Last Updated: April 19, 19:29
Friday, April 19, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ބާވީސް ވަނަބައި)

ރޭގައި ގެޔަށް އައިގޮތަށް ޒަލަފް ނިދައިފިއެވެ. ނަމަވެސް ރާފިއުގެ ލޮލަކަށް ނިންޖެއް ނައެވެ. އިރުއިރުކޮޅުން ފޭސްބުކު ބަލާލެވެނީ ޚަބަރުގައި އެކްސިޑެންޓްގެ ވާހަކަ އޮވެދާނެތީއެވެ. އެންމެފަހުން ބާރަޖަހަން އުޅެނިކޮށް ޚަބަރުގައި އެވާހަކަ އޮއްވައި ފެނުނެވެ. އޭރުއްސުރެ އޭނާ އެހުންނަނީ ޒަލަފްގެ ފޯނުވެސް ފޮރުވައިގެންނެވެ. ޒަލަފް ހޭލާފައި ފޯނު ހޯދައިފިނަމަ ކޮންމެވެސް ބަހަނާއެއް ދައްކަން ނިންމައިގެންނެވެ. އޭނާ ރިސޯޓަށް ދިއުމުގެކުރިން އެޚަބަރު ޒަލަފްއަށް އެނގޭކަން އޭނާ ބޭނުމެއްނޫނެވެ. އެހާދިސާގައި މީހެއްގެ ފުރާނަ ދިޔަކަން އެނގުނު އޭނާ ދެރަވިއެވެ. އެހީނުވެ އާދެވުނީތީ އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. ނަމަވެސް އޭނާ މަޑުކުރިނަމަ އެކަމުގެ ތެރޭގައި ބެދި އެހާދިސާގެ އިލްޒާމު ބޮލުގައި އަޅަން ޖެހިދާނެތީ އޭނާ މާބޮޑަށް ބިރުގަތީއެވެ.

" އޭތް…އާދެބަލަ!…." ރާފިއު ސިހުނީ ޒަލަފް ފާޚާނާއިން ނުކުމެ ގޮވާލުމުންނެވެ. އޭނާ އަވަހަށް ގޮސް ޒަލަފް އެނދާއި ހަމައަށް ގެނެސްދިނެވެ.

" ވަރަށް ހައިވެއްޖެ….ބޭރަށް ގެންގޮސްދީބަލަ!" ޒަލަފު އެދުނެވެ.

" ނޫނޭ…ބޭރަށްދާން އުޅޭނެކަމެއް…މަންމަގާތު ބުނެފާނަން މިތަނަށް ސައިގެންނާށޭ….ފައިގައި ބޭސްއަޅާ، ތަދުމަޑުވީމަ ކޮޓަރިން ނުކުމޭ….އެހެންނޫނީ މާބޮޑުވަރުވެދާނެ…" ބައްޕައަކު ދަރިޔަކަށް ނަސޭހަތް ލައިދޭފަދައިން ރާފިއު ވާހަކަދެއްކުމުން ހީލާފައި ޒަލަފް އެކަމާ އެއްބަސްވިއެވެ. ބޮޑުދައިތަ ނާސްތާ ގެނެސްދިނުމަށްފަހު ޒަލަފްގެ ފައިގައި ބޭސްއަޅައިދޭން އުޅުނެވެ.

" ހާދަ ވަރަކަށޭ މިއޮތީ ދުޅަވެފަ….އަނެއްކާ ހޮސްޕިޓަލަށް ގޮސް އެކްސްރޭއެއް ނަގަންވީނު…." ޒަލަފްގެ ފަޔަށް ބަލާލަމުން ބޮޑުދައިތަ ބުންޏެވެ.

" ނޫނޭ މަންމާ….ތިބޭސްއަޅާފަ ރަނގަޅު ނުވިއްޔާދާނީ….އެހެންޏާވެސް ފަޔަށްތަދުވީމަ މަންމަ ބޭސްއަޅަނިކޮށް ރަނގަޅުވެޔެއްނު…" ޒަލަފް އެއްޗެއް ބުނުމުގެ ކުރިން ރާފިއު ބުނެލިއެވެ.

" އެކަމަކު ހަމަ ފައިފުރޮޅިގެން ވީވަރުތަމީ؟…" ޒަލަފްގެ ފައިގައި ފިރުމާލަމުން ބޮޑުދައިތަ އެހިއެވެ.

" އާނއެކޭ މަންމާ….ދެން އެވަރަށް ސުވާލު ނުކޮށް ބޭސްއަޅާބަލަ!…" މަންމަގެ ސުވާލުތަކުން ކަންބޮޑުވެގެން ރާފިއު ބުނެލިއެވެ.

" ސުވާލު ކުރާނެއްނު…މިއޮތީވިއްޔަ ފަޔަށްވެފަ އޮތްވަރު…އެކަމަކު ތިބުނީ ގެޔަށް ވަންނަނިކޮށް ފައިފުރޮޅުނިއްޔޭ….ކަލޭމެން ނުބުނާނެ ކިތަންމެ ބޮޑުކަމެއްވިޔަސް ތެދަކަށް….މަ މިހުންނަން ޖެހެނީ އަބަދު ބިރުން….ރޭގަވެސް ލިންކްރޯޑްގަ އެކްސިޑެންޓެއްވެފަ ކުއްޖަކު ނިޔާވެއްޖެ….އެހާ ޒުވާން އުމުރުގަ ދަރިޔަކު ނިޔާވީ މައިބަފައިން ކިހާދެރަވާނެ" ބޮޑުދައިތަގެ ވާހަކަތައް އަޑުއަހާފައި ޒަލަފްއަށް ބަލާލެވުނީ ރާފިއުއާ ދިމާއެވެ. އޭރު ރާފިއުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

" ރޭގައޭ…ކިހާއިރަކު؟…ބޮޑުދައިތައަކަށް ކިހިނެއް އެނގުނީ؟…" ކަންބޮޑުވެފައި ޒަލަފްއަށް އަހާލެވުނެވެ.

" އާނ ރޭގަ ކޮންމެވެސް ވަގުތެއްގަ….ބޮޑުދައިތަ ކައިރީ އެވާހަކަބުނީ ޖެހިގެން ހުރިގޭ އައިމިނަ…އޭނަ ޚަބަރުންނޯ ކީ…ބޮޑުދައިތަކައަކީ ޚަބަރު އެއްޗެހި ކިޔާމީހެއް ނޫންވިއްޔަ….ބޮޑުދައިތައަށް އެނގޭނީ މީހަކު ބުނީމައެއްނު…" ބޮޑުދައިތަ އޮޅުން ފިލުވައިދިނެވެ.

" ނިޔާވީ ކާކުކަން ބޮޑުދައިތައަށް އެނގޭތަ؟…" އިތުރަށް އޮޅުންފިލުވަން ބޭނުންވާތީ ޒަލަފްއެހިއެވެ.

" ބޮޑުދައިތައަކަށް ނޭނގެ ކޮންބައެއްކަމެއް…އެކަމަކު އެއީ ދެމަފިރިންނޭ އައިމިނަބުނި….ވަރަށް ފަހުން ކައިވެނިކުރި ދެކުދިންނޭވެސް ބުނި…އަންހެންކުއްޖާ އަދިވެސް އޮތީ ހޭނާރަޔޯ…." ބޮޑުދައިތަ އިތުރަށް އޮޅުންފިލުވައިދިނެވެ.

އެއަޑު އަހަންއިން ޒަލަފްގެ ހިތްބާރުބާރަށް ތެޅެންފެށިއެވެ. އޭނާއަށް ރޭގައި އެފެނުނީ އެމީހުންގެ ސައިކަލުގެ އަލިކަންވެސް މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ. ޒަލަފް އަނެއްކާވެސް ރާފިއުއާ ދިމާ ބަލާލިއެވެ. ރާފިއުހުރީ ޒަލަފްއާ ދިމާނުބަލަންވެގެން އޭނާގެ ފޯނާކުޅޭށެވެ. ރާފިއުގެ އަމަލުތައް ހުރިގޮތުން އޭނާ ޒަލަފްއަށް ދޮގުހެދީކަންވެސް ޒަލަފްއަށް ކަށަވަރުވިއެވެ. ވަގުތު އޮއްވައި އެމީހުންނަށް އެހީވެވުނުނަމަ ފަހަރެއްގައި އެމީހާގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ. ރާއިފު އެކަމުން ސަލާމަތްވެގެން އައީކަން އެނގުމުން ޒަލަފް އިންތިހާއަށް ރުޅިއައެވެ. ނަމަވެސް ބޮޑުދައިތަ އިނީތީ އޭނާ ރުޅިގަނޑު މަތަކޮށްގެން އިނެވެ.

" ރާއްޕޭ…ކަލޭމަށަށް ދޮގޭހެދީ…ކަލޭބުނީމެއްނު އެމީހުން ބެޗީއޭ؟…ކަލޭ ކީއްވެ ދޮގުހެދީ؟" ބޮޑުދައިތަ ދިއުމާއެކު ޒަލަފް ރުޅިއައިސްފައި ޒަލަފް އެހިއެވެ.

" ޒަލަފް…ހަމަޖެހިބަލަ!….މާބާރަށް އަޑުގަދަ ނުކޮށްބަލަ!…މަންމައަށް އިވުނީމަ ކަމަކު ނުދާނެ" ޒަލަފްގެ ގާތަށް އައިސް އާދޭހުގެ ރާގަކަށް ރާފިއު ބުންޏެވެ.

" އެކަމު ކަލެއަށް އެނގޭ ކިހާބޮޑު ކަމެއްކަން އެވީ؟…މީހެއްގެ ފުރާނައޭ އެދިޔައީ ކަލޭގެ އިހުމާލުން…..އެއީވެސް ކޮންމެވެސް މަންމައެއްގެ ދަރިއެއްނު….އެމަންމަ ދެރައެއްނުވާނެތަ؟…" ކުރިޔަށްވުރެ ބާރަށް ޒަލަފް ބުންޏެވެ.

" ޒަލަފް….މާގަދަޔަށް ހަޅޭއްލަވާނެ ކަމެއްނެތް….އަހަރެންގެ އިހުމާލަކުންނޫން އެކްސިޑެންޓްވީކީ….އަހަރެން ގޮސް އެމީހުން ގަޔަކު ނުޖައްސަން…އެމީހުންގެ ސައިކަލު ކޮންޓްރޯލުން ނެއްޓިގެން އައިސް އަހަރެންގެ ސައިކަލުގަ ޖެހުނީ…..އެއީ އެމީހުންގެ މައްސަލަ…" ރާފިއު އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ.

" އެހެންވިޔަސް އެމީހުންނަށް އެހީނުވެ އައުން އެހީ އިހުމާލެއްނޫންތަ؟…އަހަރެން ބުނިންދޯ އެމީހުންނަށް ވީގޮތް ބަލަން ހިނގާށޭ….ކީއްވެ ނުދިޔައީ؟…އެވަގުތު އެމީހުނަށް އެހީވިނަމަ ފަހަރެއްގަ އެކުއްޖާގެ ފުރާނަ ސަލާމަތްވީސްދޯ؟…އަހަރެން އެހެން ކިޔަކިޔާ އޮއްވާ ރާއްޕެ ދޮގުހަދާފަ ބަޗައިގެން އައީ….ރޭގަ އަހަރެމެންނަށް އެހެން ދިމާވެފަ، އެމީހުން ބެޗިނަމަ މިއަދު އަހަރެމެންނަށް ދުނިޔޭގަ ތިބެވުނީސްބާ؟…" ޒަލަފް ރުޅިއައިސްފައި ވާހަކަދެއްކި ނަމަވެސް ހަޤީޤަތުގައި އޭނާހުރީ އިހުމާލުވެވުނީތީ ނުހަނު ދެރަވެފައެވެ.

" އަހަރެން ގަސްތުގަ އެމީހުން މަރާލާކަށް ކަމެއްނުކުރަމެއްނު….އަހަރެމެން ތިބިހާލުވެސް ޒަލަފްއަށް އެނގެއެއްނު…ޒަލަފް ހުންއައިސްހުރިއިރު، އެބޯ ވާރެތެރޭގަ އަހަރެމެން އިތުރަށް މަޑުކުރިނަމަ، ޚުދު ޒަލަފްގެ ހާލުވެސް ސީރިއަސްވީސް…އެހީވެވޭނީވެސް އެހީވެވޭފަދަ ހާލެއްގަ އަހަރެމެން ތިބިނަމަ ދޯ…ޒަލަފްގެ ހާލަށް ވިސްނާފަ އަހަރެން އަވަހަށް އައީ" ރާފިއު އަދިވެސް އޭނާ އަމިއްލަ ނަފްސު ދިފާއު ކުރެވޭތޯ އުޅުނެވެ.

" އެކަމު ކުޑަމިނުން އެމީހުން ތިބިހާލެއް ބަލާލަން ދެވުނީހެއްނު….ރާއްޕެ ކުޑަކޮށްވެސް ދެރައެއްނުވޭތަ އެމީހުނަށް އެހީނުވެވުނީމަ….ރާއްޕެ ހިތަށް ހަމައެކައްޗެއްވެސް ނާރާތަ؟.." މަޑުމައިތިރި ކަމާއެކު ޒަލަފް އަހާލުމުން ރާފިއު އިތުރު އެއްވެސް އެއްޗެއް ނުބުނެވެ. ޒަލަފްވެސް އިތުރަށް އެވާހަކަ ނުދައްކާ އޭނާގެ ފޯނު ހޯދަށްފެށިއެވެ. އެނދުގެ ހުރިހާ ބާލީސްތައް ނަގައިގެން ބެލިއިރުވެސް ފޯނެއް ނުފެނުނެވެ.

" ރާއްޕެ އަހަރެންގެ ފޯނު ދުށިންތަ؟…" ތަންކޮޅެއް ދުރުގައި އިސްޖަހައިގެން އިން ރާފިއުއަށް ބަލާލާފައި ޒަލަފް އެހިއެވެ. ރާފިއު ބަހެއްނުބުނެ އޭނާގެ ޖީބުން ފޯނުނަގާފައި ޒަލަފްގެ އަތަށް ދިނެވެ.

" ތިހުރީ…މަށަށް އެކަން ސިއްރުކުރަން ނިންމައިގެން ދޯ؟…ރާއްޕެއަށް ހީވޭތަ ފޯނު ފޮރުވީމަ މަށަށް ދުވަހަކުވެސް އެކަން ނޭނގޭނެއޭ؟.." ނުރުހުންވެފައި ޒަލަފް އެހިއެވެ. ރާފިއު ދެންވެސް ބަހެއްނުބުނެ ގޮސް އޭނާގެ އެނދުގައި އޮށޯތެވެ.

ޒަލަފް އޭނާގެ ފޯނުން ފޭސްބުކަށް ވަދެ ޚަބަރުތައް ބަލާލިއެވެ. ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ ހުސެންގެ ފޮޓޯއަކާއެކު ތައުޒިޔާ ކިޔާފައިވާ ފޯސްޓެކެވެ. އެފޮޓޯއަށް ބަލާލުމުން އެއީ ކުރިންވެސް ދަންނަ ކުއްޖެއްކަން އެނގުނެވެ. އެއީ ކުރިން އޭނާއާއެކުގައި ޒޯން ވޮލީމުބާރާތުގައި ކުޅެފައިވާ ޒުވާނެކެވެ. މާގާތް އެކުވެރިއެއް ނޫންނަމަވެސް ދަންނަ ރަހުމަތްތެރިއެކެވެ. ދެން އޭނާ އަވަސްވެގަތީ ޚަބަރުތައް ކިޔާލުމަށެވެ. ޚަބަރުތަކުން ހުސެންގެ ނަމާއެކު ޝިޔާގެ ނަންފެނުމުން އޭނާއަށް ލިބުނީ ވަރަށްބޮޑު ހައިރާންކަމެކެވެ. އެއީ ޒީޝާންގެ އެކުވެރި ޝިޔާކަން އޭނާއަށް ޔަޤީންވީ ޚަބަރަކުން ޝިޔާގެ ފޮޓޯފެނުމުންނެވެ.

"ރާއްޕޭ…އެމަރުވީ އެއްކަލަ ހުސެންއޭ…މިދިޔަ އަހަރު އަހަރެމެންނާއެކު ޒޯންކުޅުނެއްނު…ރާއްޕެ ހަނދާން އެބަހުރިތަ؟ " ރާފިއުއަށް ގޮވާލަމުން ދެރަވެލާފައި ޒަލަފް ބުންޏެވެ.

" އަހަރެންނަށް އެނގޭ…." އެއޮތްގޮތަށް އޮވެ ރާފިއު ޖަވާބުދިނެވެ.

" ރާއްޕެ އަޅެ ރޭގަ އަހަރެމެން ނައިނަމަ ކިހާ ރަނގަޅުވީސް…ހުސެން ސަލާމަތްކުރެވުނީސް…އަނެއްކޮޅުން ޝިޔާއަކީވެސް އަހަރެން ދަންނަ ކުއްޖެއް…ކިހާދެރަ މިވީގޮތް…މިއީ ހަމަ އަހަރެމެންގެ އިހުމާލު…އަހަރެމެންގެ ބޮލުގަ އެއެޅުނީ ކުށެއްނެތް އިންސާނެއްގެ މަރު….ރާއްޕަ ހަމަ ކުޑަކޮށްވެސް އެއްޗެއް ހިތަށްނާރާތަ؟…" އެނގުނު ހަޤީޤަތުގެ ސަބަބުން ޒަލަފްގެ ހިތަށް ނުހަނު އަސަރު ކުރިއެވެ. ޝިޔާ އޮތްހާލު އެނގުމުން އޭނާގެ ލޮލުން ބޭއިޚްތިޔާރުގައި ކަރުނައައެވެ.

" އަހަރެން ބޭނުން ޝިޔާގެ ހާލުދެކިލަންދާން…އަހަރެން ބޭނުން މާފަށްއެދެން…" ޒަލަފްއަށް ބުނެވުނެވެ.

" ރާއްޕޭ…އަހަރެން މިކިޔާ އެއްޗެއް އިވޭތަ؟…ތިހާ ހަމަޖެހިލައިގެން ރާއްޕެއަށް އޮވެވޭތީ އަހަރެން ހަމަ ހައިރާންވޭ…" ޒަލަފް އެހުރިހާ ވާހަކައެއް ދެއްކުމުންވެސް ރާފިއު ޖަވާބެއް ނުދިނުމުން ޒަލަފް ރުޅިއައެވެ.

" އަހަރެން ދެން ކީއްތަ ކުރަންވީ؟…ބުނެބަލަ! ޒަލަފްއަށް ހީވަނީ އަހަރެން ބޭނުންވެގެން ގަސްތުގަ ގޮސް ހުސެން މަރާލީކަމަށް….ޒަލަފްއަށް ހީވަނީތަ އަހަރެން އެކަމާ ކުޑަށްވެސް ދެރަނުވެޔޭ….ބަލަ ރޭގަ އަހަރެން އުޅުނުހާލު ޒަލަފްއަށް އެނގޭތަ؟….ރޭގަ އެންމެ ފަހަރަކުވެސް އަހަރެންގެ ލޮލަކަށް ނިންޖެއްނައި…ޒަލަފް ނިދަން އޮށޯތުމުން އަލުން ލިންކްރޯޑަށް ދާންވެސް ނުކުތިން…އެކަމު އަހަންނަށް ދާން ނުކެރުނީ….އެހީތެރިވާން ބޭނުންނުވީކީނޫން…އެކްސިޑެންޓްގެ ޒިންމާ ބޮލުގަ އަޅަން ޖެހިދާނެތީ ބިރުގަތީ…އެމީހުން ވިއްސައިގެން ގޮސް ޖެހުނު ގޮތުންވެސް އަހަރެންނަށް އެނގުނު އެއީ މަރުގެ އެތިފަހަރެއްކަން….އަހަރެންނަކީ ލޭދެކެ ނުހަނު ބިރުގަންނަމީހެއް….އަހަރެންގެ އަތްމަށައިގެން ގޮސްލޭއަންނަތަން ފެނުނީމަވެސް އަހަރެންހުރީ ބޯސަކަރާތްވެފަ….އަހަރެން އެހީވާން ބޭނުންނުވީކީނޫން…ހިތަށްއެރީ އަހަރެންގެ ބޮލުގަ އެހާދިސާއެޅި އަހަރެން ޖަލަށްދާންވެސް ޖެހިދާނެއޭ…އެކަމާ ވިސްނި މާބޮޑަށް ބިރުގަތީ…." ރާއިފު އެވާހަކަތައް ދެއްކިއިރު، އޭނާގެ ލޮލުންހުރީ ކަރުނަ ހިލިފައެވެ. އޭނާގެ އަޑުވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.
" އަހަންނަނީވެސް ކަލޭތިހީކުރާހާ ނުބައިމީހެއްނޫނޭ….މީހަކު މަރާހާ ނުބައިމީހެއްނޫން މަށަކީ…" ކުރެހިފައިވާ އަޑަކުން އެހެންބުނަމުން ރާފިއު އޭނާގެ ލޮލުން ފޫދިފައިވާ ކަރުނަތައް ބޮޑުވައި އިނގިލިކުރިން ފުހެލިއެވެ.

" ސޮރީ ރާއްޕެ…އަހަރެން ނުބުނަން ރާއްޕެ ތީ ނުބައިމީހެކޭ….އެކަމު އެމީހުނަށް އެހީނުވެވުނީމަ އަހަރެން ދެރަވިވަރުން އެހެންބުނެވުނީ….އަސްލުފަހުންވެސް ރާއްޕެ ދިޔަނަމަ އެމީހުނަށް އެހީވެވުނީހެއްނު….އެތަނުން ފިލައިގެން އައުން އެއީ ވަރަށްބޮޑު ކުށެއް…..އަހަރެމެން ފިލައިގެން އައިކަން މީހަކަށް ނޭނގުނަސް ހެއްދެވިފަރާތަށް އެނގޭނެއްނު…." ޒަލަފްއިނީ އަދިވެސް ނުހަނު ދެރަވެފައެވެ.

" އެނގޭ ތިކަން…އެކަމު ޒަލަފް ޕްލީޒް…އެއްވެސް މީހެއްގާތު އެވާހަކަ ނުދައްކާތި!….ފިލައިގެން އައުން އެއީ އަހަންނަށް ހެދުނު ގޯހަކަށްވެދާނެ، އެކަމު އަސްލު ގޯސްހެދުނީ އެމީހުނަށް…އަހަރެމެން ބޭނުންވިނަމަވެސް އެކަން އަހަރެމެންނަކަށް ސާބިތެއް ނުކޮށްދެވޭނެ ދުވަހަކުވެސް…އެހެންވީމަ އެވާހަކަ މީހެއްގެ ގާތުގަ ބުނުމުގެ އެއްވެސް މާނައެއްނެތް….އަހަރެމެން ގޮސް އެއަންހެންކުއްޖާގެ ކިބައިން މާފަށް އެދެފިނަމަ، މުޅިދުނިޔޭގެ ކުރިމަތީގަ އަހަރެމެން ކުށްވެރިވާނެ…އެހެންވާކަށް އަހަރެން ނޭދެން….އެހެންވީމަ މިކަން ސިއްރެއްގެ ގޮތުގަ ބާއްވާ!…" ރާފިއު އެދުނެވެ.

ރާފިއުގެ ވާހަކަތަކާމެދު ޒަލަފްވެސް ވިސްނާލިއެވެ. ތެދެކެވެ. ވަގުތުވަނީ ފާއިތުވެފައެވެ. ވީކަމެއް ބަދަލެއް ނުކުރެވޭނެއެވެ. މަރުވިމީހަކު އަލަކުން ނާންނާނެއެވެ. ދެން އޮތީ އެމީހަކަށް ހެޔޮދުޢާކޮށްދިނުމެވެ. އަދި އަމިއްލަ ކުށަށް ތަޢުބާވުނެވެ. ނަމަވެސް އެހާދިސާ ހަނދާން ނައްތާލުމަކީ ދުވަހަކުވެސް އޭނާއަށް ވާނެކަމެއްނޫނެވެ.

ދެދުވަސްފަހުން ޝިޔާހޭއެރައިފިއެވެ. ނަމަވެސް އޭނާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ކުޑަމިނުން ބަހެއްވެސް ނުބުނެއެވެ. ނޭވާލީނަމަވެސް އެއްވެސް ދިރުމެއް ނެތްފަދައެވެ. އޭނާގެ މުޅި ދުނިޔެވެސް ހިމޭންވެފައި ވާފަދައެވެ. މުޅިމީހާއިންނަނީ ގަބުވެ ހިމޭންވެފައެވެ.

" ކުއްލިއަކަށް އެފަދަ ހާދިސާއެއް ހިނގީމަ ޝޮކެއް ޖެހިގެންވެސް އެހެންވެދާނެ….އެންމެ ރަނގަޅު ގޮތަކީ ސިކުނޑިއަށް ގެއްލުމެއްލިބިފަ ހުރިތޯ ޔަޤީންކުރަން ޓެސްޓެއް ހެދުން…އަޅުގަނޑު ލަފާދެނީ މާލެ ދިއުމަށް…." ޑޮކްޓަރ ލަފާދެއްވިއެވެ.
މާލެއައިސް ޓެސްޓްތައް ހެދުމުން ޝިޔާގެ ސިކުނޑިއަށް ގެއްލުމެއްވެފައި ނެތްކަން ޔަޤީންވިއެވެ. އެހެންނަމަވެސް އޭނަގެ އެއްފައި ބިނދި ކަށިގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން ފައިގެ އޮޕަރޭޝަނެއް ކުރަންޖެހުނެވެ. އޭގެ އިތުރުން އެހާދިސާގެ ސަބަބުން އޭނާގެ ހިތްވަނީ މުޅިން ޒަޚަމްވެފައެވެ. އޭނާގެ މުސްތަޤުބަލާމެދު ދުށް ހުވަފެންތައް ވިއްސިވިހާލިވެ ގޮސް، ކަނުއަނދިރިކަން ވަނީ ވަށާލާފައެވެ. ކުޑަ ދުވަސްކޮޅަކު ނުހަނު ލޯތްބާއި އުފާދިނުމަށްފަހު ހުސެން އެވަނީ މުޅި އުމުރަށް އޭނާއާ ވަކިވެފައެވެ. އެރޭގެ ހާދިސާ ހިތަށް ސިފަވާ ކޮންމެ ފަހަރަކު އޭނާގެ މުޅިގައިން ހީބިހި ނަގައިގެން ދެއެވެ. ބިރުންގޮސް ނޭވާ ހާސްވެއެވެ. އަދި ހުސެންގެ ވޭނީ ހަޅޭކުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމާހެން ހީވެއެވެ.

އެރޭ އޭނާއަށް ހުސެން ބުނިގޮތަށް ހެދުނުނަމައޭ މިހާރު ހިތަށްއަރައެވެ. އޭނާއަށް ސައިކަލު ދުއްވަން ނޫޅެވުނުނަމަ އެހާދިސާ ނުހިނގީހެވެ. އެކަން އެހެންއެވީ އޭނާ ހުސެންގެ ބަސްގަބޫލު ނުކުތީތީއޭ ޝިޔާގެ ހިތަށްއެރިއެވެ. ކުށްވެރިއަކީ އޭނާއެވެ. ނަމަވެސް ނުއަގުގައި ފުރާނަދިޔައީ އޭނާދެކެ އިންތިހާއަށް ލޯބިވި އޭނާގެ ފިރިމީހާގެއެވެ. ފިރިމީހާގެ ޤާތިލަކީ ޚުދުއޭނާއެވެ. ޝިޔާ ވިސްނިވަރަކަށް އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވޭވަރުން ރޭގަނޑަކު ނުނިދެއެވެ. ނުކެވެއެވެ. ކިރިޔާ ދެލޯމަރާލިޔަސް އެހާދިސާ ލޯމަތީ ސިފަވެއެވެ. ކުއްލިއަކަށް ކުއްލިއަށް ސިއްސައިގެންދެއެވެ. އެންމެފަހުން ޝިޔާ ނަފްސާނީ ޑޮކްޓަރަށްވެސް ދެއްކުނެވެ.

ޝިޔާ އެނބުރި ރަށަށް އައުމުން، ޒީޝާން ދުވާލުގެ ގިނަ ވަގުތު ހޭދަކުރަނީ ޝިޔާއާއެކުގައެވެ. ޝިޔާއަށް ގަޑިން ގަޑިޔަށް ކާންދިނުމާއި ބޭސްދިނުމުގައި ޒީޝާން އެހީތެރިވެދީ ހަދައެވެ. ރޭގަނޑުވެސް ކެއުމަށްފަހު އޭނާ ޝިޔާގެ ގާތަށް އާދެއެވެ. ދެން އޭނާ ގެޔަށްދަނީ ޝިޔާއަށް ނިދުނީމައެވެ. ޝިޔާ ރަނގަޅުވާންދެން ޒީޝާން ޝިޔާއާއެކު ވަގުތު ހޭދަކުރުމަށް ޒައިކްވެސް ލަފާދިނެވެ. އެންމެންގެ އަޅާލުމާއި ޒީޝާންގެ މިންނެއް މަސައްކަތުން މަޑުމަޑުން ޝިޔާގެ މިޒާޖު ހަމައަކަށް އެޅެންފެށިއެވެ. މަދުމަދުން ވާހަކަދައްކާ އުޅެން ފެށިއެވެ.

އެހާދިސާއަށްފަހު ޒަލަފްގެ ދިރިއުޅުމަށްވެސް އިންޤިލާބެއް އައިފަދައެވެ. އޭނާއަކަށް ރަނގަޅަކަށް ނުކެވެއެވެ. ނުނިދެއެވެ. ލޯމަރާލާއިރަށް އޭނާގެ ލޯމައްޗަށް ހާދިސާ ސިފަވެއެވެ. ޝިޔާއާއި ހުސެން ސިފަވެއެވެ. ވަޒީފާއަށް ދިޔަނަމަވެސް އޭނާއަށް ގަޔާވެގެން މަސައްކަތެއްވެސް ނުކުރެވެއެވެ. އޭނާގެ ހިތަށް ކުޑަކޮށްވެސް ހަމަޖެހުމެއް ނުލިބެއެވެ. އަދިވެސް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެނީއެވެ. ޝިޔާގެ ގާތުން މާފަށް ނޭދޭހައި ހިނދަކު އޭނާގެ ހިތަކަށް ހަމަޖެހުމަށް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ހިތްވަރުކޮށްފައި ޝިޔާގެ ހާލުބަލާލުމަށް އެގެއަށް ދިޔައެވެ.

ނަސީބުދިމާކުރި ގޮތުން އޭނާއަށް ދެވުނު ވަގުތު ޝިޔާއަށް އޮތީ ނިދިފައެވެ. ޒަލަފްއާ ބައްދަލުވީ ޝިޔާގެ މަންމައެވެ. ޒަލަފް ތަޢާރަފުވީ ހުސެންގެ ރަހުމަތްތެރިއެއްގެ ގޮތުގައެވެ. އަދި ހިތްވަރުކޮށްފައި ޝިޔާގެ ހާލުއެހިއެވެ. ޝިޔާގެ މަންމަ ވަރަށް އަސަރާއެކު ރޮއެފައި ޝިޔާއަށް ވަމުންދާގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

" އެއީ ކުރިން ކިނިހެއް އުޅުނު ކުއްޖެއް….ހީ ސަކަރާތްޖަހާ މަޖާކޮށް އުޅުނު ކުއްޖެއް….އެކަމަކު މިހާރު އެއިންނަނީ ހިމޭންވެ ގަބުއަރާފަ….އޭނާގެ އެންމެގާތްކޮށް އުޅޭ ޒީޝާން އައިސް ވާހަކަ ދައްކާ ދައްކާވެސް އަނގައިން ނުބުނޭ….ރަނގަޅަށް ނުކެވޭ، ނުވެސް ނިދޭ…އެހާލެއްގަ އެއުޅެނީ….ކުއްލިއަކަށް އެހާބޮޑު ހިތާމައެއްކުރިމަތިވީމަ ކޮންމެ މީހަކަށްވެސް ވާނީ އެހެން….މިއީ މިއަދު އަހަރެންގެ ދަރިފުޅަށް ހުރިގޮތް…" ވާހަކަ ދައްކަ ދައްކާ އިނދެ އިނދެފައި ޝިޔާގެ މަންމަ ކުއްލިއަކަށް ރޯންފެށިއެވެ. ޒަލަފްއަށް ހަދާނެ ގޮތް ހުސްވެފައި އިރުކޮޅަކު އިނދެވުނެވެ. ދެން އޭނާއަށް އިތުރަށް އެތާގައި ކެތްނުވުމުން ދަނީކަމުގައި ބުނެފައި އަވަހަށް ނުކުމެގެން އައެވެ. ޝިޔާގެ މަންމަގެ ހިތާމަވެރި މޫނުފެނުމުންވެސް އޭނާގެ ހިތްފަޅައިގެންދާން ގާތްވެއްޖެއެވެ. ކުރިޔަށްވުރެވެސް ބޮޑަށް އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

ޒަލަފް އެތައް ގޮތަކަށް ވިސްނުމަށްފަހު އެންމެފަހުން އޭނާ ނިންމީ އޭނާގެ ރަށަށް މަންމަގެ ގާތަށް ބަދަލު ވުމަށެވެ. އޭރުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އޭނާގެ ހިތަށް ލިބޭނެކަމުގައި އޭނާއަށް ވިސްނުނެވެ. އެހެންކަމުން އޭނާ ވަޒީފާއިން ވަކިވެގެން ރަށަށް ބަދަލުވިއެވެ.
*****
ދުވަސްތައް ފާއިތުވަމުން ގޮސް ބަރާބަރު ތިންމަސްވީއިރު، ޝިޔާގެ ސިއްޚަތުވަނީ ހަމައަކަށް އެޅިފައެވެ. އޭނާގެ ފައިވެސް ފަސޭހަވެ ހިނގާބިނގާވެ އުޅެވެއެވެ. ނަމަވެސް އޭނަގެ މިޒާޖަށްވަނީ ދުވަހަކު ނާންނަހައި ހަމަހިމޭންކަން ވެރިވެފައެވެ. ކުރީގެ ސަކަ ޝިޔާ މިހާރުވަނީ މުޅީން މަޑުމައިތިރި ބަސްމަދު މީހަކަށްވެފައެވެ. މަދުމަދުން މީހުނާ ވާހަކަދައްކާ އުޅުނު ނަމަވެސް ހީލާއުޅެނީ ހާލަކުން ފަހަރަކުއެވެ. ހުސެންގެ ވަކިވެދިއުން އޭނާގެ ހުރިހާ އުފާތައް ފޭރިގެންފައި ވާފަދައެވެ. ތާއަބަދު ރޮއެ ނޫޅުނު ނަމަވެސް ހިތާހިތުން އޭނާ އަދިވެސް ހިތާމަކޮށް އަމިއްލަ ނަފްސުކުށްވެރި ކުރެއެވެ. އެހެންމީހުންނަށްޓަކައި ހިތްވަރުކޮށްފައި އޭނާ ދިރިއުޅުމައިގެން ކުރިޔަށް ދިޔަނަމަވެސް އެރޭގެ ބިރުވެރި ހަނދާންތައް އޭނާއާ ދުވަހަކުވެސް ވަތްކެއް ނުވާނެއެވެ.

ޝިޔާ ހަމައަކަށް އެޅުމުން ޒީޝާން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމާމެދު ވިސްނަން ފެށިއެވެ. ކުޑަ ދުވަސްކޮޅަކަށް ކަމަށް ބުނެ އައި ރޭޝަމް އަދިވެސް ދާކަށް ނޫޅެއެވެ. ފަރި ގޮތްގޮތަށް ހެދުން އަޅައިގެން ޒައިކްގެ ކުރިމަތީގައި އުޅޭއިރު ޒީޝާން ހުންނަނީ ރުޅިގަދަވެފައެވެ. ޒީކްދެކެ ލޯބިންކަމަށް ބުނެ ޒީކްގެ ހުރިހާ ކަމެއްވެސް ރޭޝަމް ކުރެއެވެ. ނުވިތާކަށް ޒައިކްގެ ކަންކަންވެސް ކޮށްދޭން ފެށިއެވެ. ޒީޝާންގެ ގާތަށް އެންމެ ރުޅިއަންނަނީ ޒައިކްވެސް ރޭޝަމް ކޮށްދޭކަންކަން ބަލައިގަންނާތީއެވެ. ރޭޝަމްގެ ތަޢުރީފުތައް އަޑުއަހައި އޭނަ ބުނާހައި ގޮތަކަށް ހަދާތީއެވެ. މިރޭވެސް ލޯގަނޑު ކުރިމަތީގައި ހުރެގެން ޒައިކް ތައްޔާރުވަމުން ދިޔައިރު، ޒީޝާން ކަޅިޖަހާނުލައި ބަލަންއިނެވެ. ބޯގޮތްގޮތަށް އަރިކޮށްކޮށްފައި އިސްތަށިގަނޑު ރަނގަޅުކުރަމުން ދިޔަ ޒައިކްއަށް ޒީޝާން ބަލާކަށް އެނގުމުން ހިތާހިތުން ހިނިތުންވެވުނެވެ. ޒައިކް އޭނާގެ އަމިއްލަ ސޫރައަށް ބަލާލީ ޒީޝާންއަށްވެސް އެސޫރަ ކަމުދާނޭ ކަމުގައި ގަބޫލުކުރެވޭތީއެވެ. މީގެކުރިން އޭނާ އެފަދައިން ރީތިވެ އަމިއްލައަށް ފަރިބަލާ ނުހަދައެވެ. ނަމަވެސް ޒީޝާން ލޯބިވަނީ ޒަލަފްދެކެކަން އެނގުނުފަހުން، އޭނާވެސް ޒަލަފް ފަދަ މީހަކަށްވާން ބޭނުންވިއެވެ.

ފުރަތަމަވެސް އޭނާ ޒަލަފްފަދަ ރީތި ހަށިގަނޑެއްގެ ވެރިޔަކަށް ވާން ބޭނުންވިއެވެ. އެހެންކަމުން އޭނާ ބަރާބަރަށް ކުޅެންގޮސް ކަސްރަތުކުރަން ފެށިއެވެ. އަދި ކެއުންވެސް ވަކިމިންގަނޑެއްގައި ހިފެހެއްޓިއެވެ. ހަމައެހެންމެ އޭނާ ހެދުން އަޅާގޮތްވެސް ބަދަލުކުރިއެވެ. އޭނާ އާއްމުކޮށް ލައިއުޅޭ ގަމީހުގެ ބަދަލުގައި އަތްދިގު ޓީޝާޓާއި ޖީންސްވެސް ލާންފެށިއެވެ. މިހާރު އޭނާ ގަމީސްލައި އުޅެނީ ހަމައެކަނި ރަސްމީގަޑިތަކުގައެވެ. ހަމައެފަދައިން އިސްތަށިގަނޑުވެސް ކުރިޔަށްވުރެ ދިގުކޮށް ސްޓައިލްކުރަން ފެށިއެވެ. މިހުރިހާ ކަމެއް އޭނާކުރަމުން އެދަނީ ހަމައެކަނި ޒީޝާންއަށްޓަކައެވެ.

އޭނާ ހެދުން އަޅާގޮތް ބަދަލުކޮށް، ސިފައަށް ބަދަލުގެނައުމުން ރޭޝަމްގެ އިތުރުން ސުކޫލުގެ ބައެއް މުއައްޒަފުންވެސް އޭނާއަށް ތަޢުރީފުކުރިއެވެ. ޚުދު އޭނާގެ މަންމަވެސް އޭނާ މިހާރު މާ ޒުވާން ވެއްޖެ ކަމުގައި ބުންޏެވެ. ހުރިހާ އެންމެންގެ ދުލުން ތަޢުރީފުގެ ބަސްތައް ލިބޭއިރުވެސް، އޭނާ އެންމެ ބޭނުންވާ މީހާގެ ފުށުން ތަޢުރީފުގެ އެންމެ ލަފްޒެއްވެސް ނުލިބެއެވެ.

ޚުދު ޒީޝާންގެ ހިތުގައިވެސް ވަނީ މިފަދަ ޝަކުވާއެކެވެ. އޭނާވެސް ރޭޝަމްއާ ވާދައަށް ރީތިކޮށް ހެދުން އަޅައި މޭކަޕްވެސް ކުރަންފެށިއެވެ. ޒައިކްއަށް މީރުހައި އެއްޗެއް ކައްކަނީވެސް އެކަން ޒައިކްއަށް އިހުސާސްވޭތޯއެވެ. ނަމަވެސް ޒައިކްއަށް އެއިން ކަމެއް ރޭކާލާ ކަމަކަށް ނުވެއެވެ. ރޭޝަމް ޒައިކްއާ ހީހީފައި ވާހަކަދައްކާއިރު އޭނާވެސް އެގޮތަށް ހީހީފައި އުޅެން ބޭނުންވެއެވެ. ނަމަވެސް އޭނާ ޖެހިލުންވެއެވެ. ޒައިކް އިސްވެ އޭނާއާ ހީސަމާސާ ނުކުރާއިރު އޭނާވެސް ވާހަކަދައްކާކަށް ބޭނުމެއް ނުވެއެވެ. ޒައިކް ކުރާ ކޮށްމެ ކަމެއްކުރަނީ ރޭޝަމްއަށް ދައްކަން ކަމުގައި ޒީޝާންއަށް ހީވެއެވެ.

" ޒައިކް…އަދިވެސް ތައްޔާރު ނުވަނީތަ؟…" ކުއްލިއަކަށް ދޮރުހުވާލާފައި ރޭޝަމް ބުންޏެވެ.

" ނޫނޭ…މިނިމުނީ…" ރޭޝަމްއާ ދިމާއަށް އެނބުރިލަމުން ޒައިކް ބުންޏެވެ.

" ވާއު…ޔޫ އާ ސޯ ހޭންޑްސަމް…މޭން…" ޒައިކްއަށް ބަލާލަމުން ރޭޝަމް ތަޢުރީފުކޮށްލިއެވެ. އެވަގުތު ޒީޝާންއަށް ބޭއިޚްތިޔާރުގައި ތުންފިއްތާލެވުނެވެ.

" އަޅެ މިރޭ ޒައިކް ސަޅިއެއް ނޫންތަ ޒީޝާން؟…" ޒީޝާންއާ މުޚާތަބު ކުރަމުން ރޭޝަމް އެހިއެވެ. އެވަގުތު ޒައިކްވެސް ޒީޝާންއަށް ބަލާލީ ޒީޝާންގެ ޖަވާބަކަށް އިންތިޒާރު ކުރާ ހާލުގައެވެ.
ނުނިމޭ