuesday, April 23, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟( ވިހިވަނަބައި)

އުމްރާއަށް ގޮސް އައުމާއެކުހެން މަންމަ ބަލިވުމާއި ގުޅިގެން އަނެއްކާވެސް މަންމަމެންވަނީ އިންޑިއާއަށް ގޮސްފައެވެ. އެހެންކަމުން އޭނާއަށް ގުޅައި ހާލުބަލާނެ މީހަކުވެސް ނުވެއެވެ. ކައިވެނިކުރިފަހުން ޝިޔާގެ އެއްވެސް ޚަބަރެއްނުވެއެވެ. ޒައިކްގެ ކިބައިން އެނގުނުގޮތުގައި ޝިޔާވީ ހަނީމޫނަށް ކޮންމެވެސް ބޭރުޤައުމަކަށް ގޮހެވެ. އެހެންނޫނަސް އޭނާގެ ނަމްބަރެއްވެސް މިހާރު ޝިޔާއަކަށް ނޭނގޭނެއެވެ. ޒައިކްވަނީ އޭނާއަށް އާ ނަމްބަރެއް ނަގާފައެވެ. އޭނާގެ ފޯނުގައިވެސް ހަމައެކަނި ސޭވްކޮށްފައިވަނީ ޒައިކްއާއި އޭނާގެ މަންމަގެ ނަމްބަރެވެ. އެނޫން އެއްވެސް މީހެއްގެ ނަމްބަރެއް ނެތެވެ. އެނޫން ބަޔަކަށް ގުޅޭކަށްވެސް ނެތެވެ. ޒަލަފްގެ ނަމްބަރު އޭނާއަށް އެނގުނު ނަމަވެސް ގުޅޭކަށްނެތެވެ. އޭނާގެ ފޯނުން އިތުރު އެއްވެސް މީހަކަށް ނުގުޅެއެވެ. މުޅިދުނިޔެއާވެސް އޭނާއާ ގުޅުން ކެނޑިފައިވާ ކަހަލައެވެ.

ޒީޝާން ވިނަ ނޮޅަ ނޮޅާ ވަރުބަލިވެގެން ތެދުވެ ހިންދެމިލީ ވަގުތު އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. ތަނެއްގައި އިށީނުމުގެކުރިން މުޅިތަން އަނދިރިވެގެން ހިނގައްޖެއެވެ. ދެން އޭނާއަށް ހޭވެރިކަންވީ ޒައިކް އޭނާގެ މޫނުގައި ފެންއުނގުޅަނިކޮށްނެވެ.

" ޒީޝާން….މިހާރު ރަނގަޅުތަ؟…" ޒީޝާން ލޯހުޅުވާލުމާއެކީގައި އޯގާތެރިކަމާއެކު ޒައިކް އަހާލިއެވެ. އޭނާ ވަށައިގެން ނަޒަރު ހިންގާލިއިރު އޭނާއަށް އޮވެވުނީ ސޯފާގައެވެ.

" ޒީޝާން…ކީއްވެގެންތަ ވެއްޓުނީ؟….ބޮލަށް އެނބުރުން އެރީތަ؟…" ޒީޝާންގެ ބޮލުގައި ފިރުމާލަމުން ކަންބޮޑުވެފައި ޒައިކް އެހިއެވެ.

" ހޫމް…ވިނަ ނޮޅަން އިނދެފައި ތެދުވި ވަގުތު ބޮލަށް އެނބުރުން އެރީ…" ވަރުބަލި އަޑަކުން ޒީޝާން ޖަވާބުދިނެވެ.
" އެހާ ގަދައަވީގަ ކީއްކުރަންތަ ވިނަ ނޮޅަން އިނީ؟…ހިޔާއެރީމަވެސް އެކަން ކުރެވޭނެއްނު….އެހެންނޫނަސް އަހަރެން ނުބުނަންދޯ އަބަދު ވިނަ ނޮޅާކަށް….އަމިއްލަ ނަފްސާމެދުވެސް ކޮންމެވެސް ވަރަކަށް ވިސްނާލަން ޖެހޭނެ ކަންނޭނގެ….ނަސީބެއްނު އަނބުރައިގަނެގެން ވެއްޓުނު ވަގުތު ތަނެއްގަ ޖެހިފަ ގެއްލުމެއް ނުލިބުނުކަން…" ޒީޝާންގެ ފަރުވާކުޑަކަމުން ޒައިކް ޝަކުވާކުރިއެވެ.

" އަހަރެން ކޮންމެ ދުވަހަކުވެސް ވިނަ ނޮޅަން…އެކަމު އަދިވެސް ސާފުނުވާތަން ބޮޑީ…" ވިސްނަން އޮވެފައި ޒީޝާން ބުނެލިއެވެ.

" އެކަމަކުވެސް ހެޔޮ….ދެން ވިނަނޮޅަން އަވީގަ އިނދެގެން ނުވާނެ…ހިޔާއޮންނަ ގަޑިއެއްގަ އެކަނި ސާފުކުރާނީ….އަމިއްލަ ނަފްސަށް ނުވިސްނާ އުޅެނިކޮށް ގެއްލުމެއް ލިބުނަސް ހަމަ އަހަރެން ދޯ ޒިންމާވާން ޖެހޭނީ….މީގެ ފަހުން ތަންކޮޅެއް ފަރުވާ ބަހައްޓައިގެން އުޅޭތި!….އަހަރެންނަށް ތަންކޮޅެއް އަވަހަށް ގެޔަށް ނާދެވުނުނަމަ ކިހިނެއްވާނީ؟…" ޒައިކް ނުރުހިފައި އެވާހަކަތައް ދެއްކިނަމަވެސް، ހަޤީޤަތުގައި އޭނަހުރީ އެގޮތަށް ކަންތައް ދިމާވީތީ ދެރަވެފައެވެ. ޒީޝާންއަށް ދެރަގޮތެއް ވާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ.
****
އެދުވަހުގެ ފަހުން ޒައިކް ޒީޝާންއާމެދު ހަރުކަށިކޮށް ކަންތައްކުރުން ހުއްޓާލިއެވެ. އެއްވެސްކަމެއްގައި އޭނާއަށް މަޖުބޫރެއް ނުކުރެއެވެ. ބަންދު ދުވަސްތަކުގައި އޭނާއާއެކުގައި ގޯތިތެރެ ސާފުވެސްކުރެއެވެ. އަދި ޒީޝާންގެ ކޮޓަރިއަކަށް ބެޑްރޫމް ސެޓެއް ގެނެސް އޭނާއަށް އަރާމުގައި ނިދޭގޮތްވެސް ހަދައިދިނެވެ. އެހެންކަމުން ކުރިޔަށްވުރެ ހިތްހަމަޖެހިގެން ޒީޝާންއަށް އުޅެވެން ފެށިއެވެ. ނަމަވެސް އަދިވެސް ބައެއް ރޭރޭ އޭނާއައިސް ސޯފާގައި ނިދައެވެ. އޭނާއަށް އެތަން މާ އަރާމު ކަމުގައި އިހުސާސް ކުރެވެއެވެ.

ޚުދު ޒައިކްއަށްވެސް ޒީޝާން ނިދާފައި އޮންނަ މަންޒަރު ނުފެންނާތީ އުނދަގޫވެއެވެ. ކުރިން، ކޮންމެ ރެޔަކުވެސް ޒީޝާން ނިދުމުން އޭނާ ސިޓިންރޫމަށް ނުކުމެ އެތައްއިރަކު ޒީޝާންއަށް ބަލަން ހުރެއެވެ. ޒީޝާންގެ މައުސޫމު ސޫރައަށް ބަލާލައިގެން އޭނާ ހިތްހަމަ ޖައްސާލައެވެ. އެހެން ހުންނައިރު، ޒީޝާންގެ އަތުގައި ފިހިފައި ނުވަތަ ހަލާކުވެފައި ހުންނަ ތަންތާގައި ބޭސްއުނގުޅައިދީވެސް ހަދައެވެ. ޒީޝާންއަށް ނޭނގި އޭނާ ޒީޝާންއަށް އަޅާލައެވެ. ޒީޝާންއާ ލޯބިކުރެއެވެ. ޒީޝާންގެ ނިދިގަދަކަމުން ޒީޝާންއަށް ކޮންމެ ގޯނާއެއް ކުރިޔަސް ހޭނުލާނެކަން އެނގޭތީ ބައެއްފަހަރު ޒީޝާންގެ މޫނުގައި އޭނާ ބޮސްދީ ހަދައެވެ. އެއީ އޭނާ މުޅި ދުނިޔެއަށްވެސް ސިއްރުން ކުރާކަމެކެވެ. އޭނާގެ ފޯނުގައި ޒީޝާންގެ ކިތަންމެ ތަސްވީރެއްވެސް ރައްކާކުރިއެވެ.

މިރޭވެސް އޭނާއަށް ބޭއިޚްތިޔާރުގައި ކޮޓަރިން ނުކުމެވުނީ ޒީޝާން ދެކިލުމަށެވެ. ނަމަވެސް ސޯފާ ހުހަށްހުރި މަންޒަރު ފެނުމުން އޭނާ ދެރަވިއެވެ. ޒީޝާންގެ ރީތިމޫނު ދެކިލާހިތްވިއެވެ. ޒައިކް މާޔޫސްކަމާއެކީ އައިސް ސޯފާގައި އޮށޯވެ ދެލޯމަރާލިއެވެ. ޒީޝާންގެ ޚިޔާލުގައި އޭނާ އެހެން އޮއްވައި އޭނާގެ ލޮލަށް ނިދި ސަވާރުވިއެވެ.

އަނެއްކޮޅުން ޒީޝާންގެ ލޮލަށް ނިދި ނައިސް އެނދުގައި ފުރޮޅި ފުރޮޅި އޮތެވެ. އެންމެފަހުން އޭނާ ބޭރަށް ނުކުމެލަން ގަސްތުކުރިއެވެ. މެންދަމުގެ ވަގުތުކަމުން، ބުރުގާވެސް ނާޅާ ނިދާހެދުމާއެކު އޭނާ ނުކުތެވެ. ސޯފާގައި އޮށޯވެލުމަށް ހީކޮށް ގާތްވިވަތުގު އޭނާ ސިހުނީ، ސޯފާގައި ރީތިކޮށް ނިދާލާފައި އޮތް ޒައިކް ފެނުމުންނެވެ. ހަމައެކަނި ސޯޓެއްލައި ހުސްގަޔާއޮތް ޒައިކްގެ މޫނުން ފެށިގެން ހަށިގަނޑަށް ޒީޝާންގެ ނަޒަރު ދަތުރުކޮށްލިއެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޒައިކްގެ ސިފަޔަށް އައިސްފައިވާ ބަދަލު އެވަގުތު ޒީޝާންއަށް ފާހަގަކުރެވުނެވެ.

ޒީޝާންއާއި ކައިވެނިކުރިއިރު، ޒައިކްހުރީ ފުދޭވަރަކަށް ފަލަކޮށެވެ. ކޮންމެވެސް ވަރަކަށް ބަނޑުގައި މަސްޖަހާފައިވެސް ހުއްޓެވެ. ނަމަވެސް މިފަހަކަށް އައިސް ކޮންމެ ދުވަހަކު ހަވީރު ޒައިކް ކުޅެންދެއެވެ. އެހެންކަމުން ޒައިކްގެ ބަނޑުގައިހުރި ބޭކާރު މަސްތައްވިރި، ބަނޑުވަނީ ހިނދިފައެވެ. އަތްފައިވެ މަސްތައްވެސް ވަރުގަދަވެ، ކުރިޔަށްވުރެ ރީތިހެންވެސް ހީވެއެވެ. ކުރީގައި ވަކިގޮތަކަށް "ސްޓައިލް" ނުކުރާ ޒައިކްގެ އިސްތަށިގަނޑުވެސްވަނީ ރީތިގޮތަށް ކޮށާފައެވެ. ކޮންމެއަކަސް ޒައިކްގެ އެސިފަ ޒީޝާންއަށް ނުހަނު ކަމުދިޔައެވެ. މިވަނީ ކީއްކަން ނޭނގުނު ނަމަވެސް ހިތުގެ ކޮންމެވެސް ކަނެއްގައި ޒައިކްގެ ސޫރަކުރެހެމުން ދާހެން ޒީޝާންއަށް ހީވިއެވެ. ޒީޝާން އެގޮތަށް ބަލަންހުއްޓައި ޒައިކް ފުރޮޅިލުމުން އޭނާ އަވަސް އަވަހަށް ކޮޓަރިއާދިމާއަށް ހިނގައިގަތެވެ. އޭނާ އެތާހުއްޓައި ޒައިކްއަށް ފެންނާކަށް އޭނާ ނޭދެއެވެ.

***** ހަތަރުމަސް ފަސް*****
ޒީޝާން އަތްމަތި އަވަސްކުރަމުން ދިޔައީ މިއަދު މެންދުރުގެ ކެއުން ތައްޔާރުކުރުމަށެވެ. މިއަދަކީ ހުކުރު ދުވަސްކަމަށްވުމާއެކު، އޭނާ ގަސްތުކުރީ އޭނާގެ މަންމާއި ބައްޕަ އަދި ޒައިކްގެ މަންމަމެންނަށްވެސް ކެއުމަށް ދައުވަތު ދިނުމަށެވެ. އޭނާއަށް ކައްކަން ދަސްވިފަހުން އޭނާ ކާއެއްޗެހި ހަދާފައި މަންމަމެންނަށް ތަށިބަރިފޮނުއެވެ. އަދި ދޭތެރެ ދޭތެރެއިން އެގެއަށް ކެއުމަށް ދައުވަތުދެއެވެ. ކުރީގައި އަތުންފައިން ކަމެއްނުކޮށް ކޮޓަރިތެރޭގައި ސީރީޒްބަލަން ވަގުތުހޭދަކުރަމުން ދިޔަ، ޒީޝާން މިހާރުއެވަނީ މުޅިން ބަދަލުވެފައެވެ.

މިހާރު އޭނާއަކީ ކުރީގެ ޒީޝާންއެއް ނޫނެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ހީނުކުރާހައި ބޮޑު ބަދަލެއް އޭނާ އުޅުމަށްވަނީ އައިސްފައެވެ. މިހާރު އޭނާއަށް ސްމާޓްފޯނާއި ލެޕްޓޮޕް މުހިއްމެއްނޫނެވެ. އެތަކެއްޗާ ނުލައި އުޅެން އޭނާވަނީ ދަސްކޮށްފައެވެ. އެންމެ ފުރަތަމަ އެތަކެތި ނެތުމުން އޭނާ ދެރަވިއެވެ. ފޫހިވެ ރުޅިގަދަވިއެވެ. ނަމަވެސް، ޒައިކް އެގެއަށް ފޮތްކަބަޑެއް ގެނައިފަހުން އޭނާއަށް ފޫހިފިލުވާނެ އާގޮތެއް ދަސްވިއެވެ. އޭނާއަކީ ފޮތްކިޔަން ނުހަނު ފޫހިވާ ކުއްޖެއްނަމަވެސް، ކުރާނެ އިތުރުކަމެއްނެތި ފޫހިވާ ވަގުތު ތަކުގައި އޭނާ މަދުމަދުން ފޮތްކިޔަންފެށިއެވެ.

ފުރަތަމަ އޭނާކީ ތަފާތު ވައްތަރުގެ ދިވެހި ވާހަކަ ފޮތެވެ. އެއީ ޒައިކްގެ މަންމަ ކުރިން ކިޔަން ގެންގުޅު ފޮތްފޮތެވެ. އެފޮތްތައް ކިޔާނިމުނުން ދެން އޭނާ ކިޔަންފެށީ ދީނީ ފޮތްތަކެވެ. ދީނީ ފޮތްތައް ކިޔަންފެށުމުން އޭނާއަށް މީގެކުރިން އެނގިފައިނުވާ ކިތަންމެ ކަމެއް ދީނީގޮތުން އޮޅުންފިލިއެވެ. އެގޮތުން، އެއްދުވަހަކު އޭނާ ކީފޮތަކުން ބޮޑެތި ފާފަތަކަކީ ކޮބައިކަން އޭނާއަށް ދަސްވިއެވެ. އަދި ނޭނގުމުގެ ތެރޭގައިވެސް، ކައިވެނީގެ ގުޅުމެއްގައިހުރެ އޭނާއަށް ހިލޭ ފިރިހެނަކާ ގުޅުމެއް އުފެއްދި ފާފައަކަށް އަރައިގަނެވިފައިވާކަން އެނގުމުން އޭނާ ނުހަނު ބިރުގަތެވެ. އެކަމަށް ތައުބާވާން އޭނާ ބޭނުންވިއެވެ. އެހެންކަމުން އޭނާ އިތުރު ދީނީފޮތްތައް ކިޔައި ތައުބާވާނެ މަގުހޯދިއެވެ. އަދި ކައިވެނިމަތީގައިހުރެ ދުވަހަކުވެސް ހިލޭފިރިހެނަކާއި ގުޅުން ނުބޭއްވުމަށް އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. ޒަލަފްދެކެ އޭނާ ހިތުގެއަޑިން ލޯބިވީނަމަވެސް އެލޯބި އެއީ ޙަރާމްކަމެއް ކަމުގައި ގަބޫލުކޮށް ޒަލަފްގެ މަތިން ހަނދާން ނައްތާލުމަށް ޢަޒުމް ކަނޑައެޅިއެވެ.

ޣާފިލުކަމުގެ ތެރޭގައި އޭނާއަށް ފަރުވާކުޑަ ކުރެވުނު ފަރުޟުތަކާއި ވާޖިބުތަކާއި މެދު ހިތާމަކޮށް އޭނާ އެކަންކަމަށް ފަރުވާ ބަހައްޓަން ފެށިއެވެ. ފަރުޟު ފަސްނަމާދަށް ފުރިހަމައަށް ރައްކާތެރިވިއެވެ. އަދި މަދުމަދުން ސުންނަތް ނަމާދުކޮށް ސުންނަތް ރޯދަހިފަން ފެށިއެވެ. އޭނާގެ ބަދަލުވަމުން އައި މިޒާޖު ފެނިފައި ޒައިކްގެ އިތުރުން ޒީޝާންގެ މައިންބަފައިންވެސް ނުހަނު އުފާކުރިއެވެ. ޒީޝާންއަށް އެވަރުގެ ބޮޑު ބަދަލެއް އައީ ޒައިކްގެ މިންނެއް މަސައްކަތުންކަން އެމީހުން ގަބޫލުކުރިއެވެ. އަދި އެކަމަށް ހިތުގެއަޑިން ޝުކުރުވެރިވިއެވެ.

ޒީޝާންއަށް ގޭތެރޭގެ މަސައްކަތްތައް ދަސްވެ އެކަނި އުޅެވޭނެކަން ޔަޤީންވުމުން، ޒީކްވެސް އެގެއަށް ބަދަލުކުރިއެވެ. އެކަމުގެ ސަބަބުން ޒައިކްގެ މަންމައަށް އެކަނިވެރިކަން އިހުސާސް ކުރެވޭނެކަމަށް ބުނެ ނުހަނު ޝަކުވާވެސް ކުރިއެވެ. ނަމަވެސް މަންމަ ބޭނުންނަމަ، ބޭނުން ކޮންމެ ވަގުތަކު ޒީކް ގެނެސްދޭނެކަމަށްބުނެ ޒައިކް މަންމައަށް ވިސްނައިދިނެވެ. ޒީކްއަކީ ޚުދު އޭނާގެ ދަރިއަކަށްވީއިރު، ޒީކް އުޅެންޖެހޭނީ އޭނާގެ ގާތުގައިކަމަށްވެސް ބުންޏެވެ. ޒައިކްގެ ވާހަކަތައް އަޑުއަހާފައި ހައްވައަށްވެސް އިތުރަށް ދެކޮޅުހަދާކަށް ނުކެރުނެވެ. ދަރިފުޅުގެ ދިރިއުޅުން ބާއްޖަވެރިކުރެއްވުމަށް އެދި ދުޢާކުރަމުން ޒީކް ހަވާލުކުރިއެވެ. ޒީކް އައުމުން ޒީޝާން ހުރީ ނުހަނު އުފަލުންނެވެ. އޭނާގެ އެކަނިވެރިކަން ފިލުވާލާނެ ބައިވެރިއަކު ލިބުމުންނެވެ. ކުރިން ޒީކްގެ ކަންކަން ކުރަން ފޫހިވިނަމަވެސް މިހާރު އޭނާހުރީ ޒީކްގެ ކަންކަން ކޮށްދޭހިތުންނެވެ. ޒީކްއަށް މަންމައެއްގެ ލޯބިދޭން އޭނާހުރީ އަތުކުރި އޮޅާލައިގެންނެވެ.

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ޒައިކް ނަމާދަށް ދިޔަގޮތަށް ލަސްވެގެން ޒީޝާންހުރީ ޒައިކްގެ އިންތިޒާރުގައެވެ. ކާން ހަދައިގެން ހުރެ ހުރެ ކާތަކެތިވެސް މިހާރުވަނީ ހިހޫވެފައެވެ. އެހެންކަމުން އޭނާ ޒައިކްއަށް ގުޅާލިއެވެ. ފޯނު ރިންގްވާން ފެށުމާއެކު ބިޒީކޮށްލިއެވެ. އެހެންކަމުން ދެވަނަ ފަހަރަށް ގުޅަން ނުކެރިގެން އޭނާ އައިސް ސޯފާގައި އިށީނެވެ. އެހެން އިންދައި ބޭރު ދޮރު ހުޅުވިއަޑު އިވުނެވެ. އިރުކޮޅެއްނުވެ ދޮރުހުޅުވާފައިވަނީ ޒުވާން އަންހެން ކުއްޖެކެވެ.

" ވާއު….ހާދަރީތި ގެއެކޭ….ޒައިކްގެ މިހާރީތި ގެއެއްހުރިކަމެއް މަށަކަށް ނޭނގޭ…" ގޭތެރެއަށް ވަށައިގެން ނަޒަރު ހިންގާލަމުން އަންހެން ކުއްޖާ ހެވިފައި ބުންޏެވެ.

" އާނ…ވަރަށް ފަހުން މިގެ ނިމުނީ….ރޭޝަމް ކުރިން އައިއިރު، މިގެ ނުހަދަމެއްނު…" އެއަންހެން ކުއްޖާގެ ފަހަތުން ވަތް ޒައިކް ޖަވާބު ދިނެވެ.

" ޒީޝާން…މީ ރޭޝަމް…އައިޝާގެ ތިމާގެ ކުއްޖެއް…ރޭޝަމް…މީ ޒީޝާން، ޒީޝާން އަހަރެންގެ އަންހެނުން…" ޒައިކް ދެއަންހެންކުދިން އެކަކު އަނެކަކަށް ތަޢާރަފު ކޮށްދިނެވެ.

" ހެލޯ ޒީޝާން….ކިހިނެއްތަ؟.." އަންހެން ކުއްޖާ ހެވިފައި ޒީޝާންއާ ސަލާމްކޮށްލުމުން ޒީޝާންވެސް ހިނިތުންވެލިއެވެ.
" ޒީޝާން ކޮބާ ކާން ހެދީތަ؟…މިހާރު ވަރަށް ބަނޑުހައިވެއްޖެ…ދޯ ރޭޝަމް…" ޒީޝާންއަށް ބަލާލަމުން ޒައިކް ބުނެލިއެވެ.
" ހޫމް…ކާން ތައްޔާރުކޮށްފަ ހުންނާނީ…" ޒީޝާން ޖަވާބުދިނެވެ.

ޒައިކް ރޭޝަމް ގޮވައިގެން ގޮސް ކާމޭޒުދޮށުގައި އިށީނުމުން ޒީޝާން ތަށިތަކުގެ މަތި ނަގަންފެށިއެވެ. ކާންއިނދެގެން ރޭޝަމް ހުއްޓާނުލާ އަނގަތަޅަމުން ދިޔައިރު ޒީޝާންއިނީ ފޫހިވާ ގޮތްވެފައެވެ. މީގެކުރިން އައިޝާގެ ތިމާގެ މީހަކު ޒީކްގެ ހާލުބަލާލަންވެސް ނާދެއެވެ. ހަމަ ކުއްލިއަކަށް ރޭޝަމް އައުމުން ޒީޝާންހުރީ ސުވާލު އުފެދިފައެވެ. ރޭޝަމްއަކީ މީހުންނާ އެކުވެރި މަޖާ މިޒާޖެއްގެ ހިފިނުހުރެވޭ ކުއްޖެއްކަން ފުރަތަމަ ފެނިލުމުންވެސް ޒީޝާންއަށް އެނގުނެވެ.

" އަހަރެންވެސް ބޭނުމީ މިގޭގަ ހުންނަން….މިގެމާސަޅި…" ކައި ނިމިގެން ސޯފާގައި އިށީނދެލަމުން ރޭޝަމް ބުނެލިއެވެ.

" އާނ….އަދި އިހަށް އެކޮޅުގަ މަޑުކޮށްލާ!…އަހަރެމެން މިކޮޅުން ކޮޓަރިއެއް ސާފުކޮށްލާފަ ހަމަޖައްސާލަދޭނަން….އޭރުން ރޭޝަމްއަށް މިކޮޅަށް ބަދަލުވެވިދާނެ…" ކުއްލިއަކަށް ރޭޝަމް ބަދަލުވާން ބޭނުންވުމުން ޒައިކް ކަންބޮޑުވިއެވެ. ޒީޝާންއާއި ޒައިކްއާ ދެމީހުން ދެކޮޓަރިއެއްގައި ނިދާކަން އިތުރުމީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

" އެންމެ ރަނގަޅު…އަސްލު ޒީކްވެސް މިކޮޅުގަ އުޅޭތީ މިކޮޅަށް އަންނަން ބޭނުންވަނީ….ޒީކް ދެކޭހިތުން މިއައީވެސް….ކިހާ ދުވަހެއް އަންނަން ބޭނުންވެގެން އުޅޭތާ….ޒައިކް ކައިވެނިކުރިއިރުވެސް އަންގާލީކީވެސް ނޫން….އެހެންވެ އަސްލު ވަރަށް ހިތްހަމަ ނުޖެހިފަ މިހުރީވެސް….އައިޝާދައްތަ ދުނިޔޭގަ އެހާގާތްކޮށް އުޅެފަ ތިހުރީ ކަންތައްކުރިގޮތް…." ރޭޝަމް ޝަކުވާކުރިއެވެ.

" އާނ…އެއީ ހަމަ ކުއްލިއަކަށް ނިންމި ނިންމުމެއްވީމަ ޚަބަރުކޮށްނުލެވުނީ….ދެން އެކަމާ އަޅާނުލާ….މިހާރު ތިހުރީ އާދެވިފައެއްނު….މިހާރު ރޭޝަމްގެ ހުރިހާ ޝަކުވާއެއްވެސް އަޑުއަހަން އަހަރެން މިހުރީ ތައްޔާރަށް….ބޭނުންކަމެއް ބުނޭ…" ޒައިކް ޖޯޝާއެކީ ބުނެލިއެވެ. ޒައިކް އެހާހެވިފައި ރޭޝަމްއާ ވާހަކަދައްކާ މަންޒަރު ފެނުމުން ބޭއިޚްތިޔާރުގައި ޒީޝާންއަށް ރުޅިއާދެވުނެވެ.

" ހަމަ ކުއްލިއަކަށް ކޮންތާކުން ފާވި ފާޑެއްގެ އަންހެނެއް…." ނުރުހުންވި ވަރުން ހިތާހިޓާ ޒީޝާންއަށް ކިޔާލެވުނެވެ.

ދެދުވަސްފަހުން ރޭޝަމް ޒައިކްގެ ގެޔަށް ބަދަލުވިއެވެ. އެހެންކަމުން ޒީޝާން އޭނާ އުޅުނު ކޮޓަރިން ތަކެތި ނެރެގެން ޒައިކްގެ ކޮޓަރިއަށް ބަދަލުވާން މަޖުބޫރުވިއެވެ. ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތްނަމަވެސް ދުނިޔެއްއަށް އެކަން ސިއްރުކުރަން މަޖުބޫރެވެ. އެއްކޮޓަރިއަށް ބަދަލުވީ ނަމަވެސް ދެމީހުން ނިދަނީ ކުރީގައިވެސް ނިދިފަދައިން ދެތަނުގައެވެ. ޒީޝާންއަށް އެނދުދީފައި ޒައިކް ނިދަނީ މުށިތަކުމަތީ ގޮދަޑި އަޅައިގެންނެވެ.

ރޭޝަމް އައުމުން، ގޮތްނޭނގޭ ނުތަނަވަސްކަމެއް ޒީޝާންގެ ހިތަށްވެރިވިއެވެ. ރޭޝަމްގެ ސަކަ ކަމާއި އެކުވެރި މިޒާޖުގެ ސަބަބުން ޒީކްވެސް އިސާހިތަކު ރޭޝަމްއާ އެކުވެރިވިއެވެ. އަދި ޒައިކްވެސް ރޭޝަމްއާ ހީސަމާސާކޮށް ހަދަންފެށިއެވެ. ރޭޝަމްއަކީ ހަމަ އެހާމެ ހީވާގި ކުއްޖެކެވެ. ބަދިގެޔަށްވަދެ ތަފާތު ވައްތަރުގެ ކާއެއްޗެހި އޭނާ ތައްޔާރުކުރެވެ. ކުޑަމިނުން ޒީޝާންގެ ހުއްދަވެސް އޭނާ ނުހޯދައެވެ. އަނެއްކޮޅުން ރޭޝަމް ކައްކާ ކާއެއްޗެހި މީރުވެ، ޒައިކް ތަޢުރީފުކޮށް ހަދައެވެ. ނަމަވެސް ދުވަހަކުވެސް ޒީޝާން ކެއްކި އެއްޗެއް މީރުވެގެން ތަޢުރީފެއް ނުކުރެއެވެ. ރޭޝަމް އައުމުން ހަފްތާ ބަންދުގައި ޒައިކް ދަތުރުވެސް ރޭވިއެވެ. އެދަތުރުގައި ޒީޝާން ބައިވެރިވި ނަމަވެސް އޭނާއަށް އިހުސާސްކުރެވުނީ ބީރައްޓެހި ކަމެވެ. ރޭޝަމް ނަލަހެދިގެން ނުކުތަސް އޭނާގެ ހެދުމަށް ނޫނީ ފައިވާނަށް ނަމަވެސް ޒައިކް ތަޢުރީފުގެ ބަހެއް ބުނެލައެވެ. ހަމަ އެފަދައިން ޒައިކް ފެންވަރައި ރީތިވެލައިފިނަމަ ރޭޝަމްވެސް ޒައިކްއަށް ތަޢުރީފު ކުރެއެވެ. އަދި ރޭޝަމްއަށް ކަމުނުދާ ކުލައެއްގެ ގަމީހެއް ލައިފިނަމަ ކިޔަ ކިޔައިގެންވެސް އެގަމީހެއް ބަދަލުކުރުވައެވެ.

" ޒައިކް….ކޮންގޮތަކަށްތަ ފުނާއަޅާފަ ތިހުންނަނީ…ނިކަން މިޒަމާނުގެ ކުދިން ތިބޭހެން…ސްޕައިކް ޖައްސާލަބަލަ! އަބަދު ރަސްމީވެފަ ނުހުރެބަލަ!…" އެއްރެއަކު ޒައިކް ތައްޔާރުވެގެން ނުކުތުމުން ރޭޝަމް ބުންޏެވެ. އަދި ޒައިކްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވައްދާފައި ޒައިކްގެ އިސްތަށިގަނޑު ޖެލްލައި ސްޕައި ޖައްސައިދިނެވެ. ޒައިކްވެސް ހެވިފައި ރޭޝަމް ކުރާނެ ކަމެއްކުރަން ދޫކޮށްގެން ހުއްޓެވެ. އެމަންޒަރު ބަލަންހުރި ޒީޝާންގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ރުޅިގަނޑު ފިނިކުރުމަށްޓަކައި އޭނާއަށް ޖެހުނީ އެތަނުން ނުކުންނާށެވެ.

" ލަދެއްވެސް ނުގަންނަ އަންހެނެއް….ހީވަނީ ޒައިކްއާ ތަތްވެގެން އުޅޭއިރު، އޭނާގެ ފިރިމީހާހެން….ހާދަފޫހިވެޔޭ…." އައިރުޅިން އޭނާއަށް ޝިޔާގެ ގާތުގައި އެޝަކުވާ ކުރެވުނެވެ. މިނޫނީ ދުވަހަކުވެސް ޒައިކްއާ ބެހޭކަމެއްގައި އޭނާ ޝަކުވާކޮށްފައެއް ނުވެއެވެ.
ޒަލަފްއާ ދުރުވާން ޖެހުނީތީ ކުރިން އޭނާގެ ހިތުގައި ޝިޔާއާމެދު އުފެދުނު ހުރިހާ ޝަކުވާއެއް މިހާރުވަނީ ނެތިގޮސްފައެވެ.

އެހެންކަމުން އަނެއްކާވެސް އެދެމެދުގައި އެކުވެރިކަންވަނީ ބަދަހިވެފައެވެ. ޒައިކްވަނީ އޭނާކުރިން ގެންގުޅުނު ފޯނު އޭނާއަށް އަނބުރާ ދީފައެވެ. އެހެންކަމުން މިހާރު ކޮންމެ ވަގުތަކުވެސް އޭނާއަށް ޝިޔާއަށް ގުޅެއެވެ. އަދި އޭނާ ބޭނުން ކޮންމެ މީހަކަށްވެސް ގުޅެއެވެ. ނަމަވެސް އޭނާ ދުވަހަކުވެސް ޒަލަފްއަކަށް ނުގުޅައެވެ. އޭނާގެ ފޯނުގައިވާ ޒަލަފްގެ ހުރިހާ ހަނދާނެއްވެސް ވަނީ މިހާރު ފުހެލާފައެވެ. ހުރިހާ މެސެޖަކާއި ހުރިހާ ފޮޓޯއެއްވެސް އޭނާ ޑިލީޓްކުރިއެވެ.

މިހުރިހާ ދުވަސްވީއިރު، ޒަލަފްގެ ޚަބަރެއްނުވީތީ އޭނާވަނީ ޒަލަފްއާމެދު އުއްމީދުކުރުން ހުއްޓާލާފައެވެ. އޭނާ ގަބޫލުކުރިގޮތުގައި ޒަލަފް އޭނާދެކެ އެހާލޯބިވާނަމަ އޭނާ ހޯދަން މަސައްކަތްކުރީހެވެ. ނަމަވެސް ހަޤީޤަތަކީ އޭނާއަށް ނޭނގުނު ނަމަވެސް އޭނާގެ ހިތުން ޒަލަފްގެ ނަން މަޑުމަޑުން ފުހެވި، ޒައިކްގެ ނަން އެހިތުގައި ފެވެންފެށުމެވެ.

*****
ޒައިކްއާއި ޒީޝާންގެ ދިރިއުޅުމުން ދުރަށްދިޔަ ނަމަވެސް، ނާކާމިޔާބު ލޯބީގެ ހިތިކަން ޒަލަފް ދިޔައީ ތަޙައްމަލް ކުރަމުންނެވެ. ޒީޝާންގެ މަތިން ހަނދާން ނައްތާލާފައި ދިރިއުޅުމައިގެން ކުރިޔަށް ދިއުމަށް ނިންމި ނަމަވެސް އިތުރުމީހަކާ ގުޅޭކަށް އޭނާގެ ހިތެއް ނޭދެއެވެ. ޒީޝާންފަދަ މައުސޫމު އަދި ލޯބިވެތި ކުއްޖަކު މީގެކުރިން އޭނާއާ ދިމާވެފައެއް ނުވެއެވެ. އެހެންކަމުން ޒީޝާންއަށްޓަކައި އޭނާގެ ހިތުން ނުހަނު ޚާއްސަ ޤަދަރެއްވަނީ ދެވިފައެވެ. އެފަދަ ދެވަނަ ކުއްޖަކު އޭނާގެ ޙަޔާތަށް ދެން އަތުވެދާނެ ކަމަކަށްވެސް އޭނާއަށް އުއްމީދެއް ނުކުރެވެއެވެ. ނަމަވެސް، ޒައިކް ފަދަ މާތްމީހެއްގެ ދިރިއުޅުން ހަލާލުކުރަން ބޭނުން ނުވާތީ ޒީޝާންއާ ދުރުގައި އޭނާ އަދިވެސް ކެތްކުރިއެވެ. ނަމަވެސް ޚިޔާލުތަކާއި ފިކުރުތައް ގިނަވެ، ކެއުންބުއިމާވެސް އޭނާ ދުރުވިއެވެ. އެކަމުގެ ސަބަބުން ސިއްޚަތު ގޯސްވިއެވެ. ހުންއައިސް ތަންދޮރު ނޭނގޭވަރުވެއްޖެއެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަން ދާކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. ބަލިވުމުގެ ސަބަބުން ވަޒީފާއަށް ނުނުކުމެވޭތާވެސް ހަފްތާއެއް ވެއްޖެއެވެ. އެންމެފަހުން ބޮޑުދައިތަގެ ހިތަށް ކެތްނުވެގެން، ރިސޯޓްގައި ހުރި އއޭނާގެ ދަރިފުޅު ރަފީއުއަށް ގުޅައިގެން ގެނުވިއެވެ. އަދި އޭނާއާއެކުގައި ޒަލަފް ގަމަށް ދިއުމަށް އެއްބަސްކުރުވިއެވެ.

" ކަލޭގެ ކަންތައްދެން ހާދަބޮޑޭދޯ….ތިހާވަރު ނުވަނީސް ކީއްތަވާނީ ހޮސްޕިޓަލަށް ދިޔަނަމަ، އެންމެފަހުން ރިސޯޓްގަ ހުރެފަ މަވިއްޔަ މިޖެހުނީ އަންނަން…." ޒަލަފް ގޮވައިގެން ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ރަފީއު ޝަކުވާކުރަމުން ދިޔައެވެ.
" ދެން ރާއްޕެ ކީއްކުރަންތަ ތިއައީ…އަހަރެންނަށްވެސް އެކަނިދެވޭނޭ…" ހުންއައިސް ތުރުތުރުއަޅާ ހާލުވެސް ޒަލަފް ބުނަމުން ދިޔައެވެ.
" ތިކަމެއް އެނގެޔޭ….މިހާރުވެސް މީހާތިއިނީ ކިރިޔަ ކިރިޔާ ހޭބުއްދި ނުފިލާ…ކަލޭ ނުބުންޏަސް މަށަށް އެނގޭ އެމަންޖެއާހެދި ކަލޭ ތިއިނީ މަޖުނޫނަކަށްވެފަކަން…އެކަމުދެން ތިވަރުވާކަށް އަދި ނުވެއެއްނު…ދުނިޔެއިން މީހުން ހުސްވީކީ ނޫންވިއްޔަ…" ޒަލަފްއާ ދިމާކޮށްލުމުގެ ގޮތުން ރާފިއު ބުންޏެވެ. މިފަހަރު ޒަލަފް އެއްވެސް ޖަވާބެއް ނުދެއެވެ. ރާފިއު ބުނީ ތެދެކެވެ. ޒީޝާންގެ ލޯބީގައި އޭނާ ދީވާނާވީއެވެ. އެއްވެސް އިންސާނަކާހެދި އެވަރުވާކަށް ނުޖެހެއެވެ. ޒީޝާންއަށް އޭނާއާނުލައި އުޅެވޭއިރު އޭނާއަށް ވަކި ނޫޅެވެންވީ ސަބަބެއް ނެތެވެ. ހޮސްޕިޓަލަށް ދެވޭންދެންވެސް ޒަލަފްއިނީ ވިސްނުމުގައެވެ. ޒީޝާންގެ ޚިޔާލުތަކުން ދުރަށްދާނެ ގޮތަކާއިމެދުގައެވެ.

ހުސެންއާއެކު ސައިކަލުގައި ޝިޔާ ލިންކްރޯޑުން ގެޔާވީކޮޅަށް މިސްރާބު ޖެހިއެވެ. ސައިކަލު ދުއްވަންއިނީ ޝިޔާއެވެ. މިރޭމީ އޭނާ ލައިސެންސް ނެގިފަހުން ސައިކަލު ދުއްވާ ފުރަތަމަ ފަހަރެވެ.

" ޝިޔާ…ދެން ގެނޭ…މިހާރު ވާރޭވެހެން އެއުޅެނީ….ވާރޭވެހޭގަޑީގަ ދުއްވަން އެހާ ރަނގަޅެއްނުވާނެ…." ހުސެން އެދުނެވެ.

" ނޫން…އަހަރެން މިރޭ ގެޔާހަމައަށްވެސް ދާނީ….އަހަރެން މިހާރު މިހުރީ ލައިސެންސްވެސް ނަގާފައެއްނު….ހުސެން ކޮންކަމަކާ ބިރުގަންނަނީ…." ވަރަށް ހަމަޖެހިލާފައި ޝިޔާ ބުންޏެވެ. ހުސެން އިތުރު އެއްޗެއް ނުބުނެ ހިނިތުންވެލިއެވެ.

ޝިޔާ ވަރަށް ބަލައިގެން ސައިކަލުގައި އަންނަނިކޮށް ވާރޭވެހެންފެށިއެވެ. ކުއްލިއަކަށް އޮއްސާލި ބޮޑުތިކި ވޭރޭގެ ސަބަބުން ވަގުތުން މަންޒަރު ފުސްވެގެން ދިޔައެވެ. ހުރިހާ ދިމާލަކުންވެސް ފެންނަނީ ފުސްކަމެވެ. ޝިޔާ ވަރަށް މަޑުމަޑުން ކުރިޔަށްދަނިކޮށް ވަރަށް ހަލުވިކަމާއެކު ކުރިމަތިން އައި ސައިކަލެއް ފެނިފައި އޭނާއަށް ސިހުންލިބިގެން ދިޔައެވެ. އެވަގުތު ބުރެކި ޖެއްސުމުގެ ބަދަލުގައި އޭނާއަށް ސްޕީޑް ބާރުކޮށްލެވުނީ އޮޅުމަކުންނެވެ. ހަމައެކާއެކު ބާރުދުވެލީގައި ކުރިމަތިން އައި ސައިކަލުގައި ޖެހިފައި ވަރުގަދަ އަޑުފައްގަނޑަކާއެކު އޭނާ ސައިކަލާއެކު ވިއްސައިގެން ދިޔައެވެ. އެވަގުތު ހުސެންގެ ހަޅޭކުގެ އަޑުވެސް އޭނާއަށް އިވުނެވެ. ވަރަށްބާރަށް ތަނެއްކައި ޖެހުމާއެކު، ވީނުވީއެއް ނޭނގި މުޅިތަން އަނދިރިވެގެން ދިޔައެވެ.

" ޒަލަފް…ޒަލަފް ތެދުވޭ….އަވަސްކުރޭ!…" ވިއްސައިގެން ގޮސް މަގުގެ އެއްފަރާތަށް ވެއްޓިފައި އޮތް ޒަލަފްގެ މޫނުގައި ދެތިންފަހަރު މަޑުމަޑުން ޖަހާލަމުން ރާފިއު ގޮވާލިއެވެ. ވެހެމުންދިޔަ ވާރޭގެ ބޮޑެތި ތިކިތަކުގެ ސަބަބުން ދަތިކަމާއެކު ޒަލަފް ލޯހުޅުވާލިއެވެ.
" ރާއްޕޭ….އަނެއް ސައިކްގަ ތިބިމީހުން ކޮބާ؟…އެމީހުނަށްވީ ކިހިނެއް؟…" ބޮލުގައި އަތްއަޅައިގެން ތެދުވަމުން ޒަލަފް އެހިއެވެ.
" އެމީހުން ހިނގައްޖެ….ދެންވެސް މިތަނުން އަވަހަށް ދެވޭތޯ ހިނގާބަލަ!.." ނުތަނަވަސްވެފައިވާ ހާލު ރާފިއު ބުނަމުން ދިޔައެވެ. ޒަލަފް ވަރަށް އުނދަގުލުން ކޮޅަށް ތެދުވިއެވެ. އޭނާގެ ފަޔަށް ތަދުވެފައިހުރިވަރުން އޭނާއަށް ސައިކަލާ ހަމައަށް ދެވުނީވެސް ރާފިއުގެ އެހީގައެވެ.

" ރާއްޕެ….އަތްވެސް ތިއޮތީ މެށިފައެއްނު….ހިނގާ ހޮސްޕިޓަލަށް ގޮސް ބޭސްއަޅަން…" ރާފިއުގެ އަތުން ބޮޑުބައެއް މަށައިގެން ގޮސްލޭއަންނަމުން ދިޔަ މަންޒަރު ފެނިފައި ޒަލަފް ބުނެލިއެވެ.

" އެކަމާ އަޅާނުލާ ހިނގާބަލަ….ގެޔަށް ގޮސް ބޭއެޅިދާނެއްނު…." ރާފިއު އަވަސް އަވަހަށް ބުނެލިއެވެ.

" އޭތް…އެއޮތީ ސައިކަލެއްތަ؟…މަށަށްހީވޭ ގަސްތަކުތެރެއިން ލައިޓެއް ދިއްލޭހެން….ރާއްޕޭ….އަހަރެމެންގެ ސައިކްގަ ޖެހުނު ސައިކް އެދިމާލަކަށް ނޫންތައް ދިޔައީ….ހިނގާބަލަ ބަލާލަން…." މަގުގެ އެއްފަރާތު ހޭޅިފަށުން އައްޔެއް ވީހެން ހީވެގެން ޒަލަފް ބުނެލިއެވެ.

" ނޫނެކޭ….އެމީހުން ހިގައްޖެއޭ ގެޔަށް…އެމީހުނަކަށް ކަމެއްނުވޭ….އެކަމާ ނުވިސްނަބަލަ!…" ރާފިއު އަނެއްކާވެސް ބުނެލިއެވެ.
" އެކަމު އަހަރެމެންގެ ސައިކް ވިއްސައިގެން އެހާދުރަށް ދިޔައިރު އެމީހުނަށް ގޮތެއްނުވެ ހުންނާނެތަ؟…މަށަށް ހީވަނީ އެމީހުންވެސް ވެއްޓިފަ އަނިޔާވީހެން….ރާއްޕެ ހިނގާބަލަ ބަލާލާފަދާން…" ޒަލަފް އާދޭސްކުރިއެވެ.

" މިހާލުގަ ތިބެގެން މިއޮއްބޯ ވާރޭގަ ވަލުތެރެއަށް ވަންނާކަށް މަނުދާނަން….މަ މިބުނީނު އެމީހުން ތެދުވެގެން ސައިކަލުގަ ހިނގައްޖޭ….އެމީހުން ބަޗައިފި….އެކުން ގިނަ އަނގަނުތަޅާ އިނދެބަލަ!…މިހާރުވެސް މީހާ ތިއިނީ އިންހާލު…ބޭކާރު ކަންކަމާ ނުވިސްނާ މަޑުން އިނދެބަލަ!…" ރާފިއު ނުރުހުންވެފައި ބުނުމުން ޒަލަފް ހިމޭންވިއެވެ. އޭނާގެ ބޯޖެނުހުލެއް ބާރުކަމުން މިހާރުވެސް އޭނާއިނީ އެނބުރުން އަރާފައެވެ. އެހެންކަމުން އިތުރަށް ރާފިއުއާ ދެބަސްނުވެ އޭނާ މަޑުމަޑުން އިނެވެ.

ނުނިމޭ