Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

ޗައިނާއާ ބެހޭނަމަ ދިވެހި އާއިލާތައް ނިކަމެތިވާނެ: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ގައުމުގެ އިސްވެރިން ޗައިނާއާ ބެހޭނަމަ ދިވެހި އާއިލާތައް ނިކަމެތިވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ލޯކް ސަބާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ލޯނު އެހީތަކަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އޭގެ ބަދަލުގައި އެއީ ދަރަނީގެ ދަންތުރައެއް ކަމަށް ވިދާޅުވެ ޗައިނާއަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ.

ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ޝިޔާމު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔަކީ ޗައިނާ ކަމަށާއި އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބެލި ކަމުގައިވިޔަސް ޗައިނާ މާކެޓުގެ ހިއްސާ އޮތް މިންވަރު ހާމަވެގެންދާ ކަމަށެވެ.

"މިއަދު ގައުމުގެ އެންމެ އިސްވެރިން އަރާ ޗައިނާއާ ބެހޭނަމަ، އޭގެ ނަތީޖާ ނިކުންނާނީ ދިވެހި ރައްޔިތުންނަށް ހިތިކޮށް. ދިވެހި އާއިލާތައް ނިކަމެތިވާނީ. މިއަދު ޗައިނާ މާކެޓް ހުއްޓާލައިފިއްޔާ ނިކަމެތިވާނީ ދިވެހި އާއިލާތައް" ޝިޔާމް ވިދާޅުވިއެވެ.

މިއަދު ޗައިނާ އިން ރާއްޖޭގައި ހިނގަމުންދާ ޕްރޮޖެކްޓުތައް ސަރުކާރާ ހެދި ހުއްޓާލަން ޖެހިއްޖެ ނަމަ އޭގެ ހިތި ނަތީޖާ އަންނަނީ ދިވެހިންނަށް ކަމަށާއި އަދި ނިކަމެތިވާނީ ވެސް ދިވެހިން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ ވަކި އެޖެންޑާއެއް ހާސިލުކުރުމަށްފަހު ފިލަން ތައްޔާރަށް އޮތް ސަރުކާރެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޗައިނާއާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް ވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ސަފީރު ވިދާޅުވި ގޮތުގައި އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި ޗައިނާ އަކީ ދަންތުރައެއްގެ ބަދަލުގައި އެކި ކަންކަމުގައި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.

އަދި ރާއްޖެ-ޗައިނާ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކާ ސިޔާސީ ފަރާތްތަކުން މިހާރަށްވުރެ ޒިންމާދާރު ކަމާއެކު އަމަލުތައް ބެހެއްޓުމަށް ވެސް ސަފީރު ވަނީ އިލްތިމާސްކުރައްވާފައެވެ.