Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ލިވަޕޫލަށް 10 ޕޮއިންޓުގެ ލީޑެއް، އަނެއްކާވެސް ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން 10 ޕޮއިންޓުގެ ލީޑެއް ނެގިއިރު، ޗެލްސީ އަނެއްކާވެސް ބަލިވެއްޖެއެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 49 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 39 ޕޮއިންޓާ އެކު ލެސްޓަ ސިޓީ އޮތްއިރު ތިންވަނައިގައި 32 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. 29 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައި އޮތީ ޗެލްސީއެވެ.

ލިވަޕޫލް އިއްޔެ މޮޅުވީ ލީގުގެ ފުލުގައި އޮތް ވޮޓްފޯޑްއާ ބައްދަލުކޮށް 2-0 އިންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 38 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން ވޮޓްފޯޑްގެ ޖެރާޑް ޑެލެފޫ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ސަލާހެވެ. މި ދެ ގޯލާއެކު ލީގުގައި ސަލާހު ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 9 އަށް އަރާފައެވެ.

ލީގުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ލިވަޕޫލުން ނެގިއިރު އެޓީމު އަދި ލީގުގައި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ޗެލްސީ ރޭ ބަލިވީ އަމިއްލަ ދަނޑުގައި ލީގުގެ 14 ވަނައިގައި އޮތް ބޯންމަތްއާ ބައްދަލުކޮށް 1-0 އިންނެވެ.

ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މޭސަން މައުންޓަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ބޯންމަތްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މީގެއިތުރުން އެމަސަން ވެސް ގޯލެއް ކާމިޔާބުކުރުމާ ގާތަށް ގޮސްފައިވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ބޯންމަތް އަށް ކާމިޔާބުކޮށްދިނީ ޑޭން ގޮސްލިންއެވެ.

މި މެޗުން ޗެލްސީ ބަލިވިއިރު މިއީ ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމު ބަލިވި ދެވަނަ މެޗެވެ.