Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ތޭވީސްވަނަބައި)

" ވާއު…ޔޫ އާ ސޯ ހޭންޑްސަމް…މޭން…" ޒައިކްއަށް ބަލާލަމުން ރޭޝަމް ތަޢުރީފުކޮށްލިއެވެ. އެވަގުތު ޒީޝާންއަށް ބޭއިޚްތިޔާރުގައި ތުންފިއްތާލެވުނެވެ.

" އަޅެ މިރޭ ޒައިކް ސަޅިއެއް ނޫންތަ ޒީޝާން؟…" ޒީޝާންއާ މުޚާތަބު ކުރަމުން ރޭޝަމް އެހިއެވެ. އެވަގުތު ޒައިކްވެސް ޒީޝާންއަށް ބަލާލީ ޒީޝާންގެ ޖަވާބަކަށް އިންތިޒާރު ކުރާ ހާލުގައެވެ. ޒީޝާން ފުންކޮށް ޒައިކްއަށް ބަލާލިއެވެ. ތެދެކެވެ. މިރޭ ޒައިކް ނުހަނު ރީއްޗެވެ. އަތްދިގު ހުދު ޓީޝާޓަކާއި އައިސް ބްލޫ ޖީންސްގައި ޒައިކް ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. ޒަމާނީ ފެޝަނާއި އެއްގޮތަށް އިސްތަށިގަނޑުވެސް " ސްޓައިލް" ކޮށްފައިވާގޮތް ނަލައެވެ. އެގޮތުގައި ޒައިކް ފެންނައިރު، ކުރިޔަށްވުރެ ޒުވާންކަމަށްވެސް ދައްކައެވެ. ޒީޝާން ހިތާއިހިތުން ޒައިކްއަށް ތަޢުރީފުކުރި ނަމަވެސް އޭނާގެ ދޫއޮތީ ހިމޭނުންނެވެ.

" ޒައިކް ސަޅިކަމުން ބަސްހުއްޓުނީތަ؟…" ޒީޝާން ޖަވާބެއްނުދީ އިންނަން ފެށުމުން ރޭޝަމް ދިމާކޮށްލިއެވެ.

" ރޭޝަމް މިރޭ މާރީތި…." ރޭޝަމް ބުނި އެއްޗަކުން ރަކިވީނަމަވެސް އެކަން ފޮރުވަމުން ޒީޝާން ބުނެލިއެވެ. ނަމަވެސް އެއީ އޭނާ ހިތުގެ އަޑިން ކުރި ތަޢުރީފެއްނޫނެވެ.

" އޯހ…ދެން ތިހެން ކިޔާފަ އޮޅުވާލާނެކަމެއް ނެތް އިނގޭ!..ތައުރީފުކުރަން ފުރުސަތުދީފަ އަހަރެން މިދަނީ ޒީކް ކޮބައިތޯ ބަލާލަން.." ހިނިގަނޑެއް ޖަހާލަމުން ރޭޝަމް ބުންޏެވެ.

" އަސްލުވެސް އަހަރެން ހުރިގޮތް ކަމުނުދަނީތަ؟…" ރޭޝަމް ދިއުމުން ޒީޝާންގެ ގާތަށް ހުއްޓިފައި ޒައިކް އެހިއެވެ.

" އަހަރެން ނުބުނަމެއް ކަމުނުދެއެކޭ…" އާދައިގެ ގޮތަކަށް ޒީޝާން ބުނެލިއެވެ. އޭނާގެ ހިތް ޒައިކްއަށް ތަޢުރީފު ކުރަމުން ދިޔަނަމަވެސް ދުލުން އެއްބަސްވާކަށް ބޭނުމެއްނުވިއެވެ.

" ކަމުދެއެކޭވެސް ނުބުނަމެއްނު…" ޒީޝާންގެ ގާތުގައި އިށީއްނަމުން ޒައިކް ބުނެލިއެވެ.

" ތިހެން އިންދާ އަނެއްކާ ރޭޝަމް އަންނާނެ ލަސްވެގެން…." ނުރުހުމުގެ ރާގެއްގައި ޒީޝާން ބުނެލިއެވެ.

" އަދިވެސް ޒީޝާން ތިއިނީ ތައްޔާރު ނުވެއެއްނު….އަވަސްކުރޭ!…" މަޑުމައިތިރިކަމާއެކު ޒައިކް ބުނެލިއެވެ.

"އަހަރެން ހީކުރީ ތިދެމީހުންކަމަށް ކަމަށް ދާން ތިއުޅެނީ…" ފަރުވާކުޑަ ގޮތަކަށް ޒީޝާން ބުނެލިއެވެ.

" ހަވީރު ބުނީމެއްނު..ހަނދާން ނެތުނީތަ؟.." ޒީޝާންއަށް ބަލާލަމުން ޒައިކް އެހިއެވެ.

" އަހަރެން ނެތް ބުނި ހަނދާނެއް….އެހެންނޫނަސް ޒީކް އެކަނި ބަހައްޓާފަ ދާހިތެއްނެތް…" ޒީޝާން އަވަހަށް ބަހަނާއެއް ދެއްކިއެވެ.
" ޒީކްވެސް ގޮވައިގެންނޭ ދާނީ…އޭނަ އެހުރީ މިހާރުވެސް ތައްޔާރަށް" ޒައިކް ބުނެލިއެވެ.

" ކޮބާ އަދިވެސް ތާރީފުކޮށް ނުނިމެނީތަ؟…މިހާރު ޒީއްކޮ ނިދިވެސް އަތުވެއްޖެއޭ…ދެން އަވަސްކުރޭ!" ދޮރުހުޅުވާލަމުން ރޭޝަމް ބުނެލިއެވެ. އޭރު ރޭޝަމްގެ ކޮނޑުގައި ބޯއަޅާލައިގެން ޒީކް އޮތެވެ.

" ޒީކް އާދޭ ޒީދައްތިއާއެކީ ނިދަން…." ޒީޝާން އަވަސް އަވަހަށް ޒީކް އުރަން އުޅުނެވެ. ނަމަވެސް ޒީކް ނުދާން ގަދަ ހަދާލިއެވެ.

" ބައްޕި ދޫނި ނޫޅެއޭ ނިދާކަށްދޯ….ހިނގާ އަވަހަށް ދަމާ…" ޒީކް އުރާލަމުން ޒައިކް ބުނެލިއެވެ.

" ޒީޝާން އަދިވެސް ތައްޔާރު ނުވަނީތަ؟…" ޒީޝާންއަށް ބަލާލާފައި ރޭޝަމްއެހިއެވެ.

" އަހަރެން ނެތް ދާހިތެއް….." ހިތްހަމަ ނުޖެހިފަހުރިވަރުން ޒީޝާން ބުނެލިއެވެ.

" އޯކޭ…" ޒީޝާންގެ އަޑުގައިވީ ނުރުހުމުގެ ސަބަބުން އިތުރު ސުވާލެއް ނުކޮށް ރޭޝަމް އެތަނުން ނުކުތެވެ.

" ޒައިކް ނުބުނަންތަ ޒީޝާންގާތު ތައްޔާރުވާކަށް؟…" ގެއިން ނުކުންނަން ހިނގައިގެންފައި ރޭޝަމް އެހިއެވެ.

" ބުނިން…އެކަމު ޒީޝާން ދާން ބޭނުން ނުވީމަ ކީއްކުރާނީ؟.." ހީލާފައި ޒައިކް ޖަވާބުދިން ނަމަވެސް އޭނާހުރީ ހިތްހަމަ ނުޖެހިފައެވެ. މިރޭ ކެއުމަކަށް ދިއުމަށް ތައްޔާރުވުމަށް އޭނާ ޒީޝާންގެ ގާތުގައި ބުންޏެވެ. ނަމަވެސް ޒީޝާން އަންނަން ބޭނުން ނުވީއެވެ.

ޒައިކްމެން ދިއުމުން ޒީޝާން އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އާދެއެވެ. ނުރޯން ހިތްވަރުކުރިނަމަވެސް މިރޭ ޒައިކް ކަންތައްކުރި ގޮތުން އޭނާ ދެރަވެއްޖެއެވެ. އޭނާ ނުލައި ރޭޝަމްއާއި ޒީކްގޮވައިގެން ޒައިކް ދިޔައީތީ އޭނާ ހިތުގައިޖެހި ރުޅިވެސް އަތުވެއްޖެއެވެ. މިރޭ ޒައިކް އޭނާ ގޮވައިގެން ބޭރަށްދާން އުޅެނީކަމުގައި ހީކޮށްފައި އޭނާހުރީ އުފަލުންނެވެ. ނަމަވެސް ރޭޝަމްވެސް އެމީހުނާއެކީ ދާކަން އެނގުނީ އޭނާ ފެންވައިގެންވެސް ނުކުތްފަހުންނެވެ. އެހެންކަމުން ތައްޔާރުވެސް ނުވެ އޭނާއިނީ މޫޑު އޮފްވެފައެވެ. ނަމަވެސް އޭނާގެ ދުލުން އެހެން ނުބުނީތީ ޒައިކްއަށް އެވަރުވެސް ނޭނގުނެވެ.
އޭނާވެސް ޒައިކްއާއެކު ތަންތަނަށް ދާން ބޭނުންވެއެވެ. ސައިކަލު ބުރު ޖަހާލުމަށާއި ރެސްޓޯރެންޓްތަކަށް ގޮސް ކައިހަދަން ބޭނުންވެއެވެ. އެހެން ލޯބިވެރިންނާއި ދެމަރިފިން އުޅޭފަދަ އުފާވެރި ދިރިއުޅުމެއް އޭނާވެސް ބޭނުންވެއެވެ. އޭނާ ރީތިކޮށް ނަލަހެދުމުން އޭނާއަށް ތަޢުރީފު ކުރާއަޑު އަހަން ބޭނުންވެއެވެ. އޭނާ މީރުކާއެއްޗެއް ތައްޔާރުކުރުމުން އެކަންވެސް ބަލައިގަނެ އޭގެ ރަހަ ކަމުދާ ވާހަކަ ބުނާއަޑު އަހާހިތްވެއެވެ. އޭނާކުރާ ކޮންމެ ރަނގަޅުކަމެއް ފާހަގަކޮށް އޭނާގެ އަގުވަޒަންކުރާތަން ދެކެން ބޭނުންވެއެވެ.

ލޯބީގެ ވާހަކަތަކާއި ޑްރާމާތަކުގައި ވާފަދައިން ފިރިމީހާ ބޭރުން އަންނައިރު، އަނބިމީހާއަށް ކޮންމެވެސް ހަދިޔާއެއް ގެނައުން އެއީ އޭނާވެސް އެދޭކަމެކެވެ. އޭނާ ނުބުނި ނަމަވެސް ޒައިކްއަށްވެސް އެވަރު ވިސްނެން ޖެހޭނެ ނޫންހެއްޔެވެ؟ ފިނިފެންމަލުގެ ގުލްދަސްތާ ތަކާއި ޗޮކްލެޓް ފޮށިތައް ގެންނަން ނުލިބުނު ނަމަވެސް، ކުޑަމިނުން އެންމެ ޗޮކްލެޓެއްވެސް ގެނެސް ދެވޭނެ ނޫން ހެއްޔެވެ؟ އާއްމުކޮށް ހުރިހާ އަންހެން ކުދިންނަށްވެސް މީރުވާނެ ފަދައިން އޭނާއަށްވެސް ޕީއްޒާއާއި ބާރގާރ މީރުކަން އެނގެން ޖެހޭނެ ނޫން ހެއްޔެވެ؟ ހަމަ އެންމެ ފަހަރަކުވެސް ރެސްޓޯރެންޓަކަށް އޭނާގޮވައިގެން ގޮސްފިނަމަ އޭނާވެސް އުފާވާނެ ނޫން ހެއްޔެވެ؟
ނަމަވެސް އޭނާއަށް ލިބިފައި އެވަނީ ކޮންކަހަލަ ފިރިއެއް ހެއްޔެވެ؟ އޭނާއަށް ލޯބިން ތަޢުރީފުކޮށް ނުލާތާނގައި ހިލޭ އަންހެން ކުއްޖަކަށް ތަޢުރީފުކޮށް އޭނާރުހޭހައި ގޮތަކަށް އުޅޭއިރު، ތިމާގެ އަނބިމީހާގެ ހިތަށް އަރާނެ އެއްޗެއް ނުވިސްނެއެވެ. އަނބިމީހާ ގޭގައި ބައިންދާފައި ހިލޭ އަންހެނަކާއެކީގައި ބޭރަށްދާއިރު، އަނބިމީހާ ދެރަވާނެ ކަމެއް ނޭނގެއެވެ. އަނބިމީހާދެކެ ލޯބިވާ ގޮތަކީ އެއީ ހެއްޔެވެ؟

ޒީޝާން ހިތާހިތާ ޝަކުވާކޮށް ކަރުނަ އޮއްސަން އޮތްއިރު، ޚުދު އޭނާ އެވަރަށް ޝަކުވާކޮށް ރޯންވީ ސަބަބެއް އޭނާއަކަށްވެސް ނުވިސްނުނެވެ. މީގެކުރިން އޭނާ ބުނަމުން އައީ ޒައިކްދެކެ ލޯބިނުވާ ކަމުގައެވެ. ޒައިކް ކޮންމެ ގޮތަކަށް އުޅުނަސް އޭނާއަށް ފަރުވާލެއްވެސް ނެތްކަމުގައެވެ. މިހުރިހާ ދުވަހު ޒައިކްގެ ނޯކަރަކަށް ވެގެން އޭނާ އުޅުނީ ހަމައެކަނި އެންމެ ބޭނުމަކުއެވެ. ޒައިކްގެ ކިބައިން މިނިވަން ވުމައެވެ. މުޅި އުމުރަށް އަބަދުގެ އަބަދަށެވެ. ނަމަވެސް މިހާރު އޭނާގެ ހިތްވަނީ، ޚުދު އޭނާއަށްވެސް ނުއެނގި ބަދަލުވެފައެވެ. މިހާރު އެހިތް ޒައިކްއަށް އެދި ގޮވަނީއެވެ. އެލޯތްބާއި އެގާތްކަމަށް އެދެނީއެވެ. އޭނާ ފިޔަވައި އެހެން އަންހެން ކުއްޖަކަށް ޒައިކްގެ ގާތްކަން ލިބޭތީ އެހިތް ހަސަދަވެރިވަނީއެވެ.

މިއަދު އޭނާ ޝަކުވާ އެކުރަނީ ޒައިކްގެ އަޅާލުން ނުލިބޭތީއެވެ. ޒައިކްއަށް އޭނާގެ ހިތުގެ ހާލު ނުއެނގޭތީއެވެ. އޭނާ ބޭނުންވާ ގޮތްތައް ނޭނގޭތީއެވެ. އޭނާ ހިތްއެދޭ ކަންކަމާއި ހިތްނޭދޭ ކަންކަން ވަކި ނުވާތީއެވެ. ނަމަވެސް މިއަދު އެގޮތަށް ޝަކުވާކުރުމަށް އޭނާއަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ އެލޯތްބަށް ފުރަތަމަ އިންކާރު ކުރީ ޚުދު އޭނާއެވެ. އެގާތްކަމާއި އޯގާތެރިކަން ބޭނުން ނުވީވެސް އޭނާއެވެ. އެލޯބީގައި ކޮޅުފައިން ޖަހާފައި ޒައިކްގެ ހިތް ރޮއްވާލުމަށްފަހު، ޒަލަފްގެ ސައިކަލު ފަހަތަށް އަރާއުޅުނީ އޭނާއެވެ. މިއަދު އެހެން މީހަކަށް އެގާތްކަމާއި އޯގާތެރިކަން ލިބޭތީ އޭނާ ޝަކުވާކުރަންވީވެސް ކީއްވެގެން ހެއްޔެވެ؟
*****
ކާއެއްޗެހި ކަމުނުދަނީތަ؟…" ބަހެއްނުބުނެ މަޑުމަޑުން އިނދެގެން ޒައިކް ކަމުންދާތީ ރޭޝަމް އެހިއެވެ.

" ނޫނޭ…ކާއެއްޗެހި ރަނގަޅު…" ޒައިކް ޖަވާބުދިނެވެ.

" ޒީޝާން ނައީމަދޯ؟…" ހީލާފައި ރޭޝަމް އެހިއެވެ.

" އަހަރެން ހީކުރީ އަންނާނެކަމަށް…" ފުންނޭވާއެއް ދޫކޮށްލަމުން ޒައިކް ބުންޏެވެ.

" ތިދެމީހުންގެ މައްސަލައަކީ ކޮބާތަ؟…" ވިސްނަން އިނދެފައި ރޭޝަމް އެހިއެވެ.

" ކީއްވެ ތިހެން ތިއެހީ؟.." ރޭޝަމް މީގެކުރިން އެފަދަ ސުވާލެއް ކޮށްފައި ނުވާތީ ހައިރާންވެގެން ޒައިކް އެހިއެވެ.

" ނާހާވަރެއްނޫންދޯ؟….ޒައިކްއަށް އަދިވެސް އަހަރެންމީ ކާކުކަން ނޭނގޭތަ؟….މިހުރިހާ ދުވަސްވީއިރު އަހަރެންނަށް އެއްޗެއް ނޭނގޭނަކަމަށް ހީކުރުން އެއީ ޒައިކްގެ މޮޔަކަން….ފުރަތަމަ ތިގެޔަށް ދިޔަ ދުވަހުވެސް އަހަރެންނަށް ހީވި ތިދެމީހުންވެސް އެއްވެސް ކަނެކްޝަންއެއް ނެތްހެން….ދެމީހުން ނިދީވެސް ދެކޮޓަރީގަކަން މަށަށް އެނގުނު…..އަހަރެންނަށް ކޮޓަރި ތައްޔާރުކޮށްފަ ދިން އިރުވެސް، ޒީޝާންގެ ބައެއް އެއްޗެހި ހަނދާން ނެތިފަހުރި….އަހަރެން އެއްޗެއް ނުބުނީ އެއީ ދެމީހުންގެ ޒާތީ ކަމަކަށް ވާތީ…އެކަމު އޭގެފަހުން މިވީ ހުރިހާ ދުވަހެއްގަ އަހަރެންނަށް ވަރަށް ގިނަ ކަންކަން ފާހަގަވި…..އެކަމުވެސް އެއްޗެއް ނުބުނާނަމޭ ހިތާ މިހުންނަނީ….އެކަމު މާދަމާ އަހަރެން ފުރަން އުޅޭތީ ހިތަށްއެރީ ހަމަ މިސުވާލުކޮށްލާނަމޭ….ދެން ދިމާވާނެ ދުވަހެއްވެސް އެނގެނީއެއް ނޫންވިއްޔަ…" ރޭޝަމް ވަރަށް ތަފްސީލާއެކީ ބުންޏެވެ.

" އަސްލު އަހަރެން ދައްކަން ބޭނުންވާ ވާހަކައެއްނޫން މިއީކީ….އެކަމު އަހަރެންނަށް އެނގޭ ރޭޝަމްއަށް ސިއްރު ނުވާނެކަން އެއްކަމެއްވެސް…" ކެއުން ހުއްޓާލުމަށްފަހު ޒައިކް ބުނެލިއެވެ.

" ދެން ކީއްވެ ޝެއަރ ނުކުރަން ތިއުޅެނީ؟…އަހަރެންނާ ހިއްސާކުރީމަދޯ ލަފާއެއްވެސް ދޭން އެނގޭނީ…" ސީރިއަސްކަމާއެކި ރޭޗަމް ބުނެލިއެވެ.

" އައިޝާ ނިޔާވިފަހުން އަހަރެން އުޅުނީ ވަރަށް އެކަނިވެރި ދިރިއުޅުމެއް…..އަމުދުން ޒީކްއާމެދު ވަރަށް ވިސްނުނު….ޒީޝާންއަކީ ކުރިންވެސް އަހަރެމެންގެ ގެޔަށް އައިސް އުޅުނު ކުއްޖެއް….ޒީޝާންއާ އައިޝާގެ މެދުގަ ވަރަށްގާތް ގުޅުމެއް އޮތް….އައިޝާ ނިޔާވުމުން ޒީޝާން، ޒީކްގެ ކަންކަމުގަ ވަރަށް އެހީވި…އެހެންވެ ކަންނޭނގެ އަހަރެންގެ ހިތް ޒީޝާންއަށް އެހާފަސޭހައިން ލެނބުނީ….އަހަރެން ޒީޝާންގެ ކައިވެންޏަށް އެދުނުއިރު އަހަރެންނަކަށް ނޭނގެ ޒީޝާންގެ ޚިޔާލެއް…އެކަމު ޒީޝާން އެއްބަސްވުމުން އަހަރެން ވަރަށް އުފާވި….އެކަމު މާފަހުން އެނގުނީ ޒީޝާން އަހަރެންދެކެ ލޯބިނުވާކަން…އޭނާ އަހަރެންނާ އިނީ ލޯތްބަކުން ނޫން….މަންމަމެން ބުނެގެން…." ޒައިކް އޮޅުން ފިލުވައިދިނެވެ.

" އެކަމު ހާދަ ގަބޫލު ނުކުރެވެޔޭ….މިޒަމާނުގަ ހަމައެކަނި މަންމަމެންގެ ބަސްއަހައިގެން މީހުނާ އިންނަ ކުދިން އުޅޭތަ؟" އިތުރަށް އޮޅުން ފިލުވަން ރޭޝަމް ބޭނުންވިއެވެ.

" ދެން އިތުރަށް އެވާހަކަ ނުދައްކަމާ…..އަހަރެމެން ދެމީހުންގެ މެދުގަ ގުޅުމެއް ނެތް ސަބަބު މިބުނެދިނީ…." ޒައިކް ބޭނުންވީ ވާހަކަ އެހިސާބުން ކުރުކޮށްލާށެވެ. ޒީޝާންއާއި ޒަލަފްގެ ވާހަކަ ދައްކައިގެން ރޭޝަމްގެ ކުރިމަތީގައި ޒީޝާން ބަދުނާމުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ.
" މައްސަލައެއްނެތް….އަހަރެން އިތުރަށް ތިވާހަކަ ނުދައްކަ ފާނަން….އެކަމު އަހަރެން ވާހަކައެއް ބުނަންތަ؟….ޒައިކްއާ އިންއިރު ޒީޝާން ލޯބިނުވިޔަސް މިހާރު ޒީޝާން ޒައިކްދެކެ ލޯބިވޭ….ވަރަށް ޔަޤީންކަމާއެކު މިބުނީ…." ވަރަށް ހަރުދަނާކަމާއެކު ރޭޝަމް ބުނެލިއެވެ.
" އަހަރެން ހީކުރީ ތީހަމައެކަނި ސައިކޭޓްރިސްޓެއްކަމަށް…ތީ ލޯބީގެވެސް މާހިރެއްތަ؟…" ޝައުޤުވެރިކަމާއެކު ޒައިކް އަހާލިއެވެ.

" އަހަންނަކީވެސް އަންހެން ކުއްޖެއް….އަންހެންކުއްޖެއްގެ ގޮތް އެންމެ ފަސޭހައިން އެނގޭ އަންހެން ކުއްޖަކަށްނު؟…ޒީޝާންގެ އަމަލުތަކުން ވަރަށް ރަނގަޅަށް ދޭހަވޭ ޒައިކްދެކެ އޭނަ ލޯބިވާކަން….ޒައިކްގެ އެވަރުގެ ވިސްނުމެއްނެތީމަ މިހުރިހާ ދުވަސްވީއިރު ނޭނގުނީ…" ދިމާކޮށްލުމުގެ ގޮތުން ހީލަމުން ރޭޝަމް ބުނެލިއެވެ.

" ހޫމް…ގަބޫލުކުރަން މަމީ ނުވިސްނޭ މީހެއްކަމަށް…އެކަމު މަކުރިންވެސް ޒީޝާންދެކެ ލޯބިވާކަން އެނގޭނެ އޭނައަށް….ދެން ކީއްވެ އޭނަ ލޯބިވާނަމަ ނުބުނެ އެހުންނަނީ؟…" ސީރިއަސްވެފައި ޒައިކް އަހާލިއެވެ.

" ތައުލީމީ ދާއިރާއިން ކިތަންމެ މޮޅު ފާސްތަކެއް ނަގައިގެން ހުއްޓަސް، ލޯބީގެ ރޮގުން ތިހުރީ މުޅިން ފެއިލްވެފަ….ޒައިކްއަކަށް ނުވިސްނޭތަ އަންހެންކުދިންގެ ގޮތެއް….އަންހެންކުދިން ލޯބިވަމޭ ބުނެ ދުލުން ހާމަނުކުރިޔަސް އަމަލުން އެކަން ދައްކާނެ….ޒީޝާންގެ އަމަލުތަކުން އެކަން ނުފެނޭތަ؟…އޭނާ ޒައިކްއަށްޓަކާ މީރު ކާއެއްޗެހި ތައްޔާރެއް ނުކުރޭތަ؟…ޒައިކް ބަލާތޯ ރީތިކޮށް ހެދުންއަޅާ ނަލައެއް ނުހެދޭތަ؟…މިރޭވެސް އޭނަ ނައީ ކީއްވެކަން މަށަށް އެނގޭ….އޭނަ އެހުރީ އަހަރެން އަންނާނީ ހިތްހަމަ ނުޖެހިފަ….އޭނަ ބޭނުންވަނީ ޒައިކްއާއެކީ އެކަނި އަންނަން…..ޒައިކްއަށް އެނގޭތަ ގޭތެރޭގަ އުޅޭއިރުވެސް އަހަރެން ކުރާ ކޮންމެކަމަކަށް ވިއްދާފަ އޭނަ ކަމެއްކުރާކަން….އަހަރެންގެ ހެދުން ރީއްޗޭ ޒައިކް ބުނެފިނަމަ އެކަމާ ވިއްދާފަ އެއަށްވުރެ ރީތި ހެދުމެއް އޭނަލާނެ….އެއްކަލަ ދުވަހުވެސް ނޫކުލައިގެ ހެދުމެއް އަހަރެންލީމަ ޒައިކް ރީއްޗެ ބުނީމަ ހަމަ އެރޭ ޒީޝާން ނޫކުލަ ހެދުމެއްލީ ހަނދާންވޭތަ؟….ޒައިކް އޭނައަށް ތިއްތި ދެއްކެން އުޅޭހެން އޭނަވެސް ޒައިކްއަށް ތިއްތި ދެއްކެން އުޅޭކަން ޒައިކްއަށް ނޭނގޭތަ؟….މިރޭވެސް އަހަރެން ހަމަ ގަސްތުގަ އެހީ ޒައިކް ސަޅިތޯ….އެކަމު އޭނަ ޖަވާބެއް ނުދިނެއްނު….ބަދަލު ވާހަކަ އޮޅުވާލީ….އެ ކޮންމެހެން އޭނައަށް ޒައިކް ކަމު ނުދަނީކީ ނޫނޭ….ބުނަން ބޭނުން ނުވަނީ…." ރޭޝަމް ވަރަށް ތަފްސީލުކޮށް ކިޔައިދިންއިރު ޒައިކްއިނީ ކަނުލައި އަޑުއަހާށެވެ.
އެހެން އިންއިރު ވޭތުވެދިޔަ ދުވަސްތަކުގައި ހިނގި ކަންކަން އޭނާގެ ހިތަށް ސިފަވަމުން ދިޔައެވެ. ބައެއްފަހަރު ކަމަކާ ނުލައިވެސް ޒީޝާން ރުޅިއައިސް ހުންނަކަން ޚުދު އޭނާއަށްވެސް ވަނީ ފާހަގަކުރެވިފައެވެ. ވަކިން ޚާއްސަކޮށް ރޭޝަމް ކުރާކަންކަން ޒީޝާން ބަލައި ނުގަންނަކަންވެސް އޭނާއަށް ފާހަގަވިއެވެ. އެންމެބޮޑަށް ފާހަގަކުރެވުނީ ޒީކްގެ ކަމެއް ރޭޝަމް ކޮށްދީފިނަމަ ހިތްހަމަ ނުޖެހޭކަމެވެ. ނަމަވެސް އެކަމާމެދު ޒައިކްއަށް މީގެކުރިން ވިސްނިފައެއް ނެތެވެ.

" ހޭއި…ދެންވެސް ވިސްނަން އިނދެ ތިގޮތަށް އުމުރު ބޭކާރުކުރަންވީކީ ނޫން….އަވަހަށް ޒީޝާންގެ ކުރިމަތީގަ ހިތް ހުޅުވާލަންވީ…." ޒައިކް ޚިޔާލަށް ގެއްލިފައި އިންދައި ރޭޝަމް ވާހަކަ ދެއްކުމުން ސިހިފައި ޚިޔާލުން ނުކުމެވުނެވެ.

" އަހަރެން މިހުންނަނީ އަދިވެސް ޒީޝާންއަށް ފުރުސަތުދީގެން….އަހަރެން ބުނިން ޒީޝާން ބޭނުން ދުވަހެއްވާންދެން އިންތިޒާރު ކުރާނަމޭ…." ވިސްނާލަމުން ޒައިކް ބުންޏެވެ.

" މާނައަކީ ޒީޝާން ނުބުނެފިނަމަ ޒައިކް ދުވަހަކުވެސް ނުބުނާނަމޭތަ؟…" ޒައިކްގެ ޖަވާބުން ހައިރާންވެފައި ރޭޝަމް އެހިއެވެ.

" ނޫނޭ…އެހެނެއްނޫން…އެކަމު އެއްވެސް ކަމެއްގަ ޒީޝާންއަށް މަޖުބޫރުކުރާކަށް އަހަރެން ނެތިން…އަމުދުން ލޯތްބަކީ މަޖުބޫރުން ހޯދޭނެ އެއްޗެއްނޫން…" ރޭޝަމްގެ ވާހަކަތަކުން ހިތުގައި އުއްމީދެއް އާވިނަމަވެސް އެކަން ހާމަނުކޮށް ޒައިކް ބުނެލިއެވެ.

" ތީ ހަމަ އެއްކަހަލަ ދެމީހުން….ދެމީހުންވެސް ގޮތްދޫނުކޮށް މުސްކުޅިވާންދެން ތިހެން ތިބޭ….އަހަރެން ހަމަ ހިތަށްއަރާ ތީހަމަ ފިރިހެނެއްބާއޭ…އެހާރީތި ޒުވާން އަންހެން ކުއްޖެއް ފެންނަހިސާބުގަ ބާއްވައިގެން އަތްނުލާ އޮވެވޭނީ ހިއްސެއްވެސް ނެތީމައެއްނު…" ޒައިކްގެ އަސަރެއްނެތް ޖަވާބު އިވިފައި ނުރުހުންވީ ވަރުން އިޚްތިޔާރަކާއި ނުލައި ރޭޝަމްއަށް ބުނެވުނެވެ.

" ކިހިނެއް ރޭޝަމްއަށް އެނގެނީ އަހަރެން އަތްނުލާކަމެއް…" ލާނެތްގޮތަކަށް ހީލާފައި ޒައިކްބުނި ޖުމްލައިން ރޭޝަމް ފާޑަކަށް ރަކިވިއެވެ.

" އޯކޭ ނެތިން އިތުރު އެއްޗެއް ބުނާކަށް….ދެންވެސް ކައިގެން އަވަހަށް ގެޔަށްދެވޭތޯ ހިނގާ….މިހާރު ޒީއްކޮ ރަނގަޅަށްވެސް ނިދައިފި…" ރޭޝަމް އުނގުގައި އިން ޒީކްއަށް ބަލާލަމުން އަވަހަށް މައުޟޫއު ބަދަލުކޮށްލިއެވެ. ޒައިކްވެސް ހީލާފައި އިތުރު އެއްޗެއް ނުބުނެ ކާންފެށިއެވެ.

" އަހަރެން ކަހަލަ ހިއްސުކެނޑިފަހުރި މީހަކަށް ވިސްނައިދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ…." ކައިނިމިގެން ގެޔަށް އައި މަގުމަތީގައި ޒައިކް ބުނެލިއެވެ.

" ވިސްނުނިއްޔާ ކިތަންމެހައިވެސް ރަނގަޅު…" ހީލަމުން ރޭޝަމް ޖަވާބުދިނެވެ.

ދެމީހުން ހެވިފައި ތިބެ ވާހަކަ ދައްކަމުން ގޯތިތެރެއަށް ވަތްއިރު، ޒީޝާންހުރީ ސިޓިންރޫމުގެ ކުޑަދޮރުން އެމަންޒަރު ބަލާށެވެ. އެމީހުން ގެޔާދިމާއަށް ހިނގައިގަތުމުން އޭނާ އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ޒައިކް އައިސް ކޮޓަރިއަށް ވަންނަންވާއިރަށް އޭނާ ހަލުވިކަމާއެކު އައިސް އެނދުގައި އޮށޯވެ ކުއިލްޓް އަޅާލިއެވެ. ދެލޯމަރައިގެން އޮތްއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ޒައިކް ރޭޝަމްއަށް "ގުޑްނައިޓް" ކިޔާފައި ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއިރު ޒީޝާންއޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޒައިކް އެއްޗެހި ބަދަލުކޮށްގެން ފާޚާނާއަށް ވަނުމުން ޒީޝާން ލޯހުޅުވާލާފައި ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ޒައިކް ފާޚާނާއިގެ ދޮރުހުޅުވާލިއަޑަށް އަނެއްކާވެސް އޭނާ ލޯމަރައި ނިދާކަމަށް ހެދުނެވެ.

ޒައިކް އައިސް އޭނާގެ ގޮދަޑީގައި އޮށޯވެ ދެލޯމަރާލިއެވެ. އޭރުވެސް ޒައިކްއަށް ވިސްނެމުން ދިޔައީ މިރޭ ރޭޝަމް ދެއްކި ވާހަކަތަކާއި މެދުގައެވެ. ޒީޝާން އޭނަދެކެ ލޯބިވާކަމަށް ބުނެ ރޭޝަމްދެއްކި ވާހަކަތަކާމެދު ފުންކޮށް އޭނާ ވިސްނިއެވެ. ޒީޝާން ހަޤީޤަތުގައިވެސް އޭނާ ދެކެ ލޯބިވޭ ހެއްޔެވެ؟ ޒީޝާންއަށް އެހާ ފަސޭހައިން ޒަލަފްގެ މަތިން ހަނދާން ނެތިދާނެ ހެއްޔެވެ؟ އޭނާއާއެކީ އުޅުން ތަކުލީފަކަށް ވެގެން އުޅުނު ކުއްޖެއްގެ ހިތް އޭނާގެ މައްޗަށް ލެނބިދާނެ ހެއްޔެވެ؟ ޒީޝާން އެއްއަހަރު ދުވަހަށް ނޯކަރަކަށްވާން އެއްބަސްވީވެސް އޭނާގެ އަނތްބަކަށް ވާން ބޭނުން ނުވާތީއެވެ. މިހާރު، އެ އެއްބަސްވުމުގެ މުއްދަތުގެ ދެބައިކުޅަ އެއްބައި މިހާރު ފުރިހަމަވެސް ވެއްޖެއެވެ. ބާކީ ދުވަސްތައްވެސް ދާދި އަވަހަށް ނިމިގެން ހިނގައިދާނެއެވެ. އޭރުން، އޭނާ އެއްބަސްވި ފަދައިން ޒީޝާން ދޫކޮށްލަން އޭނާއަށް މަޖުބޫރު ވާނެއެވެ. އޭނާގެ ވަޢުދާ އޭނާ ޚިލާފެއް ނުވާނެއެވެ.

ޒައިކް އާއި ޒީޝާންއާ ދެމީހުންވެސް ތިބީ ހޭލައެވެ. އެކަކު އަނެކަކާމެދުގައި ވިސްނުމުގައެވެ. ނަމަވެސް އެކަކުވެސް އަނެކަކަށް އެކަން އަންގާކަށް ބޭނުމެއް ނުވެއެވެ. ދެމީހުންވެސް ސިއްރު ސިއްރުން ޚިޔާލުތައް ކުރަނީއެވެ. ހިތުގައި ސުވާލުތައް އުފައްދައި ޝަކުވާތައްވެސް ކުރަނީއެވެ. އެގޮތުގައި ތިއްބައި ރޭދެބައި ވެއްޖެއެވެ. ޒީޝާން އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލިވެ ކަރުވެސް ހިއްކައިގެންފިއެވެ. އެންމެފަހުން އޭނާ ބޭރަށް ނުކުތެވެ. ބަދިގެޔަށް ވަންނަން ދިމާކޮށްލުމާއެކު އޭނާ ސިހުނީ ފެންފުޅިއެއް ހިފައިގެން ބަދިގެއިން ނުކުތް ރޭޝަމް ފެނިފައެވެ.

" ޒީޝާން އަދިވެސް ނުނިދަނީތަ؟…" ޒީޝާން ފެނުމާއެކު ރޭޝަމް އަހާލިއެވެ.

" ނޫން…ކަރުހިއްކައިގަނެގެން…" ޒީޝާން ކުރުގޮތަކަށް ޖަވާބުދިނުމަށްފަހު ގޮސް އައިސްއަލަމާރިން ފެންފުޅިއެއް ނަގައި ތައްޓަކަށް ފެންއަޅަން ފެށިއެވެ.

" ޒީޝާން އަހަރެން ދެކެ ރުޅިއައިސްފަތަ ތިހުރީ؟…" ކޮޓަރިއަށްދާން ހިނގައިގެންފައިވެސް އެނބުރި އައިސް ރޭޝަމް އެހިއެވެ.

" ނޫން…ކީއްވެ ރުޅިއަންނަންވީ؟.." ރޭޝަމްގެ ސުވާލުން ޖެހިލުންވީ ނަމަވެސް އޭނާ ޖަވާބުދިނެވެ.

" ރުޅި ނާންނަންޏާ ވާހަކަދައްކަން މަޑުކޮށްލެވިދާނެތަ؟.." މޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީއްނަމުން ރޭޝަމް އެދުނެވެ.
ރޭޝަމްއާ ވާހަކަދައްކާ ހިތްނުވީ ނަމަވެސް، ރޭޝަމް ހީކޮށްފާނެ އެއްޗަކަށްޓަކައި ޒީޝާން މަޑުކުރިއެވެ.

" ޒީޝާން…އަހަރެން މިއުޅެނީ މާދަމާ ފުރަން….އަހަރެންގެ ފަރާތުން ޒީޝާން ހިތްހަމަ ނުޖެހޭކަމެއްވެފަ އޮތްނަމަ އަހަރެން މާފަށް އެދެން…." ޒީޝާންގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގެއްގައި ރޭޝަމް ބުންޏެވެ.

" ރޭޝަމް މާފަށް އެދެން ޖެހޭވަރު ކަމެއް ނުކުރަމެއްނު….ދެން ކީއްވެ މާފަށް ތިއެދެނީ؟…" ގަދަކަމުން ކަހަލަ ގޮތަކަށް ހީލާފައި ޒީޝާން ޖަވާބުދިނެވެ.

" ނޫނޭ….ޒީޝާން ހިތްހަމަ ނުޖެހޭފަދަ ކިތަންމެ ކަމެއް އަހަރެންކުރިން…ބައެއްފަހަރު ގަސްތެއްނެތި އެކަމު އަނެއްބައި ފަހަރު ގަސްތުގަވެސް ކޮށްފަ ހުންނާނެ…" ރޭޝަމް އޮޅުން ފިލުވައިދިނެވެ.

" ތިބުނީ؟…" ރޭޝަމް ބުނި އެއްޗެއް ރަނގަޅަށް ދޭހަނުވެގެން ޒީޝާން އަހާލިއެވެ.

" އަހަރެންނަށް އެނގޭ ޒީޝާން އަހަރެންދެކެ ހިތްހަމަ ނުޖެހިފަކަން ހުންނަނީ….ސަބަބުވެސް އަހަރެންނަށް އެނގޭ….އަހަރެން ޒައިކްއާ ގާތްކޮށް އުޅޭތީއެއްނު…ޒީޝާންއަށް ހީވެޔެއްނު އަހަރެން އުޅެނީ ޒައިކްގެ ސަމާލުކަން ހޯދަންވެގެންނޭ….ޒައިކްގެ ހިތް އަހަރެންގެ މައްޗަށް ލަންބުވަންވެގެންނޭ….އަހަރެން ނަލަހެދިގެން ނުކުންނަ ކޮންމެ ފަހަރަކު ޒީޝާންގެ މޫނުން ނުރުންތެރިކަމުގެ އަސަރު އަހަރެން ދެކެން….އަދި ޒައިކް ނަލަހެދުމުން އޭނާއަށް އަހަރެން ތަޢުރީފުކުރީމަވެސް ޒީޝާން ރުޅިއާދެއެއްނު…ޒީޝާން ހީކުރަނީ އަހަރެންނަށް އެކަންކަން ނޭނގޭނެކަމަށްތަ؟" ރޭޝަމް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ހަޤީޤަތް ހާމަކުރުމުން ޒީޝާންއިނީ ރަކިވާގޮތްވެފައެވެ.

" އަހަރެން ފުރަތަމަ އެގޮތަށް ކަންތައްކުރީ ޒީޝާން ނުރުހޭނެ ކަމަކަށްނޫން…އެކަމު ފަހުން ޒީޝާން ނުރުހޭކަން އެނގޭތީ ގޯނާކުރުމުގެ ގޮތުންވެސް އެފަދަ ކަންކަން އަހަރެންކުރިން….އަހަރެން ބޭނުންވީ ޒީޝާން ނުރުހިގެން ނަމަވެސް އެއްޗެއް ބުނޭތޯ ބަލަން…." ހީލަމުން ޒީޝާން ބުނެލިއެވެ.

" އެކަމު ކީއްވެ؟…ކީއްވެ ރޭޝަމް އަހަރެން ރުޅިއަރުވަން ބޭނުންވީ؟.." މައުސޫމުގޮތަކަށް ޒީޝާން އަހާލިއެވެ.

" އެއީ ޒީޝާންގެ ދުލުން ޒައިކްދެކެ ލޯބިވާކަން ހާމަކުރޭތޯ….އެކަމު އެވަރަށް ފުރުސަތު ދިނީމަވެސް ގޮތުގައެއްނު ތިހުރީ…" ޒީޝާންގެ ހިތްފެނިގެން ބުނެލިފަދައިން ރޭޝަމް ބުނެލުމުން ޒީޝާން ބަލާލީ ހައިރާންވެފައެވެ.

" ޒީޝާން ހީކުރީ މިގޭތެރޭގަ ހިނގާ އެއްވެސްކަމެއް އަހަރެންނަކަށް ނޭނގޭނެކަމަށްތަ؟…އަހަރެން މިގެޔަށް އައި ފުރަތަމަ ދުވަހުވެސް ތިދެމީހުންގެ ގުޅުމާމެދު ޝައްކުވި…ދެން އެކީގަ ހޭދަކުރި ދުވަސްތަކުގަ ޔަޤީންވެސްވި، ދެމީހުން އެއްތާކު އުޅުނަސް އުޅެނީ ދެބީރައްޓެހިންގެ ގޮތުގަކަން….އެކަމު ތިހެން އުޅެންޖެހޭ ސަބަބެއް އަހަންނަށް ނޭނގުނީ…ކޮބާތަ މައްސަލައަކީ؟…ކީއްވެތަ އެކަކު އަނެކުގާތު ލޯބިވާކަން ހާމަ ނުކުރަން ތިއުޅެނީ؟…" ތަހުޤީޤު ކުރާމީހަކު ފަދައިން ރޭޝަމް ސުވާލުކުރަން ފެށިއެވެ.

" ރޭޝަމް ގާތު ޒައިކް އެއްވެސް އެއްޗެއް ބުނީތަ؟…" ޝައްކުގެ ނަޒަރަކުން ބަލާލަމުން ޒީޝާން އެހިއެވެ.

" އޭނަ ބުނާނެހެން ހީވޭތަ؟….އޭނައަށް ޒީޝާންއާ ކުރިމަތިލާން ނުކެރޭއިރު އަހަރެންގާތު އެއްޗެއް ބުނަން ކެރޭނެތަ؟…" ހިނިގަނޑެއް ޖަހާލަމުން ރޭޝަމްބުނެލިއެވެ.
" ދެން ކީއްވެ ކުއްލިއަކަށް ރޭޝަމް ތިގޮތަށް ވާހަކަ ތިދައްކަނީ؟…ރޭޝަމްއަށް ކޯއްޗެއް އެނގިގެން ތިއުޅެނީ؟…" އަދިވެސް ޒީޝާންއިނީ ޝައްކެއްގެ މަތީގައެވެ. އޭނާއާ ޒައިކްގެ މެދުގައިވީ ހުރިހާ ސިއްރެއް ރޭޝަމްއަށް އެނގުނީ ކަމުގައި ހީކޮށްފައެވެ.

" އަހަރެންނަކަށް ނޭނގެ ތިދެމީހުންގެ މެދުގަ އޮތީ ކޮން މައްސަލައެއްކަމެއް….އެނގޭ ޔަޤީންވާ އެއްކަމެއް އެބައޮތް…ދެމީހުންވެސް އެކަކު އަނެކަކުދެކެ ލޯބިވޭ…އެކަމު ބުނާކަށްވެސް ބޭނުމެއްނުވޭ….އަހަރެން ބޭނުންވީ ދިއުމުގެކުރިން ޒީޝާންގެ ޝައްކު ފިލުވައިދޭން….އަހަރެންނާ ޒައިކްއާމެދުގަ އެކުވެރިކަން ފިޔަވާ އެއްވެސް ގުޅުމެއްނެތްކަން ހާމަކޮށްދޭން…އަހަރެންގެ ލޯބިވެރިޔަކު ހުރޭ….އެކަން ޒީޝާންއަށް ނޭނގުނަސް ޒައިކްއަށް އެނގޭނެ….ޒީޝާން އަހަރެންނާމެދު ޝައްކުކުރާތީ ބައެއްފަހަރު އަހަންނަށް ވަރަށް މަޖާވޭ…އެހެންވެ ގަސްތުގަ ރުޅިއަރުވަންވެސް ކަންކަން ކުރީ…އެހެންވެ މާފަށްވެސް މިއެދުނީ…މިހާރު އެނގިއްޖެތަ؟.." ހީލަމުން ރޭޝަމް އެހިއެވެ.

ރޭޝަމް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިން ޒީޝާންގެ ތުންފަތްމައްޗަށްވެސް ހިނިތުންވުމެއް ވެރިވީ، ރޭޝަމްއާމެދު މިހުރިހާ ދުވަހު އޭނާއަށް ކުރެވުނީ ކުށްހީއެއްކަން އެނގުނީތީއެވެ. އެކަމަށްޓަކައި އޭނާ ލަދުވެސްގަތެވެ.

" އެހެންވީމަ އަހަރެންދޯ ރޭޝަމްގެ ކިބައިން މާފަށް އެދެން ޖެހޭނީ…" ވިސްނާލަން އިނދެފައި ޒީޝާން ބުންޏެވެ.

" މާފަށް އެދޭނެކަމެއްނެތް…އާދެބަލަ އަހަރެންގެ ކޮޓަރިއަށް…ޒީޝާންއަށް ދޭންޖެހޭ އެއްޗެއް އެބައޮތޭ…" މޭޒުކައިރިން ތެދުވަމުން ރޭޝަމް ބުނެލިއެވެ. ޒީޝާންވެސް ރޭޝަމްގެ ފަހަތުން ގޮސް އެކޮޓަރިއަށް ވަނެވެ. ރޭޝަމް އެދިޔަގޮތަށް ގޮސް އަލަމާރި ހުޅުވާލުމަށްފަހު ކަރުދާހު ކޮތަޅެއް ނެގިއެވެ.

" ސޮރީ…ޕާރސަލް ކުރަންވެސް ވަގުތުނުވީ….ބަލާލަބަލަ ކަމުދޭތޯ…" ޒީޝާންގެ އަތަށް ކޮތަޅުދެމުން ރޭޝަމް އެދުނެވެ.

ޒީޝާން ކޮތަޅު ހިފައިގެން އެނދުގެ މަގަތުގައި އިށީނދެ އޭގެތެރޭގައި އޮތް އެއްޗެއް ބަލާލިއެވެ. އޭގައިވަނީ މެރޫން ކުލައިގެ ވަރަށްރީތި ނިދާހެދުމަކާއި ގުޑްގާރލް ސެންޓް ފުޅިއެކެވެ. ހެދުމުގެ އެތެރެބައިވަނީ މޮޅު ސެޓިންފޮތިންނެވެ. އަދި ބޭރުންލާ ޖެހެޓްވަނީ ލޭސްފޮތިންނެވެ.

" ކަމުދޭތަ؟…" ޒީޝާން ހެދުމަށް ބަލަން އިނުމުން ރޭޝަމް އެހިއެވެ.

" ހޫމް…ވަރަށް ލޯބި…އެކަމު އަހަންނަކަށް ނުކެރޭނެ މިލާކަށް…" ލަދުރަކި ގޮތަކަށް ހީލަމުން ޒީޝާން ބުންޏެވެ.

" އެއީއެއްނު މައްސަލައަކީ….މާދަމާރޭ ނިކަން ތިހެދުންލައިގެން ހުރެބަލަ ޒައިކް ކޮޓަރިއަށް ވަންނައިރު، ޔަޤީން ޒީޝާން ފެންނައިރަށް އުއްކޮޅެއްހެން ވިރޭނެކަން…" ހިނިގަނޑެއް ޖަހާލަމުން ރޭޝަމް ބުނުމާއެކު ޒީޝާން އިތުރަށް ލަދުގަތެވެ.

" އަސްލު އަހަރެން ވަރަށް ސީރިއަސް ވާހަކައެއް ބުނަންތަ؟….އަހަރެމެން އަންހެނުން ފަދައިން ފިރިހެނުންގެވެސް އިހުސާސްތަކެއްވާނެ…އެމީހުންވެސް އެކަން ހާމަކުރަން ބޭނުންނުވަނީ….އެމީހުންގެ ހިތުގަވެސް ޝަކުވާތަކެއްވާނެ…އެމީހުންވެސް ތަޢުރީފުގެ ބަސް އަޑުއަހަން ބޭނުންވާނެ….ހަނދާންވޭތަ މިރޭވެސް އަހަރެން އެހީމެއްނު ޒައިކް ސަޅިހޭ؟…އެގަޑީގަ އޭނާހުރީ ޒީޝާންގެ ޖަވާބެއްގެ އިންތިޒާރުގަ، ޒީޝާން ހަމައެކަނި އާނއެކޭ ބުނެލިނަމަވެސް އޭނަ ވަރަށް އުފާވީސް…ކާންގޮސްއިންއިރުވެސް އޭނާއިނީ ވަރަށް މޫޑީވެފަ….އަހަރެން ދާން އުޅޭތީ ކެއުމެއްދޭންވެގެން، އޭނާގާތު ތައްޔާރުވާންބުނީ…އަހަރެން ބޭނުންވީ ޒީޝާންއާ ޒީކްއާ ހުރިހާ އެންމެން އެކީގަ ކެއުމަކަށްދާން….އެކަމު ޒީޝާން އިންކާރުކުރީމަ އަހަރެންވެސް ވަރަށްދެރަވި….އެކަމު، އަހަރެން އެކަމާ ހިތްބުރައެއް ނުކުރަން…އަހަރެން ބުނެލަން ބޭނުންވަނީ، ޒައިކްވެސްހުރީ ޒީޝާން އިސްވެ ލޯބިހާމަކުރާނެ އިރެއްގެ އިންތިޒާރުގައޭ…އޭނަ އެހުންނަނީ އިސްނަގަން ނުކެރިފަ….އެހެންވީމަ ޒީޝާން އިސްވެ ލޯބިފާޅުކުރަންވީނު…އޭރުން އޭނަ ކިހާ އުފާވާނެ…" ރޭޝަމް ޚިޔާލުދިނެވެ.
" އެކަމު އަހަރެން ކިހިނެއް؟…" ޖެހިލުންވެފައި ޒީޝާންއަށް ބުނެވުނެވެ.

" ކީއްވެ ނުވާންވީ…ތީ އަންހެންކުއްޖެއްވީމަތަ އެހެން ތިހިތަށްއެރީ…ބަލަ އަހަރެންވެސް މީ އަންހެން ކުއްޖެއް….އެކަމު އަހަރެން އިސްވެ ލޯބިވާ ވާހަކަބުނީވެސް…ފިރިހެނުން އިސްވެ ލޯބި ހުށަހަޅާ ޒަމާން މިހާރު ފާއިތުވެއްޖެ…އަދި އަމުދުން ތީދެމަފިރިން…އެހެންވީމަ ކޮބާ މައްސަލައެއް…" ޒީޝާންއަށް ރޭޝަމް ވިސްނައިދިނެވެ.

" އަހަރެންގެ އިހުސާސްތައް ރޭޝަމްއަށް ތިހާ ފަސޭހައިން އެނގުނުއިރު، ކީއްވެ ޒައިކްއަށް ނޭނގެންވީ؟…އަހަރެން ނުބުންޏަސް އެނގެންވާނެއްނު" ޒީޝާން ޝަކުވާކުރިއެވެ.

" ޒީޝާންއަށް އެނގޭތަ އަހަރެންމީ ސައިކޭޓްރިސްޓެއްކަން؟…އަހަރެންނަށް ވަރަށް ފަސޭހައިން މީހުންގެ އިހުސާސްތައް ދެނެގަނެވޭނެ….މީހަކާ އެކީ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލިޔަސް ވަރަށް ފަސޭހައިން އެމީހާ ދެނެގަނެވިދާނެ…އެއީ އަހަރެން އެރޮނގުން ކިޔަވައިގެން ހުރީމަ…އެކަމު ކޮންމެ މީހަކީ އެޤާބިލުކަން ހުރިމީހެއްނޫން…އެހެންވީ ކުރިމަތީގަ ހުންނަމީހާގެ މޫނަށް ބަލާލާފަ އޭނާގެ އިހުސާސްތައް ފަހަރެއްގަ ދެނެނުގަނެވިދާނެ….ދެމީހަކު އަލަށް އިނދެގެން އުޅޭއިރު، އަނބިމީހާ ނުބުނަނީސް، ފިރިމީހާއަށް އޭނާގެ ހިތަށްއަރާ އެއްޗެހިވެސް އެނގެން ޖެހޭނެކަމަށް ހީކުރުން އެއީ މޮޔަ ޚިޔާލެއް….އެމީހާ ބޭނުންވާ ކަންތައްތައް ނުބުންޏަސް އެނގެން ޖެހޭނެކަމަށް ހިތައި ރުޅިއައިސް ހުރުމަކީ އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެއް….އެންމެ ރަނގަޅުގޮތަކީ ހިތްއެދޭ ކަންތަކާ ހިތްނޭދޭ ކަންތައްވެސް ބުނެ ހާމަކުރުން….އިސްލާހުކުރަންވެސް އެނގޭނީ އޭރުންނެއްނު….ވަރަށް ގިނަ ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލައެއް އެއީ، ތިމާ ނުބުނަނީސް ތިމާގެ ހުރިހާ ކަމެއް އޭނާއަށް އެނގިފަހުންނަން ޖެހޭނޭ ހީކުރުން….ރޮމޭންޓިކް ލޯބީގެ ވާހަތައް ކިޔާ އަންހެނުން ބޭނުންވާނީ، އެވާހަކަތަކުގަ އުޅޭފަދަ ފުރިހަމަ ފިރިއެއް…އެހާ ރޮމޭންޓިކް އެހާ ކެއަރިން…އެހާރީތި….އިރު އިރުކޮޅުން ސަޕްރައިޒްދީ….ލޯބީގެ މެސެޖްތައް ފޮނުވާ….ފެންނަ ކޮންމެ ފަހަރަކު ލޯބިން ބަލާލާ، އެހާލޯބިން ހީލާ…ސްލޯމޯޝަންގަ ހިނގާފަ އައިސް އުރާލާ…މިއީ ހައްތަހާވެސް ފިލްމީ ކަންކަން….މަސައްކަތުގަ އުޅެ އުޅެފަ ވަރުބަލިވެގެން އަންނައިރު، ކިހިނެއް އަނބިމީހާ ހިތްއެދޭހާ އިޝްޤީ ނަޒަރަކުން ބަލާނީ…ސްލޯމޯޝަންގަ އައިސް އުރާލާ ލޯބިކުރާނީ…" ރޭޝަމް ހިނދުކޮޅަކަށް ވާހަކަ ހުއްޓާލާފައި ފުންނޭވާއެއް ދޫކޮށްލިއެވެ.
އޭރު ޒީޝާން އިނީ ރޭޝަމް ދެއްކި ވާހަކަތަކާމެދު ވިސްނާށެވެ. ތެދެކެވެ. އޭނާއަށްވެސް ކުރެވެނީ އެފަދަ ޚިޔާލުތަކެކެވެ. ޒައިކްގެ ކިބައިން އޭނާއަށްވެސް އެދެވެނީ އެފަދަ ކަންކަމަށެވެ.

" މާނައަކީ…ހަޤީޤީ ދިރިއުޅުމުގަ އެފަދަ އެއްވެސް ކަމެއް ނުވާނޭތަ؟…ނޫނީ އެދިގެންވެސް ނުވާނީތަ؟…" މައުސޫމް ގޮތަކަށް ޒީޝާން އަހާލިއެވެ.

" ނޫނޭ…އެގޮތަށްވެސް ކަންތައްވާނެ…އެކަމު އަބަދުވެސް އޭނާ އިސްނަގާ ކުރާނެކަމަށް އިންތިޒާރު ނުކޮށް އަމިއްލައަށް ކުރީމަ…އޭނާ ލޯބިކުރާނެ ކަމަށް ތިމާ ތުންދަމާފަ ފުރަގަސްދީގެން އިނީމަ އެނގޭނެތަ ތިމާ ބޭނުންވާ ގޮތް…އޭގެ ބަދަލުގަ އަންހެން ކުއްޖާވެސް އިސްނަގާ އޭނަ ބޭނުންކަމެއް ކުރަންވީނު…އޭރުން ޝަކުވާކުރާކަށް ނުޖެހޭނެއްނު…" ރޭޝަމް ވިސްނައިދިނެވެ.

" ދެން އެކަމު….ކޮންމެ ފަހަރަކު އަންހެން ކުއްޖާއަށްތަ ވިސްނެން ޖެހޭނީ؟…އޭނާގެ ބޭނުންތަކެއްވެސް ހުންނާނެއްނު…" ޒީޝާން އަދިވެސް ވިސްނުނު ކަމަކަށް ނުވިއެވެ.

" އެހެނެއްނޫނޭ މިބުނީ…ޒީޝާން ކަމެއްބޭނުންވެގެން ނުބުނެ އިނީމަ ޒައިކްއަށް އެނގޭނެތަ؟…މިސާލަކަށް ޒީޝާންއަށް ވަރަށް މީރު ޗޮކްލެޓެއް ލިބުނީ…ޒީޝާން އިންނާނަންތަ، އެޔަށް ބަލަން އަތްވެސްނުލާ؟…އޭތި އަމިއްލަ ކެނޑިގެން އައިސް ޒީޝާންގެ އަނގަޔަށް ވަދޭތޯ އިންތިޒާރު ކުރާނީތަ ނޫނީ އަމިއްލައަށް ކަނޑައިގެން ރަހަބަލާނީތަ؟….ލޯބީގެ އިހުސާސަކީވެސް އެފަދަ އެއްޗެއް…އަމިއްލައަށް ތަޖުރިބާކުރީމަ އޭގެ މީރުކަން ފެންނާނީ….ތިމާ ބޭނުން އެއްޗެއް ހޯދަން މަސައްކަތްކުރަން ޖެހޭނީ…ތިމާގެ އިހުސާސްތައް އަނެކާއަށް ނޭނގޭނަމަ ބުނެދިނުން އެއީ މައްސަލައެއްނޫން….އެކަމު އޭނާއަށްވެސް ފުރުސަތުދޭން ޖެހޭނެދޯ…ޒައިކް ރީތިވެލައިގެން ނުކުތީމަ ހާދަ ރީއްޗޭ ބުނުން އެއީ ކިހާ ވަގުތެއް ނޫނީ ހަކަތައެއް ބޭނުންވާނެކަމެއްތަ؟….ހަމަ ކުޑަ ހިނދުކޮޅެއްދޯ އެހެން ބުނެލަން ނަގާނީ…އެކަމު އެއަޑުއަހާފަ އޭނާގެ ހިތަށް ކިހާ އުފާވެރިކަމެއް ލިބޭނެކަން އެނގޭތަ؟…އޭނަ ބުނަންދެން ޒީޝާން އިންތިޒާރުކުރާކަން ނުޖެހޭނެ…ޒީޝާން އެއްދުވަހު ޒައިކްއަށް ތަޢުރީފު ކޮށްފިނަމަ، ބާކީ ހުރިހާ ދުވަހަކު އިސްވެ އޭނާ ތަޢުރީފުކުރާނެ…އެކީއްވެކަން އެނގޭތަ؟…ޒީޝާންގެ ފުށުން އެތަޢުރީފުތައް ބޭނުންވާތީ….." ރޭޝަމް ވަރަށް ތަފްސީލުކޮށް އޮޅުން ފިލުވައިދިނެވެ.

މިނޫނީ މިފަދަ ވާހަކައެއް މީހަކު ދައްކާ އަޑެއް ޒީޝާން އަހާފައެއް ނުވެއެވެ. އެހެންކަމުން އޭނާއަށްވީ އެއީ ވަރަށްވެސް އާ ވާހަކަތަކަކަށެވެ. ރޭޝަމް އޭނާއަށް ލިބިފައިހުރި އިލްމުގެ އެހީގައި ޒީޝާންއަށް ވަރަށްގިނަ ކަންކަން ކިޔައިދިނެވެ. ފިރިމީހާގެ ސަމާލުކަން ހޯދާނެ ތަފާތު ގޮތްތައްވެސް ކިޔައިދިނެވެ. ދެމީހުންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތައް ހައްލުކުރާނެ ގޮތްތައްވެސް ކިޔައިދިނެވެ. ދެކުދިން އެގޮތުގައި އެތައްއިރެއްވާންދެން ވާހަކަދައްކަން ތިއްބެވެ.

ޒީޝާން ލަސްވެގެން ޒައިކް ނުކުތްއިރު، ޒީޝާން ބޭރުގައިވެސް ފެންނަން ނެތުމުން ކޮޓަރިއަށް ވަންނަނިކޮށް ރޭޝަމްގެ ކޮޓަރިން ދެމީހުން ވާހަކަދައްކާ އަޑުއިވުނެވެ. އެމީހުން ދެއްކި ވާހަކައެއް މާރަނގަޅަށް ސާފުނުވީ ނަމަވެސް، އެދައްކަނީ ޒައިކްއާ ގުޅުންހުރި ވާހަކައެކޭ އޭނާގެ ހިތަށްއެރިއެވެ. ރޭޝަމް ދިއުމުގެކުރިން ޒީޝާންއަށްވެސް ކޮންމެވެސް އެއްޗެއް ވިސްނައިދެނީއޭ ހިތަށް އެރުމުން ޒައިކްއަށް ހެވުނެވެ. އޭނާ އެނބުރި އައިސް ތަންމަތީގައި އޮށޯތެވެ.

ރޭޝަމްއާއި ޒީޝާން ވާހަކަދައްކަން ތިބިއިރު، ވަގުތުތައް ފާއިތުވެ ދިޔަގޮތެއްވެސް ނޭނގެއެވެ. ދެމީހުނަށްވެސް ހޭވެރިކަންވީ، ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ.

" ސުބުޙާނަﷲ….ހާދައިރަކު ވާހަކަ ދެއްކިއްޖޭ…މިހާރު ޒައިކް ނުހޭލާކަމެއްވެސް ނޭނގޭ…" ކަންބޮޑުވެފައި ޒީޝާން ބުނެލިއެވެ.
" އަޅާނުލާ….ދެން ނޭނގެ މިގޮތަށް ވާހަކަދެއްކޭ ދުވަހެއް އަންނާނެކަމެއްވެސް…އެހެންވީމަ އޯކޭއެއްނު….އަހަރެން ވަރަށް އުފާވެއްޖެ ޒީޝާން އަހަރެންނާމެދު ހިތްހެޔޮކޮށްފަ އަހަރެންގެ ވާހަކަތައް އަޑުއެހީތީ…..ދެން އަހަރެންނަށް ހިތްހަމަޖެހިލައިގެން މިރަށުން ދެވޭނެ…" ހީލަމުން ރޭޝަމް ބުނެލިއެވެ.

ޒީޝާންވެސް ހީލާފައި އެކޮޓަރިން ނުކުތެވެ. އޭނާ މަޑުމަޑުން ގޮސް ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަތްއިރު، ޒައިކް އުޅެނީ ފާޚާނާގައެވެ. އޭނާ އަވަސް އަވަހަށް އައިސް އެނދުގައި އޮށޯތެވެ. ޒައިކް ފެންވަރައިގެން ނުކުންއިރު ޒީޝާން އެނދުގައި އޮތުމުން ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަލަމާރި ކައިރިއަށްގޮސް އަންނައުނު ލާންފެށިއެވެ. ޒީޝާން މިދުވަސްކޮޅު ނަމާދު ނުކުރާކަން އެނގޭތީ އިތުރަށް އުނދަގޫ ކުރާކަށް ޒައިކް ބޭނުމެއް ނުވިއެވެ. ނަމަވެސް ޒީޝާންއާއި ރޭޝަމްގެ މެދުގައި ރޭހަތަރުދަމު ދެކެވުނު ވާހަކައެއް އޮޅުން ފިލުވަން އޭނާހުރީ ކެތްމަދުވެފައެވެ.
ނުނިމޭ