Last Updated: April 24, 20:01
Wednesday, April 24, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( އެކާވީސްވަނަ ބައި)

" މިހާލުގަ ތިބެގެން މިއޮއްބޯ ވާރޭގަ ވަލުތެރެއަށް ވަންނާކަށް މަނުދާނަން….މަ މިބުނީނު އެމީހުން ތެދުވެގެން ސައިކަލުގަ ހިނގައްޖޭ….އެމީހުން ބަޗައިފި….އެކުން ގިނަ އަނގަނުތަޅާ އިނދެބަލަ!…މިހާރުވެސް މީހާ ތިއިނީ އިންހާލު…ބޭކާރު ކަންކަމާ ނުވިސްނާ މަޑުން އިނދެބަލަ!…" ރާފިއު ނުރުހުންވެފައި ބުނުމުން ޒަލަފް ހިމޭންވިއެވެ. އޭނާގެ ބޯޖެނުހުލެއް ބާރުކަމުން މިހާރުވެސް އޭނާއިނީ އެނބުރުން އަރާފައެވެ. އެހެންކަމުން އިތުރަށް ރާފިއުއާ ދެބަސްނުވެ އޭނާ މަޑުމަޑުން އިނެވެ.

ފަތިސްނަމާދުކޮށްގެން ޒީޝާން ކޮޓަރިން ނުކުތީ ކޮފީއެއް ބޯލުމަށެވެ. ބަދިގެއާ ހަމައަށް ނުދެވެނީސް އޭނާއަށް ހުއްޓެވުނީ ރޭޝަމްއާއި ޒައިކް ވާހަކަ ދައްކާ އަޑުއިވުމުންނެވެ. އޭނާ ހީކޮށްގެންހުރީ ފަތިސްނަމާދަށް ދިޔަގޮތަށް ޒައިކް އަދިވެސް ނާންނަނީ ކަމަށެވެ.
" ޒައިކް…ލަސްނުކޮށް އޭނަގާތު ބުނަންވީނު؟…ފަހުން އެނގުނަސް އޭނަ ހަމަ ދެރަވާނެދޯ؟…" ރޭޝަމް ބުނާއަޑު އިވުނެވެ.
" އާނ…އެކަމުވެސް އަހަރެން ވަރަށް ޖެހިލުންވޭ….އަހަރެން އެވާހަކަ ބުނާތަނުން ޒީޝާން ރިއެކްޓްކުރާނެ ގޮތެއްވެސް ނޭނގޭ…." ކަންބޮޑުވެފައި ޒައިކް ބުނާއަޑުއިވުނެވެ.

" ކޮންމެ ގޮތެއްވިޔަސް މިއަދު އިރުއޮއްސުމުގެކުރިން އޭނާގެ ކަންފަތަށް އެޚަބަރު ފޯރާނެކަން އެނގެނީ….ޒައިކް ނުބުންޏަސް ކޮންމެވެސް އެހެންމީހަކު ބުނާނެ….އެހެންނޫނަސް އޭނާއަށް އެނގުން ކިހާ މުހިއްމު…އޭނަ ހޭލިމަ ރީތިކޮށް އޭނައަށް އެވާހަކަ ކިޔައިދީފަ، އޭނާއަށް ވިސްނައިދީ….އޭނަ ކޮންމެގޮތަކަށް ރިއެކްޓްކުރިޔަސް ޒައިކްއަށް އޭނަ މަސަލަސްކުރެވޭނެ…" ސީރިއަސްކަމާއެކު ރޭޝަމް ބުންޏެވެ.

" ހޫމް…އަހަރެން ބުނާނަން….ރޭގަވެސް ބުނަން ހިތަށްއެރި އެކަމު އޭރު ވަރަށް ލަސްވެފަހުރީމަ ދެން ނުބުނީ…" ޒައިކް ބުނެލިއެވެ. ދެން އެދެމެދުގައި ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.

އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކައަކާމެދު ސުވާލު އުފެދިފައި ހުރެގެން ޒީޝާން އެނބުރި ކޮޓަރިއަށް އައެވެ. އޭރު އޭނާގެ ހިތް ނުހަނު ބާރަށް ތެޅެމުން ދިޔައެވެ. އެމީހުން އެދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ އެވާހަކައެއް ބުނުމުން އޭނާއަށް ގޮތެއްވެދާނެ ކަމަށްޓަކައި އެމީހުން އެވަރަކަށް ވިސްނާނެ ވާހަކައަކީ ކޮބައިބާއެވެ؟ އަނެއްކާ އެދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި އެވާހަކަ ބުނަން އުޅެނީ ހެއްޔެވެ؟ ޒައިކްގެ ދިރިއުޅުމުން އޭނާ ބޭރުކޮށް ރޭޝަމްއަށް ބަރުޙަބާ ކިޔަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރޭޝަމްއަށް ކާމިޔާބުވެގެން ނުވާނެއެވެ.

" ޒީޝާން….ހޭލާތަ ތިއުޅެނީ؟…" ޚިޔާލަކަށް ގެއްލިފައި އިން ޒީޝާން ސިހުނީ ޒައިކްގެ އަޑުންނެވެ.

" އާނ…ކިހިނެއްވީ؟…" ދޮރުމަތީގައިހުރި ޒައިކްއަށް ބަލާލަމުން ޒީޝާން ޖަވާބުދިނެވެ.

" އަހަރެން މިދަނީ ބޭރަށް ގޮސްލަން….މިއަދު ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނެ ކަމެއްނެތް…ފެންވަރައިގެން ބޭރަށްދާން ތައްޔާރުވެހުރޭ! މިއަދު ނާސްތާކުރާނީ ބޭރުން…" ޒައިކް އެދުނެވެ.

ޔަޤީނުންވެސް ޒައިކް އޭނާ ގޮވައިގެން ބޭރަށް ދާން އެއުޅެނީ އެބުނާ ވާހަކައެއް ދައްކާށެވެ. ނަމަވެސް ބޭރަށްދާކަށް ބޭނުމެއް ނޫނެވެ. ޒައިކް ކޮންމެތާކަށް ގެންގޮސް އެވާހަކަ ދެއްކިނަމަވެސް އޭނާ އަޑުއަހާކަށްވެސް ބޭނުމެއް ނޫނެވެ.

ޒައިކް ނުކުމެގެން ދިއުމުން ހަދަންވީ ގޮތަކާމެދު ޒީޝާން ވިސްނަމުން ދިޔައެވެ. ޒައިކް އޭނާ ގޮވައިގެން ބޭރަށް ނުދާނެ ބަހަނާއެއް އޭނާ ހޯދަން ބޭނުމެވެ. ޒައިކް އަންނަން ވާއިރަށް އޭނާ މަންމަގެޔަށް ދިއުމަށް ވިސްނިއެވެ. ނަމަވެސް އެހާ ހެނދުނާ މަންމަ ގެޔަށް ގޮސްފިނަމަ މަންމަ އެތައް ސުވާލެއް ކުރާނެއެވެ. ދެން އޮތްގޮތަކީ ގެއިން ނުކުމެގެން ކޮންމެވެސް އެހެންތަނަކަށް ދިއުމެވެ. އޭރުން ޒައިކް އަންނައިރު އޭނާ ގެޔަކު ނުހުންނާނެ ނޫންހެއްޔެވެ؟

" ފިލައިގެން ދާންވީ….އެ ރޭޝަމްގަނޑުގެ ނުބައިކަމުން މަށަށް މިޖެހެނީ އަމިއްލަގެއިން ފިލައިގެން ދާންވެސް…" ހިތާހިތުން ރޭޝަމްއަށް އެއްޗެހި ކިޔަމުން ޒީޝާން ފެންވަރައި ތައްޔާރުވިއެވެ. އަދި ސިއްރު ސިއްރުން ގެއިން ނުކުތެވެ.

ދާނެ ވަކި މިސްރާބެއް ނޭނގި ވިސްނަން އޭނާއަށް އިރުކޮޅަކު ހުރެވުނެވެ. ހެނދުނުގެ އެވަގުތުގައި ޓެކްސީއެއް ހޯދުންވެސް ފަސޭހަ ކަމަކަށް ނުވާނެތީ ފައިމަގުގައި އޭނާ ހިނގައިގަތެވެ. ޒައިކް އަންނަންވާއިރަށް ގެޔާއި ވީހާވެސް ދުރަކަށްދާން އޭނާ ބޭނުމެވެ. ވަކި މިސްރާބެއްނެތި ހަލުވިކަމާއެކު އޭނާ ހިނގަމުން ދިޔައިރު، އޭނާއަށް އެނބުރި ގެޔަށް އަންނަން އެނގޭނެކަމާމެދުވެސް ޝައްކެވެ. އޭނާއަކީ ގިނައިން ތަންތަނަށް ގޮސް އުޅުނު ކުއްޖަކަށް ނުވާތީ އަމިއްލަ ރަށުގައިވެސް އޭނާއަކީ ބީރައްޓެއްސެކެވެ.
ގަޑިއެއްހައި އިރުފަހެވެ. ސިޓިންރޫމުގައި ޒީކްއާއެކު ކުޅެންއިން ރޭޝަމް ސިހުނީ ޒައިކް ގުޅަން ފެށުމުންނެވެ.

" ހެލޯ…ކީކޭ؟…" ފޯނުނެގުމާއެކު ރޭޝަމް އެހިއެވެ.

" ޒީޝާން ކޮބާތަ؟….އޭނާގެ ފޯނު ނިވާލާފަ އޮތީމަ ނުގުޅިގެން….ބުނެބަލަ ދޮރާށި ދޮރަށް ނުކުންނާނެ….އަހަރެން މިކައިރިކުރަނީ…." އެއްނޭވާއިން ޒައިކް ކިޔާލިއެވެ.

" އޭނާ ގެޔަކު ނެތް…ޒީކް ހޭލީމަ ޒީޝާން ކޮބައިތޯ ބެލިއިރު ގެޔަކު ނެތް…" ރޭޝަމް އޮޅުންފިލުވައިދިނެވެ.

" އެހެންތަ؟…ރަނގަޅަށް ބަލާބަލަ! ފާޚާނާގަވެސް އުޅެދާނެއްނު…" ޒައިކް އެދުނެވެ.

" ފާޚާނާ އެކަންޏެއްނޫން….މުޅިގޯތިތެރެވެސް އަހަރެން ބަލައިފިން….އެކަމު ޒީޝާންއެއް ނެތް…އަހަރެން ހީކުރަނީ ޒައިކްއާއެކުގަ ދިޔައީކަމަށް…." ރޭޝަމްވެސްހުރީ މިހާރު ކަންބޮޑުވެފައެވެ.

ޒީޝާން ގޭގައި ނެތްވާހަކަ ރޭޝަމް ބުނިނަމަވެސް ޒައިކް އައިސް މުޅިގެ އަލުން ހޯދިއެވެ. ނަމަވެސް ޒީޝާން ގެޔަކުނެތެވެ. އެހެންކަމުން އޭނާ މިސްރާބުޖެހީ މަންމަމެން ގެޔަށެވެ. އެގޭގައި ޒީޝާން ނެތުމުން ޒައިކް ދެންބެލީ ޒީޝާންގެ ގެއެވެ. އެގެއަކުވެސް ޒީޝާންއެއް ނެތެވެ.

" ޒީޝާން ކޮންތާކަށްތަ އެދިޔައީ؟…." ކުއްލިއަކަށް ޒީޝާން ދިޔަތަނެއް ނޭނގި ޚަބަރެއް ނުވުމުން ޒައިކް އިންތިހާއަށް ކަންބޮޑުވިއެވެ. ޒީޝާންއަކީ މާގިނަ ތަންތަނަށް ގޮސް އުޅޭ ކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ. އެއިން މީހެއްގެ މަންމަމެންގެ ގެ ފިޔަވައި ޒީޝާންދާނެ އިތުރުތަނެއްވެސް ނޯންނާނެއެވެ. ޒީޝާންގެ ގެއިން ނުކުމެ ޒައިކް އަނެއްކާވެސް މިސްރާބުޖެހީ އޭނާގެ ގެޔަށެވެ.

" ޒީޝާން އަދިވެސް ނާދޭތަ؟…." ހަލުވިކަމާއެކު ގޭތެރެއަށް ވަންނަމުން ޒައިކް އެހިއެވެ.

" ނާދެއޭ….މަންމަމެން ގޭގަވެސް ނެތީތަ؟…" ކޮންބޮޑުވެފައި ރޭޝަމް އަހާލިއެވެ.

" އާނ….އެކޮޅުގަ އެއްވެސް ގެޔަކުނެތް….ދެން ކޮންތާކަށް ދާނީވެސް…." އިސްތަށިގަނޑުގައި އަތްހިނގާލަމުން ޒައިކް ބުނެވުނެވެ.

" އަނެއްކާ ހޮސްޕިޓަލަށް ދިޔައީބާ؟….ފަހަރެއްގަ ކޮންމެވެސް މީހަކަށް އޭނައަށް ގުޅާފަ ބުނެފާނެދޯ…" ވިސްނާލަމުން ރޭޝަމް ބުންޏެވެ.

" އާނ…ވެދާނެ…އަހަރެން އަންނާނަން ބަލާލަފަ…." އެހެންބުނެފައި ޒައިކް ހަލުވިކަމާއެކު ބޭރަށް ނުކުތެވެ.
****
އިރުގެ ހޫނުކަމުން ޖައްވުގައިވާ ފިނިކަން ކަނޑުވައިފިއެވެ. މިހާރު ޒީޝާން އެގޮތުގައި ހިނގާތާ އިރުތަކެއް ވެއްޖެވެ. ދެވޭނުދެވޭ މިސްރާބެއް ހަޤީޤަތުގައިވެސް މިހާރު އޭނާއަކަށް ނޭނގެއެވެ. ބީރައްޓެހި މަގުތަކާއި ގޯޅިތައް ހުރަސްކުރަމުން ގޮސް ޒީޝާންއަށް ނުކުމެވުނީ ކުޑަކުދީން ކުޅެން ހަދާފައިވާ ޕާކެއްގެ ކުރިމައްޗަށެވެ. އެއީ މީގެކުރިން ދުވަހަކުވެސް އޭނާ އައި ހިސާބެއް ނޫނެވެ. ވަރުބަލިވެފައި ހުރިވަރުން ޒީޝާން ޕާކްތެރެއަށް ވަދެ ގޮނޑިއެއްގައި އިށީނެވެ.

" ހައި..ކިހިނެއްވެފަ ތިއިނީ؟…" ކުއްލިއަކަށް ފިރިހެނެއްގެ އަޑުއިވިފައި ޒީޝާން ފަހަތްބަލާލިއިރު، ޒުވާން ފިރިހެނަކު ދާދިގާތުގައި ހުއްޓެވެ. ގަޔަށް ހިފާލާފައިހުރި ޓީޝާޓަކާއި ސޯޓެއްގައިހުރިއިރު، އޭނާއަކީ އާއްމުކޮށް ކަސްރަތުކޮށް އުޅޭމީހެއްކަން އެނގެއެވެ. އޭރުވެސް އޭނާހުރީ ކޮންމެވެސް ވަރަކަށް ދާހިއްލާފައެވެ.

" ބީރައްޓެހި ކުއްޖެއްތަ؟….ކުރިޔަކުން ނުދެކެން މިތާކުން….އަހަރެން ކޮންމެ ދުވަހަކުވެސް ދުވެނިންމާލާފަ މިތަނަށް އަންނަން…." އެޒުވާނާ ވަރަށް ގާތްކަމާއެކު ބުނެލިއެވެ. އެޒުވާނާގެ ވާހަކަތަކައް ޖަވާބެއްނުދީ އިންއިރު، ޒީޝާންއިނީ ބިރުންނެވެ.

" އަސްލުވެސް ބުނެބަލަ! ކަމެއްވެފަތަ ތިއިނީ؟…އެހީތެރިވާންވެސް އެނގޭނީ ބުނީމައެއްނު…." ޒީޝާންގެ މޫނުމަތިން ފާޅުވާންހުރި ކަންބޮޑުވުމުގެ އަސަރު ޒުވާނާ ދެނެގަތެވެ.

" ނޫން…ކަމެއްނުވޭ….ހަމައިނީ…" ޖެހިލުންވީ ނަމަވެސް ޒީޝާން ޖަވާބުދިނެވެ.

" އެހެންދޯ….ނޭނގޭނެއްނު….މިތާ މާއެކަނިން އިނީމަ ހީކުރީ ކަމެއްވެފަ އިނީއޭ…." ޒުވާނާ ހިނިތުންވެލަމުން ޒީޝާންއިން ގޮނޑީގެ އަނެއްކޮޅުގައި އިށީނދެލިއެވެ. އެވަގުތު ޒީޝާން ޒުވާނާއާ ދުރަށްޖެހިލިއެވެ.

" ކުރިން މިތަނުން ނުދެކޭ ކުއްޖެއްވީމަ އަސްލު އެހެން ހިތަށްއެރީ….ކިހާ ހިސާބެއްގަ އުޅެނީ؟…" ޒުވާނާ އަދިވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދަން ބޭނުންވާ ކަހަލައެވެ. ޒުވާނާ އެހާގާތުގައި އިނުމުން ޒީޝާންއަށް އުނދަގޫވަމުން ދިޔައެވެ. ޕާކްގައި ބައިވަރު ހުސްގޮނޑިތައް ހުރިއިރު، ޒުވާނާ އޭނާގެ ގާތުގައި އިށީނުމުން އޭނާ ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން އޭނާ އެތަނުން ދިއުމަށް ގަސްތުކުރިއެވެ.

" ހާދަ އަވަހަކަށް ދަނީ ކިހިނެއްވީ؟….މަޑުކޮށްބަލަ ވާހަކަދައްކާލަން…" ޒީޝާން ތެދުވުމުން އާދޭހުގެ ރާގަކަށް ޒުވާނާ ބުނެލިއެވެ. ޒީޝާން އެއަޑުއިވޭކަމަށްވެސް ނުހަދާ އަވަހަށް ޕާކްތެރެއިން ނުކުތެވެ. ނަމަވެސް ދާނެ މިސްރާބެއް އޭނާއަށް ނޭނގެއެވެ. އޭނާ މިހާރުހުރީ ގެޔަށްދާން ނުހަނު ބޭނުންވެފައެވެ. ދެންއޮތްގޮތަކީ ޒައިކްއަށް ގުޅުމެވެ. ޒައިކް ގުޅާފާނެތީ ފޯނު ނިވާލައިގެން އުޅުމުން ހުރިހާ އުނދަގުލެއްވެސް މިޖެހުނީ އޭނާއަށެވެ.

" މިވެސް އެ ރޭޝަމްއަކާ ހެދި ވާކަންތަކޭ…" ދެންވެސް ޒީޝާންއަށް ރުޅިއާދެވުނީ ރޭޝަމްދެކެއެވެ.

ޒީޝާން އޭނާގެ ފޯނު ހުޅުވުމާއެކީ މިސްކޯލް މެސެޖްތައް ފުލުފުލުން އަންނަން ފެށިއެވެ. ހަމަހިނދުކޮޅެއްގެ ތެރޭގައި ޒައިކްގެ ކޯލެއްވެސް އަތުވެއްޖެއެވެ. ހިތްއަވަސްވެފައިވާ ހާލު ޒީޝާން ފޯނުނެގިއެވެ.

" ޒީޝާން…ކޮންތާކު ތިހުރީ؟…" ފޯނުނެގުމާއެކު ކަންބޮޑުވެފައިވާ އަޑަކުން ޒައިކް އެހިއެވެ.

" މި މިހުރިތަނެއް ނޭނގެ…." ވަށައިގެން ހޯދާލަމުން ޒީޝާން ބުނެލިއެވެ.

" ނޭނގެއޭ….ކިހާ ހިސާބެއްގަތަ ތިހުރީ؟….ކިހިނެއްތަ ތިތަނަށްދެވުނީ؟….ކާކުތަ ގެންދިޔައީ؟…." ޒައިކް ފައްޗަކަށް ސުވާލުތައް ކުރަންފެށިއެވެ.

" އެކަނިއައީ…އެކަމު ދާކަށް ނޭނގުން…" ކަންބޮޑުވެފައި ޒީޝާން ބުންޏެވެ.

" ތިހުރިތަނެއް ބުނެބަލަ!….ތިތަނުން ފެންނަ އިމާރާތެއްގެ ނަންވިޔަސް ބުނެބަލަ!…" ޒައިކް އަވަސް އަވަހަށް އެހިއެވެ.

" މިތާ ހުރީ ޕާކެއް…ކުޑަކުދިން ކުޅޭކަހަލަ…" ޕާކަށް ބަލާލަމުން ޒީޝާން ބުނެލިއެވެ.

" އަހަރެން އެހީއެއް ވެދެންތަ؟…" ކުއްލިއަކަށް އެއްކަހަލަ ޒުވާނާގެ އަޑުއިވިފައި ޒީޝާން ބަލާލިއެވެ. އޭރު އޭނާހުރީ ދާދިގާތުގައެވެ.

" ތިފޯނުގަ ހުރިމީހެއްގެ ގާތުގަ އަހަރެން ކިޔާދީފާނަން މީކޮންހިސާބެއްކަން…." ޒުވާނާ ބުނެލިއެވެ. ޒީޝާން ޖެހިލުންވެފައި ޒުވާނާއާ ދުރަށްޖެހިލީ އޭނާގެ ފޯނުއަތުލަން ޒުވާނާ އުޅެނީ ކަމުގައި ހީކޮށްފައެވެ.

" ކަންބޮޑުނުވޭ! އަހަރެން ފޯނެއް ނުގެންދާނަމޭ…." ހީލަމުން ޒުވާނާ ބުނެލިއެވެ. އެހެންގޮތެއް ނެތުމުން ޒީޝާން ޒުވާނާއަތަށް ފޯނުދިނެވެ. އޭނާ ޒައިކްއަށް އެސަރަހައްދު ބުނެދިނުމަށްފަހު ޒީޝާންގެ އަތަށް ފޯނުދިނެވެ.

" ތެންކިޔު.." ޒީޝާން މަޑުމަޑުން ބުނެލިއެވެ.

" ވެލްކަމް" ޒުވާނާ ހިނިތުންވެލަމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ.

ގިނައިރުތަކެއް ނުވެ، ޒައިކް އައިސް ޒީޝާންގެ ގާތަށް މަޑުކޮށްލިއެވެ.

" ކީއްތިކުރަނީމިތާ؟…ކިހާއިރެއް މިހާރު އަހަރެން ހޯދަނީ؟…އެވަރަށް ގުޅައިފިން….ފޯނު ނިވާލައިގެން ގެޔާ މިހާދުރުގަ ކީއްތިކުރަނީ؟…" ޒައިކް ނުރުހުންވެފައި ސުވާލުތައް ކުރަންފެށުމުން ޒީޝާން ބިރުގަތެވެ. އޭނާ އެތަނަށް އައި ސަބަބު ބުނެފިނަމަ ޒައިކް ހިތަށްއަރާނެ އެއްޗެއް ނޭނގޭތީ ޖެހިލުންވިއެވެ.

" ޒީޝާން؟…ކިހިނެއްތަވީ؟…ކީއްވެގެންތަ ކުއްލިއަކަށް ގެއިންނުކުމެގެން ތިއައީ؟…." ޒީޝާން އަނގައިން ނުބުނެ ހުރުމުން މަޑުމައިތިރި ކަމާއެކީ ޒައިކް އެހިއެވެ.

" އަހަރެން…އަހަރެން…" ޒީޝާންއަށް އެސުވާލަށް ޖަވާބުދޭން ނުހަނު އުނދަގޫވިއެވެ.

" އޯކޭ…އަރާ ސައިކަށް…..ގެޔަށް ގޮސް ވާހަކަދައްކާނީ…." ޒީޝާން މާބޮޑަށް ހާސްވެފައި ހުރުމުން ޒައިކް ބުންޏެވެ.

ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެ ތިބެ ސައިކަލު ދުއްވަމުން ގޮސް، މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ދޮރުމައްޗަށެވެ. ޒީޝާންގެ އަތުގައި ހިފައިގެން ޒައިކް އެތެރަށް ވަނެވެ. އަދި މޭޒެއްގެ ކައިރީގައި ހުއްޓި ޒީޝާން އިށީނުމަށް ގޮނޑިއެއް ދަމާލަދިނެވެ. ޒީޝާން އިށީނުމަށް ޒައިކްވެސް އަނެއްފަރާތުގައި އިށީނެވެ.

" ކޯއްޗެއްކާނީ؟…" މަޑުމައިތިރި ކަމާއެކު ޒައިކް އެހިއެވެ.

" ޒައިކް ބޭނުން އެއްޗެއް…" ޒީޝާން ބުނެލިއެވެ.

" ޓޫ ކޮންޓިނެންޓަލް ބްރޭކްފާސްޓް…." ވެއިޓަރ އައުމުން ޒައިކް ބުނެލިއެވެ.

ކާއެއްޗެހި ގެނައުމުން ހިމޭންކަމާއެކު ތިބެ ދެމީހުންވެސް ކާންފެށިއެވެ. ކައިނިމެންދެންވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ޒައިކްއިނީ ޒީޝާންގާތުގައި ދައްކަން އޭނާ ގަސްތުކޮށްގެން ހުރި ވާހަކަ ފަށާނެގޮތަކާއިމެދު ވިސްނާށެވެ. ޒީޝާންއަށް ވިސްނެމުންދިޔައީ އޭނާ ގެއިން ދިއުމާބެހޭގޮތުން ޒައިކް ސުވާލެއްކޮށްފިނަމަ ޖަވާބުދޭނެ ގޮތަކާއި މެދުގައެވެ.

" ޒީޝާން…އަހަރެން ވަރަށްބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް….އެކަމު ގެޔަށް ގޮސް ބުނެވޭނީ" ކައިނިމިގެން ޒީޝާންއަށް ބަލާލާފައި ޒައިކް ބުންޏެވެ. އެވަގުތު ޒީޝާންގެ ހިތްތެޅިގަތީ ޒައިކް ބުނަން އެއުޅެނީ ރޭޝަމްއާ ދެމީހުންގެ ގުޅުމުގެ ވާހަކަ ކަމުގައި ހީކޮށްފައެވެ. އެވާހަކަ އަޑުއަހާކަށް އޭނާ ބޭނުމެއް ނޫނެވެ.

" ގެޔަށް ގޮސް ކީއްކުރަން….މިތާވެސް ބުނެވޭނެއްނު…." އެއްވެސް އަސަރެއްނެތް ގޮތަކަށް ޒީޝާން ބުނެލިއެވެ.

" ޒީޝާން…އަހަރެން ބުނަން މިއުޅެނީ ވަރަށް މުހިއްމު ވާހަކައެއް….ގެޔަށް ގޮސް ހަމަޖެހިލައިގެން ބުނެވޭނީ…" މޭޒުކައިރިން ތެދުވަމުން ޒައިކް ބުނެލިއެވެ. ޒައިކް އެތަނުން ނުކުތުމަށް ހިނގައި ގަތުމުން ޒީޝާންވެސް އިތުރު އެއްޗެއް ނުބުނެ ތެދުވެގެން ޒައިކްގެ ފަހަތުން ހިނގައިގަތެވެ.

ގެޔަށް އައިސް ކޮޓަރިއަށް ދެވެންދެންވެސް ޒައިކްހުރީ ނުހަނު ހިމޭނުންނެވެ. ގޭތެރެ ހަމަހިމޭންކަމުން ރޭޝަމްއާއި ޒީކްވެސް ނެތީކަން ޒީޝާންއަށް އެނގުނެވެ.

" ޒީޝާން….މިތާ އިށީނދެބަލަ!…" ޒައިކް އެނދުގައި އިށީނދެ ޒީޝާންވެސް އިށީނުމަށް އެދުނެވެ.

" ޒީޝާން…..އަހަރެން މިދައްކާ ވާހަކަ ވަރަށް ކެތްތެރިކަމާއެކު އަޑުއަހާތި؟…ޒީޝާންޖެހޭނެ ވަރަށް ހިތްވަރުގަދަވާން…" ޒީޝާން އިށީނުމުން އޭނާގެ އަތުގައި ހިފާލަމުން އޯގާތެރިކަމާއެކު ޒައިކް ބުނެލިއެވެ.

" އަހަރެން ދެރަވާނެ ވާހަކައެއްތަ ބުނަން ތިއުޅެނީ؟…" ހިތްވަރުކޮށްފައި ޒީޝާން އެހިއެވެ.

" އާނ…އެކަމު ޒީޝާންގާތު ކޮންމެހެންވެސް ބުނަން ޖެހޭ ވާހަކައެއްމީ….ހިތާމައަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާނެ ކަމެއް….އެކަމަށް އެންމެންވެސް ކެތްކުރަން ޖެހޭނެ…" ޒައިކްގެ އަޑުގައިވަނީ މޮޅިވެރި ކަމެވެ. ޒީޝާން އެހައި ދެރަވާނެކަން އެނގޭއިރު ޒައިކް އޭނާދެރަކުރަން އެއުޅެނީ ކީއްވެބާއޭ ޒީޝާންގެ ހިތަށްއެރިއެވެ. ޚުދު ޒައިކްގެ މޫނުމަތިންވެސް ފެންނަނީ މޮޅިވެރިކަމެވެ. ވީއިރު، ޒައިކް އެފަދަ ވާހަކައެއް ދައްކަން ބޭނުންވަނީ ކީއްވެބާއެވެ؟

" ޒައިކް ތިއުޅެނީ އަހަރެން ދޫކޮށްލަންތަ؟…" ޒީޝާންގެ އެސުވާލު އެރުމާއެކުވެސް އޭނާގެ ހިތަށް ތަދުވިއެވެ. ޒައިކް އޭނާ ދޫކޮށްލަން ވިސްނުމުން އޭނާ ދެރަވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާދެރަވާނެކަމަށް ޒައިކް ވިސްނަންވީވެސް ކީއްވެގެން ހެއްޔެވެ؟ އޭނާ ޒައިކްދެކެ ލޯތްބެއް ނުވެއެވެ. ވީއިރު، ޒައިކް ރޭޝަމްއާ ގުޅުނަސް އޭނާއަށް ފަރުވާލެއްނެތެވެ.

" އަހަރެން ދެރައެއްނުވާނެ….ޒައިކް ކޮންމެ ވާހަކައެއް ބުންޏަސް އަހަރެން އަޑުއަހާނަން…" ވަރަށް ހިތްވަރުގަދަކަމަށް ހެދެމުން ޒީޝާން ބުނެލިއެވެ.

" ޒީޝާން…ރޭގަ ލިންކްރޯޑްގަ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ މީހަކު ނިޔާވެއްޖެ…" އެހިސާބަށް ބުނެފައި ޒައިކް ހުއްޓާލިއެވެ.

" ކާކު؟…ކާކު ނިޔާވީ؟" ކަންބޮޑުވެފައި ޒީޝާންއަށް ކުއްލިއަކަށް އަހާލެވުނެވެ.

" ހުސެން…" ފެންކަޅިވެފައި ޒައިކްއަށް ބުނެވުނެވެ.

" ކީކޭ؟…ހުސެންނޭ…ކޮން…ކޮން ހުސެންއެއް…" ޝިޔާގެ ފިރިމީހާއޭ ހިތަށްއެރިނަމަވެސް ގަބޫލުކުރަން ބޭނުން ނުވާތީ ޒީޝާންއަށް އަހާލެވުނެވެ. އޭރު އޭނާގެ ހިތްތެޅޭވަރުން ހީވަނީ މޭފޫއަޅާފައި ނުކުމެދާނެ ހެންނެވެ.

" ޝިޔާގެ ފިރިމީހާ…" ޒައިކް މަޑުމަޑުން ބުނެލިއެވެ.

" ތީ ދޮގެއްދޯ….ތީހަމަ ދޮގެއް…ރޭގަވެސް ޝިޔާ އަހަރެންނަށް ގުޅި…" ލިބުނު ޚަބަރުން ޒީޝާންއަށް ޝޮކެއް ލިބުނެވެ. އޭނާގެ ޒަމީރު އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ އެތައްއިރެއްވާންދެން ތަކުރާރުކޮށް ޝިޔާގުޅި ވާހަކަ ކިޔެވެ.

" ޒީޝާން…ރޭގަ ލިންކްރޯޑްގަ ޝިޔާއާ ހުސެންގެ އެކްސިޑެންޓްވީ….ހޮސްޕިޓަލަށް ގެނައިއިރުވެސް ހުސެންވަނީ ނިޔާވެފަ….ޝިޔާއޮތީ އަދިވެސް އައިސީޔޫގަ…." ޒައިކް އޮޅުންފިލުވައިދިނެވެ. އެވާހަކަތައް އިވިފައި ޒީޝާން ހިމޭންވިއެވެ. އެހެންއިރުކޮޅަކު އިނުމަށްފަހު އަޑުންއަޑުނަގާފައި އޭނާ ރޯންފެށިއެވެ. އެއާއެކު ޒައިކް އަވަސް އަވަހަށް ޒީޝާން ގެނެސް އޭނާގެ އަތުތެރޭގައި ބޮނޑިކޮށްލިއެވެ. އަދި ޒީޝާންގެ ބުރަކަށީގައި ފިރުމަމުން ހިތްވަރުދިނެވެ.

" އަހަރެން ބޭނުން ޝިޔާ ކައިރިއަށްދާން…." ރޮއެ ރޮއެ އިނދެފައި ޒީޝާން ބުނެލިއެވެ.

" ހޫމް…އަހަރެމެން ދާނަމޭ….އެކަމު ބުނަން….އައިސީޔޫއަށް ވަދެފަ ރޮއެގެން ނުވާނެ….ޝިޔާގެ ހާލު ވަރަށް ނާޒުކު….ޒީޝާން ވަރަށް ހިތްވަރުގަދަކުރަން ވާނެ…." ޒީޝާންގެ ކަރުނަތައް ފުހެލަދެމުން ޒައިކް ބުންޏެވެ. ޒީޝާން އާނއެކޭބުނެ ބޯޖަހާލިއެވެ.
****
ޒަލަފްއަށް ހޭލެވުނީ މެންދުރުވާން ގާތްވެފައި ވަނިކޮށެވެ. ރޭގައި ކެއި ބޭހެއްގެ ސަބަބުން މާގަދައަށް ނިދުނީއެވެ. އޭނާ ތެދުވެ ހިނގައިގަންނަ އުޅުނު ވަގުތު ފަޔަށްތަދުވެގެން އަނެއްކާވެސް އެނދުގައި އިށީނެވެ.

" ކިހިނެއްވީ؟…މާބޮޑަށް ފަޔަށް ތަދުވަނީތަ؟…" ކޮޓަރިތެރެއަށް ވަތް ރާފިއުއަށް ޒަލަފްއިންގޮސް ފެނުމުން އަހާލިއެވެ.

" އާނ…ވަރަށްބޮޑަށް ދުޅަވެފަ މިއޮތީވެސް….ހުޅަށްގޮތެއްވީ ކަންނޭނގެ…" ފައިގައި ފިރުމާލަމުން ޒަލަފް ބުނެލިއެވެ.

" ހާސްނުވޭ! މަންމަ އެބަހުރި ބޭސްފުނޑާފަ….އަހަރެން ބުނިން ޒަލަފްގެ ފައި ފުރޮޅުނީއޭ ….އެހެންވެ މަންމަ ބޭސްގަނޑެއް ފުޑައިފި ވަގުތުން…" ހެވިފައި ރާފިއު ބުނެލިއެވެ.

" ރާއްޕެގެ އަތާބެހޭގޮތުން ސުވާލެއް ނުކުރޭތަ؟…" ޒަލަފް އަހާލިއެވެ.

" ސުވާލުކުރާނީ ފެނިގެންނެއްނު…ރޭއްސުރެ މަމިއުޅެނީ އަތްދިގު އެއްޗެއް ލައިގެން އަތްފޮރުވައިގެން….ގޭގަހުރި ބޭސްފޮށިން ބޭސްފުޅިއަކުން އެތިކޮޅެއް ހާކައިގެން މިއުޅެކީ…މާދަމާ މަރިސޯޓަށް ދާނަން….އޭރުން އެކަން ނިމުނީނު…" ހަމަޖެހިލާފައި ރާފިއު ބުންޏެވެ.

" ދެން މަށަށް ހެލްޕެއް ވެދީބަލަ!…ފައިޖައްސާލަންވެސް ނުކެރިގެން މިއުޅެނީ…" އާދޭހުގެ ރާގަކަށް ޒަލަފް ބުނެލިއެވެ.

" ކިހިނެއް ހަދާދޭންވީ؟…ފާޚާނާއަށް ގެންގޮސް ފެންވަރުވާލަދޭންވީތަ؟…" ހިނިއައިސްފައި ރާފިއު ބުނެލުމުން ޒަލަފްވެސް ހީލިއެވެ. ރާފިއު އައިސް ޒަލަފް އުފުލާލައިގެން ގެންގޮސް ފާޚާނާ ތެރެއަށް ވެއްދިއެވެ.

" ބަރުވެސް ގޮލައެކޭ….މަގޭ ހުރިހާ އެނާޖީކޮޅެއް ހުސްވެއްޖެ…" އުނަގަނޑުގައި އަތްވިއްދާލާފައި އަނގަޔަށް ގޮތެއް ހަދާލަމުން ރާފިއު ބުންޏެވެ.

" ތޭންކްސް ބުރޯ…" ހީލާފައި ޒަލަފް ފާޚާނަގެ ދޮރުލައްޕާލިއެވެ.

ރޭގައި ގެޔަށް އައިގޮތަށް ޒަލަފް ނިދައިފިއެވެ. ނަމަވެސް ރާފިއުގެ ލޮލަކަށް ނިންޖެއް ނައެވެ. އިރުއިރުކޮޅުން ފޭސްބުކު ބަލާލެވެނީ ޚަބަރުގައި އެކްސިޑެންޓްގެ ވާހަކަ އޮވެދާނެތީއެވެ. އެންމެފަހުން ބާރަޖަހަން އުޅެނިކޮށް ޚަބަރުގައި އެވާހަކަ އޮއްވައި ފެނުނެވެ. އޭރުއްސުރެ އޭނާ އެހުންނަނީ ޒަލަފްގެ ފޯނުވެސް ފޮރުވައިގެންނެވެ. ޒަލަފް ހޭލާފައި ފޯނު ހޯދައިފިނަމަ ކޮންމެވެސް ބަހަނާއެއް ދައްކަން ނިންމައިގެންނެވެ. އޭނާ ރިސޯޓަށް ދިއުމުގެކުރިން އެޚަބަރު ޒަލަފްއަށް އެނގޭކަން އޭނާ ބޭނުމެއްނޫނެވެ.

ނުނިމޭ